ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އަރާމު ހޮލިޑޭސް މިޔަޓް ފުޓްސަލް ފިއެސްޓާގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް، އެއިޓް ޓު ނައިން އާއި އެޕޮކްލިޕްސް ފައިނަލަށް ދަތުރުކޮށްފިއެވެ.
މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން ކ. ތުލުސްދޫގައި އިންތިޒާމުކުރާ މިއަހަރުގެ މުބާރާތުގައި 14 ޓީމަކުން ވާދަކުރިއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ އަދި ބީގައި ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، އަނެއް ދެ ގްރޫޕުގައި ހިމެނެނީ ކޮންމެ ގްރޫޕެއްގައި ތިން ޓީމެވެ.
ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި އެއިޓް ޓު ނައިން ނުކުތީ ގާފަރު ޓީމާ ދެކޮޅަށެވެ. އެ މެޗު ފެނުނީ ފޯރިގަދަ ކޮށެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު މެޗު ކުޅުނު އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ އޮތީ 3-3 އިން އެއްވަރުވެފައެވެ. އެއިޓް ޓު ނައިންގެ ޝިނާޒް ދެ ގޯލު ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ ނޫހެވެ. ގާފަރުގެ ގޯލުތައް ޖެހީ ޔާމީނާއި ޝާފިއެވެ. އަނެއް ގޯލަކީ ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ނިމުނު އިރު، އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި އެއިޓް ޓު ނައިން މެޗު ކާމިޔާބުކުރީ 4-3ގެ ނަތީޖާއަކުންނެވެ.
ރޭގެ ސެމީ ފައިނަލް ދެވަނަ މެޗުގައި އެޕޮކްލިޕްސްއިން ފައިނަލް ޔަގީންކުރީ 7-1 އިން އެމްޕަޔާ ބަލިކޮށްގެންނެވެ. މެޗުގައި އެމްޕަޔާގެ ހަމައެކަނި ގޯލު އަހުނަފު ރަޝީދު ޖެހި އިރު، އެޕޮކްލިޕްސްގެ އިސްމާއީލް ވަޖީހު (ވައްޖެ) ވަނީ ހެޓްރިކް ހަދައިފައެވެ. ދެން އެ ޓީމުގެ ގޯލުތައް ޖެހީ ވިފާގާއި އަހުމަދުގެ އިތުރުން ނިޒާމް އަދި މިދުހަތެވެ.
މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މިޔަޓް ފުޓްސަލް ޗެލެންޖުގެ ފައިނަލް އޮންނާނީ މާދަމާ ރޭގައެވެ.