ޚަބަރު

މޮރޮކޯއިން ރާއްޖޭގައި ކޮންސިއުލޭޓެއް ހުޅުވައިފި

މުހައްމަދު އިޝާން

މޮރޮކޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންސިއުލޭޓް އޮފީހެއް ހުޅުވައިފިއެވެ.

ރާއްޖޭގައި ހުންނަ މޮރޮކޯގެ ކޮންސިއުލޭޓް އޮފީސް އިއްޔެ ހުޅުވައިދެއްވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދިރިއުޅުއްވާ މޮރޮކޯގެ ސަފީރު މުހައްމަދު މާލިކީ އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފުއެވެ.

މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހޮނަރީ ކޮންސަލްއަކަށް، ވިޔަފާރިވެރިޔާ އަހުމަދު ނަޝީދު (އޭޑީކޭ ނަޝީދު) އިއްޔެ ވަނީ ރަސްމީކޮށް އައްޔަންކޮށްފައެވެ.

މޮރޮކޯގެ ކޮންސިއުލޭޓެއް ހުޅުވުމަކީ ދެގައުމު ގާތްކުރުމަށާއި ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ރޫހާނީ އަދި ސަގާފީ ގުޅުން ބަދަހިކުރުމަށް އިންކާރު ނުކުރެވޭފަދަ ބޮޑު ފައިދާއެއް ކުރާނެ ކަމެއް މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު މާލިކީ ވިދާޅުވިއެވެ.

މުހައްމަދު މާލިކީ ވިދާޅުވީ، ރާއްޖެއިން މޮރޮކޯއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް މެހެމާންދާރީގެ ދާއިރާއިން ސަގާފީ ހިދުމަތްތައް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

ފޮރިން ސެކްރެޓަރީ ލަތީފު ވިދާޅުވީ، މޮރޮކޯގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.