ވާހަކަ

ފިނި މެންދަމަކުން 07

5

ހަތްވަނަ ބައި

ރުވާއަށް އެއްލި އަތުން ހިފުނީ ބަންނޫގެ މުންޑުގެ ކަނެއްގައެވެ. ހަތް ނަންބަރު ގޮޅިއާ ދިމާއަށް ގޮސްގޮސް ހުރި ބަންނޫ އެނބުރި ބަލައިލިއެވެ. ރުވާގެ މޫނު ފެނުމުން އޭނާއަށް ލިބުނު ހައިރާންކަން ފިލައި ގޮސް ދަތި ފުންނޭވާއެއް ލެވުނީ ރުވާގެ ނަޒަރު ހުރި ދިމާއަށް ބަލާލެވުމުންނެވެ. ރުވާއަށް އެފެންނަ އެތި ބަންނޫއަށްވެސް ފެނިއްޖެއެވެ. ހަގީގަތުގައި އެއެތީގެ އަސްލު އެންމެ ބޮޑަށް އެނގޭ މީހަކީވެސް ހަމައެކަނި ބަންނޫއެވެ.

ވިލާތައް އެއްވެ، ގަސްތައް ލުހިގެންދާ ވަރަށް ވިއްސާރަ ހަދައިފިއެވެ. ބަންނޫއަށް މިވާން އުޅޭ ގޮތް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. މިހެން ވާނެކަން ކުރިންވެސް އޭނާއަށް އޮތީ އެނގިފައެވެ. އަންހެންޖަލު ތެރޭގައި އަމަލުތައް ގޯސްވެ، ހައްދުން ނެއްޓޭ ކޮންމެ ފަހަރަކު މުޅި ޖަލުތެރެ ނާމާންވެ، އެކި ކަންތައް އެކި މީހުންނަށްވެއެވެ. ޑިއުޓީންގެ ފަރާތުން އަންނަ އުނދަގޫތަކަށްވުރެ މިއެއްޗެހީގެ ސަބަބުން ރޭތަކުގެ ބިރުވެރިކަން މާބޮޑަށް ބޮޑުވެއެވެ.

ރުވާގެ ކޮނޑުގައި އަތްބާއްވާލުމަށްފަހު ބަންނޫ ބަންކަރުގެ ފުރާޅަށް ބަލައިލިއެވެ. ބަންކަރުގެ ފުރާޅުމަތީގައި ލެބިގެން ގޮސް ވެއްޓިފައި އޮންނަ ގޮފިގަނޑެއް އޮވެއެވެ. އެއެތި މިހާރު އެއޮތީ ގޮފިގަނޑުގެ މަތީގައި ކަނދުރާ ދަމާލައިގެން އޮޅިގެން ކަހަލަ ގޮތަކަށެވެ. އެއެތީގެ މޫނު އޮތީ ދިގަށް ދެމިފައެވެ. އަނގައިން ކޮންމެވެސް ކަހަލަ ދަވަތަކެއް ފައިބަމުން ދިޔައެވެ. އެއެތި އެ އުޅެނީ ބަންކަރުގެ މަތީގައި ކޮންމެވެސް ގޮތަކުން ތާށިވެގެން ކަހަލައެވެ. ގަހުގެ ގޮފިގަނޑު މަތީގައި ބަނޑު އަޅައިގެން އޮތް އިރު އޭތީގެ އަތުން ދިގު ވަކިތަކުން ބަންކަރުގެ ބޭރު ފާރުގައި ހިފޭތޯ ވަކިދަމަމުން ދިޔައެވެ.

ބަންނޫ އާއި ރުވާއަށް މިމަންޒަރު މިފެނުނީ ގިނަ އަހަރުތަކަކަށް ފަހު ނަމަވެސް މި އެތީގެ އުނދަގޫ ދޭތެރެ ދޭތެރެއިން ޖަލު ތެރޭގެ އެކި ކުދިންނަށް ދިމާވާތީ އެކުދިން އެވާހަކަ ދައްކާ އުޅެއެވެ. ކޮންމެ ފަހަރަކުވެސް ޖަލު ތެރެއަށް ކޮންމެވެސް ބަޔަކު މަސްތުވާތަކެތި ވައްދައި، އޭގެ ނަހަމަ ބޭނުންކޮށް، އެކި ކަހަލަ ވިޔާނުދާ ކަންތައްތައް ކުރަން ފެށުމުން މިއެތީގެ ގޯނާ ކުރުން ފެށިގަނެއެވެ.

ރޭގައިވެސް އަށް ނަމްބަރު ގޮޅީގައި ނިދާފައި އޮތް އަންހެން މީހާގެ މޫނުމަތީގައި ލައިޓަރުން އެއްލައި ޖެހި ވާހަކަ އާއި ތެދުވެ ދެން އޮތް މީހާއާ ދިމާއަށް އަޑުލައިގަތް އިރު އެމީހާ ގަދައަށް ނިދާފަ އޮތް ވާހަކައެވެ. ފައިގެ ފަލަމަސްގަޑުގައި ގޮތް ނޭނގޭ ވަކިތަކެއްގެ ނިޝާން ހުރިއިރު އެތަންތަން ކަޅުވެފައި ހުންނަ ވާހަކައެވެ. އަންހެންޖަލުގެ މަތީބައިގައި ހުންނައިރު ޔޫޓޫގެ މަތިން މި ގޮތް ނޭނގޭ ކެހެރިބޯ ހުތުރު މަހުލޫގުގެ ހިޔަނި ފެނިގެން އެވާހަކަ ދެއްކި ޑިއުޓީއެއް ވެސް އެބަހުއްޓެވެ.

"ބަންނޫ... ފޯނުތައް ގެންދަންވީ ދޯ.... އަސްތާ... މިއޮއް ދުއްވައިގަންނަން ރެޑީވަނީ...."

ބަންނޫ އާއި ރުވާގެ ސަމާލުކަން ދެވިފައި ހުރި ދިމާލުން ކަޅި ދުރުކޮށްލީ ގޮޅި ތެރެއިން ގޮވާލި އަޑަށެވެ.

ކުޑަދޮރުގެ ތޭރިތަކުން ބަލަން ތިބި ގައިދީންނަށް ބަންކަރުގެ ބޮޑުދޮރުގައި ހުންނަ ދަގަނޑުކޮޅު ތިރިކޮށްލިތަން ފެނުނީއެވެ. އެއީ ބަންކަރުގެ ބޮޑު ދޮރުގައި ހުންނަ ތިން އިންޗި، ހަ އިންޗީގެ ކުޑަކުޑަ އާގައެއް ކަހަލަ ތަންކޮޅެއް ނިވާކުރުމަށް އޭގައި ހަރުކުރެވިފައި ހުންނަ ދަގަނޑުކޮޅެކެވެ. އާއްމުގޮތެއްގައި އެތަން އަބަދުވެސް ހުންނާނީ ހުޅުވައިފައެވެ. އެތަން ބަންދުކޮށްފިނަމަ އޭގެ މާނައަކީ ޖަލު ތެރެއަށް ޗެކްކޮށްލުމަށް ޑިއުޓީން ވަންނަން އުޅެނީއެވެ. ނުވަތަ ބަންކަރު ތެރޭގައި ކޮންމެވެސް ބަޔަކު އުޅެނީއެވެ.

ބަންނޫ، ރުވާގެ ކޮނޑުގައި އަތް ބާއްވަމުން ރުވާގެ މޫނަށް ބަލައިލިއެވެ. އަދި ހިތްވަރު ދިނުމުގެ ގޮތުން ރުވާއަށް ބޮލާއި ލޮލުން އިޝާރާތެއް ކޮށްލިއެވެ. އެވަގުތު ކުއްލިއަކަށް ބޭރުން ކޮންމެވެސް ދެމީހެއްގެ ބާރު ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ.

**************

ކާންދީ ނިމުމުން ބަދިގެ ފަރާތަށް ބަރޯ ލުމަށްފަހު އައި ދެ ގައިދީން އެތެރެއަށް ވެއްދުމުގެ ކުރިން މަތިމަތިން ޗެކްކޮށްލުމަށް ދޮރުމައްޗަށް ނުކުތީ ޑިއުޓީ ފަޒުލާއެވެ. ތަޅުނައްޓާލާފައި ތައުމާ ދޮރުމަތީގައި ބެހެއްޓުމަށްފަހު ޗެކްކޮށްފައި ދެންހުރި އައިސްތަ ޗެކްކުރަން ފެށިއިރު ތައުމާ ހުރީ އެތެރޭގައި ހުރި ފެން އިސްކުރުން ފައި ދޮންނާށެވެ.

މިއީ ކާންދީ ނިންމާލާފައި އުނދުޅިތަކާއި ޑަސްބިން ބާލިދީ ދޮވެހަދަން ފަސޭހައަކަށް ހުންނަ ފެން އިސްކުރެކެވެ. ތައުމާ ފައި ދޮވެ ނިމުމުން އައިސްތަވެސް އިސްކުރުން ދޫކޮށްފައި ހުރި ފެނާ ދިމާއަށް ފައި ދިއްކޮށްލިއެވެ. އެއިރު ފަޒުލާ ދޮރުތަޅުލާފައި އެނބުރިލަނީއެވެ.

ފައި ދޮވެ ނިމިގެން ކުޑަކޮށް ޔާޑު ތެރެއަށް ޖެހިލި ތައުމާ އުޑާ ދިމާއަށް ބަލައިލީ ރޭގަނޑުގެ ހިތްގައިމުކަމާއި އުޑުމަތީގެ މަންޒަރު މިގޮތަށް ހާމަ ތަނަކުން ބަލައިލުމުގެ ނަސީބު ކިރިޔާވެސް ލިބޭ ބަޔަކީ ކާންދޭން ނުކުންނަ މީހުން ކަމަށްވާތީ އެއުފާ ލިބިގަތުމަށެވެ.

އުޑު މަތީގައި ކަޅުވިލާ ގިނަވެފައި ވިއްސާރައިގެ އަލާމާތްތައް ފެންނަން ހުއްޓެވެ. ވާރޭ ވެހިގަތުމުގެ ކުރިން ކާންދީ ނިންމާލެވުނުކަން ހަމަ ނަސީބެވެ. އެހެންނޫންނަމަ ޑިއުޓީ ކުޑަ ނަގައިގެން ދިޔަޔަސް ގައިދީން ދާން ޖެހޭނީ ތެމިގެންނެވެ. ތައުމާ ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނީ އަވަހަށް އެތެރެއަށް ވަދެ އޮށޯވެ، ނިދާލެވޭނެތީއެވެ.

"ކޯޗެއް މަތިން ފެންނާތީތަ؟ ތިހިރަ ބޮޑު ހިރުދު ގަހުގައި ކުޑަކުއްޖާ އުޅޭނެ..." ދޮރުތަޅުލާފައި ހިނގައިގަތް ޑިއުޓީ، ތައުމާއަށް ބަލައިލަމުން ބުނެލިއެވެ.

ތައުމާއަށް ޖެއްސުމަކަށް މިހެން ބުނެލަމުން ފަޒުލާ އެދިމާއަށް ބަންކަރު ފުރާޅާ ދިމާލުން ބޭރަށް ހުރި ބޮޑު ހިރުނދުގަހާ ދިމާއަށް ބަލައިލިއެވެ. ފަޒުލާގެ އެބުނުމަށް ވިސްނާލަމުން ތައުމާއަށްވެސް އެދިމާއަށް ބަލާލެވުނެވެ.

މަންޒަރު ދެމީހުންނަށް ފެނުނީ އެއްވަރަކަށެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމާއެކު ތުރުތުރުއަޅައި ދެފައި ބިންމަތީގައި ތަޅައިގެންފައި ފަޒުލާ ބަންކަރާ ދިމާއަށް ދުއްވައިގަތެވެ. ފަޒުލާގެ ފަހަތުން ތައުމާވެސް ބަންކަރާ ދިމާއަށް ދުއްވައިގަތެވެ. ވެގެން އުޅެނީ ކީއްކަން ނޭނގިފައި ހުރި އައިސްތާ ވެސް އެދިމާއަށް ބަލައިލިއެވެ.

ފަންސާހުގެ އަހަރުތައް ގުނަމުންދާ އައިސްތައަށް ހަމަ ރީއްޗަށް އެމަހުލޫގު ފެނުނެވެ. އޭތި ހަށިގަނޑު ދަމަމުން ދަމަމުން ހިރުނދުގަހުގެ ގޮފިގަނޑުމަތިން ބަނޑުއަޅާފައި އަނެއް ފަރާތަށް ލެނބިގަތުމަކާއެކު، ޔޫޓޫއާ ދިމާއަށް ވާގޮތަށް، ނެރުނު ދިމާއެއްވެސް ނޭނގި ދަމާލި ބޮޑު ފިޔަގަނޑުން ވަރަ ނަގައިގެން އުދުއްސައިގަތެވެ. އެއީ ހަމައެންމެ ދެތިން ސިކުންތެއްގެ ކަމެކެވެ. އެހެންވިޔަސް އުދުއްސައިގަތުމުގެ ކުރިން އޭތީގެ ފުރަގަހުން ފެންނަން ހުރިއިރު ސީދާ ކަރު އަނބުރާލާފައި އައިސްތައަށް ބަލައިލިހެން އައިސްތައަށް ހީވިއެވެ. އޭގެ މޫނު އެންމެ ވައްތަރީ (ވުލްފެއްގެ) ހިޔަޅެއްގެ މޫނާއެވެ.

(ނޯޓް: ގޫގްލް ޓްރާންސްލޭޓާގައި ވުލްފްއަށްވެސް އަދި ފޮކްސްއަށްވެސް އޮންނަނީ 'ހިޔަޅު'.. ދިވެހިބަހުގެ ހުނަރުވެރި، ގާބިލު ބޭފުޅެއްގެ ފަރާތުން ވުލްފަށް ކިޔާނެ ނަމަކަށް ވިދާޅުވީ 'ވިޔަޅު' މިނަމެވެ."

ޖަލުތެރެއަށް ޗެކްކުރުމަށް ވަންނަން ތައްޔާރުވެގެން ތިބި ޑިއުޓީން ތިބީ ޒާހިރާގެ އިރުޝާދާއި އަމުރުގެ މަތިން ބަންކަރުގެ އެތެރޭގައި ތައްޔާރަށެވެ. އެހެންނަމަވެސް ކަންތައް ދިމާވި ކުއްލި ގޮތަކުން ހުރިހާ ކަމެއް ޖެހުނީ ބަދަލުކުރާށެވެ. ބަންކަރުގެ ދޮރުގައި ހިފިއިރު އެތެރެއިން ތަޅުލާފައި ހުރުމުން ބާރުބާރަށް ދޮރުގައި ތަޅައިގަތް ޑިއުޓީ ފަޒުލާއަށް ހިފަހައްޓައެއް ނުލެވުނެވެ.

އެތެރެއިން ދޮރު ހުޅުވާލެވުނުއިރު ފަޒުލާ އަރިއަޅާލަނީއެވެ. ގާތުގައި ހުރި އައިސްތަގެ ހުށިޔާރުކަމާއި މުލައްދަނޑީގެ ބާރުގައި ނޫންނަމަ ފަޒުލާގެ ބޯ ގޮސް ޖެހުނީހީ ޖެހިގެން ހުރި އޭކޮރިޑޯގެ ދަގަނޑު ފެންސުގަ އާއި ތަބުގައެވެ. އަދި އެގޮތަށް ޖެހުމާއެކު ވެއްޓުނީހީ އެދިމާލުން އޮތް ކޮރިޑޯގެ ސިމެންތި ބިމުގައެވެ.

އައިސްތަ އާއި ތައުމާގެ އެހީގައި ފަޒުލާ ހިފަހައްޓާލައިގެން ތިބި މަންޒަރު ޖަލުގެ އެތެރޭގައި ތިބި ގައިދީންނަށް ފެނެއެވެ. ވެގެން އުޅެނީ ކީއްތޯ ބާރުބާރަށް އަޑުގަދަ މީހުން ގޮވައި އަހަން ފެށިއެވެ. ވަގުތާއި ހާލަތުގެ ގޮތުން ތައުމާ އާއި އައިސްތަ ބަންކަރަށް ވަންނާނެ ފުރުސަތެއް ނުދީ އެތެރޭގައި ތިބި އޮފިސަރުންގެ ތެރެއިން ސަލީމާ އާއި ޒާހިރާގެ އިތުރުން ނައުމާ އާއި އާސިމާ ނުކުމެ ފަޒުލާގެ ހަށިގަނޑުގައި ހިފަހައްޓައި އެތެރެއަށް ގެންދިއުމަށް މަސައްކަތް ކުރަން ފެށިއެވެ.

"ފާޑަކަށް އަނބުރައިގެންފަ ހެޔަށް ގޮތެއް ވީކަންނޭނގޭ. އަޅެ ފެންފޮދެއް މޫނުގައި ހާކާލަބަލަ..." ދެބައި އުމުރުން މައްޗަށް ގޮސްފައި ހުރި މައިމޫނާ ބުނެލިއެވެ.

މައިމޫނާއަކީ ޖަލުގެ އެންމެ އުމުރުން ދުވަސްވީ އަދި މާފުށީ ޖަލު ވުޖޫދަށް އައިއްސުރެ މިތާނގެ ޑިއުޓީއެކެވެ. އާއްމުކޮށް މައިމޫނާމެންގެ އުމުރުގެ ތިން ޑިއުޓީންވެސް ވަޒީފާ އަދާ ކުރަނީ މެންދުރުން އަނބުރާ ތިނެއް ޖަހަންދެނެވެ. އެއީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ޖަލުތަކުގެ ބޭރު ގޯތިތެރެ ކުނިކަހާ ސާފު ކުރުމަށް ގެންދާ އަންހެން ގައިދީންގެ ބެލެހެއްޓުމަށް ތިބޭ ޑިއުޓީ އޮފިސަރުންނެވެ.

އެއް ދުވަސްވަރެއްގައި މިތަނުގައި ހައިޑްރޮފޮނިކްސް ކިޔަވައިދިން ކުލާހެއް ހިންގައި ގަސްއިންދުމަށް އަންހެނުންވެސް ގެންގޮސް އުޅުނެވެ. އެހެންނަމަވެސް ފަހުން އެކަން ވަނީ ހުއްޓިފައެވެ. އޭގެފަހުންވެސް ދަނޑުވެރިކަމުގެ މަސައްކަތަށް ފިރިހެނުން ގެންދެއެވެ. އެދަނޑުތަކުން ލިބޭ ގޮވާން ވިއްކަނީ ޖަލުގެ ވިޔަފާރި ކުރާ ފިހާރައިގައެވެ. އަދި ރަށުތެރޭގައިވެސް އެތަކެތި ވިއްކައެވެ.

އެހެންނަމަވެސް އެއިން ގަހަކުން އެންމެ ކުޑަކުޑަ ފަތެއްވެސް ބޭނުން ކުރުމަކީ ގައިދީންނަށް ކަނޑައެޅިގެން އަދަބު ދެވޭ ވަރުގެ މަނާ ކަމެކެވެ. މިގޮތަށް ބަހާލެވިފައި އޮންނަ އެކި ކަހަލަ މަސައްކަތްތަކަށް އުޅޭ ޔުނިޓުތަކުން ބޭރަށް ނުކުތަސް، ހޮވާލެވޭ ވަކިބައެއް ނޫން ބަޔަކަށް ޖަލު ސަރަހައްދަކުން ބޭރަކަށް ނުދެވޭނެއެވެ. މިގޮތަށް ޔުނިޓުތަކުގެ ބޭރު ކުނިކަހައި ސާފު ކުރުމާއި ދަނޑުވެރިކަމުގެ މަސައްކަތާއި ސިމެންތި ރޭނުމުގެ މަސައްކަތްތަކަށް ޔުނިޓުން ބޭރަށް ގެންދާ ބަޔަށް ކިޔަނީ އިންޑަސްޓްރިއަލް މަސައްކަތް ކުރުމެވެ. އަދި ގޭޓު ހައުސް ސާފު ކުރުމާއި ކާންދީ މެސްހޯލުސާފުކޮށް ބެލެހެއްޓުމާއި ޔުނިޓުތަކުގެ އެތެރެ ޔާޑު ކުނިކެހުމާއި ކޮރިޑޯތައް ކުނިކަހައި ސާފުކުރުމާއި އަތްތެރި މަސައްކަތާއި ކަރަންޓުވައިރިން މަސައްކަތްތަކަކީ އެތެރޭގެ މަސައްކަތުގެ ނަމުން ނަން ދެވިފައިވާ ވަކިބައެކެވެ.

ކަންމިހެން އޮތްކަމުގައިވިޔަސް، އަންހެނުންނާއި ފިރިހެނުން އުޅޭ ޔުނިޓުތައް ތަފާތުވެފައިވާ ގޮތަށް މަސައްކަތް ކުރާ މާހައުލުވެސް ވަނީ ވަކިވަކިންނެވެ. ދެބައި މީހުންގެ ތެރެއިން ވަޒީފާއަށް ނުކުންނަ މީހުންނަށް އެކަކު އަނެކަކު ފެންނާނީ މަދު ފަހަރަކު ޗެކްކުރުމަށް ވައްދާ ވަގުތުތަކުގަ އާއި ވަޒީފާއަށް ނުކުންނަ ވަގުތުތަކުގަ އާއި އަދި ބޭރުތެރޭގައި ކުނިކެހުމަށް އުޅޭ ވަގުތުތަކުގައެވެ. އަދި ބައެއް ފަހަރު ކާންދޭ ބަރޯ ބަލާ އަދި ކާންދީ ނިންމާފައި ބަރޯ ބެހެއްޓުމަށް، ބަދިގެ ދޮށަށް ދާއިރު މެސްހޯލު ވަޒީފާގައި އުޅޭ މީހުންނަށް އެއްބަޔަކު އަނެއް ބަޔަކަށް ފެނިދާނެއެވެ. މިފަދަ ބައެއްގަޑިގަޑީގައި އެކަކު އަނެކަކަށް ކިރިޔާ ފެނިލެވޭވަރު ވިޔަސް ވާހަކަދެއްކުމަކީ އަދި ހޯއްގޮވާ ހީނ ސަމާސާކޮށް އިޝާރާތުން ވިޔަސް ވާހަކައެއް ދެއްކުމަކީ އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.

"ސްޓެޗާ ހިފައިގެން މެޑިކު ކުއްޖަކު އެބައާދޭ... މިތާ މޭޒުމަތީގައި ބާއްވަންވީނު.... ސަލީމާ ދާންވީނު މި މީހުން އެތެރެއަށް ވައްދަން..."

ޒާހިރާ ބަންކަރު ދޮރުން އެތެރެއަށް ފަޒުލާ ވައްދަމުން ބުނި އަޑު އިވުނެވެ.

އެއާއެކު އަވަސް އަވަހަށް ތައުމާ އާއި އައިސްތަ އޭ ކޮރިޑޯގެ ބޭރުން ޓީވީ ހޯލާ ދިމާއަށް ހިނގައިގަތެވެ. އަބަދުވެސް ކާންދިނުމަށްފަހު ޑިއުޓީ އަންނަންދެން ޖޯލީގައި ޖައްސާލައިގެން ތިބުމަކީ އެމީހުން ކުރާ ކަމެކެވެ. ބަންކަރުގެ އެތެރޭގެ ހާލަތު ކިތަންމެހާވެސް ރަނގަޅަށް އެ ދެމީހުންނަށްވެސް ވަޒަން ކުރެވިއްޖެއެވެ. ޖަލުތެރޭގައި ހުރި މަނާތަކެތީ ރައްކާކުރަން މި ލިބުނު ވަގުތުކޮޅުގެ ބޭނުން ހިފަން އެނގޭ މީހެއްނަމަ ސަލާމަތް ކުރެވޭނެކަންވެސް އެެމީހުންނަށް ޔަގީނެވެ.

*****************************************

އަންހެންޖަލުގެ ބަންކަރު މަތިން ޔޫޓޫ އާ ދިމާއަށް އުދުހިގެން އައި އެއްޗެއްގެ އަޑު ވަރަށް ރީއްޗަށް އެހާމެ ސާފުކޮށް ޑިއުޓީގައި އިން އަޝްހަދަށް އިވުނެވެ. އޭނާ އިނީ މިވަގުތު ޕޯސްޓުގައި ހަމަ އެކަނިމާއެކަނި ކަމަށް ވާތީ ކުޑަކޮށް ބޭރަށް ނުކުމެލަން ކަމަށް ހީކޮށްލި ވަގުތު އެއިވުނު އަޑުން މުޅި މީހާ ރޫރޫ އަޅައިގަތެވެ. ވަގުތަކީ ކާންދީ ނިމުމަށް ފަހު ބޭސްދިނުމަށް އައި އޮފިސަރާއި ނަރުސް ބްރަދާ ބޭރަށް ނެރުމަށް ދެން އިން ޑިއުޓީ އޮފިސަރު ޔޫޓޫގެ ގޭޓާ ދިމާއަށް ދިޔަ ވަގުތެވެ. އެހެންކަމުން އަޝްހަދު އިނީ ޕޯސްޓުގައި އެކަންޏެވެ.

އަޝްހަދަށް މިފަދަ އަޑުތައް އާ ނުވިޔަސް މިއަޑުތަކާއި ފާޑުފާޑުގެ ރޫހާނީ ކަންތައް މިޖަލުތަކުގައި ހިނގާކަމުގެ ވާހަކަތައް އޭނާގެ މަރުހޫމު ބައްޕަގެ ފަރާތުން އެނގިފައިވާތީ، ޑިއުޓީގައި އިންނަ ރޭތަކުގައި އޭނާ ހަގީގަތުގައިވެސް ޖެހިލުންވެއެވެ. ބައްޕައަކީވެސް މިޖަލުތަކުގެ ޑިއުޓީ ކުރި މީހެކެވެ. ބައްޕަ ކިޔައިދީފައިވާ ގޮތުގައި ގިނަ ހިމޭން ދަންވަރުތަކުގަ އާއި ފިނިމެންދަންތަކުގައި ހާއްސަކޮށް ޔޫޓޫއަކީ ރައްކާތެރި ނޫން ކަންތައް ފެންނަ ތަނެކެވެ.

ޔޫޓޫގެ ފަޅުކަމާއި ވީރާނާކަމުގެ ސަބަބުން ޝައިތާނީ ކަންތައްތައް ވަރަށް ފަސޭހައިން މިތަނުގައި އާލާވެއެވެ. ހާއްސަކޮށް ޔޫޓޫގެ އޭބީ ފަޅިން މިކަހަލަ ބިރުވެރި ކަންތައް ފެންނަކަމަށް ބައްޕަ ކިޔައިދީފައިވާ ވާހަކަތަކުގައި ވެއެވެ. ހާސްވެ ބިރުގެންފައި ހުރި އަޝްހަދު ކުއްލިއަކަށް ފަޒީލު މަތިން ހިތަށް އަރައިފިއެވެ. މިފަދަ ނާމާން އަޑުތައް، ފިނިމެންދަމަކަށް ފެށޭކަމުގެ ސިގްނަލް ދޭ ރެއެއްގައި އެފަކީރުގެ ހާލަކީ ކޮބައިބާވައެވެ.

ފަޒީލުތޯއެވެ.......

ރޭގަނޑުގެ ކާންދިނުމާއި ބޭސްދިނުން ނިމިގެން ޑިއުޓީން ގޮސް މުޅި ޖަލުތެރެ ހިމޭން ވެއްޖެއެވެ. މިއޭބީ ފަޅީގައި އޭނަ ނޫނީ އެއްވެސް ގައިދީއަކު ނެތެވެ. ފަޒީލު ހުއްޓިގެން ހުރީ އޭނާގެ އާދައިގެ މަތިން، ބިޑިއެއް ރޯކޮށްގެން ގޮޅީގެ ދޮރު ކައިރީގައެވެ. ތޭރިތަކުން ބޭރު ޔާޑު ތެރެއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ވިސްނުމާއި ފިކުރު ހުސްވެފައި ހުރީ ޖަލުގެ ސަރަހައްދާއި މާހައުލާ މާބޮޑަށްވެސް ދުރުގައެވެ.

ހިޔާލީ ސްކްރީނުގެ ކުރިމަތިން ކުރިމަތީގައި އޮތް ޔާޑު ތެރޭގައި ހެދިފައި އޮތް ބޯ ވިނަތަކުގެ ތެރެއަށް މަތިން އައި އެއްޗެއް ޖެހިގަތްތަން ހަމަ ވަރަށް ރީއްޗަށް ފަޒީލަށް ފެނުނެވެ. މިހާރުދެން މިމަންޒަރު ފަޒީލަކަށް އަލެއް ނޫނެވެ. އެހެންނަމަވެސް މިރޭ އޭނާ އެހުރީ މިއީ ކިހިނެއްވާ ކޮންއެއްޗެއްތޯ ދެނެގަތުމަށް ވަރަށް ތައްޔާރުވެގެންނެވެ. ހަމަޔަގީނުންވެސް އެކެހެރިބޯ، ހުތުރު ސިފައިގެ، ނުބައި ވަސްދުވާ މަހުލޫގު މާގިނަ އިރުތަކެއް ނުވެ ޖެހިގެން ހުރި ގޮޅިއަށް ވާސިލުވެގަންނާނެއެވެ. ފަޒީލު ހުށިޔާރު ވެގެން އެހެރީ އެވަގުތުކޮޅަށެވެ.

(ނުނިމޭ)