ޚަބަރު

މުރައިދޫ ބަނދަރުގައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ހއ. މުރައިދޫ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މުރައިދޫ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ޖުމުލަ އަގަކީ 33.7 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާނެއެވެ.

މީގެ އިތުރުން ބަނދަރާއި ނެރު ފުންކުރުމާއި ރޭމްޕެއް ހެދުމާއި ވޯކްވޭ ބްރިޖެއް ހެދުމާއި ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތްވެސް ކުރާނެއެވެ.