Close
ދުނިޔެ

ލަންކާގެ ރައީސްކަމަށް ރަނިލް އިންތިހާބުކޮށްފި

ލަންކާގެ ރައީސްގެ މަގާމަށް އެ ގައުމުގެ ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ އިންތިހާބުކޮށްފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހެނދުނު ނެގި ވޯޓުގައި ރަނިލް ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ، އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން، އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ގޮތަބަޔާ ވަނީ ރަނިލް ވަގުތީ ރައީސް ކަމަށް ހަމަޖައްސަވައިފައެވެ.

ލަންކާގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި ރަނިލްއާއެކު ދެ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ ލަންކާގައި ސަރުކާރު ހިންގާ ޕާޓީ، ސްރީ ލަންކާ ޕޮޑުޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ)ގެ މަޖިލީހުގެ މެންބަރު އަދި ކުރީގެ މިނިސްޓަރު ދުއްލާސް އަލަހަށްޕެރުމާ އާއި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު އަނޫރާ ކުމާރަ ޑިސެނަޔަކަ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 225 މެންބަރުން ތިއްބަވާ އިރު، މިއަދު ނެގި ވޯޓު، ރަނިލް ކާމިޔާބުކުރެއްވީ ބޮޑުތަފާތަކުންނެވެ. އެގޮތުން ރަނިލްއަށް 134 ވޯޓު ލިބިވަޑައިގެންނެވިއެވެ. އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ރޭހުން ނުކުންނަވައި ތާއީދުކުރެއްވި ދުއްލާސްއަށް ލިބިވަޑައިގެންނެވީ 82 ވޯޓެވެ. އަދި އަނޫރާއަށް ލިބިވަޑައިގަތީ އެންމެ ތިން ވޯޓެވެ.

ލަންކާގެ ރައީސް ކަމުގައި ރަނިލް 2024ގެ ފަހުކޮޅާ ޖެހެންދެކަށް ހުންނަވާނެ އެވެ. އެއީ ކުރީގެ ރައީސް ގޯތާބާޔަ ރާޖަޕަކްސާގެ އިންތިހާބީ ދައުރު ނިމޭ ހިސާބެވެ.