ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށުމުން އެފަދަ އަމަލުތައް ހިންގި ބަޔަކާމެދު ގާނޫނީ ހަމަތަކުގެ މަތީން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގަނިކޮށް، އާންމުވި ވީޑިއޯތަކުގެ މައްސަލައަށް އިޝާރާތްކުރައްވައި އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާތްﷲ ގެ ކޯފާއަކަށް ގައުމު ހުށަހެޅޭ ފަދަ ހަޑިހުތުރު، ހަޑިމުޑުދާރު ފާހިޝް އަމަލުތައް ލޯކުރިމައްޗަށް ތަކުރާރުވާން ފެށުމުން ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅެއް އެޅުމަކީ ނުކޮށް ދޫކޮށްލައްވާނެ ކަމެއް ނޫން ކަމަށެވެ.

"ދީނީ ހުދޫދު ނެތިކޮށް ގައުމުގެ އިޖުތިމާއީ ފޭރާން ވީދާއި ﷲ ގެ ކޯފާއަށް ގައުމު ހުށަހެޅޭ ފަދަ ހަޑިހުތުރު މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމަ ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅެއް އެޅުމަކީ އަޅުގަނޑު ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން،" އިމްރާންގެ ޓްވީޓުގައިވެ އެވެ.

އިމްރާން މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ، އެއްޖިންސުން ގުުޅުން ހިންގާ ވީޑިއޯތަކުގައި ތުހުމަތުވާ މީހުންނާ މެދު މާބޮޑު ފިޔަވަޅެއް ނާޅައި ދޫކޮށްލާފައި ތިބި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދިޔަ ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން އެ މައްސަލައާ ގުޅިގެން ހަނު ހުންނެވުމަށް ފަހުއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވަމުންދާއިރު މިހާތަނަށް އާންމުވެފައި ވަނީ ތިން ވީޑިއޯއެކެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެއް ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއެއް ހިމެނެއެވެ.

އެ މައްސަލައިގައި އަލަމްގިރި ވަނީ ހައްޔަރުކޮށްފައެވެ. އަދި ދެން ތުހުމަތުވާ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު، އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.