އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކުޑަ ހެންވޭރު ޔުނައިޓެޑުން ޕީކޭ ބަލިކުރި އިރު، ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާއި އެލްޓީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑުން ކްލަބު ޕީކޭ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ކުޑަހެންވޭރުން ހޯދި އެ މޮޅަކީ އެޓީމުން މުބާރާތުގައި ހޯދި ފުރަތަމަ މޮޅުވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ކުޑަހެންވޭރުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، މެޗުގެ 42 ވަަނަ މިނެޓުގައެވެ. އެ ގޯލު ޖަހައިިދިނީ މިސްރުގެ މިޑްފީލްޑަރު އިސްލާމް ފެކްރީއެވެ. މެޗުން ކުޑަހެންވޭރަށް ތިން ޕޮއިންޓް ޔަގީންވީ އިތުރު ވަގުތުގައި ޝަހީމް އަބްދުލް ގާދިރު ޖަހައިދިން ދެވަނަ ގޯލުންނެވެ.

ރޭގެ މެޗަށް ނުކުތް އިރު، ވިކްޓަރީން ވަނީ އެ ޓީމުން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. އަނެއްކޮޅުން ނުކުތް އެލްޓީވެސް ވަނީ ލޮރެންޒޯ ކައިރީ މޮޅުވެފައެވެ. އެހެންކަމުން ރޭގެ މެޗަށް ދެޓީމުވެސް ނުކުތީ ރަނގަޅު ފޯމެއްގައެވެ.

ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅިގައި ވިކްޓަރީން ލީޑު ނެގިއެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ ލެބަނަން ފޯވާޑް ކުޑޫ މުހައްމަދެވެ. އޭނާ ޖެހި ގޯލަކީ ކޯނަރަކުން ހުރަސް ވެގެން ދިޔަ ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

އެލްޓީން ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ދެވަނަ ހާފު ފެށިގެން 55 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އިސްމާއިލް ވިފާގު (އިއްސެ)ގެ މޮޅު ގޯލެކެވެ. އަމިއްލަ އޭރިއާ ތެރެއިން ކަހަލަ ގޮތަކަށް ބޯޅަ ހިފައިގެން ކުރިއަށް ޖެހި އިއްސެ ޖެހި ގޯލަކީ ތިން ޑިފެންޑަރުން ބީޓްކޮށް، ބާރު ދުވެލީގައި އޭރިއާ ތެރެއަށް ވަދެ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލެކެވެ.

ދެވަނަ ޑިވިޝަނުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ކްލަބް ޓީނޭޖް ނުކުންނާނީ މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލޮރެންޒޯއާ ވާދަކުރާނެއެވެ. ދެ މެޗުވެސް އޮތީ ގައުމީ ސްޓޭޑިއަމްގައެވެ.