"ކޮން ނަމެއް އެގެއަށް ކިޔާނީ. ރޫބިޔާވިލާ... އުނހު ރޫބީމަންޒިލް.... އުނހު އެހެނެއްވެސް ނޫން. ރޫބީލޮޖް.. މަންމަގެ ނަމުގަ ދޯ ރަޖިސްޓްރީ ބާއްވާނީ.... ފަތާ ފެންގަނޑެއް އޮވޭތަ؟ ކަސްރަތުކުރާ ތަނެއް ހުރޭތަ؟ ނޯކަރު ކުދިންވެސް އުޅޭނެ ދޯ" ރޫބިޔާ އުޅެންފެށި ގޮތުން ބަރަކް އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ.
"މަންމާ، އަހަރެންނަށް ލިބުނީ ބަކިންހަމް ޕެލެސްއެއް ނޫނޭ.... ލަދުން ބޯހަލާކުވާ ވަރުވޭ މަންމަ އުޅޭގޮތުން" އެންމެފަހުން ބަރަކް ތެދުވެގެން ހިނގައިގަތެވެ.
**********
ލ. އަތޮޅުގެ އާބާދީ އެހާ ގިނަ ނޫން ރަށެއްގެ ތުނޑީގައި ހުރި ކުޑައެއްގެ ދަށުގައި އުމުރުން ފަސްދޮޅަހަކަށް އަހަރަށްދާ ވަރުގެ ފިރިހެނަކު އިނެވެ. މެންދުރު ނަމާދަށްފަހު އަބަދުވެސް އެމީހާ އެ ޖޯލިން ފެނެއެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އެރަށު މީހެއްގެ އެހީތެރިކަމުގެ ދަށުން އެރަށަށް އައި އެރަށުގައި ދިރިއުޅޭ ރާޝިދެވެ. އެރަށު ކުދިބޮޑު އެންމެން ދަންނަ ނަމުންނަމަ ރާބެއެވެ. ބީރައްޓެއްސެއް ނަމަވެސް ރާޝިދަކީ ހިތްހެޔޮ އޯގާތެރި މީހެކެވެ. ދީނަށް ލޯބިކުރާ އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހެކެވެ. އުމުރުން ދުވަސްވެފައި ހުއްޓަސް ހަތަރެސްފައި ހެލޭ މީހެކެވެ. މީހުންނަށް ރުކު އަޅައިދީގެން ލިބޭ ލާރިން ރާޝިދަށް އެކަނި ދިރިއުޅެވޭވަރު ވެއެވެ.
"ހީވިއޭ މިއަދުވެސް ރާބެ އިންނާނީ މިތަނުގައޭ. މިހާރު މެންދުރު ކައިގެންތަ އައިސް ތިއޮތީ" ރާޝިދުއާ ޖެހިގެން ޖޯލީގައި އިށިން ޒުބައިރު އެހިއެވެ.
"ކާންދާނީ އަދި ތަންކޮޅެއްފަހުން. ކޮބާ މިހާރު އެމަންޖެ ރަނގަޅުތަ؟" ރާޝިދު އެހިއެވެ.
"ކުރިން ރުގުޔާކުރަން އައި މީހާ އެހާ ރަނގަޅެއް ނޫން. މިއަދު ހަވީރުގެ ވަގުތެއްގަ އަހަރެންގެ ކޮއްކޮއަކު އެބައާދޭ މީހަކު ގޮވައިގެން. އެއީ ވަރަށް ރަނގަޅު މީހެކޯ. ވަރަށް ގިނަ މީހުންނަށް ވަރަށް ގިނަ ކަންތައްތަކަށް ފަރުވާކޮށްދީ ރަނގަޅުކޮށްފަ ހުރި މީހެކޯ" ޒުބައިރު ބުންޏެވެ.
"ﷲ ގެ އިރާދަފުޅުން ތިކަމުގައި އަލިމަގެއް ފެންނާނެ" ޒުބައިރުގެ ބުރަކަށީގައި ފިރުމާލަމުން ރާޝިދު ބުންޏެވެ.
"އެމީހާ ލައްވާ ރާބެވެސް ރުގުޔާކޮށްލަންވީނުން. އޭރުން އުމުރުން ތިހާ ދުވަސްވިއިރުވެސް މީހަކާ ނީނދެވިގެން ތިއުޅޭ ސަބަބެއްވެސް އެނގިދާނެއްނު. ރަނގަޅު ގޮތެއްވެސް ވެދާނެއްނު" ޒުބައިރު ބުންޏެވެ.
"ދެން ކީއްކުރަން އެކަން ބަލަނީ. މިހާރު އަހަރެން މިއިނީ މަރުވާން ކައިރިވެފަ. ދެން މިހެން އިނދެ ހިނގައިދާނެ. އަހަރެންނަށް އެނގޭ އަހަރެންނަށް ކަމެއް ކުރިއްޔާ ކުރި މީހަކީ ކާކުކަންވެސް. އޭނަ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކުރީ. އަހަރެންގެ ދަރިންމަތިންވެސް އަހަރެން ފޫހިކުރުވައިފި. އެއިން ކުއްޖަކުވެސް އަޅެ ބައްޕައަކު ދުނިޔޭގައި ހުރިތޯވެސް ބަލާނުލައެއްނު. އެއިން ކުއްޖަކު ދުނިޔޭގަ ހުރިކަމެއްވެސް ނޭނގޭ" ރާޝިދު ވާހަކަދެއްކިއެވެ.
"އަހަރެމެންނަށް އަންގަވާފައި އޮންނަނީ ބަލިތަކުން ޝިފާ ހޯދަން މަސައްކަތްކުރުން. ޝިފާ ދެއްވާނީ އެކަލާނގެ. އަޅެ އަހަރެން ބުނީތީ ހިނގާބަލަ މިފަހަރު ކަމެއްކުރަން. ރާބެއަށް އަހަރެން އެހީވާނަން" ޒުބައިރު ބުންޏެވެ.
"ޒުބައިރަށް ހީވޭތަ މިކަމެއް ރަނގަޅުކުރެވޭނެހެން. މިހެން މިބުނީ މިހާރު ކިހާ ދުވަހެއްމިވީ. ގައިމުން އަހަރެން ނަމާދުވެސްކުރަން. ޒިކުރުކޮށް ދުއާވެސް ކުރަން" ރާޝިދު ބުންޏެވެ.
"އަހަރެމެންގެ މައްސަލައަކީ ތިއީ ރާބޭ. ނަމާދުކޮށް ގުރިއާންކިޔަވާފަ މިބުނަނީ އަހަރެމެންނަށް ޖިންނި ޝައިތާނުންގެ އުނދަގުނުވާނޭ. އެހެނެއް ނޫން. ސިހުރަކީ ކޮންމެ މީހަކަށްވެސް ޖެހިދާނެ އެއްޗެއް. ވެދާނެއްނު ރާބެއަށް ތިކަމެއް ކުރިމަތިވެފައި ތިވަނީ ތިހުރިހާކަމެއް ކުރުމުގެ ކުރިން ކަމަށްވެސް. އެކަމަށް ފަރުވާނުކުރާހާ ހިނދެއްގައި ހަށިގަނޑުން އެކަމެއް ފިލައިނުދާނެ. ސިހުރަކީ އެކްސްރޭއަކަށް ސްކޭންއަކަށް ނޫނީ ލޭގެ ޓެސްޓަކުން ދައްކާނެ ކަންކަމެއް ނޫން. އެއީ ގޮހޮރުގަ ނޫނީ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގަ ގަދަޔަށް ތަތްލާފަ ހުންނަ އެއްޗެއް. އަހަރެމެންނަށް ގޯނާކޮށް އަޅުކަންތަކާ ދުރުކުރަނީ ހަށިގަނޑުގެތެރޭ ފިލައިތިބި ޝައިތާނުން. އެކަމަށް އަހަރެމެންނަށް ކުރެވޭނީ ޝަރުއީ ރުގްޔާ" ޒުބައިރު ވާހަކަދެއްކިއެވެ.
"އަހަރެން ތިކަމާ ވިސްނާލާނަން" ރާޝިދު ބުންޏެވެ.
**********
ރިންދާގެ ފަހަތުން އަޔާލް ވަންއިރު ޝާހްބާޒާއި ނަހާ ސޯފާގައި ތިއްބެވެ. ބަދިގެ އާއި ސޯފާ އާ ދެމެދުގައިވި ހުސް ޖާގައިގައި ކުޅޭ އެއްޗެހިތަކެއް ހިފައިގެން ކުޅެން އިން ހައިބްއަށް އަޔާލް ފެނުމާއެކު ދުވެފައި އައިސް އަޔާލް ކައިރީގައި ހުއްޓިއްޖެއެވެ. އަޔާލް އެގެއަށް އަންނައިރު ހައިބްއަށް އަބަދުވެސް ކޮންމެސް އެއްޗެއް ގެންނާތީ އެކުއްޖާ ހުންނަނީ އަޔާލްއަށް އާދަވެފައެވެ.
"މިއީ ހައިބްއަށްތަ؟" ޕާރުސަލްކޮށްފައި އޮތްއިރުވެސް އަޔާލް އަތުގައި އޮތް ކޮތަޅުގައި އޮތީ ސްކޫޓީއެއް ކަން ހައިބްއަށް އެނގުނެވެ. އަޔާލްއަށް ޝުކުރުއަދާކޮށްފައި އެ ހިފައިގެން ހައިބް ގޮސް ވަނީ ނަހާގެ އުނގަށެވެ. ޕާރުސަލް ކަނޑަން ހައިބްއަށް އެހީވަމުން ދިޔައީ ނަހާއެވެ.
"އެބަ އަންނަން ކޮފީ ހިފައިގެން" ވަކިން ހުރި ސޯފާގައި އަޔާލް އިށީނުމުން ރިންދާ ބުންޏެވެ.
ރިންދާގެ މައިންބަފައިން ކުރިމަތީގައި އިންނަން ޖެހުމުން އަޔާލް އިނީ ކުޑަކޮށް ލަދުގަނެފައެވެ. ހައިބްއަށް ނޫނީ އެހެން މީހަކަށް ބަލާލަންވެސް ނުކެރިފައެވެ. މާގިނައިރު ނުވަނީސް ރިންދާ ހުރިހާ މީހުންނަށް ކޮފީ ހިފައިގެން އައިސް ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ.
"ދަރިފުޅު އާދެބަލަ ބޭބެ ކައިރިއަށް" ރިންދާއަށް ޝާހްބާޒް ބުންޏެވެ. ރިންދާ އިށީނީ ޝާހްބާޒާއި ނަހާ އާ ދެމެދުގައި ހުރި ހުސް ޖާގައިގައެވެ.
"ބޭބެމެން ވަރަށް އުފާވެއްޖެ ރިދާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފެންނާތީ. ހަގީގަތުގައި މިގޭތެރެއިން އެއް މެންބަރަކު ވަކިވެގެން ދިޔުމުން ރިދާ އުޅުނީ ވަރަށް އެކަނިވެރި ދިރިއުޅުމެއްގަ. ބޭބެއަށް ހީވަނީ މިހާރު އަޔާލްއަށް ރިންދާ މިހުރިހާ ވާހަކައެއް ހުންނާނީ ކިޔައިދީފަހެން" ޝާހްބާޒް ވާހަކަދެއްކިއެވެ. އަޔާލް ބޯޖަހާލިއެވެ.
"ތިދެކުދިން ކައިވެނިކުރާނެ ދުވަހެއް ކަނޑައަޅާނީ ތިދެކުދިން" ޝާހްބާޒް ބުންޏެވެ. ބަފައެއްގެ ހައިސިއްޔަތުން އަޔާލްއަށް ޝާހްބާޒް ނަސޭހަތްދިނެވެ.
ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދެއްކުމަށްފަހު ހައިބް ގޮވައިގެން ނަހާ އާއި ޝާހްބާޒް އެތަނުން ދުރަށް ޖެހުނެވެ. އަޔާލްގެ އަތުގައި ހިފައިގެން ރިންދާ ނުކުތީ ބެލްކަންޏަށެވެ.
"އަހަރެންގެ ޔާލްއަށް ކިހިނެއްވެފަ" ރިންދާ އެހިއެވެ.
"އުފާވެރި ހަބަރެއްދެންތަ؟" އަޔާލް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ.
"ހިނގާ މެރީކުރަން" އަޔާލް ބުންޏެވެ. ރިންދާއަށް އަޑުއިވުނު ގޮތްބާއޭ ހިތަށް އެރިއެވެ. ގަބޫލުނުކުރެވުނެވެ.
"ހުރިހާކަމެއް ހަމަޖެހުނީތަ؟" ރިންދާ އެހިއެވެ.
"ކޮންމެ ކަމަކަށްވެސް ވަގުތު ނަގާނެއްނު. އަހަރެންނަށް ރިދާ އާ ދުރުގައި އުޅެން ވަރަށް އުނދަގު. އެހެންވެ އަވަހަށް މެރީކުރަން ބޭނުންވަނީ" އަޔާލް ބުންޏެވެ.
"ޔާލްއެއްނު ބުނީ ވަގުތުދޭށޭ. އަހަރެންނަށް އެންމެ ރަނގަޅު" ރިންދާ ބުންޏެވެ.
"މިހާރު މި ވިސްނަނީ ގެ ހަދަން. އުންމީދުކުރަނީ ފެށޭ މަސްތެރޭގަ ފަށައިގަނެވޭނެ ކަމަށް" އަޔާލް ބުންޏެވެ.
"ކޮބާ ތިގޭގަ އުޅޭ މީހުން. ޔާލްގެ ދޮންމަންމަ އޯކޭވީތަ؟" ރިންދާ އެހިއެވެ.
"އެއީ ދުނިޔެ ގިޔާމަތް ވިޔަސް އިސްލާހުވާނެ އަންހެނެއް ނޫން. އަހަރެން ބަރަކް އާ ވާހަކަދެއްކީ. ބަރަކް އުޅެނީ މެރީކުރަން. އެހެންވެ އޭނަ ހުޅުމާލެއިން ދެ ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފީ. މާދަމާ އެގްރިމެންޓުގައި ސޮއިކުރާނެ. ބަރަކް ދާނީ އެ އަންހެނާ ގޮވައިގެން. އެއިރުން ގެ ހުސްވާނެއްނު. އެއިރުން އަހަރެން ބޭންކުން ލޯނެއް ނަގާނަން. ގެ ހަދަން ބަޔަކާ ހަވާލުކުރާނަން އަހަރެންނާއި ބަރަކް އާ ދެމީހުން ވެގެން. އެ އަންހެންމީހާއަށް ދޮންކަޅުވެސް އަންގާނުލާނަން" އަޔާލް ރާވާފައިވާ ގޮތް ރިންދާއަށް ކިޔައިދިނެވެ.
"ޔާލް... ކޮންމެ ކަމެއް ކުރިޔަސް އެކަމެއް ކުރަންވާނީ ތިމާގެ ކަރުބުޑުގައި އެކަމުގެ ހިތިރަހަ ނުލާނެ ގޮތަކަށް. ތިގޭގަ އެ އަންހެންމީހާ އުޅޭތީވެ އަހަރެން ވަރަށް ކަންބޮޑުވޭ. ތިގޮތަށް ކަންތައްކުރަން އުޅެގެން ޔާލްއަށް ބޮނޑިއެއް ނުލިބުނިއްޔާ ރަނގަޅު" ރިންދާ ވާހަކަދެއްކިއެވެ.
"އެއީ އޭނަ ވެރިކޮށްގެން އުޅުނަސް އޭނަ އާ ވާތަނެއްވެސް ނޫން. ރިދާ އެހާ ހާސްނުވޭ" އަޔާލް ބުންޏެވެ.
"އަނެއް ކަމަކީ ބޭންކުން ޔާލް ދަރާފަ ބޮޑު ލޯނެއް ނަގަނީ ކީއްކުރަން. އަހަރެން ބޭބެ އާ ވާހަކަދައްކައިގެން ޔާލްއަށް އެހީއެއްވެދީފާނަން" ރިންދާ ބުންޏެވެ.
"ނޫން އެހެންކަމަކު ނުދާނެ" އަޔާލް ބުންޏެވެ.
"ހިލޭއެއް ނޫން. ކޮންމެ މަހަކު ވަކިވަރެއް ޔާލް އަނބުރާ ދައްކާގޮތަށް. އެންމެ ރަނގަޅެއްނު" ރިންދާ ބުންޏެވެ.
***********
ވަޒީފާ ނިންމާލާފައި ރޫބިޔާ އިނީ ބަސްޓާމިނަލުގައި މަޑުކޮށްލައިގެންނެވެ. ބަސް އަންނަން އަދި ކުޑައިރުކޮޅެއް އޮތުމުން ރޫބިޔާ އިނީ ހިތްހަމަނުޖެހިފައެވެ. ހިތާހިތުން ނަހީކަށް ބަދު ދުއާ ކުރަމުން ދިޔައެވެ. ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށުމުން ރޫބިޔާ ފޯނު ނަގާފައި ބަލައިލިއެވެ. ނުދަންނަ ނަންބަރެކެވެ. ފޯނު ނަގާފައި މީހުން ތިބި ހިސާބާ ތަންކޮޅެއް ދުރަށް ރޫބިޔާ ޖެހިލިއެވެ.
"އަހަރެންނަށް އިނގޭ ކަލޭ ފޯނު ނަގާނީ އަހަރެން އެހެން ނަންބަރަކުން ގުޅީމަކަން" އަޑުޖެހުމާއެކު އެއީ ކާކުކަން ރޫބިޔާއަށް އެނގިއްޖެއެވެ. މޫނުމައްޗަށް ވެރިވީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. ފަހަކަށް އައިސް ރޫބިޔާ ހިތްހަމަޖެހޭ އެއްވެސްކަމެއް ނުވެއެވެ.
"އަހަރެންނަށް މި މަހު ތަންކޮޅެއް ދަތި. މަސް ނިމޭކޮޅު ފައިސާ ފޮނުވާނަން" ރޫބިޔާ ބުންޏެވެ.
"އަހަރެން ކިތައް ދުވަހު ބުނާނީ ތި ފައިސާތައް ނުދީވެސް ރޫބީއަށް ސަލާމަތްކަން ހޯދިދާނޭ" އެމީހާ ބުންޏެވެ.
"އައްޗީޑި. ކަލޭ ހަންޓޯޓޯވެފައި ހުއްޓަސް އަދި އަހަރެން ނުވޭ. އަހަރެން ނޫޅެން ކަލެ އާ އިންނާކަށް" ރޫބިޔާ ބުންޏެވެ. ފޯނުގައި ހުރި މީހާ ޖަހާލީ ހިނިގަނޑެކެވެ.
"ހަންޓޯޓޯ ވިޔަސް ހަށިގަނޑުގައި ބާރު އެބުހުރި. އަހަރެން ހަންޓޯޓޯވީވެސް ތި މަލަށް އެދިއެދި ހުއްޓައޭ.... ހެހެހެ.... އަހަރެން އެންމެކުރިން ފުރާ އެއްޗަކުން މާލެ އެބަދަން. ބައްދަލުކުރަންވާނެ" އެމީހާ ބުންޏެވެ.
ފޯނު ކަނޑާލާފައި އެނބުރުނުއިރު މީހުން ގޮވައިގެން ބަސް ނައްޓާލައިފިއެވެ. ދެފައިގައި ހުރި ބާރެއްލާފައި ބަސް ފަހަތުން ރޫބިޔާ ދުއްވައިގަތެވެ.
************
ރޭގަނޑުގެ ކެއުމަށް ނަހީކް ތިރިއަށް ފޭބިއިރު މޭޒުކައިރީގައި ވިލިނީ އިނެވެ. އާފަލެއް ކާން އިނދެފައި މޭޒުމަތި ތައްޔާރުކުރަމުން ދިޔަ ބެގަރީއަށް ބަލައިލިއެވެ. ފޯނުން ވާހަކަދައްކަމުން އައި ނަހީކަށް އެއިރު ވިލިނީ ނުފެނެއެވެ.
"ބޮޑުރާޅު އަރަން އެބައުޅޭ. އަހަރެން މިދަނީ މިތަނުން" ވިލިނީ ބުންޏެވެ. ބެގަރީ ބަލައިލިރު ނަހީކް އަރާ ހަމަވެއްޖެއެވެ. ހެވެން އުޅުނަސް ކައިރީގައި ނަހީކް ހުރުމުން ބެގަރީ ސީރިޔަސްވެލިއެވެ.
"ކެމެރާތަކުގެ މައްސަލަޖެހިފަ ހުރީ" ނަހީކްގެ ތައްޓަށް ޖޫސް އަޅަމުން ބެގަރީ ބުންޏެވެ.
"އެކަންކަން ރަނގަޅުކުރާ މީހުން ގެނެސްގެން ކަންކަން ރަނގަޅުކުރުމަކީ ބެގަރީގެ މަސައްކަތެއް" ފަރުވާކުޑަ ގޮތަކަށް ނަހީކް ބުންޏެވެ.
"އަދި ބެގަރީ ކައިރީގައި މުހިންމު އެއްވާހަކަ ބުނަންވެފަ އެބައޮތް. މިގޭގަ އިތުރު މީހަކު އުޅޭހެނެއް އަހަރެންނަށް ހިއެއްނުވޭ. އެހެންވީމަ ބެގަރީއަށްވެސް މިގޭގަ އިތުރު މީހަކު އުޅޭހެނެއް ހީވެގެން ނުވާނެ. މިބުނި އެއްޗެއް އެނގިއްޖެތަ؟" ނަހީކް ބުންޏެވެ. ބެގަރީ ވަގުތުން ބޯޖަހާލިއެވެ.
"އެ އަންހެންކުއްޖާ އުޅެނީ ވަރަށް ބަލިކޮށް"
"އެއީ އަހަރެންނަކާވެސް ބެގަރީއަކާވެސް ބެހޭކަމެއް ނޫން" ނަހީކް އެހެން ބުނީ ތަންކޮޅެއް ބާރަށެވެ. ބެގަރީ ދިޔައީ ސިހިގެންނެވެ.
"މާފްކުރައްވާ.... މާފްކުރައްވާ" ބިރުން ފިއްކަނޑައިގެން ގޮސްފައިވާ ހާލު ބެގަރީ ބުންޏެވެ
**************
ފައިލްތަކެއްގައި ސޮއިކުރަން އިން ޝާހްބާޒަށް ބަލައިލެވުނުއިރު ހިނިތުންވެގެން ހުރި ރިންދާ އެތެރެއަށް ވަދެއްޖެއެވެ.
"ރިދާ، ކަމަކުތަ؟" ޝާހްބާޒް އެހިއެވެ. ދެން އެންމެފަހު ލިޔުމުގައި ސޮއިކޮށްލާފައި މޭޒުކައިރީގައި ކޮޅަށްހުރި އަންހެން މުވައްޒަފު އަތަށް ފައިލްތައް ދިއްކޮށްލިއެވެ. އެކުއްޖާވެސް ދިޔައީ ރިންދާއަށް ހިނިތުންވުމެއްދީފައެވެ.
"ބޮޑު ކަމަކުކިޔަންވެގެން މިއައީ" ރިންދާ ބުންޏެވެ.
"އާދޭ. އަވަހަށް އިނށީނދޭ" ޝާހްބާޒް ބުންޏެވެ. ރިންދާ ހީލަމުން ގޮނޑީގައި އިށީނެވެ.
ބޭބެއަށް އެނގެއެއްނު ޔާލް. ކައިވެނިކުރަން ޔާލް ވިސްނާ. ލަސްކުރަނީ ގެ ނެހެދޭތީ. ގެ ހަދަންވެގެން ޔާލް އުޅެނީ ބެންކުން ބޮޑު އަދަދެއްގެ ލޯނެއް ނަގަންވެގެން. އަޅުގަނޑު ވަރަށް ދެރަވޭ އެވަރުގެ ބޮޑު ދަރަންޏެއް ބޮލުގައި އެޅޭތީ. އެހެންވެ އަޅުގަނޑު ބުނިން އެކަމުގަ ޔާލްއަށް އެހީވާނަމޭ. ބޭބެގެ ހިޔާލެއް ހޯދަންވެގެން މިއައީ" ރިންދާ ވާހަކަދެއްކިއެވެ. ޝާހްބާޒް ހީލާފައި ގޮނޑީގައި ލެނގިލިއެވެ.
"މިއަދު ބޭބެ ވަރަށް އުފާވެއްޖެ. ތިކަހަލަ ކަމެއްގަ ރިދާ ބޭބެގެ ހިޔާލަކަށް އެދުނީތީ. ބޭބެގެ ހަރަދުކުރާނެ ބައިވަރު ދަރިންތަކެއް ނެތް. ތިކަމުގައި ބޭބެ މިހުރީ ރިދާއަށް އެހީވާން ތައްޔާރަށް. ހަމަ މިހާރު ބޭބެ މި ނިކުންނަނީ ބެންކަން ދާން. ހައިބްގެ އުފަންދުވަސް ފާހަގަކުރަންވެސް ބެންކުން ލާރި ނަގަން ދާންވެފަ ހުއްޓަ ރިދާ ތިވާހަކަ މިދެއްކީ" ޝާހްބާޒް ބުންޏެވެ. ދެން ތެދުވެގެން މޭޒު ވަށާލާފައި އައިސް ރިންދާ ކައިރީގައި ހުއްޓުނެވެ.
"ރިދާ ތިކަމާ ހާސްނުވޭ. ﷲ އިރާދަކުރެއްވިއްޔާ ބޭބެގެ ހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި ބޭބެގެ އެއްވެސް ދަރިއަކު އަދި ދަރިއަކު އިނދެގެން އުޅޭ މީހެއްވެސް ދަރަނިވެރިވިޔަ ނުދޭނަން. ބޭބެގެ ފައިސާއަކީ ހަމަ ތިހުރިހާ ކުދިންގެވެސް ފައިސާ. ﷲ ގެ މަގުގައި ކުރެވޭ އެންމެ މާތް ސަދަގާތަކީ އެމީހެއްގެ އާއިލާގެ ހައްގުގައި ކުރެވޭ ސަދަގާތް" ރިންދާގެ އިސްތަށިގަނޑގައި ފިރުމާލަމުން ޝާހްބާޒް ބުންޏެވެ.
ރިންދާއަށް އުފަލުން ރޮވުނެވެ. އެއްވެސް ސަބަބެއްނެތި ކުރިން ޝާހްބާޒަށް ނަފްރަތު ކުރެވުނީތީ އަމިއްލަ ނަފްސަށް ލަދުވެސްގަތެވެ. އުފަން ބައްޕަ ދުނިޔޭގައި ހުރިނަމަވެސް އެހާ ހެޔޮވާނެ ކަމެއް ނޭނގެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމަ އެންމެ ފަރާތެކެވެ.
*********
އޮފީހުން އައި ގޮތަށް ފެންވަރައިގެން އެންމެ ފުރަތަމަ ކަމަކަށް ރިންދާ އެރީ ނަމާދަށެވެ. ކޮޓަރިން ނުކުތީ ދެނެވެ. ބަދިގެއަށް ވަދެ ކޮފީތައްޓެއް ހަދައިގެން ގޮނޑީގައި ރަނގަޅަށް ހަމަޖެހިނުލެވެނީސް ދޮރުގައި ބެލް އަޅާ އަޑު އިވިއްޖެއެވެ. ރިންދާ ދޮރުހުޅުވިއިރު ކުރިމަތީގައި ހުރީ ވިލިނީއެވެ. ވިލިނީގެ ފައިން ފެށިގެން ބޮލާ ހަމައަށް ރިންދާ ބަލައިލިއެވެ. ދެން ޝަކުވާގެ ނަޒަރަކުން ވިލިނީގެ ލޮލަށް ބަލައިލިއެވެ.
"ކީއްކުރާ ކުއްޖެއް" ރިންދާ އެހިއެވެ.
"އަހަރެން ކައިރީގައި ވަންނާކަށްވެސް ނުބުނާނަންތަ؟" ވިލިނީ އެހިއެވެ.
"އަހަރެމެން އެކަކު އަނެކަކު ދަންނަންތަ؟" ރިންދާ އެހިއެވެ.
"ޕްލީޒް ރިދާ. އަހަރެން މިއައީ ބޯހަމަޖައްސާލަން" ވިލިނީ ބުންޏެވެ.
"އާދޭ އެތެރެއަށް" ވިލިނީގެ އަތުގައި ހިފައި އެތެރެއަށް ވައްދަމުން ރިންދާ ބުންޏެވެ.
ދެކުދިން އައިސް މަޑުކޮށްލީ ބަދިގޭގައެވެ. ވިލިނީއަށް ރިންދާ ކޮފީ ތައްޔާރުކޮށްދިނެވެ. ވާހަކަ ފެށީ ދެނެވެ.
"ތުންފަތް ކައިރީގައި ކިހިނެއްވެފަ. ދެކުދިން ލޯބިކޮށްފަތަ؟" ދިމާކުރާ ކަހަލަ ގޮތަކަށް ރިންދާ އެހިއެވެ.
"ތިބުނާ ކަހަލަ ގޮތަކަށް އަހަރެންދެކެ ލޯބިވާނެ މީހަކު މިދުނިޔޭގައި އެބަހުރިބާއޭ ހިތަށް އަރަނީ" ވިލިނީ ބުންޏެވެ.
"ދެކުދިން ތަޅާފޮޅީ ދޯ" ޔަގީންނުވެފައި ރިންދާ އެހިއެވެ.
"މަށެއް ނޫން. އޭނަ ހަސަދަ ފިލުވާލީ. އެވާހަކައެއް ނޫން. މިއައީ ހިޔާލެއް ހޯދާލަން" ވިލިނީ ބުންޏެވެ.
"އޭނަ އަނިޔާކުރީތަ؟" ރިންދާ އެހިއެވެ. ވިލިނީ ބޯޖަހާލިއެވެ.
"އެއީ އަޑި ނޭނގޭ ކަނޑެއް ކަހަލަ ފިރިހެނެއް. އަހަރެން މިހުރީ އޭނަ އަތުން މަރުނުވެފަ. ވަރިވެސް ނުކުރާނަމޯ ބުނީ. އަހަރެން ވަރިކޮށްފިއްޔާ އޭނަގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވޭނެޔޯ. ކޮންމެސް ނުބައެއް އެބައުޅޭ. ބޮޑޫ އާއި އޭނައަކީ ދެ ދުޝްމިނުން. އެ ދެމީހުންގެ މެދުގައި އޮތް ރުޅިވެރިކަމެއް ނޭނގެނީ" ވިލިނީ ވާހަކަދެއްކިއެވެ.
ރިންދާ ވިސްނާލިއެވެ. ނަހީކަކީ މޫނުމަތިން ހިނިތުންވުމެއް ދައްކައިގެން ހުއްޓަސް ހަމަ ނުލަފާ ޖަނަވާރެކެވެ. ރަނޑެއް ކަހަލަ މީހެކެވެ. އަންހެނަކަށް އަތް އިސްކުރާނީ ހިތުގައި އެއްވެސް އިންސާނިއްޔަތު ކަމެއް ނެތުނީމައެވެ.
"ތިއީ ބޮޑު ބިރުވެރިކަމެއްނު. ވިލިނީ ދެން އެގެއަށް ގޮސްފިއްޔާ އަހަރެންނަށް ފެންނާނެ ކަމެއްވެސް ނޭނގެ. މަރާވެސްލާފާނެ ތިވަރުގެ މީހަކު. އަޅެ އެގޭގަ އެހެން މީހަކު ނޫޅެނީތަ؟" ރިންދާ އެހިއެވެ.
"އުޅޭ ބެގަރީ. އެއީ އެގޭ ހުރިހާކަމެއް ބަލަހައްޓާ މީހާ. އަހަރެންނަށް ވަރަށް ހެޔޮ މީހެއް. އަހަރެން މިހާރު މިކުރާކަމަކީ މަޑުމަޑުން ބެގަރީ އަހަރެންގެ ކޮޅަށް އެނބުރުން" ވިލިނީ ބުންޏެވެ.
"އެންމެ ފުރަތަމަ ބަލަންވީ ތި ނަހީކެއްގެ ބޮޑު ސިއްރު. ހަމަ އެއްވެސް ކަމަކަށް ޝައްކެއް ނުކުރެވޭތަ؟" ރިންދާ ބުންޏެވެ.
"ނޫނޭ.... އެގޭ އެންމެ ތިރީގަ ހުރޭ ވަރަށް ސިއްރުވެރި ކޮޓަރިއެއް" ދެފަރާތް ބަލައިލަމުން ވައި އަޑުން ވިލިނީ ބުންޏެވެ.
"ސާބަހޭ. ގޭގަ އަހަރެން އެކަނި މިވަގުތު މިއުޅެނީ" ވިލިނީގެ އަތުގައި ޖަހައިލަމުން ރިންދާ ބުންޏެވެ.
"އުޅެމާ ތި ކޮޓަރި ފަޅާލަން. އަހަރެން ވައްދަބަލަ ސިއްރުން ތިގެއަށް" ރިންދާ ބުންޏެވެ.
"ތިހެންވިއްޔާ އެންމެ ފުރަތަމަ އަހަރެން ޖެހޭނީ އެ އިބިލީސް ހޭނައްތަން" ވިލިނީ ބުންޏެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ