ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތުން މުހައްމަދު މޫސާ (މޯޑް) އަދި ހުސައިން ހިމްޔާން ވެސް ރަން މެޑަލް ހޯދައިފިއެވެ.
ބޮޑީބިލްޑިން މުބާރާތުގެ ފިރިހެން ކެޓަގަރީގެ އިވެންޓުތައް މާފުށީގައި ކުރިއަށްދާ އިރު، މިއަދުގެ އެކިއެކި އިވެންޓުތަކުގައި ރާއްޖޭގެ 12 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. މިއަދުގެ އިވެންޓުތަކުން ރާއްޖެއަށް އިތުރު ދެ ރަން މެޑަލް ލިބިގެން ދިޔަ އިރު، މިފަހަރުގެ މުބާރާތުން ފުރަތަމަ ރަން މެޑަލް ގެނެސްދީފައިވަނީ އަޒްނީން ރަޝާދެވެ.
ރާއްޖޭގެ އަޒްނީން ރަން މެޑަލް ހޯދީ ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީންނެވެ. ފައިނަލުގައި އަޒްނީންއާ ވާދަކުރީ އިންޑިއާ އަދި ޕާކިސްތާންގެ އެތުލީޓުންނެވެ. މިއަދު މޯޑު ރަން މެޑަލް ހޯދީ ބޮޑީބިލްޑިން އަޕް ޓު 55 ކެޓަގަރީގައި ވާދަކޮށްގެންނެވެ. މޯޑް ވަނީ އިންޑިއާ، ވިއެޓްނާމް، މިޔަންމާ އަދި އިރާގުގެ އެތުލީޓުން ފަހަތަށް ޖައްސައިލައިފައެވެ.
ހިމްޔާން ރަން މެޑަލް ހޯދީ އެތުލެޓިކް ފިޒިކް 175 ސީއެމްގައި ވާދަކޮށްގެންނެވެ. މިއަދު ލިބުނު އިތުރު ކާމިޔާބީތަކަށް ބަލައިލާ އިރު، އެތުލެޓިކް ފިޒިކް 160 ސީއެމް ކެޓަގަރީގެ ރިހި މެޑަލްއާއި ލޯ މެޑަލް ވެސް ހޯދީ ރާއްޖޭގެ އެތުލީޓުންނެވެ. އެ ކެޓަގަރީގެ ރިހި މެޑަލް ހޯދީ ރާއްޖޭގެ ފަތުހުﷲ މުހައްމަދެވެ. ލޯ މެޑަލް ހޯދީ މުހައްމަދު ޒިދާނެވެ.
މީގެ ކުރިން ރާއްޖޭގެ މުހައްމަދު އިމްރާހް ވެސް ވަނީ އޯވާ 180 ސީއެމް ކެޓަގަރީން ލޯ މެޑަލް ހޯދައިފައެވެ. އަދި ރާއްޖޭގެ އަލީ ސަލީމް ވެސް ވަނީ އަޕް ޓު 175 ސީއެމުން މެޑަލް ހޯދައިފައެވެ.
ފަންސާސް ހަތަރުވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާ އިރު، އެ މުބާރާތް އިންތިޒާމުކުރަނީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޔޫތު މިނިސްޓްރީ ގުޅިގެންނެވެ. މުބާރާތުގެ ފިރިހެން ކެޓަގަރީގެ އިވެންޓުތައް މާފުށީގައި ބާއްވާ އިރު، އަންހެން ކެޓަގަރީގެ އިވެންޓުތައް ހޯސްޓް ކުރާނީ ކްރޮސް ރޯޑްސްގައެވެ.
މުބާރާތް ކުރިއަށްގެންދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ ބައިނަލްއަގުވާމީ އެންމެ ބޮޑު މުބާރާތެވެ.
ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
މިފަހަރުގެ މުބާރާތުގައި 24 ގައުމަކުން 400 އަށްވުރެ ގިނަ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެއެވެ.