ފުޓްސަލް

މިޔަޓް ވިމެންސް ޔުނިޓީ ކަޕްގެ ޗެމްޕިއަންކަން ދިއްފުއްޓަށް، ފިއެސްޓާގެ ސެމީއަށް ތައްޔާރުވެއްޖެ!

ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އަރާމު ހޮލިޑޭސް މިޔަޓް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް ޓީމުތައް ޔަގީންވި އިރު، މުބާރާތުގެ ތެރެއިން ބޭއްވި އަންހެން ފުޓްސަލް ވަން ޑޭ ކަޕް މިޔަޓް ވުމަންސް ޔުނިޓީ ފުޓްސަލް ކަޕުގެ ޗެމްޕިއަންކަން ކ. ދިއްފުށިން ހޯދައިފިއެވެ.

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކުރާ މިއަހަރުގެ މިޔަޓް ފުޓްސަލް ފިއެސްޓާ މުބާރާތުގައި 14 ޓީމަކުން ވާދަކޮށްފައިވެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ އަދި ބީގައި ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، އަނެއް ދެ ގްރޫޕުގައި ހިމެނެނީ ކޮންމެ ގްރޫޕެއްގައި ތިން ޓީމެވެ. ރޭ ކުޅެފައި ވަނީ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކެވެ.

އޭގެ އިތުރުން ދެން އިއްޔެ ކުރިއަށް ދިޔައީ އަންހެން ފުޓްސަލްއަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ މިޔަޓް ވުމަންސް ޔުނިޓީ ފުޓްސަލް ކަޕެވެ. އެ މުބާރާތަކީ ކ. އަތޮޅުގެ އަންހެން ފުޓްސަލް ކުރިއަރުވައި އަންހެން ފުޓުބޯޅަ އަދި ފުޓްސަލްގެ ރޫހު އާލާކުރުމަށް މިޔަޓުން ބާއްވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކޮށްފައިވެއެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ އިރު، ގްރޫޕް އޭގައި ހިމެނުނީ ކަންމަތި ލޭޑީސްއާއި ބީ އީ ސިސްޓާސް، ހިލާ އަދި ބްލެކް އީގަލްސް ކުއީންއެވެ. ގްރޫޕް ބީގައި ހިމެނުނީ ފިނިހަކަ، ޕެންޓާސްގެ އިތުރުން ޗެމްޕިއަންކަން ހޯދި ދިއްފުއްޓެވެ. ދިއްފުށިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކަންމަތީ ލޭޑީސް ބަލިކޮށްފައެވެ.

ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން މެޗު އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ރޭ ވަނީ މިޔަޓް ފުޓްސަލް ފިއެސްޓާގެ ކުއާޓާ ފައިނަލް މެޗުތައްވެސް ކުޅެފައެވެ. ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށް ސެމީގެ ޖާގަ ޔަގީންކުރީ އެޕޮކްލިޕްސްއާއި ގާފަރު ފުޓްސަލް ޓީމު އަދި އެމްޕަޔާ އެސްސީގެ އިތުރުން އެއިޓް ޓު ނައިން އެފްސީއެވެ.

އެއިޓް ޓު ނައިން އިން ސެމީ ޔަގީންކުރީ ކުއާޓާ ފައިނަލް މެޗުގައި 7-2 އިން ބްލެކް އީގަލްސް ބަލިކޮށްފައެވެ. މެޗުގައި އެއިޓް ޓު ނައިންގެ އަހުމަދު ރިޒުވާން (ރިޒޭ) ހެޓްރިކް ހެދި އިރު، ރިޝާދު ވަނީ އެ ޓީމަށް ދެ ގޯލު ޖަހައިދީފައެވެ. އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ ސިފާހާއި ނަޖުމީއެވެ. ބްލެކް އީގަލްސްގެ ދެ ގޯލުވެސް ޖެހީ ޔަފާއުއެވެ.

އެމްޕަޔާ އެސްސީން 5-2 އިން ހިންމަފުށި ބަލިކުރި އިރު، މެޗުގައި އެމްޕަޔާ އެސްސީގެ ޝިފާޒް އާދިލް (ތުއްތު) ވަނީ ހެޓްރިކް ހަދައިފައެވެ. އޭގެ އިތުރުން އެމްޕަޔާ އެސްސީގެ ގޯލުތައް ޖެހީ ފައިޒާންއާއި އަހުނަފު ރަޝީދެވެ. ހިންމަފުށީގެ ގޯލުތައް ޖެހީ ޔާސިރާއި ނާފިޒެވެ. ގާފަރުން ކުއާޓާ ފައިނަލްގައި ހުދުރަންފުށި ބަލިކުރީ 7-0ގެ ނަތީޖާއަކުންނެވެ.

ގާފަރުގެ ޝައްނާން މެޗުގައި ހެޓްރިކް ހެދި އިރު، ގައުމީ ފުޓްސަލް ޓީމުގެ ސާމިން ނާސިރު ވަނީ ދެ ގޯލު ޖަހައިފައެވެ. ދެން ގޯލުތައް ޖެހީ ޔާމީނާއި ޝާފީއެވެ. ކުއާޓާގައި ރޭ އެޕޮކްލިޕްސްއާއި ދިއްފުށި ވާދަކުރި މެޗު ފޯރިގަދަކޮށް ފެނުނު އިރު، އެޕޮކްލިޕްސް ސެމީ ޔަގީންކުރީ 3-2ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި އެޕޮކްލިޕްސްގެ އިސްމާއީލް ވަޖީހު (ވައްޖެ) ދެ ގޯލު ޖެހި އިރު، އަނެއް ގޯލު ޖަހައިދިނީ ވިފާގެވެ. ދިއްފުށީގެ ގޯލުތައް ޖެހީ ރިލުވާނާއި ޝައިހާނެވެ.

މުބާރާތުގެ ސެމީ މެޗުތައް މާދަމާ ރޭ އޮންނާނެއެވެ. ގާފަރުން އެއިޓް ޓު ނައިންއާ ދެކޮޅަށް ނުކުންނަ އިރު، އެޕޮކްލިޕްސް ނުކުންނާނީ އެމްޕަޔާ އެސްސީއާ ދެކޮޅަށެވެ.

މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.