އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޓެންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބުން ކުޅުނު ދެ ވަނަ މެޗުވެސް ކާމިޔާބުކުރި އިރު، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައި ބިސް ބުރު ސްޕޯޓްސް ކްލަބުން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޓެންޓުން އިއްޔެ ހަވީރު ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ޖޭ ސްޕޯޓްސް ކްލަބް އަތުން ރޭ ބުރު މޮޅުވީ 3-0 އިންނެވެ. އަދި ބިސް ބުރުން މި ފަަހަރުގެ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދީ 4-1 އިން ކެޕިޓަލް ސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓެންޓުން ސިފައިން ކޮޅަށް ގޯލުތައް ޖެހީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައެވެ. ޓެންޓުގެ ފުރަތަމަ ގޯލު އަރާޝް އައްސަދު މުހައްމަދު ޖެހި އިރު، އަނެއް ގޯލު ޖެހީ ކުރިންވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރަތަމަ ޑިވިޝަނަށް ކުޅުނު ޝަފްރާޒް އިބްރާހިމް (ޝަފްލޭ)އެވެ.

އޮފިޝަލުން ހަަމަނުވާތީ ކެޕިޓަލް ސިޓީގެ ފުރަތަމަ މެޗު ސިފައިންނަށް އޮތީ ލިބިފައެވެ. ކެޕިޓަލް ސިޓީގެ ދެވަނަ މެޗުގައި އިއްޔެ ހަވީރު ބިސް ބުރާ ކުޅުނުއިރު، ބިސް ބުރުގެ އީރާން ފޯވާޑް، އާމިރު މެމާރީ ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ. ބިސް ބުރުގެ އަނެއް ގޯލު ޖެހީ މޮޖްތަބާ ރަޝީދީއެވެ. ކެޕިޓަލް ސިޓީގެ ހަމައެކަނި ގޯލު ޖެހީ އާދަމް ނަސީމެވެ.

ރޭ ޖޭޖޭ ކައިރިން ބުރު މޮޅުވީ ބްރެޒިލްގެ ބްރޫނޯ އަރާބެލްއާއި ސާބިއާ ފޯވާޑް ސްޓެފަން ޑުރިޗް އަދި މިސްރުގެ މިޑްފީލްޑަރު، އަހުމަދު މުހައްމަދު ގަބާލާ ޖެހި ގޯލުތަކުންނެނެވެ.