މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނަށް ފުލެޓާއި ހެލްތު އިންޝުއަރެންސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދު ހުށަހެޅެމުންދާ ބައެއް ކަމަށެވެ. އަދި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ނުރައްކާތެރި ހަތިޔާރާއި އެކިއެކި ބާވަތްތަކުގެ ނުރައްކާތެރި ޑްރަގްސް ފަދަ ތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހުއްޓުވުމަކީ ކަސްޓަމްސް އޮފިސަރުންގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންނަކީ އެފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ މުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް ފުރިހަމަކޮށްދެވިގެން ކަމަށެވެ. އެގޮތުން ކަސްޓަމްސް މުވައްޒަފުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަން ހައްލުކުރުމަށް އެކި ދުވަސްވަރު ތަފާތު މަސައްކަތްތައް ކުރިޔަސް މިއަދާ ހަމައަށް ވެސް އެ ކަންބޮޑުވުމަށް ހައްލު ހޯދިފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ހުރިހާ މަޝްރޫއުތަކެއް ވެސް މި ހިންގަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް. އޭގެ ތެރެއިން އެންމެ އިސްކަންދޭ އެއް ހިދުމަތަކީ ބޯހިޔާވަހިކަން ހޯދައިދިނުން. އެގޮތުން ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކުން، މިހާރު އިމާރާތް ކުރަމުން މިގެންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަށް ވެސް ހެލްތު އިންޝުއަރެންސް ދެވޭނެ އިންތިޒާމެއް ގާއިމްކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެއީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކަސްޓަމްސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް ހިމެނިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ކުރެވޭނެ މަގެއް ސަރުކާރުން ހޯދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކަސްޓަމްސްއަކީ ރާއްޖޭގެ ބޯޑަރުތަކުގެ ފާރަވެރިޔާ ކަމަށާއި ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކޮންމެ އެއްޗެއްގެ ގާނޫނީ ސައްހަކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރަނީ ކަސްޓަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ކަސްޓަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ވިއުގަތައް ފުޅާވެފައި އޮތީ ކަންބޮޑުވާހާ ބޮޑު މިންވަރަކަށް ކަމަށާއި ރާއްޖޭގައި އޭގެ ވިޔަފާރި އާއި ބޭނުންކުރާ މިންވަރުވެސް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ އެކަށޭނަ އާލާތްތަކާއި ވަސީލަތްތައް ލިބުމުގައިވެސް އެތައް ދަތިތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކަސްޓަމްސްގެ ސަރަޙައްދީ އޮފީސްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެކަމުގެ ރަނގަޅު ނަތީޖާ ވެސް ފެންނަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރުން މިހާތަނަށް ކަސްޓަމުން 182 ކިލޯ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި އެއީ އޭގެ ކުރީގެ ފަސް އަހަރާ އަޅައި ބަލާއިރު، 32 ޕަސަންޓުގެ އިތުރު އަދަދެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު