ކ. ދިއްފުށީގައި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް 14 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ހެކި ލިބިފައި އެބަހުރި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހަކަށް ހަމަލާދީ މާރާމާރީ ހިންގަން މަސައްކަތްކުރާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 6:30 ހާއިރު ލިބުނު މައުލޫމާތާ ގުޅިގެން އެރަށަށް ފުލުހުން ގޮސް, އެއްވެ ތިބި މީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
ދިއްފުށި ސިއްހީ މަރުކަޒު ކައިރިއަށް އެއްވެ ތިބި މީހުން ކޮންޓްރޯލު ކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް, އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ފުލުހުންނަށް ތަކުރާރުކޮށް ހަމަލާދީފައިވާ ކަމަށެވެ. އަދި ފުލުހުންގެ ސަފު ރޫޅާލައި, ސިއްހީ މަރުކަޒު ތެރެއަށް ވަދެގަނެ, އެތަނުގެ ތަކެއްޗަށް ގެއްލުންދީ, ސިއްހީ މަރުކަޒުން ކަރަންޓު ކަނޑާލައި, ތުހުމަތުކުރެވޭ މީހާއަށް ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނީ އެ ހަމަނުޖެހުން ކޮންޓްރޯލުކޮށްފައި ވަނީ މާލެއިން ސްޕެޝަލް އޮޕަރޭޝަންސް ފުލުހުން ގޮސްގެން ކަމަށާއި އަނިޔާ ލިބުނު މީހާ އައިޖީއެމްއެޗަށް ގެންގޮސްދީފައިވާނެ ކަމަށެވެ. އެ ހަމަނުޖެހުމުގެ މައްސަލައިގައި 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ހެކި ލިބިފައިވެއެވެ..," ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އިތުރުން ތުހުމަތުކުރެވޭ މީހާއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި ދިއްފުށި ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ދިއްފުއްޓަށް އަނބިމީހާއާއެކު ގޮސް އުޅުނު ޝިހާމަށް އެ ރަށުގެ ބަޔަކު ހަމަލާދިނީ 14 އަހަރުގެ އަންހެން ކުއްޖަކަށް އޭނާ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ.
ޝިހާމު ބުނި ގޮތުގައި އޭނާއަށް އަނިޔާކުރި އިރު، އެތަނުގައި ފުލުހުންވެސް ތިއްބެވެ. ނަމަވެސް އެކަން ހުއްޓުވަން އެމީހުން މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ. އަދި ބުނީ ދިއްފުށި ސިއްހީ މަރުކަޒުން އޭނާއަށް ފަރުވާދޭން ދެކޮޅު ހެދި ކަމަށާއި އެ މަރުކަޒުން ފަރުވާ ދޭން ފެށީ ތިން ގަޑިއިރު ފަހުން ކަމަށެވެ.
ޝިހާމަށް އަނިޔާކުރި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި ގއ. ވިލިނގިލީގައި މިއަދު ވަނީ މުޒާހަރާވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު