ރިޕޯޓް

ކާފަ ގަނެދިން ފޮތްތަކުން އުފެދުނު ޝައުގުވެރިކަމާއެކު އިއްޔާ ކްރާފްޓިންގެ އެންމެ އުހަށް!

އަލީ ޔާމިން

"ވަރަށް ކުޑައިރު އުމުރުން 6 އަހަރުގައި ކާފަ އާޓް އެންޑް ކްރާފްޓް ފޮތްތައް ގަނެދޭނެ. އެ ފޮތްތައް ކިޔައިގެން އެއިރުއްސުރެ ކްރާފްޓިންއަށް ވަރަށް އިންޓަރެސްޓް ހުރޭ. ދެން ކާފަ ފަރާތު ބޮޑުދައިތައެއް އުޅޭނެ ކްރާފްޓިން ކަންކަމުގަ އުޅޭ. އެކަމުން ބޮޑަށް އިންސްޕެއާމިވީ މިކަން ކުރަން" އާޓް އެންޑް ކްރާފްޓިންގައި ކުރިއަރަމުން އަންނަ ޒުވާން އާޓިސްޓެއް ކަމަށްވާ އުލްޔާ މުސްތާޤު (އިއްޔާ)، 24އ، އޭނާގެ ވާހަކަ ފެށީ މިހާ ހިސާބުންނެވެ.

އިންސްޓަގްރާމާއި ފޭސްބުކްގައި"iyya.mv" ނަމުގައި ހިންގާ ޕޭޖުން ފެނިގެންދަނީ، އިއްޔާގެ ކުޅަދާނަކަމެވެ. ތަފާތު ވައްތަރުގެ ބޮއްޔާއި ކަތަ ބޭނުންކޮށްގެން ހަދާފައި ހުރި ތަފާތު، ތާޖުތަކެވެ. އަތުގައި އަޅާ އެއްޗެއްސާއި ފަށެވެ. އެންމެ ބޮޑަށް ލޮލުގަައި އަޅައިގަންނަނީ އެކި ވައްތަރުގެ ބޮލި ބޭނުންކޮށްގެން ތަފާތު ޑިޒައިންތަކަށް ފަރުމާކޮށް ހަދާފައިވާ ނަލަ ތާޖުތަކެވެ.

15 އަހަރުގައި ކްރާފްޓިން ވިޔަފާރިއަށް!

ކާފަ ގަނެދިން ފޮތްތަކުން ފެށިގެން އިންޓަނެޓްގެ އެކި ވަސީލަތްތަކުން ލިބުނު މައުލޫމާތުގެ އަލީގައި ވިޔަފާރީގެ ބޭނުމަށް ފުރަތަމަ ތާޖެއް، އިއްޔާ ތައްޔާރުކުރީ 2014 ވަނަ އަހަރުއެވެ. ކުޑަކުއްޖެއްގެ އޯޑަރަކަށް އިއްޔާ މީގެ ނުވަ އަހަރު ކުރިން ތައްޔާރުކުރި އެ ތާޖަކީ، އޭނާގެ ވިޔަފާރީގެ ފެށުމެވެ. އޭގެ ފަހުން ތަފާތު އެކި ޑިޒައިންތަކުގެ ތާޖު އިއްޔާ ތައްޔާރުކުރިއެވެ. ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން އިއްޔާގެ ތާޖުތަކަށް ލިބުނެވެ. އޯޑަރުތައް ގިނަވާން ފަށައި، އިއްޔާ "ބިޒީ" ވިއެވެ.

އިއްޔާ ބުނި ގޮތުގައި އާޓް އެންޑް ކްރާފްޓިންއަށް ބޭނުންވާ ތަކެތި ހޯދުމަށް އޭނާ ފުރަތަމަ ފައިސާ ހޯދީ ސާނަވީ ދައުރު ނިންމުމަށް ފަހު ޓިއުޝަން ނަގައިދީގެން ލިބުނު ފައިސާއިންނެވެ.

މުޅިންވެސް އަމިއްލަ ޑިޒައިންތައް!

"މުޅިންވެސް ހުންނާނީ އަމިއްލަ ޑިޒައިންތައް. މިސާލަކަށް އިންޓަނެޓުން ކަސްޓަމަރަކު އައިސްދާނެ ފޮޓޯއެއް ނަގައިގެން، އެއިން ގޮތަށް ހަދަން. އެކަމު އިއްޔާ ބުނަން، އެގޮތަށް ނުވާނެއޭ، އެހެންނަމަވެސް ވައްތަރު ގޮތަކަށް ހެދިދާނެއޭ. ސޭމް ކޮޕީ ހަދާނުދޭނެ. ހަމަ މުޅިންވެސް ހުންނާނީ ޔުނީކް ޑިޒައިންތައް" އިއްޔާ ހަދާ ތާޖުތައް ހާއްސަވާ މައިގަނޑު ސަބަބު ކިޔައިދެމުން އޭނާ ބުންޏެވެ.

އިއްޔާ ބުނި ގޮތުގައި، ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ތާޖު ކަސްޓަމް ކުރެވޭނެއެވެ. އަދި ކަސްޓަމަރާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި ކަސްޓަމާ "ސެޓިސްފެކްޝަން" އަކީ ކާމިޔާބީގެ ތަޅުދަނޑިކަމަށް އޭނާ ބުންޏެވެ.

"ކަސްޓަމަރުން ބޭނުންވާ ގޮތަކަށް އެ އެއްޗެއް ތައްޔާރުކުރަން އަބަދުވެސް ބަލަން. އެއީ ކަސްޓަމާ ސެޓިސްފެކްޝަނަކީ ވިޔަފާރިއެއް ކުރިއެރުމުގެ މުހިންމު އެއް ކީ" އިއްޔާ ބުންޏެވެ.

ތަކެތި ހޯދަން ދަތި، ބޮލި ނުލިބޭ!

އިއްޔާ ބުނި ގޮތުގައި އޭނާ ތާޖު ހަދަނީ ބޮއްޔާއި ކަތަ އެކި ރަށްރަށުން ގަނެގެންނެވެ. ބައެއް ފަހަރު ރަށްޓެހިން މެދުވެރިކޮށް އެތަކެތި ގަންނައިރު، ބައެއް ރަށްރަށުގައި ހުންނަ ސައިޓުތަކުންވެސް އެތަކެތި ވިއްކަން ހުރެއެވެ. އާއްމުކޮށް ތަކެތި ގަންނަން ލިބެނީ އަގުބޮޑުކޮށެވެ.

"ތާޖެއް ހަދައި ނިންމާއިރު ދެބައިކުޅަ އެއްބައި އެބަދޭ ކޮސްޓަށް. ވަރަށް ކުޑަ ޕްރޮފިޓެއް މި އިޮންނަނީ ކުރާ މަސައްކަތާ ބަލާއިރު" އިއްޔާ ބުންޏެވެ.

އިއްޔާ ބުނި ގޮތުގައި ތާޖު ހަދަން ބޭނުންވާ ބޮއްޔާއި ކަތަ މިހާރު ވަރަށް ނުލިބެއެވެ. އެއީ، ވިޔަފާރީގެ ކުރިމަގަށް އޮތް ގޮންޖެހުމެކެވެ. ބައެއް ފަހަރު ސްޓޮކް ހުސްވެގެން ދުވަސްކޮޅަކަށް ތާޖު ހެދުން މެދުކަނޑައިލަންވެސް ޖެހެއެވެ.

ކަވި އަދި ބުރަ މަސައްކަތެއް!

އިއްޔަ ބުނި ގޮތުގައި، ކަތައާއި ބޮލި ބޭނުންކޮށްގެން ތާޖު ހެދުމަކީ ވަރަށް ކަވި އަދި އެކަމަށް ވަގުތު ނަގާ މަސައްކަތެކެވެ. އެންމެ އާދައިގެ ތާޖެއް ހެދުމަށްވެސް ހަތަރު ގަޑިއިރު ނަގާއިރު، އާދައިގެ ތާޖެއް ވިއްކަނީ 300 ރުފިޔާއަށެވެ. އެންމެ އަގުބޮޑުކޮށް އިއްޔާ ވިއްކާފައިވަނީ ވެޑިންއަކަށް ތައްޔާރުކުރި ކްރައުނެކެވެ. ހުދުކުލައިގެ އެކިއެކި ބޮލިން ޖަޒީކޮށްފައިވާ އެ ތާޖު 1،500ރ އަށް ވިއްކާލިއިރު އެ ތާޖު ހެދުމަށް މުޅި ދުވަސް ހޭދަވިއެވެ.

"މިއީ ވަރަށް ކެތްތެރިވެގެން ނޫނީ ނުވާނެ ކަމެއް. ވަރަށް ކަވި މަސައްކަތެއްމިއީ. އެއް ބޮލި އަނެއް ބޮއްޔާއި ގުޅުވައި، ތާޖެއްގެ ބައްޓަންގެނެސް އޮމާންކޮށް، ކުލައި ޖަހައި މި ކަންކަމަކީ ވަގުތު ނަގާ ކަންކަން" އިއްޔާ ބުންޏެވެ.

އަމާޒަކީ އައުޓްލެޓެއް ހުޅުވުން!

އާޓް އެންޑް ކްރާފްޓިން މަސައްކަތުގައި އިއްޔާގެ އަމާޒަކީ އަމިއްލަ އައުޓްލެޓެއް ހުޅުވައި ވިޔަފާރި ފުޅާކުރުމެވެ. އެކަމުގެ އަމާޒުގައި މަސައްކަތްކުރަމުން އަންނައިރު ފަސޭހައިން ތަކެތި ގަންނަން ލިބޭނެ ވެބްސައިޓެއް ތައްޔާރުކުރުމުގެ މަސަައްކަތް ވެސް އިއްޔާ މިހާރު ވަނީ ފަށައިފައެވެ.

ވަޒީފާއަށް ދަމުން، ޑިގްރީއަށް ކިޔަވަމުން އާއިލާއަށް ދޭން ޖެހޭ ވަގުތު ދިނުމަށް ފަހު ތާޖާއި އެނޫންވެސް ތަކެތި ހެދުމުގައި އިއްޔާ އުޅޭއިރު އޭނާގެ އެންމެ ބޮޑު ސަޕޯޓަރަކީ ފިރިމީހާ ހަމޫދް އެވެ. އިއްޔާ ސިފަކުރި ގޮތުގައި އޭނާގެ މަސައްކަތުގައި ފިރިމީހާއަކީ މުހިންމު ބައިވެރިއެކެވެ. އިއްޔާ މިހާރު ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ އާޓް އެންޑް ކްރާފްޓިންގައި އޭނާގެ ވިޔަފާރި "ބްރޭންޑް" އަކަށް ހެދުމެވެ.