ބޮޑީބިލްޑިންގ

އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގައި ރާއްޖޭގެ އަޒްނީން ރަން މެޑަލް ހޯދައިފި

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތުން ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ އަޒްނީން ރަން މެޑަލް ހޯދީ މިރޭ ކުރިއަށްދިޔަ ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީންނެވެ. ފައިނަލުގައި އަޒްނީންއާ ވާދަކުރީ އިންޑިއާ އަދި ޕާކިސްތާންގެ އެތުލީޓުންނެވެ. މިއީ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގެ ތާރީހުގައި ރާއްޖެއިން ހޯދި ދެވަނަ ރަން މެޑަލެވެ. އެންމެ ފުރަތަމަ ރަން މެޑަލް ރާއްޖެ އިން ހޯދީ 2017 ވަނަ އަހަރުއެވެ.

ރާއްޖޭގެ މުހައްމަދު އިމްރާން ވެސް މިރޭ ވަނީ އޯވާ 180 ސީއެމް ކެޓަގަރީން ލޯ މެޑަލް ހޯދައިފައެވެ. އަދި ރާއްޖޭގެ އަލީ ސަލީމް ވެސް ވަނީ އަޕް ޓު 175 ސީއެމުން މެޑަލް ހޯދައިފައެވެ.

ފަންސާސް ހަތަރުވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާ އިރު، އެ މުބާރާތް އިންތިޒާމުކުރަނީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޔޫތު މިނިސްޓްރީ ގުޅިގެންނެވެ. މުބާރާތުގެ ފިރިހެން ކެޓަގަރީގެ އިވެންޓުތައް މާފުށީގައި ބާއްވާ އިރު، އަންހެން ކެޓަގަރީގެ އިވެންޓުތައް ހޯސްޓް ކުރާނީ ކްރޮސް ރޯޑްސްގައެވެ.

މުބާރާތް ކުރިއަށް ގެންދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ ބައިނަލްއަގުވާމީ އެންމެ ބޮޑު މުބާރާތެވެ.

ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މިފަހަރުގެ މުބާރާތުގައި 24 ގައުމަކުން 400 އަށްވުރެ ގިނަ އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވާނެއެވެ.