ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 19

"ސްޓޯވްބެރީ ބޭނުމީ" ރިންދާ ސުވާލުކުރުމުގެ ކުރިން ހައިބް ތުއްތު އަޑުން ބުނެލިއެވެ. ރިންދާއަށް ހެވުނެވެ. ބޭނުންވާ އެއްޗިއްސަށް އޯޑާރުދީފައި ރިންދާއަށް ހަމަޖެހިނުލެވެނީސް ޖެހިގެން ހުރި ގޮނޑީގައި މީހަކު އިށީނދެއްޖެއެވެ. ބަލައިލުމާއެކު ރިންދާއަށް ލިބުނީ ހައިރާން ކަމެކެވެ. ދެފަރާތް ހޯދާލެވުނީ ނަހީކާއެކު ވިލިނީވެސް ހުންނާނެ ކަމަށެވެ.

"ކިހިނެއްތަ؟" ނަހީކް އެހިއެވެ.

"ރަނގަޅު. މަރުހަބާ. އުފާވެރި ކައިވެންޏަކަށް އެދެން" ރިންދާ ބުންޏެވެ. ނަހީކް ހިތްހަމަނުޖެހުނެވެ. އެންމެ ފުރަތަމަވެސް ކައިވެނީގެ ވާހަކަ ރިންދާ ދެއްކީތީއެވެ. އެ ކައިވެނި އެންމެ ސިއްރުކުރަން ބޭނުންވީވެސް ރިންދާއަށެވެ. އެހެންނަމަވެސް ޝާހްބާޒަށް އެނގުނު އެއްޗެއް ރިންދާއަށް ނޭނގި ނުހުންނާނެކަން ނަހީކަށް އެނގެއެވެ.

"މިއީ ކޮންކުއްޖެއް؟" ކައިރީގައި އިން ހައިބްގެ ކޮލުގައި ކޮށްޓާލަމުން ނަހީކް އެހިއެވެ.

"ހަމަ ނޭނގިގެންތަ ތިއަހަނީ" ރިންދާ ބުންޏެވެ.

"މިއީ ހައިބް" ނަހީކްގެ ސުވާލަށް ޖަވާބުދިނީ ކުޑަކުޑަ ހައިބްއެވެ.

ނަހީކާ ދައްކަން ބޭނުންވާ ވާހަކަތައް ހައިބްއަށް އިއްވައިގެން ނުދެއްކޭނެތީ ރިންދާ ހިމޭންވިއެވެ.

"އަހަރެން ވާހަކަދައްކާލަން ބޭނުން" ނަހީކް ބުންޏެވެ.

"އަހަރެންވެސް. ވަރަށް ބައިވަރު ވާހަކަދައްކަން ބޭނުން" ރިންދާ ބުންޏެވެ. އެހިނދު ނަހީކްގެ ދެލޯ ވިދައިގަތެވެ. ރިންދާ ހާސިލްކުރުމުގެ އުންމީދު ހިތުގައި އާވެގަތެވެ.

"އެކަމަކު މިހާރަކު ނޫން. ހައިބްއަށް އައިސްކްރީމް ދީގެން ޕާކަށް ވަދެލާފަ އިރުއޮއްސެންވާއިރަށް ގެއަށް ވަންނަން ބޭނުން" ރިންދާ ބުންޏެވެ.

"އެންމެރަނގަޅު. ރިދާ ބުނެބަލަ ބައްދަލުކުރަން ހަދާނެގޮތެއް" ނަހީކް ބުންޏެވެ. އެހިސާބުން އޯޑަރުކުރި އައިސްކްރީމް އައުމުން ރިންދާ އަވަސްވީ ހައިބްއަށް އެހީވުމަށެވެ.

"އޮފީސް ނޫން ގަޑިތަކުގައި އަހަރެން ބޭރަށް ނުކުމެ އުޅޭހިތެއްނުވޭ. އާދިއްތަ ދުވަހު އޮފީސް ގަޑީގަ ރަނގަޅުވާނެތަ؟" ރިންދާ ބުންޏެވެ.

އޮފީސް ނޫން ގަޑިތަކުގައި ރިންދާގެ ވަގުތުތައް ހުސްކޮށްފައި ވަނީ ހަމައެކަނި އަޔާލްއަށެވެ. ނަހީކަށް އުނދަގޫ ވަގުތެކެވެ. ބޯޑު މެންބަރުންގެ ބައްދަލުވުން ހަމަޖެހިފައި އޮތީވެސް އެވަގުތަށެވެ. އެހެންނަމަވެސް ރިންދާ އާ ބައްދަލުކުރުން އެހެން ހުރިހާ ކަމަކަށްވުރެ ނަހީކަށް މުހިންމެވެ. އެހެންކަމުން އެވަގުތު އެންމެ ރަނގަޅު ކަމުގައި ބުންޏެވެ.

"އޮފީސް ކައިރީގައި ހުންނަ ކެފޭއަށް" ރިންދާ ބުންޏެވެ.

"ފެމެލީއެއްނު. ހިނގާ ސެލްފީއެއް ނަގަން" ނަހީކް ބުންޏެވެ. ދެން ހައިބް އުރާލާފައި ނަހީކް އިށީނީ ހައިބް އިން ގޮނޑީގައެވެ. ހައިބް ބޭންދީ ނަހީކްގެ އުނގުގައެވެ. ހައިބްގެ ކޯތާފަތުގައި ލޯބިކޮށްލުމަށްފަހު ރިންދާއާ ނަހީކް ގާތްވެލިއެވެ. ނަގަން އުޅެނީ ހަމައެކަނި ފޮޓޯއެއް ކަމުގައި ވީތީ ރިންދާ ނަހީކަށް އެ ފުރުސަތު ދިނެވެ.

ހައިބް ގޮވައިގެން ރިންދާ ޕާކަށް ދިޔައިރުވެސް ނަހީކް ފަހަތުން ދިޔައެވެ. ސައިކަލު ޕާކުކޮށްފައި ފައިމަގުގައި ހިނގާފައި އުޅުން ބުރަކަމުގައި ވިޔަސް ނަހީކަށް މައްސަލައެއް ކަމުގައި ނުވިއެވެ. ބައެއްފަހަރު ހައިބް ނަގާ ކޮނޑަށް ލައިގެންވެސް އުޅެއެވެ. ރިންދާ އާ ގާތްވާން ނަހީކް ކުރި މަސައްކަތުގައި ގާތްވެވުނީ އެއްބަފާ ކޮއްކޮ ހައިބްއާއެވެ.

"ތިއީ ހައިބްގެ ދޮންބެތަ؟" ޕާކުގައި ކުޅެން އުޅުނު ހައިބް އެހިއެވެ. ރިންދާ އާއި ނަހީކް އެކަކު އަނެކަކަށް ބަލައިލިއެވެ. ނަހީކްގެ ސިކުނޑީގައި ނަހާގެ ސޫރަ ރޯލްވާން ފެށުމާއެކު މޫނުމަތިން ރުޅިވެރިކަން ފާޅުވާން އުޅުނެވެ. ހައިބް ގައިން ދޫކޮށްލާފައި ދުރަށްޖެހެން އުޅުނެވެ.

"އާނ. މިއީ ހައިބްގެ ދޮންބެ" ރިންދާ ބުންޏެވެ. ނަހީކް ހިނިތުންވެލީ ހަމައެކަނި ރިންދާއަށެވެ.

"ދޮންތަގެވެސް ދޮންބެތަ؟" ހައިބް އެހިއެވެ. ރިންދާ ހިނިއައެވެ. ދެން ދެފަރާތަށް ބޯހޫރާލާފައި ނޫނެކޭ ބުނެލިއެވެ.

"ދޮންތަގެ ފްރެންޑަކީ ޔާލްބެ އެކަނި ދޯ" ހައިބް ބުންޏެވެ. ނަހީކް ރިންދާގެ މޫނަށް ބަލައިލީ ހައިރާންކަން އެކުލެވިގެންވި ނަޒަރަކުންނެވެ.

"ޔާލް އެއީ ކާކު؟" ނަހީކް އެހިއެވެ.

"ކިހިނެއްވީ؟ އެއީ އަހަރެންގެ ރައްޓެއްސެއް" ރިންދާ ބުންޏެވެ.

*************

ހެނދުނު އޮފީހަށް ވަންގޮތަށް ނަހީކް މިސްރާބުޖެހީ އޮފީހުގެ އެންމެ ތިރީގައި ހުންނަ ކެފޭއަށެވެ. ކޮފީއެއް ބޮއެނުލައި ނަހީކްގެ ދުވަސް އެހާ ރަނގަޅު ނުވާނެތީއެވެ. ވިލިނީގެ ސޫރަ ފެނިދާނެތީ ގޭތެރެއިން ކޮފީއެއް ބޯން ނަހީކް ބޭނުންނުވިއެވެ.

"ކަލޭ... ކަލޭ އަދިވެސް މި އޮފީހުން ނުކުންނަން ނުވޭތަ؟" ކުއްލިއަކަށް ކުރިމައްޗަށް އެރި ރޫބިޔާ ފެނުމާއެކު ނަހީކްގެ ދުވަސް ހަރާބުވިއެވެ.

"މިތަނުގައި އަހަރެން ހުންނާކަށް ބޭނުމެއް ނޫން. އަހަރެން މިއައީ ދިޔުމުގެ ކުރިން ކަލެ އާ ވާހަކައެއް ދައްކަން" ރޫބިޔާ ބުންޏެވެ. ނަހީކް ކެބިންއަށް ވަނެވެ. ފަހަތުން ދިޔަ ރޫބިޔާ ހުއްޓުނީ ނަހީކާ ކުޑަތަންކޮޅެއް ދުރުގައެވެ.

"އަހަރެންގެ ދަރި ގާޒީ ކަލެ އާ ހަވާލެއްނުކުރޭތަ؟ ކޮބާ އެކުއްޖާ؟ އެއްވެސް ހަބަރެއްނުވޭ" ރޫބިޔާ އެހިއެވެ.

ނަހީކް ޖަހާލީ ހިނިގަނޑެކެވެ. އެ ހުނުންގަނޑު މަތަކުރަން އިރުގަނޑެއް ނެގިއެވެ. ހިތްހަމަނުޖެހިފައި ރޫބީޔާ ހުރީ ނަހީކަށް ބަލަހައްޓައިގެންނެވެ.

"އަދި މަރެއްނުވޭ. އެކަމަކު..." ނަހީކް ބުންޏެވެ.

"ކަލޭ މޮޔަވީތަ؟ އެކުއްޖާއަށް އެއްވެސް ކަމެއް ނުކުރާތި" އިންޒާރެއް ދޭފަދައިން ރޫބިޔާ ބުންޏެވެ.

"އޭނަ ސަލާމަތުން ބަހައްޓަން ބޭނުވިއްޔާ ކަލޭ އަހަރެންގެ ކުރިމައްޗަށް ނާރާތި" ނަހީކް ބުންޏެވެ.

"ކަލޭ ތިއުޅެނީ މަށަށް ބިރުދައްކަންތަ؟ ތިބުނަނީ ކަލޭ އޭނަ މަރާލާނަމޭތަ؟؟ ބަލަ ހަނދާންނެތުނީތަ ކަލޭގެ ކަޅު ބޮޑު ސިއްރު އަހަރެންނަށް އެނގޭކަން. އެ ނުބައި ޖަރީމާ ހިންގި ނުލާފާ މީހާއަށް އެހީތެރިވީ ކަލޭ. އެހުރިހާކަމެއް ކަލެއަށް އެނގޭ. ކަލޭ ފުލުހުންނަށްވެސް އޮޅުވާލީ. އެވަރުގެ ކަމެއް ކުރިއިރު ކަލޭ ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ؟ އަހަރެންނަށް ކަލޭމެން ދެމީހުން ދެއްކި ވާހަކަތައް އަޑުއިވުނު. ރެކޯޑުވެސް ކުރިން. މަގޭ ދަރީގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް ކަލޭ ދާންޖެހޭނީ ޖަލުގެ ތޭރިތަކާ ދިމާލަށްކަން ހަނދާންކުރާތި" ރޫބިޔާ ބުންޏެވެ.

"ކަލޭ ދައްކާ އެއްވެއް ހެއްކެއް އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭނެ. އެހެންނޫނަސް މިހާރު ބާޒީ މިވަނީ އަހަރެންގެ ކޮޅަށް އެނބުރިފަ. ކަލެއަށް އެންމެ ރަނގަޅުވާނީ އަހަރެންގެ ދިރިއުޅުމާ ދުރުގަހުރުން. އަހަރެން މިހުރީ ކަލޭ ބުނިގޮތް ހަދައިގެން. ކަލޭވެސް އަހަރެން ބުނިގޮތް ހަދައިގެން ދުރުގަ ހުރުން ތިން މީހުންނަށްވެސް އެންމެ ފައިދާ ބޮޑީ. ދެން މިތަނުން ދިޔަސް އެންމެ ރަނގަޅު" ނަހީކް ބުންޏެވެ.

އިތުރަށް ދެއްކޭނެ ވާހަކައެއް ނެތުމުން ރޫބިޔާ އެތަނުން ނުކުތެވެ. މަޑުމަޑުން ދޮރާ ދިމާލަށް ހިނގާފައި ދިޔައިރު ވިލިނީ އާ މެދު ރޫބިޔާއަށް ވިސްނެމުން ދިޔައެވެ. ނަހީކް ކަހަލަ ނުލަފާ މީހެއްގެ އަތްދަށަށް ވިލިނީ ދޫކޮށްލެވުނީތީ ރޫބިޔާ އަމިއްލަ ނަފްސުދެކެ ހިތްހަމަނުޖެހިގެން އަޑުލިއެވެ. ނަހީކް އެދުނު ފަދައިން ކަންތައްތައް ކުރަން ރޫބިޔާއަށް މަޖުބޫރުވެއްޖެއެވެ.

***********

ލޯންޑްރީ ބައިން ދޮވެފައި ހުރި އެއްޗެހިތައް ހިފައިގެން މައްޗަށް އަރަންދިޔަ ބެގަރީ ބަލައިލީ ބަދިގޭގައި މީހަކު ހަރަކާތްތެރިވާހެން ހީވެގެންނެވެ. ނަހީކް ގޭގައި އުޅުނަސް ބަދިގެއަށް ނުވަންނާނޭކަން ބެގަރީއަށް އެނގެއެވެ. ތުންފަތަށް ހިނިތުންވުމެއްވެރިވީ އެއީ ވިލިނީކަން އެނގިފައެވެ. ކޮޓަރިތަކަށް އެއްޗެހިތައް ލާފައި ބެގަރީ ތިރިއަށް ފޭބިއިރު ކޮފީތައްޓެއް ހިފައިގެން ވިލިނީ މޭޒު ކައިރީގައި އިނެވެ. ބެގަރީ އައިސް އިށީނީ ވިލިނީ އިން ދިމާލުން ކުރިމަތީގައެވެ. މީހަކާ ފޯނުން ވާހަކަދައްކަން އިނުމުން ބެގަރީ ހިމޭނުން އަޑުއަހަން އިނެވެ.

"މަންމަ އެގުޅަނީ. އަހަރެންގެ ހަބަރެއްނުވާތީ" ފޯނު ބާއްވާފައި ވިލިނީ ބުންޏެވެ.

"ކޮންވާހަކައެއް ދައްކަން އުޅުނީ" ބެގަރީ އެހިއެވެ.

"އަހަރެން މިވާހަކަ މިދައްކަނީ ބެގަރީއަށް ރަނގަޅަކަށް. އަހަރެންނަށް ބެގަރީ އޯގާތެރިވެ ރަހުމު އެދޭހެން އަހަރެންވެސް ބެގަރީއަށް ރަހުމުއެދެން. މުޅި އުމުރު ހޭދަތިކުރަނީ އިބިލީހެއްފަދަ ނުބައި ނުލަފާ ފިރިހެނެއްގެ އަޅަކަށްވެގެން. އަހަރެންނަށް އެނގޭ ބެގަރީގެވެސް އާއިލާއެއް އޮންނާނެކަން. އެމީހުން ކައިރިއަށް ބެގަރީ ދާހިއްވާނެކަން. އެމީހުން ދެކޭހިއްވާނެކަން. ބުނަން މިއުޅެނީ ނޭނގި ނަމަވެސް ނަހީކް ކުރާ ނުބައި ކަންތަކުގައި ބެގަރީއަށް ތިބައިވެރިވެވެނީއޭ. މާދަމާ ކަމެއްގަ ނަހީކް ބެދުނަސް އެކުއެކީގައި ބެގަރީވެސް ޖަލަށްދާން ޖެހިދާނެ. އުމުރުން ދުވަސްވެ އެހެން މީހުންގެ އެހީތެރިކަމާއެކު ދިރިއުޅެންޖެހޭ ދުވަހު ބެގަރީ ޖަލުގައި އޮތީމަ އެވީ ކޯޗަކަށް" ވިލިނީ ވާހަކަދެއްކިއެވެ. ވިލިނީގެ ބޭނުމަކީ ބެގަރީ ބިރު ގެންނެވުމެއް ނޫނެވެ. އެހެންނަމަވެސް ބެގަރީ ބިރުން ގައިގައި ރޫރުއަޅައިގަތެވެ.

"އަހަރެން.... އަހަރެން"

"ބެގަރީ... ބިރުނުގަނޭ. އަދި އެއްވެސްކަމެއް ގޯހެއްނުވޭ" ފުންނޭވައެއް ދޫކޮށްލަމުން ވިލިނީ ބުންޏެވެ. ބެގަރީ ޖެހިލުންވެފައި އިންހެން ހީވުމުން ވިލިނީ ދެރަވެއްޖެއެވެ.

"އަހަރެން ސުވާލެއްކޮށްލަންތަ؟" ވިލިނީ އެހިއެވެ. ބެގަރީ ބޯޖަހާލިއެވެ.

"ބެގަރީއަށް ހީވޭތަ ނަހީކް ރަނގަޅުހެން. ނޫނީ ހިއެއްނުވޭތަ ވަރަށް ބޮޑެތި ކަންތައްތަކެއް އޭނާ ސިއްރުކުރާހެން" ވިލިނީ އެހިއެވެ.

އިރުގަނޑަކު ހިމޭނުން އިނދެފައި ބެގަރީ ދެފަރާތަށް ބޯހޫރާލިގޮތުން ނަހީކާ ގުޅުވައިގެން އެއްޗެއް ބުނަން ބޭނުންނުވެފައި އިންކަން ވިލިނީއަށް އެނގުނެވެ.

"އަހަރެންނަށް މިހާރުވެސް ނަހީކާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅެން އެބައޮތް. އަހަރެންނަށް އޭނަ އަނިޔާކުރާކަން އަހަރެން ނުބުންޏަސް މިހާރު ބެގަރީއަށް އެނގޭނެ. އޭނަގެ ސިކުނޑީގައި އުނިކަމެއް ހުރީ. ނޫނީ ނުލަފައީ. ކޮންމެގޮތެއް ވިޔަސް މުޅި އުމުރު އޭނާ ހަދާނެގޮތެއް ހަދަންދެން މިގޭގައި ހުރުމުގެ ވިސްނުމެއް އަހަރެންގެ ނެތް. އަހަރެން މަޑުމިކުރަނީ އޭނަ މޮޔަވަނީ ކޮންކަމަކާތޯ ބަލަންވެގެން. އަހަރެންނަށް އެނގެނީ މިގޭ ހަތަރުފާރުން އެތެރޭގަ އަހަރެންނަށްވެސް އަދި ބެގަރީއަށްވެސް ނޭނގޭ އޭނައަށް ހަމައެކަނި އެނގޭ ބޮޑު ސިއްރުގަނޑެއް ވާކަން. އެކަން އެނގޭނެ ތިރީގަ މިހުރި އޭނަގެ ސިއްރުކޮޓަރިއަށް ވަދެލީމަ" ވިލިނީ ވާހަކަދެއްކިއެވެ. ވިލިނީ ދައްކަމުންދިޔަ ވާހަކަތަކުން ބެގަރީ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަހީކަށް ފިލާވަޅެއް ނަގައިދޭނީ މި އަންހެންކުއްޖާ ހެއްޔެވެ؟ ބެގަރީ ހިތަށް އެރިއެވެ.

"ބެގަރީ އަހަރެންނަށް އެކޮޓަރި ހުޅުވައިދޭންވީނުން" ވިލިނީ ބުންޏެވެ.

**************

ކެފޭއަށް ރިންދާ ވަދެފައި ދެކޮޅު ހޯދައި ބަލައިލިއެވެ. ވަގުތުގެ ގޮތުން މީހުން މަދުނަމަވެސް ބައެއް މީހުންގެ ލޮލުގައި ރިންދާ އަޅައިގަތެވެ. ކެފޭ ތެރެއިން އަންހެންކުއްޖަކު ނުފެނުމުން ރިންދާ ކަންބޮޑުވެސްވިއެވެ. ނަހީކް އަންނަންދެން ބޭރުގައި މަޑުކުރުމަށް ނިންމައިގެން ނުކުންނަން އެނބުރުނު ވަގުތު މީހެއްގެ ގައިގައި ލައިގަތެވެ. ތަންވަޅު ބަލާފައި ރިންދާގެ ދެކޮނޑުގައި ނަހީކް ހިފެހެއްޓިއެވެ.

"ހާދަ އަވަހަކަށް ދާން ތި ނުކުންނަނީ" ނަހީކް ބުންޏެވެ. ރިންދާ އަވަސް އަވަހަށް ނަހީކާ ދުރަށްޖެހުނެވެ.

"ހިނގާ އެތެރެއަށް. އަހަރެން މޭޒެއްވެސް ރިޒާވްކުރިން" ނަހީކް ބުންޏެވެ.

ރިންދާ އެތެރެއަށް ވަދެގެން ދިޔައީ ނަހީކްގެ ފަހަތުންނެވެ. ކައިރި ހިސާބެއްގައިވެސް މީހަކު ނެތް ދިމާލުގައި ހުރި މޭޒު ކައިރީގައި ހުއްޓުމަށްފަހު ނަހީކް ރިންދާއަށް ގޮނޑި ނެރެދިނެވެ. އިށީންނަންވީ ކަމުގައި ނަހީކް ބުނީ އަތުން އިޝާރާތެއް ކޮށްލަމުންނެވެ.

"ކޯޗެއް ކާނީ. އަހަރެން ވަރަށް ބަނޑުހައި" ނަހީކް ބުންޏެވެ.

"އަހަރެން ނުކާނަން. ކޮފީއެއް ބޯނީ" ރިންދާ ބުންޏެވެ. "އެއްޗެއް ހީނުކުރާތި އަނެއްކާ. އަހަރެން ގިނަފަހަރަށް ހުންނަނީ ދުވާލަކު އެއްފަހަރު ކައިގެން. ބާކީ ހުރިހާ ވަގުތެއްގަ ކޮފީއެއް ބޯލީމަ އަހަރެންނަށް ފުދޭ"

ނަހީކް ޖަހާލީ ހިނިގަނޑެކެވެ. ދެން އެއްޗެއް ނުބުނެ އިނދެފައި ވެއިޓަރަކު އައުމުން ދެ ކޮފީއަށް އޯޑަރުދިނެވެ.

"ވަރަށް ކުޑައިރުގެ ހަނދާނެއް އާވެއްޖެ. އެއިރުވެސް ރިދާ ނުކާނެ. ބުށްތަށި ދޭންވެސްޖެހެނީ ގަދަކަމުން" ނަހީކް ބުންޏެވެ. ރިންދާ ހީލިއެވެ.

"ކޮންވާހަކައެއް ދައްކަން އުޅުނީ" ރިންދާ އެހިއެވެ.

"ވަކި ހާއްސަ ވާހަކައެއްނޫން. އަހަރެން ހަމަ ވާހަކަދައްކާލާހިއްވީ. ކުޑައިރުގެ ދެއެކުވެރިންނަށް އަހަރެމެންނަށް ނުވެވޭނެތަ؟" ނަހީކް އެހިއެވެ.

"ވެވިދާނެ. އެކަމަށްޓަކައި އެކަކު އަނެކަކުގެ އުފަލާއި ހިތާމައިގައި ބައިވެރިވާން ޖެހޭނެ. އަހަރެންނަކީ އެހާ ގާތް ރަހްމަތްތެރިއެއްނަމަ ނަހީކް މީހަކާ އިންއިރު ނުބުނީ ކީއްވެ؟ އެކަން އަހަރެންނަށް އެނގުނީ ގޭތެރޭގަ ބޭބެ ކިއީމަ" ރިންދާ ވާހަކަދެއްކިއެވެ.

ވިލިނީގެ ފަރާތުން ހުރިހާކަމެއް އެނގުނުކަން ގަސްދުގައި ރިންދާ ނުބުނީއެވެ. ވިލިނީއަކީ ރިންދާގެ އެންމެ ގާތް އެކުވެރިޔާކަން އަންގަން ބޭނުންނުވީއެވެ.

"ތެދަށް ބުނަންތަ؟ އެއީ އަހަރެން ބޭނުންވެގެން ކުރި ކައިވެންޏެއް ނޫން" ނަހީކް ބުންޏެވެ.

"އެނގޭ އަހަރެންނަށް" ރިންދާ ބުންޏެވެ. ނަހީކް ހައިރާންކަމާއެކު ރިންދާގެ މޫނަށް ބަލައިލިއެވެ.

"ކާކު ބުނީ. ކިހިނެއް ރިދާއަށް އެނގުނީ" ނަހީކް އެހިއެވެ.

"ބޭބެ ބުނީ ނަހީކް އެހާ އުފަލުން ހުރިހެނެއް ހިއެއްނުވެއޭ" ރިންދާ ބުންޏެވެ.

"ބޭބެ ބައްދަލުކުރިތަ؟ ނަހީކް ނޫޅޭންތަ ބޭބެ އާ އޮތް ގުޅުން ރަނގަޅުކުރާކަށް" ރިންދާ ބުންޏެވެ.

ރިންދާގެ ވާހަކަތައް ހުރިގޮތުން ނަހީކަށް އުނދަގުވިއެވެ. މޭޒުމަތީގައި ހުރި ފެންތަށީގައި ހިފުނީ ބާރަށްކަން އެނގުނީ ރިންދާގެ ނަޒަރު ތައްޓަށް ހުއްޓުނުތަން ފެނިފައެވެ.

"ކީއްވެތަ ބޭކާރު ވާހަކަތިދައްކަނީ؟ އަހަރެންނަށް ކިޔާދީބަލަ މިހުރިހާ ދުވަހު ރިދާ އުޅުނު ގޮތް" ނަހީކް ބުންޏެވެ.

"އަހަރެން ވަކި ކިހިނެއް އުޅުނީ. ރަށުގަ ހުރެފަ މާލެ އައީ ރަންނިގެ މަރާއެކު. ރަންނި އުޅުނީ ތި އޮފީހުގައޭ މަންމަ ބުނި. ނަހީކަށް ރަންނިގެ އެއްވެސް ކަމެއް އެނގޭތަ. އެނގެންޏާ އަހަރެންނަށް ކިޔައިދީބަލަ" ރިންދާ ބުންޏެވެ.

"އެއްވެސް ކަމެއް ނޭނގެ. އަހަރެންނަކީ އޮފީހުގެ މަތީ މަގާމެއްގަ ހުރި މީހަކަށްވީމަ މުވައްޒަފުންނާ ދިމާވެފަ ހުންނާނީ ވަރަށް މަދުން. ރަނީން ދޭތެރެއަކުން ފެނޭ. ވާހަކައެއް މާގިނައިން ނުދެކެވޭ. އެމަރާއެކު އަހަރެންނަށްވެސް ލިބުނީ ޝޮކެއް" ނަހީކް ވާހަކަދެއްކިއެވެ. ރަނީން އާ ގުޅުވައިގެން އިތުރަށް ދައްކާނެ ވާހަކައެއް ރިންދާއަށް ނޭނގުނެވެ.

"އަހަރެން ބުނަންތަ ވާހަކައެއް. ކައިވެނިކޮށްގެން އުޅެން ބޭނުންނުވަންޏާ އެކުއްޖާ ދޫކޮށްލާ. ތިދެމީހުންނަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް. އަތުންފައިން ގޯހެއް ނޫނީ ހެދިދާނެ. ނިކަން ވިސްނަބަލަ. ފިރިހެނެއްގެ އަނިޔާވެރިކަމުން އަންހެނެއްގެ ދެލޮލުން ވެއްޓޭ ކަރުނަތިއްކަކީ ﷲ ގެ ހަޟްރަތުން ގުނާ އެއްޗެއް. އެއަށް ފިރިހެނާ ޖަވާބުދާރީވާން ޖެހޭނެ" ރިންދާ ވާހަކަދެއްކިއެވެ. ދީނާ ގުޅުވައިގެން ރިންދާ ދައްކާ އެއްވެސް ވާހަކައަކުން ނަހީކަށް ކުޑަވެސް ބަދަލެއް ނާންނާނެކަން ރިންދާއަށް އެނގޭނެ ނަމައެވެ.

"ދޫކޮށްލަފާނަން ހަމަ މިހާރު މިވަގުތުވެސް. އެކަމަކު ޝަރުތެއްގެ މަތިން" ނަހީކް ބުންޏެވެ.

"ކޮން ޝަރުތެއް؟" ރިންދާ އެހިއެވެ.

"އަހަރެން އޭނަ ދޫކޮށްލީމަ ރިދާ އަހަރެންނާ އިންނަން އެއްބަސްވޭ. އަހަރެން އަބަދުވެސް ރިދާ ބޭނުން" ނަހީކް ބުންޏެވެ. ނަހީކްގެ ޖުމްލައާއެކު ރިންދާއަށް ހައިރާންކަން ލިބުނެވެ. ދެވަނަ ސިކުންތުގައި ރިންދާއަށް ހެވުނެވެ. ނަހީކް ސަމާސާއެއް ކުރަނީކަމަށް ހީކުރިއެވެ.

"ސޮރީ... އަހަރެން ހުރީ އެހެން މީހަކު ނަގާފަ" ހެމުން ހެމުން ރިންދާ ބުންޏެވެ. އެވަގުތު ނަހީކްގެ މޫނުމައްޗަށް އަރައި ފޭބި ކުލަވަރު ރިންދާއަށް ސިއްރުވިއެވެ.

**********

އަޔާލް އާއި ބަރަކް ކޮޓަރީގައި މަޝްވަރާގައި އެތައް އިރަކު ތިބުމަށްފަހު ބޭރަށް ނުކުތެވެ. އަޔާލް ބަދިގެ އާ ދިމާލަށް ދިޔުމުން ބަރަކް މިސްރާބުޖެހީ ރޫބިޔާގެ ކޮޓަރި އާ ދިމާލަށެވެ. އެހެންނަމަވެސް ކޮޓަރިން ރޫބިޔާ އާ ދިމާނުވުމުން ބަރަކް ގޭތެރެ ހޯދަން ނުކުތެވެ. ރޫބިޔާ ފެނުނީ ގެއާ ވަކިން ހުރި ފާހާނާ ކައިރީގައި ހުރި ދޮންނަ މެޝިން ކައިރީގައި ހުއްޓައެވެ. ބަރަކް އެދިމާލަށް ދިޔައެވެ.

"ކީއްކުރަނީ މަންމާ" ބަރަކް އެހިއެވެ. މެޝިނުގެ ހިއްކާ ބައިން ނެގި އަންނައުނުތައް އަތްމައްޗަށް އަޅަމުން ރޫބިޔާ ބަރަކްއަށް ބަލައިލިއެވެ.

"މީ ބެރުޖަހާފަ ނަށަނީނު. ކިހިނެއްވީތަ؟ ލަވަ ބަދަލުކޮށްލަންވީތަ؟" ރޫބިޔާ އެހިއެވެ. ބަރަކް ދެފަރާތަށް ބޯހޫރާލިއެވެ. ރޫބިޔާ ބަލައިލީ ބަރަކް އެއްޗެއް ނުބުނުމުންނެވެ.

"އާ އެހެންޏަ. ނުފެނޭތަ ބަރަކްއަށް" ރޫބިޔާ ބުންޏެވެ.

"އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން" ބަރަކް ބުންޏެވެ.

"ދޭ ކޮޓަރިއަށް. މިތާ ހުރެގެން އަހަރެންނަށް ވާހަކައެއް ނުދެއްކޭނެ. މީހާ ހީވަނީ ފިހިދާނެހެން ވިއްޔާ. ކިތައްދުވަހު އަހަރެން ބަރަކް ކައިރީގައި ބުނާނީ މުޅި ގެ އޭސީކޮށްދޭށޭ" ރޫބިޔާ ހަޅެއްލަވައިގަތެވެ.

އޭގެ ވިއްސަކަށް މިނެޓް ފަހެވެ. ބަރަކް ކައިރީގައި ރޫބިޔާ އިށީނެވެ. ފުރިޖު ކައިރީގައި ފެންބޯން ހުރި އަޔާލް އެތަނަށް ރޫބިޔާ އައުމާއެކު ފެންފުޅި ހިފައިގެން ނުކުތެވެ. ރޫބިޔާ ކައިރީގައި ބަރަކް ދައްކަން އުޅޭ ވާހަކަ އަޔާލްއަށް އެނގޭ ކަހަލައެވެ.

"ތިވާހަކައެއް ދެއްކުމުގެ ކުރިން އަހަރެން ވާހަކައެއްބުނަންތަ. މިގޭ ކަރަންޓު މާދަމާ ކަނޑާލާނެ. ތިންމަސް މިވީ ލާރި ނުދައްކާތާ. އަހަރެންނަށް ހުރިހާ ހަރަދެއްކުރެވޭތަ؟ މިގެއަށް ކާއެއްޗެއް ގަތަސް އަހަރެން ގަންނަންޖެހެނީ ބިލްތަކާއި ނުވީތަކަށް ކުނި އުކާލަން އަންނަ މީހުންނަށްވެސް އަހަރެން ޖީބުން ހަރަދުކުރެވޭތަ؟" ރޫބިޔާ ވާހަކަދެއްކިއެވެ.

"ތިއީ ވަރަށް ބޮޑު ޖޯކެއް މަންމާ. އަޅެ މަންމައަށް ދޮގެއް ނުލާ ހަމަ އެއްވެސް ވާހަކައެއް ނުދެއްކެނީތަ؟ އަހަރެންނަށް ކޮންމެ މަހަކު ލިބޭ މުސާރައިން ދެބައިކޮށް އެއްބައި މިދެނީ މަންމަ އަތަށް. މިގޭ ބިލްތަކާ އެހެރީ ދޮންބެ ހަވާލުވެގެން. މިގެއަށް ކާއެއްޗެހި ހޯދާ ވާހަކަ ބުނާއިރު މަންމަގެ ތިންއިރުގެ ކޮއްތު ކައްކަނީ ކަންމަތީގަ މިހިރަ ހޮޓަލުގަ. މިގޭ ބަދިގެއިން އެއްޗެއް ރޯފިލުވައިގެން ކަނީ ދޮންބެ އާއި މަށާ. ދެން ތިބުނާ ކުނި ފީ މަންމަ އަތުން ދައްކާފަ އޮންނާނީ" ބަރަކް ހުރިހާ ވާހަކަތަކެއް ފެށުމާއެކު ރޫބިޔާ ތުންއަނބުރާލިއެވެ.

"މަންމަ ކިހިނެއް އެހުރިހާ ލާރިއަކަށް ހަދަނީ" ބަރަކް އެހިއެވެ.

"ހަސީމެން ގޮވައިގެން ކާލަން ދިޔައީ. ދެން ހަސީ އިންނަން އުޅޭ މީހާގެ އުފަންދުވަހުގެ ހަދިޔާއަކަށް ފޯނެއް ގަނެދިނީ. ދެން ފޯނެއް ދޭއިރުވެސް އާދައިގެ ފޯނެއް ދޭކަށް ނުކެރޭނެއްނު. އެހެންވެ ފަހުގެ ފޯނެއް ދިނީ" ރޫބިޔާ ބުންޏެވެ. ބަރަކްގެ މޫނުމަތިން ހިތްހަމަނުޖެހުމާއި ހައިރާންކަން ފާޅުވިއެވެ.

"ސާބަސް މަންމާ. ހަސީގެ ބިޓަށް މަންމަ ދޭންޖެހޭތަ އަގުބޮޑު ހަދިޔާ. މަންމަގެ ކާކު އެއީ؟ ތިބުނާ ހަސީއެއް މަންމައަށް ޝައްކުނުކުރާކަންވެސް ހަމަ ނަސީބެއް. ތިބުނާ ހަސީގެ ބިޓު ހަސީ ބަހައްޓާފަ މަންމަ އާ ތޯއްޗެ އިންނާނީ" ހިތްހަމަނުޖެހިފައި ބަރަކް ބުންޏެވެ.

"ކީކޭ ކިޔަން ބަރަކް ތިއުޅެނީ؟ އަހަރެންނަށް ހެޔޮ ކޮންމެ އެއްޗެކޭ ކިޔަސް. މާދަމާ މިގޭ ކަރަންޓް ކަނޑާލިއްޔާ މިގޭގަ މަށެއް ނޫޅޭނަން. ޗުކި..... އެދޮގެއް. މަ އުޅޭނަން. މިއީ މަގޭ ގެއެއް" ރޫބިޔާ ބުންޏެވެ. ނޭނގުމުގެ ތެރެއިންވެސް ގެ ދޫކޮށްފަ ދާ ވާހަކަ ބުނަން ރޫބިޔާ ބޭނުމެއްނުވެއެވެ.

"ދެން ތިހެން ބަލަން ނީނދެ ބަރަކް ބުނަން އުޅުނު އެއްޗެއް ބުނެބަލަ" ރޫބިޔާ ބުންޏެވެ.

"އޮފީސް ފަރާތުން އަހަރެންނަށް ދެކޮޓަރީގެ ފްލެޓެއް ލިބިއްޖެ. ހުޅުމާލެއިން. އަހަރެން މަންމަ ގޮވައިގެން ދާނީ. އެހެންވީމަ ރެޑީވެގެން ހުންނާތި. އަހަރެން ބުނީމަ ނުކުމެވޭގޮތަށް" ބަރަކް ބުންޏެވެ.

ލިބުނު ހިތްހަމަޖެހުމުގައި ރޫބިޔާގެ އަނގަ ތަންމިނަށް ހުޅުވިފައި ހުއްޓެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. އެހާ އުފަލެއް ދުވަހަކުވެސް ނުވެއެވެ.

"ކޮން ނަމެއް އެގެއަށް ކިޔާނީ. ރޫބިޔާވިލާ... އުނހު ރޫބީމަންޒިލް.... އުނހު އެހެނެއްވެސް ނޫން. ރޫބީލޮޖް.. މަންމަގެ ނަމުގަ ދޯ ރަޖިސްޓްރީ ބާއްވާނީ.... ފަތާ ފެންގަނޑެއް އޮވޭތަ؟ ކަސްރަތުކުރާ ތަނެއް ހުރޭތަ؟ ނޯކަރު ކުދިންވެސް އުޅޭނެ ދޯ" ރޫބިޔާ އުޅެންފެށި ގޮތުން ބަރަކް އިނީ ކިޔާނެބަހެއް ނޭނގިފައެވެ.

"މަންމާ، އަހަރެންނަށް ލިބުނީ ބަކިންހަމް ޕެލެސްއެއް ނޫނޭ.... ލަދުންބޯހަލާކުވާވަރުވޭ މަންމަ އުޅޭގޮތުން" އެންމެފަހުން ބަރަކް ތެދުވެގެން ހިނގައިގަތެވެ.

(ނުނިމޭ)