ހުއްދަ ނެތި ކ. މާފުށީ ޖަލަށް ވަންނަން މަސައްކަތް ކުރި ދެ މީހެއްގެ ތެރެއިން އެކަކު ޖަލަށްލާން ހުކުމްކޮށް، ދެ ވަނަ މީހާ ބޮޑު އަދަދަކުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަންނަން އުޅުމުގެ ދައުވާ ދައުލަތުން އުފުލީ ރ. މަޑުއްވަރީ/ ފެހިއަލި، އިސްމާއިލް ހައްމާދާއި ނ. މަނަދޫ/ކެރީބިއަން، އިބްރާހިމް ޖަޒުލާންގެ މައްޗަށެވެ.
އެ ދެމީހުންގެ މައްޗަށް ދައުވާ އުފުލީ 22 ސެޕްޓެމްބަރު 2019 ދުވަހުގެ ރޭގަނޑު 2:20 އެހާކަންހާއިރު މާފުށީ ޖަލުގެ އިރުދެކުނު ފަރާތުން، ޖަލު ސަރަހައްދަށް ވަދެ، ޖަލަށް ހުއްދަ ނެތި ވަންނަން މަސައްކަތް ކޮށްފައިވާތީއެވެ.
އެ ދައުވާއަށް ދެމީހުންވެސް އިންކާރުކުރުމުން ދައުލަތުން އެމީހުންގެ މައްޗަށް ކުށް ސާވިތުކުރަން ވަނީ ހަ ހެއްކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ކަރެކްޝަންސްގެ އޮފިސަރުންނާއި ފުލުހުންގެ އޮފިސަރުން ހިމެނެއެވެ.
ހެކިވެރިން ބުނި ގޮތުގައި ހައްމާދު އަތުގައި އޮތް ދަބަހުން ގިނަ އަދަދެއްގެ ސާމާނު ފެނުނެވެ. އޭގެ ތެރޭގައި ފޯނާއި ޗާޖަރާއި ވަޅިއާއި ކީސް ހިމެނެއެވެ. ދިފާއުވުމަށް ހައްމާދާއި ޖަޒުލާންގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
ދައުލަތުން ބުނި ގޮތުގައި 22 ސެޕްޓެމްބަރު 2019 ދުވަހުގެ ރޭ މަނާތަކެތި ޖަލަށް ވައްދަން ބަޔަކު އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އޮތީ ލިބިފައެވެ. އެ މައުލޫމާތާ ގުޅިގެން ޕްރިޒަން އޮފިސަރުން ހަރަކާތްތެރިވަމުން ދަނިކޮށް، އެ ސަރަހައްދަށް ކައިރި ކުރި ޑިންގީއަކުން ހައްމާދާއި ޖަޒުލާން މޫދަށް ފައިބައިގެން ގޮސް ޖަލަށް ވަންނަން މަސައްކަތްކޮށްފައިވާ ކަމަށާއި އެމީހުން ހައްޔަރުކުރީ ފުލުހުންނަށް ފެނުމުން އެމީހުން ދުވެފައި ގޮސް އެ ސަރަހައްދުގެ މޫދަށް އެރި ފިލަން މަސައްކަތްކުރަނިކޮށް ކަމަށް ބުންޏެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ނިންމައި ގާޒީ އަލީ އާދަމް މި މަހުގެ ހަ ވަނަ ދުވަހު ހުކުމްކުރީ އެ ދެ މީހުންގެ މައްޗަށް ދައުލަތުން ހުށަހެޅި ދައުވާ ސާބިތުވާ ކަމަށެވެ.
އެހެންވެ، ކުށުގެ އުގޫބާތެއްގެ ގޮތުން ހައްމާދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި އިރު، ޖަޒުލާންގެ ޖަލު އަދަބު ވަނީ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދީފައެވެ. ޖަލު އަދަބުގެ ބަދަލުގައި، ޖަޒުލާން 53،600 ރުފިޔާ އިން ޖޫރިމަނާކޮށް، 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ކޯޓުން ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު