ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ރައީސް ސޯލިހު، މުބާރާތް ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ މިރޭ މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޗެމްމިއަންޝިޕް މިރޭ ރަސްމީކޮށް ލޯންޗު ކުރިއަސް، މުބާރާތުގެ ރަސްމީ އިވެންޓްތައް ފަށާނީ މާދަމާ ހަވީރެވެ. މުބާރާތުގެ ފިރިހެން ކެޓަގަރީގެ އިވެންޓްތައް ކުރިއަށް ގެންދާނީ މާފުށީގައެވެ. އަންހެން ކެޓަގަރީގެ އިވެންޓްތައް އޮންނާނީ ކްރޮސް ރޯޑްސްގައެވެ.
ފަންސާސް ހަތަރުވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، އެ މުބާރާތް އިންތިޒާމްކޮށްފައި ވަނީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޔޫތް މިނިސްޓްރީ ގުޅިގެންނެވެ.
މުބާރާތް ކުރިއަށް ގެންދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އޭޝިއާގެ 30 ގައުމަކުން އެތުލީޓުން ވާދަކުރާ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ ބައިނަލްއަގްވާމީ އެންމެ ބޮޑު މުބާރާތެވެ.
ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
މިފަހަރުގެ މުބާރާތުގައި 24 ގައުމަކުން 400 އަށް ވުރެ ގިނަ އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވާނެއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ބޮޑީބިލްޑިން ކުރިއެރުއްވުމަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން (އޭބީބީއެފް) ގެ ފަރާތުން ރައީސް ސޯލިހަށް ވަނީ ހަނދާނީ ފިލައެއް ވެދުމަަށް އަރުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު