ޚަބަރު

ސްޓެލްކޯއިން ކުޑަގިރިއަށް ކަރަންޓް ދީފި

މުހައްމަދު ޖަމްޝަތް ވަހީދު

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތް ސްޓެލްކޯއިން ނިންމާލައިފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގައި ސްޓެލްކޯއާ ހަވާލުކޮށްފައިވާ ކަރަންޓުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކުޑަގިރީގެ މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާޑެން ލައިޓްތަކެއް ހަރުކޮށް ދިއްލާލައިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"ކުޑަ ގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ވަނީ ހަދާނިމިފައި" ސްޓެލްކޯއިން ބުންޏެވެ.

ކުޑަގިރީގައި މިހާރު ސްޓެލްކޯއިން ކުރަމުންގެންދާ މަސައްކަތަކީ ކެފޭއެއް އެޅުމުގެ މަސައްކަތެވެ. ކަރަންޓް ހިދުމަތް ދިނުމުގެ މަސައްކަތް އެކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖޫން މަހުގެ 28 ގައެވެ.