ޚަބަރު

ރިލްވާން ގެއްލުވާލި މައްސަލަ: އިސޫ މަރުކޮމިޝަނަށް ހާޒިރުކޮށްފި

އަލީ ޔާމިން

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލައި މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)، މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އިސޫ މާލެ ގެނެސް، މަރުކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އެކޮމިޝަނުން ހާމައެއް ނުކުރެއެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި މިމަހުގެ ދެ ވަނަ ދުވަހު ވަނީ އިސޫގެ އިތުރުން، ދަފްތަރު ރުއާރުއެސް 8499 އަހްމަދު މުއާޒް، 40، އަދި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39ވެސް ހައްޔަރުކޮށްފައެވެ. މަރު ކޮމިޝަންގެ ތަހުގީގަށް ފަހު ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ހައްޔަރުކުރިއިރު، އެ ކޯޓުން ވަނީ އެ ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ބުނިގޮތުގައި އެ ތިން މީހުން ހައްޔަރު ކުރީ، މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައާ ގުޅޭ "ޖިނާއީ ކުށްތައް ރާވައި ހިންގުމުގަ އާއި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ތުހުމަތު ކުރެވޭ" މައްސަލައާ ގުޅިގެން ކަމަށެވެ.

ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން ނެރުނު ޑްރާޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ ރަހީނުކުރުމަށްފަހު ކަނޑުފައްތާފައެވެ. އަދި އެކަން ކޮށްފައިވަނީ ދީނީ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން، ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށްވެސް ބުނެފައިވެއެވެ.

ގެއްލިފައިވާ މީހުންނާއި މަރައިލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އިސޫއަކީ ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް ފާރަލީ އެކަކެވެ. އަދި އޭނާ އަކީ ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން ދާން އުޅުނު ކަމަށް ހައްޔަރުކޮށް ދައުވާ ވެސް ކުރި މީހެކެވެ. އެ ދައުވާ ސާބިތުނުވީ، ތުރުކީ ސަރުކާރުގެ ލިއުމެއް ނެތުމުން ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގައެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި އޭނާ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ.