ޚަބަރު

ރަނިލް ލަންކާގެ ވަގުތީ ރައީސްކަމުގެ ހުވާ ކުރައްވައިފި

ރިފާ ހަލީލު

ސްރީ ލަންކާގެ ވަގުތީ ރައީސްކަމުގެ ހުވާ އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ކުރައްވައިފިއެވެ.

ރަނިލް ރައީސް ކަމުގެ ހުވާ ކުރެއްވީ ޗީފް ޖަސްޓިސް ޖަޔަނަތާ ޖަޔަސޫރިއާގެ ކުރިފުޅުމަތީގައި މިއަދު ކަމަށް އެގައުމުގެ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.

ގޮތަބަޔާ ގައުމުން ބޭރުގައި ހުންނަވައި ވަގުތީގޮތުން ރައީސްގެ މަގާމު ރަނިލްއަށް ދެއްވީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި ގޮތަބަޔާ އިސްތިއުފާ ދެއްވައި އެ އިސްތިއުފާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ބަލައިގަތުމުން، އޮޓޮމެޓިކުން ދެން ރައީސް ކަމުގެ މަގާމަށް އަންނާނީ ބޮޑުވަޒީރެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އާ ރައީސަކު ހޮވުމުގެ ކަންކަން ފެށުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހަތް ދުވަހުގެ ތެރޭގައި އާ ރައީސަކު ހޮވުމަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް ހުރިހާ ޕާޓީތަކުގެ ތާއީދަށް އޭނާ ވަނީ އެދިވަޑައިގަންނަވައިފައެވެ.

ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އަންގާރަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ.

ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެންފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވަނީ ސައުދީ ބޯޓެއްގައެވެ. އަދި ސިންގަޕޫރަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނު ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައެވެ.