(08 ޖުލައިގެ އަދަދާ ގުޅޭ)
އުރުޠުޣުރަލަށް ލިބިވަޑައިގެންނެވި ޖާގީރުގެ އެންމެބޮޑު ރަށަކީ ސަޣޫތެވެ. (Sogut) އުރުޠުޣުރަލް އޭނާގެ މަރުކަޒަކަށް (ހެޑްކްއޯޓަރަކަށް) ހެއްދެވީ އެރަށެވެ. ސަޣޫތަކީ ވަރަށް ފެހިކަންގަދަ ވިޔަނަ ސަރަޙައްދެކެވެ. ސަޤާރިއްޔާ ކޯރުގެ ވާތްފަރާތުގެ އައްސޭރި އޮތްގޮތަށް ފެތުރިފައިވާ މޮޅު ބިމާއި އަރުމަނީ ފަރުބަދަމަތީގެ ޕްރޮވިންސަކީ އުރުޠުޣުރަލްގެ ސޫފިތަކަށް ވިނަކާންދޭ ބިމެވެ. އުރުޠުޣުރަލާއި އޭނާ ޚުރާސާނާއި އަރުމީނިޔާއިން ގެންނެވި ހިތްވަރުގަދަ ހަނގުރާމަ ސިފައިން އޭގެފަހުން އެތާނގައި އުޅުނީ ރަށްވެހީންގެ ގޮތުގައެވެ.
އުރުޠުޣުރަލް ދުވަސްކޮޅެއްގެފަހުން ސަލްޖޫގީ ރަސްގެފާނުގެ ނާއިބެއްގެ ހައިސިއްޔަތުން ޔޫނާނީންނާއި ތާތާރީންގެ ގުޅިފައިވާ ގަދަފަދަ ލަޝްކަރެއް ބަލިކޮށްލެއްވިއެވެ. އޭނާގެ ޢަސްކަރީ ކުޅަދާނަފުޅު އުކުޅުތައް ބޭނުންކުރައްވައިގެންނެވެ. سلطـــان عـلاءالــدّيـــن އެކަމާ އުފާފުޅުކުރައްވައި އިސުކީ ޝަހަރު (Eskishehr) އާއި ކުރީގެ ޑޮލީރިޔަމް (Dolyriom) ގެ ހިތްފަސޭހަ ރީތި ސަރަޙައްދުވެސް އުރުޠުޣުރަލާ ޙަވާލުކުރެއްވިއެވެ. عـلاءالــدّيـــن އުރުޠުޣުރަލަށް ދެއްވި ސަރަޙައްދަށް ދެއްވި ނަމަކީ ސުލްޠާނޫނީ އެވެ. عـلاءالــدّيـــن ގެ ލަޝްކަރުގެ މުޤައްދިމަތުލްޖައިޝުގެ (އިސްލަޝްކަރުގެ) ކޮމާންޑަރކަންވެސް އުރުޠުޣުރަލަށް ދެއްވިއެވެ.
ފެހިކުލައިގެ ވިނަދަނޑުތަކާއި ވަޔާހެލިލަހެލިލައިހުރި ދަނޑުފަނގުތަކާއި މޭބިސްކަދުރާއި އަދި އެނޫންވެސް ބާވަތްބާވަތުގެ މޭވާގެ ބަގީޗާތަކުން ފުރިފައިވާ ސުލްޠާނޫނީގެ އަގުބޮޑު ހަދިޔާއަކީ ޝައްކެއްނެތްގޮތުގައި އުރުޠުޣުރަލަށް ލިބިވަޑައިގެންނެވި އަގުބޮޑު ޚަޒާނާއެކެވެ. އެތާނގެ ފެހިގަސްތަކުން ފުރިފައިވާ ޖަންގަލިތައް އަންތަރީސްވާހައި ރީއްޗެވެ. ސުވަރުގޭގެ ނަމޫނާއެއް ފަދައެވެ. ނަތީޖާއެއްގެގޮތުން ޤުދުރަތީގޮތުންވެސް އޭނާގެ އާރާއި ބާރު އިތުރުވިއެވެ. އިންސާނީ އާބާދީއާއި މުދަލާއި މުއްސަނދިކަމުގެ ގޮތުންވެސްމެއެވެ.
އުރުޠުޣުރަލް އޭނާގެ ލަޝްކަރަށް ހޮއްވަވަމުން ގެންދެވީ އެސަރަޙައްދުގެ އެންމެ ހަށިހެޔޮ، އެންމެ އާރާއި ބާރުހުރި ކެރޭ ހިތްވަރުގަދަ ޒުވާނުންނެވެ. އުސޫލުގައި ހިފަހައްޓާ ޒުވާނުންނެވެ. އެ ސަރަޙައްދުގައި ކުރީއްސުރެ ވަޒަންވެރިވެތިބި ތުރުކިއޭ ނަސްލުގެ ޤަބީލާތަކުގެ ކެރޭ ހީވާގި ޒުވާނުންވެސް ތުރުކިއޭއިންގެ ނަސްލުގެ އެ ހިތްވަރުފުޅުގަދަ ޢަޒުމު ވަރުގަދަ ސަރުދާރުގެ ދިދައިގެ ދަށަށް ޖަމާވަމުން ދިޔައެވެ. އެހެންކަމުން އުރުޠުޣުރަލްގެ ލަޝްކަރަކީ ކުޑަ ލަޝްކަރެއް ކަމުގައިވިޔަސް އެލަޝްކަރު ވެފައިވަނީ އިންތިހާދަރަޖައިގެ ހިތްވަރުގަދަ ކެރޭ ޤާބިލް ލަޝްކަރެއް ކަމުގައެވެ. ފަސޭހައިން ފުރަގަހަށް އަނބުރައިނުލެވޭނެ ބާރެއްކަމުގައެވެ. އުރުޠުޣުރަލް އޭނާގެ ބާރުފުޅުގެ ދަށަށް ގެންނެވީ ހަމައެކަނި އޭނާގެ ސަރަޙައްދުގެ ނުކިއްސަރު ވެރީންނެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އޭނާ ޔޫނާނީ ސަރަޙައްދަށްވެސް ކާމިޔާބު ޙަމަލަތަކެއް ދެއްވިއެވެ. ޢީސާއީންގެ ބައެއް ސަރަޙައްދުތައް ފިރުއްކަވައި އޭނާގެ ވެރިކަމުގެ ދަށަށް ގެންނެވިއެވެ. އެތަންތަންހުރީ ބަތީނިޔާގެ ސަރަޙައްދާވެސް ގުޅިފައެވެ.
އުރުޠުޣުރަލްގެ ނިސްބަތުން ކުޑަކުޑަ އެކަމަކު ރީތި ވިޔަނަ ސަރަޙައްދަކީ މުސްތަޤްބަލުގައި ޢުޘްމާނީންގެ ވަރުގަދަ ޢަސްކަރީ ބާރުގެ އެންމެ އިސްމަރުކަޒު ކަމުގައި ވާނޭކަން އޭރު އެނގޭނީވެސް ކާކަށްތޯއެވެ. އޮސްޓްރިޔާގެ ވެރިރަށް ވިއެނާގެ ފާރުތަކަށް ހޮޅިލައިފައި ބިންދައިލި ވަރުގަދަ ރާޅު ނަގާންފަށާނީ އެތަނުންކަން އޭރު އެނގޭނީވެސް ކާކަށްތޯއެވެ؟ އެރާޅުގެ ހައިބަވަންތަކަމާހުރެ މުޅި ހުޅަނގު ޔޫރަޕް ބިރުން ސިހި ލޯލިތައް ކޮޅަށްޖެހި އަންތަރީސްވާނެކަން އެނގޭނީވެސް ކާކަށްތޯއެވެ.
ޢުޘްމާނީ ތުރުކިއޭއިންގެ ދަރަޖަމަތިވެރި ފަޚުރުވެރިވާފަދަ ކާފާކަލުން ވަރަށް ސާދާ އަދި ހިންމަތްތެރި ކާމިޔާބު ދިރިއުޅުއްވުމަކަށްފަހު ކުއްލިގޮތަކަށް އަވަހާރަވީ 1281މ. ގައެވެ. އޭނާގެ ފަހަތަށް ނުހަނު ޢަޒުމުވަރުގަދަ މުޖާހިދު ދަރިކަލަކު ދޫކުރައްވައިފައެވެ. އުރުޠުޣުރަލްގެ ޤާބިލު ދަރިކަލުން ހަމައެކަނި އާރާއި ބާރުހުރި ޢުޘްމާނީ ދައުލަތުގެ ބިންގާ އެޅުއްވީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އޭނާގެ މާތް ބައްޕާފުޅުގެ ނަންފުޅުވެސް ދުވަހަކު ފިލައިނުދާގޮތުން ދުނިޔޭގެ ތާރީޚުގައި ލިޔުއްވިއެވެ. އާދެ، އެބޭފުޅަކީ އެބޭފުޅެއްގެ މަޤްބަރާ ދެކޭން އަޅުގަނޑު މިދާ ވަރުގަދަ ބަޠަލު عـثمــان غــازى އެވެ.
އުރުޠުޣުރަލްގެ ޤާބިލު އަދި ލާއިޤު ދަރިކަލުން އަދި ޢުޘްމާނީ ދައުލަތުގެ ބާނީ عـثمــان غــازى ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ހިޖްރައިން 656 ގައެވެ. (މީލާދީން 1258) އުރުޠުޣުރަލްގެ ސުލްޠާނޫނީގެ ވެރިރަށް ސަޣޫތުގައެވެ. ބުނެވޭގޮތުގައި عـثمــان ގެ މަންމަޔަކީ ސަލްޖޫގީ އަމީރާއެކެވެ. ނަމަވެސް އެކަމަނާގެ ނަންފުޅެއް އަޅުގަނޑަކަށް އޮޅުމެއް ނުފިލިއެވެ. އަދިވެސް މިތާނގައި ފާހަގަކޮށްލަން އެކަށީގެންވާކަމުގައި އަޅުގަނޑު ދެކޭ އެއްކަމެއް އެބައޮތެވެ. އާދެ، އުރުޠުޣުރަލް އަވަހާރަވި އަހަރަކީ އޭނާގެ ކެރޭ އަދި ހިތްވަރުފުޅުގަދަ ކާފަދަރިކަލުން އުރުޚާން ޣާޒީ (عـثمــان غــازى ގެ ދަރިކަލުން) ވެސް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަހަރެވެ. ބައިޒެންޓެއިނުން އޭޝިޔާއިން ހިފައިފައިވާ ތަންތަނުން އެބައިމީހުން ބޭރުކޮށްލައްވައި ޢުޘްމާނީންގެ ފައިތިލަތައް ޔޫރަޕުގެ ބިމުގައި ސާބިތުކުރެއްވީ އުރްޚާން ޣާޒީއެވެ. އުރުޚާން އޭނާގެ ފުތޫޙާތު ޔޫނާނުގެ ބިމާ ހަމަޔަށް ފުޅާކުރެއްވިއެވެ. ޢުޘްމާނީންގެ އަންނަނިވި ޚަލީފާއިންނަށް ޔޫރަޕް ފަތަޙަކުރެއްވުމުގެ ދޮރު ހުޅުއްވައިދެއްވީ އުރްޚާން ޣާޒީއެވެ.
ސަލްޖޫގީ ރަސްގެފާނު عـلاءالــدّيـــن އުރުޠުޣުރަލް އަވަހާރަވުމުން އޭނާގެ ހުރިހާ ޖާގިރެއް (ބަތީނިޔާވެސް ހިމެނޭގޮތަށް) ދެއްވީ އުރުޠުޣުރަލްގެ ލާއިޤު އަދި ޤާބިލް ދަރިކަލުން عـثمــان خـــان އަށެވެ. ޢުޘްމާނީ ތުރުކިއޭއިންގެ ދިދައިގެ ނިޝާންކަމުގައިވާ ހުޅެވިހަނދަކީ ކުރޭޒީ ވިދާޅުވާގޮތުގައި އުރުޠުޣުރަލްގެ "ބެލެނިވެރިޔާ" عـلاءالــدّيـــن ސަލްޖޫގީ އޭނާގެ ދިދައިގައި ބޭނުންކުރެއްވި ނިޝާނެކެވެ. عـلاءالــدّيـــن ގެ ނާއިބެއްގެ ހައިސިއްޔަތުން އުރުޠުޣުރަލްވެސް އޭނާގެ ލަޝްކަރުގެ ދިދައިގެ ނިޝާނަކަށް ހެއްދެވީ އެ ނިޝާނެވެ. އެގޮތުން ޤަރްނުތަކެއްވަންދެން ހުޅެވިހަނދު ވެފައިވަނީ ޔޫރަޕުގެ ޞަލީބީންގެ ހިތްތަކަށް ސިހުންގެނުވި ބިރުވެރި "ފުރޭތަ" އެއްކަމުގައެވެ.
"ދައުލަތެ ޢުޘްމާނިއްޔާ" ގެ މުސަންނިފު ލިޔުއްވާގޮތުގައި އުރުޠުޣުރަލް އަވަހާރަވުމުން އޭނާގެ ޚަލީފާއަކަށް ވެވަޑައިގެންނެވީ އޭނާގެ ދޮށީދަރިކަލުން عـثمــان خـــان އެވެ. ޢުޘްމާނީ ދައުލަތުގެ ބާނީއަކީ އަދި އެދައުލަތުގެ ތާޖުގެ އެންމެ ފުރަތަމަ ވެރިޔަކީ عـثمــان އެވެ. އުރުޠުޣުރަލް އޭނާގެ ބާރުފުޅު ގަދަކަމާއި ސަލްޖޫގީންގެ ބައިބައިވުމުގެ ސަބަބުން އެދައުލަތް ނުހަނު ހީނަރުވެފައިވުމާއެކުވެސް ދުވަހަކުވެސް އަމިއްލަފުޅު ވެރިކަމެއް އިޢުލާނެއް ނުކުރައްވައެވެ. އަނެއްކޮޅުން ސަލްޖޫގީ ވަރަށްގިނަ އަމީރުން ދައުލަތުގެ ހީނަރުކަމުގެ ފައިދާ ހޯއްދަވައިގެން އަމިއްލަފުޅަށް މުސްތަޤިއްލުވެވަޑައިގެންނެވިއެވެ. އުރުޠުޣުރަލް ހުންނެވީ ޤޫނިއްޔާގެ ވެރިކަމަށް ވަފާތެރިވެވަޑައިގެންނެވެ. އެރަސްކަމުގެ ޖާގިރުދާރެއްގެ ގޮތުގައެވެ. عـثمــان ވެސް ސާބިތުވެހުންނެވީ އެގޮތުގައެވެ. އޭނާގެ ފުތޫޙާތުގެ ޒަރީޢާއިން އިތުރުކުރެއްވީ ޤޫނިއްޔާގެ ކީރިތި މޫރިތިކަމެވެ.
ސްޓެންލީ ލޭންޕޫލް ވިދާޅުވާގޮތުގައި عـثمــان غــازى ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ އިސްކަމަކަށް ހެއްދެވީ އަސުކީޝަހަރުގައި މިސްކިތެއް ބިނާކުރެއްވުމަށެވެ. އެއަށްފަހު ޤާނޫނުތައް ތަންފީޒުކުރައްވައި އިސްލާމީ ރަސްމުތައް ފުރިހަމަކުރައްވަމުން ގެންދަވާނެ އޮފިސަރުން ޢައްޔަންކުރެއްވިއެވެ. އެއީ عـثمــان ގެ އިންސާފަށް ލޯބިކުރެއްވުމާއި ވަކިފަރާތަކަށް ޖެހިވަޑައިނުގެންނެވުމުގެ ސިޔާސަތުގެ ނަކަތްގަލެވެ. عـثمــان ގެ ވެރިކަން ފެތުރުމަށް އެކަމުން ވަރަށްބޮޑު ބާރެއް ލިބިވަޑައިގެންނެވިއެވެ.
އެޑްވަޑް ކްރޭޒީވެސް عـثمــان ގެ އިންސާފުވެރިކަން ތަޞްދީޤުކުރައްވައެވެ. ކްރޭޒީ ވިދާޅުވާގޮތުގައިވެސް عـثمــان ގެ ވެރިކަން ފެތުރި ފުޅާވަމުންދިޔަ އެންމެބޮޑު ސަބަބަކީ އޭނާގެ ތާރީފު ޙައްޤު އިންސާފުވެރިކަމެވެ. ކްރޭޒީ ވިދާޅުވާގޮތުގައި عـثمــان ގެ ވެރިކަމުގައި ޔޫނާނީންނާއި ތުރުކިއޭއިންނަށް (ޢީސާއީންނާއި މުސްލިމުން) ހަމަހަމަޔަށް އިންސާފު ލިބެއެވެ. އެންމެންގެވެސް ފުރާނަޔާއި މުދާ ރައްކައުތެރިކޮށްދެވެއެވެ.
ކުރީންވެސް ދެންނެވި ފަދައިން عـلاءالــدّيـــن ސަލްޖޫގީ އަވަހާރަވުމާ ވިދިގެން ސަލްޖޫގީ ރަސްކަންވަނީ ރޫޅި ބައިބައިވެފައެވެ. އެކިއެކި އަމީރުން ކުދިކުދި ދައުލަތްތައް އުފައްދަވައިފިއެވެ. ނަތީޖާއެއްގެގޮތުން عـثمــان غــازى ވެސް އޭނާގެ މުސްތަޤިއްލުކަން އިޢުލާން ކުރައްވައިފިއެވެ. އެޑްވަޑް ކްރޭޒީ ވިދާޅުވާގޮތުގައި عـثمــان غــازى އޭނާގެ ނަންފުޅު ޚުޠުބާގައި ހިމަނުއްވައި އަމިއްލަ ސިއްކަފުޅެއް ހިންގެވީ 1299މ. ގައެވެ. އިރުމަތީގެ ދައުލަތްތަކުގައި މިދެކަންތަކަކީ މުސްތަޤިއްލު ވެރިކަމުގެ ނިޝާންކަމުގައި ބެލެވޭ ކަންކަމެވެ. މިގޮތުން عـثمــان غــازى ވަނީ ވަރުގަދަ ޢުޘްމާނީ ދައުލަތުގެ ބިންގާ އަޅުއްވައިފައެވެ. ދުއިސައްތަ ފަންސާހަކަށް އަހަރުގެ ތެރޭގައި އެރަސްކަންވަނީ އެޒަމާނުގައި ދުނިޔޭގައި އޮތް އެންމެ އާރާއި ބާރުހުރި އެންމެ ހައިބަތުހުރި ބާރުކަމުގައި ވެފައެވެ. އެދައުލަތް އުފެދުނުތާ ތިންސަތޭކަ އަހަރުވީއިރު ރަސްކަމުގެ ސަރަޙައްދުގެ ފުޅާކަމާއި އާރާއި ބާރުގެގޮތުން ދުނިޔޭގައި އެފަދަ ދެވަނައެއްނެތެވެ. ގާތްގަނޑަކަށް ހަސަތޭކަ ފަންސާސް އަހަރު ވަންދެން އެ ރަސްކަން ދެމިއޮތެވެ.
އެ ދައުލަތް ނިމުމަކަށްއައީ مصطـــفى كمـــال ބާޝާ ތުރުކިއޭގެ ރަސްކަން އުވައިލައްވައި ތުރުކިއޭއަކީ ޖުމްހޫރިއްޔަތަކަށް ހެއްދެވުމުންނެވެ. އެދިގު މުއްދަތުގެ ތެރޭގައި ޢުޘްމާނީ ނަސްލުގެ އޮނަސާޅީސް ރަސްކަލުން ޔޫރަޕާއި އެފްރިކާއާއި އޭޝިޔާއާ ތިން ބައްރުގެ ވަރަށްބޮޑު ބައެއްގެ މައްޗަށް ރަސްކަން ކުރެއްވިއެވެ. އެއީ ހައްތާވެސް عـثمــان غــازى ގެ ނަސްލުގެ ބޭފުޅުންނެވެ.
عـثمــان غــازى އޭނާގެ މުސްތަޤިއްލުކަން އިޢުލާންކުރެއްވުމަށްފަހު ފުތޫޙާތުގެ މައްޗަށް އިތުރު ސަމާލުކަން ދެއްވިއެވެ. އިރުމަތީގެ ބަދަލުގައި އޭނާ މިސުރާބު ޖެއްސެވީ ހުޅަނގަށެވެ. ލޭންޕޫލާއި ކްރޭޒީ ވިދާޅުވާގޮތުގައި އޭޝިޔާކޫޗަކު (އޭޝިޔާމައިނާ) ގައި عـثمــان ގެ ރިޔާސަތަށްވުރެ ބޮޑު ރިޔާސަތަކަށްއޮތީ ކަރުމާނުގެ ރިޔާސަތެވެ. އެ ރިޔާސަތުގެ ބާރުވެސް ގަދައެވެ. އެހެންކަމުން عـثمــان އެދިމާޔަށް ވަޑައިގެންނެވުމުގެ ބަދަލުގައި ވަޑައިގެންނެވީ އޭޝިޔާކޫޗަކުން ޔޫނާނީން ހިފައިފައިހުރި ތަންތަނާ ދިމާޔަށެވެ. ޔޫނާނީ ވެރިކަމުގެ ނާޤާބިލުކަމުގެ ސަބަބުން އެތަންތަނުން عـثمــان އަށް ވަރަށް ފަސޭހައިން ފަތަޙަ ހޯއްދެވުނެވެ. އާދެ، عـثمــان މިގޮތަށް ޔޫރަޕާ ދިމާޔަށް ކުރިޔަށް ވަޑައިގެންނެވިކަމީ އޭނާގެ ޚަލީފާއިންނަށް ޔޫރަޕަށް މަގުދެއްކެވުމެވެ. ދަރުދާނިޔާލުގެ ތެރެއިން ލައްވައިފައި އޮސްޓްރިޔާއާއި ހަންގެރީއާ ދިމާޔަށް މިސުރާބު ސީދާކޮށްދެއްވުމެވެ.
ލޭންޕޫލް ލިޔުއްވައިފައިވެއެވެ. "ޢުޘްމާނީ ތުރުކިޔޭއިން ސުލްޠާނޫނީގައި ވަޒަންވެރިވިތާ ބައިޤަރުނު ވީއިރުވެސް އެބައިމީހުންގެ ސަރަޙައްދު ތަނަވަހެއް ނޫނެވެ. ނަމަވެސް އެބައިމީހުންގެ ފުތޫޙާތުގެ ރާޅު ނެގުމާއެކު ވަރަށް ބާރަށް ކުރިޔަށްދިޔައެވެ. ދާއިރާ ފުޅާކުރަމުން ދިޔައެވެ. ފެންގަނޑަކަށް ގާކޮޅެއް އެއްލައިލުމުން އުފެދޭ ބާނި ފުޅާވަމުން ފެތުރެމުންދާ ގޮތަށެވެ. ތުރުކިޔޭއިންގެ ވެރިކަންވެސް ދިޔައީ އެގޮތަށް ހުއްޓުމެއްނައިސް ފެތުރެމުންނެވެ."
(ނުނިމޭ)