ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 18

އަށާރަވަނަ ބައި

"މަންމާ، ރަންނި މަރުވި ރޭގަ ކަންތައްތައް ވީގޮތް އަޅުގަނޑަށް ކިޔައިދީބަލަ. މިބުނީ ރަންނި މަންމައަށް އެންމެފަހުން ފެނުނު ވަގުތާއި ދެކެވުނު ވާހަކަ އާއި ރަންނި މަރުވެފައި އޮއްވައި ފެނުނު ގޮތާ. އެރޭ މަންމައަށް އާދަޔާހިލާފު އެއްވެސް ކަމެއް ފާހަގަވިތަ؟" ރިންދާ އެހިއެވެ. އެވަގުތު ނަހާގެ ހަރަކާތްތަކަށް ލަސްކަމެއް އައިކަން ރިންދާއަށް ފާހަގަވިއެވެ.

"އެއީ އެ އޮފީހުގެ ކުދިން ކޮންމެވެސް ކުޅިވަރެއް ކުޅުނު ރެއެއް" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނަހާ ވާހަކަދެއްކިއެވެ.

*********

"އަބަދުވެސް ފުޓްބޯޅައަށް ވަރަށް ވަރު ހުންނާނެ. އެދުވަހު އޮފީހުން އައިސް ހަވީރު ސައިބޯން ބަދިގޭގައި އިނދެ މަންމައާ ވަރަށް ވާހަކަދެއްކި. ބުނި އެރޭ އޮފީސް ކުދިންގެ ފުޓްބޯޅަ މެޗެއް އޮތް ވާހަކަ. ވަރަށް ދާހިތުން ހުރީ. ބުނި އެ އޮފީހުގައި އުޅޭހިއްނުވާ ވާހަކަވެސް. ބޭބެ އާ ވާހަކަދައްކާފަ އޮފީހުން ކެނޑޭނީއޭ. މަންމަ އެހީމަ ބުނި އެހާ ކަމުދާ ބައެއް އުޅޭ ތަނެއް ނޫނޭ އެއީ. ފަހުން އެކަމާ ގުޅުވައިގެން މަންމަ ނާހަން. އިޝާނަމާދުކޮށް ނިމިގެން ކާން ހަދާފައި ބޭބެ މިސްކިތުން އަންނަންދެން މަންމަ އިނީ ސޯފާގަ. ރަނީންގެ ހަބަރެއް ނުވާތީ މަންމަ ކޮޓަރިއަށް ދިޔައިރު އޮތީ އޮށޯވެގެން. ވަރަށް ފާޑަކަށް އޮތީ. މަންމަ އަހާލިން މެޗު ކުޅޭ ތަނަށް ނުދަނީހޭ. ބުނީ އެ މެޗަށް ނުދާނަމޭ. ދެން މަންމަ ނުކުތީ ކާން އަންނާށޭ ކިޔާފަ. އެރޭ ގާތްގަނޑަކަށް އެގާރަ ގަޑިބައިވާން އުޅެނިކޮށް މަންމަ ކޮޓަރިން ނުކުތްއިރު ބެލްކަނީގައި ފޯނެއްގައި ހުރި. މަންމައަށް ހީވި ފޯނުން މީހަކާ ޒުވާބުކުރަނީހެން. ގޮވާލީމަ ބުނެފި އޮފީސް ކުދިން ކެޓީމަ ގުރޫޕް ހޫނުވެގެނޭ އުޅެނީ. ދެން މަންމައަށް ހީވީ އެއީ ތެދެކޭ. އެހެންވެ މަންމަ އޮށޯންނަން ދިޔައީ ރަނީން ކައިރީގައި އެތަނުގައި ނުހުރެ ނިދަން ވަންނާށޭ ކިޔާފަ. އިރާކޮޅުގެ ވަރަށް ގަދައަށް ވިއްސާރަވި. އެހެންވެ ރަނީން ކައިރީގައި ބުނީ އެތެރެއަށް ވަންނަން. ކުޑަކޮށް ރޯގާވެސް ޖެހިފަ ހުރީމަ. އެއީ މަންމައަށް އެންމެފަހުން ރަނީން ދިރިހުއްޓާ ފެނުނު ވަގުތުކޮޅު. ފަތިހު ނަމާދަކަށްވެސް ނުގޮވާނެތާ ނަމާދަށް ނޭރިގެން ހުރީމަ. ހެނދުނުވެސް ހަބަރެއްނުވާތީ މަންމަ ހާސްވެގެން ތެޅެން ފެށުމުން ބޭބެ ތަޅުދަނޑި ހިފައިގެން އައިސް ހުޅުވާފަ މަންމަ ކައިރީގަ ބުނެފި އެތެރެއަށް ވަންނާށޭ. ތަޅުދަނޑިން ހުޅުވި ވަގުތުގައިވެސް ރަނީންގެ އެއްވެސް އިޝާރާތެއް ނުވީމަ މަންމައަށް އެނގިއްޖެ ކޮންމެސް ނުބައެއްވެއްޖެކަން. އެތެރެއަށް ވަންއިރު މަންމަގެ މުޅި ގައިގަ ރޫރުއަޅާ. އެންމެ ފުރަތަމަވެސް މަންމަގެ ލޮލުގައި އަޅައިގަތީ ރަނީންގެ ދެފައިކޮޅު. ދަންޖެހިފައި ހުއްޓައި ފެނުމާއެކު މަންމަގެ ހެއަށް ގޮތްވެއްޖެ. ދެންވީގޮތެއް ނޭނގުނު. ހޭލެވުނުއިރު މަންމަ އޮތީ ކޮޓަރީގަ. ކައިރީގަ ދެތިން އަވަށްޓެރިން ތިބި. ގޭތެރޭގަ ފުލުހުން ފުރިފަ. މަންމަގެ ސިކުނޑި މަސައްކަތެއް ނުކުރޭ. އަނގައިން ނުބުނެވުނު. ރޯކަށްވެސް ނޭނގުނު. ހިތުގައި ސުވާލު ފުންޏެއް އުފެދިފަ" ރަނީންގެ ވާހަކަތައް ކިޔައިދީ ނިމުނުއިރު ނަހާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ.

"ސޮރީ މަންމާ، އަޅުގަނޑު އުޅުނީ އެވާހަކަތައް ދައްކައިގެން މަންމަ ރޮއްވާލާކަށް ނޫން" ނަހާގެ ކަރުނަތައް ފޮހެދެމުން ރިންދާ ބުންޏެވެ.

"އެހަނދާންތަކާ ދުރަށްދާން އުޅުނަސް އަދިވެސް މަންމަ ވަރަށް ބަލި. ރަނީން މަތިން ހިތަށްއަރާ ކޮންމެ ފަހަރަކު މަންމަގެ ފުރާނަވެސް ރޮއެގަންނަހެން ހީވަނީ. ދަރިފުޅާ ހައިބް ލޯމަތީގައި ފެންނަން ނެތްނަމަ މި މަންމަ ދުނިޔޭގައި ނުހުރީސް" ނަހާ ބުންޏެވެ.

"ދެރަނުވޭ މަންމާ. ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން ޖަންނަތުން ރަންނި އާ ބައްދަލުވާނެ" ރިންދާ ބުންޏެވެ. ނަހާގެ ގައިގައި ރިންދާ ބައްދާލިއިރު ރިންދާގެ ދެލޯ ވެސް ވަނީ ކަރުނުން ފުރިފައެވެ.

***********

ކާ މޭޒު ކައިރީގައި އިން ވިލިނީއަށް ބެގަރީ އިރުކޮޅަކާ ބަލައިލައެވެ. ފަހަކަށް އައިސް ވިލިނީ ބަސްމަދުކަން ބެގަރީއަށް ފާހަގަވިއެވެ. މޫނުމަތީގައި ލަކުނެއް ހުއްޓައި ފެނުމުން ބެގަރީގެ ހިތުގައި ސުވާލު އުފެދުނެވެ. ބެގަރީ އާ ނުބެހޭ ކަމަކަށް ވިޔަސް ސުވާލުނުކޮށްވެސް ނުހުރެވުނެވެ.

"ނަހީކް އަނިޔާކުރީތަ؟" ބެގަރީގެ ޖުމްލައާއެކު ލަސްލަހުން ބިސްގަނޑުކޮޅެއް ކަމުންދިޔަ ވިލިނީ ހައިރާންކަމާއެކު ބެގަރީއަށް ބަލައިލިއެވެ. ދެން ލަސްލަހުން ދެފަރާތަށް ބޯހޫރާލިއެވެ.

"ކިހިނެއްވީ؟ އަހަރެންނަށް ނަހީކް އަނިޔާއެއް ނުކުރޭ" ވިލިނީ ބުންޏެވެ. ވިލިނީގެ ޖަވާބު އަންނާނީ އެފަދަ ގޮތަކަށްކަންހެން ބެގަރީއަށް ހީވިއެވެ.

"މޫނުމަތިން ލަކުނެއް ފެންނަން އިނީމަ އެހެން މިއެހީ" ބެގަރީ ބުންޏެވެ.

"އެނދުން ފައިބަން އުޅުމުގެ ތެރޭގަ ވެއްޓި އަނގަމަތި އަރިމަތީ ކަބަޑުގަ ޖެހުނީ" ވިލިނީ ބުންޏެވެ.

"މިހާރަކަށް އައިސް އަބަދު ތިއިންނަނީ ގޭތެރޭގަ. ކުޑަކޮށް ބޭރަށް ނުކުމެލަންވެސް ވާނެއްނު" ބެގަރީ ބުންޏެވެ.

"ނުވޭ ނުކުންނަ ހިތެއް. ބޭރުގަވެސް މިތާ އެތެރޭގަވެސް އަހަރެންގެ މީހަކު ނެތް. ހުރިނަމަތާ އެމީހެއްގެ ކައިރިއަށް އަހަރެން ދާނީ. މިހާރު އަހަރެންނަށް އެންމެ ރަނގަޅު ގޮތަކީ މިތާ އިނުން. ނަހީކްގެ ބަސް ގަބޫލުކޮށްގެން ދިރިއުޅުން" ވިލިނީ ބުންޏެވެ.

ބެގަރީ މޭޒު ކައިރިން ދުރަށްޖެހުނީ ދޮރުހުޅުވާލާފައި އެތެރެއަށް ވަން ނަހީކް ފެނިފައެވެ. ނަހީކްގެ ހާޒިރުގައި ބެގަރީއަށް ވިލިނީ އާ ވާހަކަދައްކަން ނުކެރެއެވެ. އަވަސް އަވަހަށް ދުރަށްޖެހުނީ އެހެންވެއެވެ.

"އަހަރެންގެ ގްރީން ޓީ ކޮޓަރިއަށް ގެނޭ" ސިޑިން އަރައިގެން ދަމުން ނަހީކް ބުންޏެވެ.

އެހެން ހުރިހާކަމެއް ބަހައްޓާފައި ބެގަރީ އަވަސްވީ ނަހީކް އެދުނު ކަންތައްކޮށްދޭށެވެ. ސައިތަށި ހިފައިގެން ފަހަތަށް އެނބުރުނުއިރު ދާދި ކައިރީގައި ވިލިނީ ހުއްޓެވެ.

"ގެނޭ އަހަރެން ގެންގޮސްދޭނަން" ވިލިނީ ބުންޏެވެ. ވަގުތުން ބެގަރީ ނޫނެކޭ ބުނެ ހިނގައިގަތެވެ.

"ބެގަރީ އެހާ ހާސްނުވެބަލަ. ބެގަރީ ބުނީމެއްނު ކިތަންމެ ދުވަހަކު ފެނިއްޖޭ ނަހީކް ރުޅިގަނޑު. އެއިން އެއްވެސް ދުވަހެއްގަ ނަހީކް ބެގަރީއަށް އަނިޔާވެރިވިތަ؟" ވިލިނީ އެހިއެވެ. ބެގަރީ ދެފަރާތަށް ބޯހޫރާލިއެވެ.

"އޭގެ މާނައަކީ ނަހީކަށް ބެގަރީ ތީ ވަރަށް މުހިންމު މީހެކޭ. އެހެންވީމަ މި ސައިތަށި އަހަރެން ހިފައިގެން ދިޔުމަކުން އޭނަ ބެގަރީއަށް ކުރާނެ ނަފްރަތެއް ނޯންނާނެ. އަހަރެން މިދަނީ ވާހަކައެއް ދައްކާށާ އެއްކޮށް" ވިލިނީ ބުންޏެވެ.

"އަހަރެން ކަންބޮޑުވަނީ ކަނބުލޮއާ މެދު. ކަނބުލޮ ނުބުންޏަސް އަހަރެންނަށް އެނގޭ ނަހީކް ފުށުން ކަނބުލޮއަށް އަނިޔާތަކެއް ވެއްޖެކަން" ބެގަރީ ބުންޏެވެ. ބެގަރީގެ ބަސްތަކުން ވިލިނީއަށް ރޮވިދާނެހެން ހީވިއެވެ. ކަރުނަތައް ހިނިތުންވުމަކުން އަވަސް އަވަހަށް ފޮރުވާލާފައި ބެގަރީ އަތުން ސައިތަށި ވިލިނީ އަތުލިއެވެ.

"ބެގަރީ ހާސްނުވޭ. މީހަކު އަހަރެންނަށް އަނިޔާއެއް ދޭންޖެހޭނީ އެއްފަހަރު. އެފަހަރު އަހަރެންނަށް ވަރަށް ތަދުވާނެ. ވަރަށް ބިރުވެސް ގަންނާނެ. ދެވަނަ ފަހަރު ތިންވަނަ ފަހަރު ކިތަންމެ އަނިޔާއެއް ދިނަސް އަހަރެންނަށް ތަދެއްވެސް ނުވާނެ އަދި ބިރެއްވެސް ނުގަންނާނެ" ވިލިނީ ބުންޏެވެ.

ވިލިނީ ސިޑިން އަރައިގެންދާ މަންޒަރު ބަލަން ބެގަރީ ހުރީ ކަންބޮޑުވެފައެވެ.

***********

އާދައިގެމަތިން ޖިލްވާ ގޮވައިގެން ބަރަކް އިނީ ރެސްޓޯރަންޓެއްގައެވެ. ހަފުތާއަކު އެއްދުވަހު އެގޮތަށް ބޭރުން ކާލަން ދެކުދިން އަބަދުވެސް އިސްކަމެއް ދެއެވެ. އެހެން ދުވަސްދުވަހާ ހިލާފަށް ޖިލްވާ ފެންނަނީ އުފަލުން އިންދައެވެ. ބޭނުންވާ ކާއެއްޗިއްސަށް އޯޑަރު ދީފައި ބަރަކް ފުން ނަޒަރަކުން ޖިލްވާއަށް ބަލައިލިއެވެ.

"މިއަދު ވަރަށް އުފަލުން އިންހެން ހީވޭ" ބަރަކް ބުންޏެވެ.

"އުފާވޭ. ކާފަ ބުނި އެއްޗެއް ބުނަންތަ؟" ފެންތަށިން ކޯވަރެއް ބޯލާފައި ޖިލްވާ ބުންޏެވެ.

"ބަރަކް އާ ދުރުވާށޭތަ؟ އެހެން ނުބުނައްޗެ. އަހަރެންގެ ހިތަށް ވަރަށް ތަދުވާނެ" ބަރަކް ބުންޏެވެ.

"ސާބަހޭ. ސަމާސާއަކަށްވެސް ދެން ތިކަހަލަ އެއްޗެއް ނުބުނާތި" ޖިލްވާ ބުންޏެވެ.

"ސޮރީ... އެގޮތް ވާން ބޭނުންނުވާތީ އެކަހަލަ އެއްޗެހި ބުނެވެނީ. ކީކޭތަ ކާފަ ބުނީ" ބަރަކް ބުންޏެވެ.

"ބުނީ ބަރަކް ބޭނުންވިއްޖިއްޔާ މެރީކޮށްގެން އަހަރެމެން ގޭގަ އުޅެވިދާނޭ" ޖިލްވާ ބުންޏެވެ. ބަރަކްގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.

"އަހަރެން ވަރަށް ބޭނުން ޖިލް އާ އިނދެގެން ވަރަށް އުފަލުން އުޅެން. ވިސްނަބަލަ. އަހަރެންނަކީ ހަރުދަނާ ވަޒީފާއެއްގައި އުޅޭ މީހެއް. މާލޭގަ އަހަރެންގެ ގެދޮރު އެބަހުރި. ދުނިޔޭގައި ބަލަންޖެހޭ މައެއް އެބަހުރި. މިސާލަކަށް އަހަރެން ޖިލް އާ އިނދެގެން ތިގޭގަ ދިރިއުޅެން ފެށީމަ މަންޒަރު ހާދަ ހަޑިވާނޭ. އަހަރެންގެ އަނބިމީހާގެ ހުރިހާ ހަރަދެއް ބަލަހައްޓަން އަހަރެން ބޭނުން. އަނބިމީހާގެ އާއިލާ މީހެއްގެ އަތުން އަހަރެން ދިރިއުޅޭށޭ ކިޔާފައި ލޯ ލާރިއެއްވެސް ބޭނުމެއް ނޫން. ހާލެއްގަޖެހޭ ދުވަހަކުން ބޭނުންނުވާނެއެކޭ ނޫން. އެކަމަކު... އަހަރެންނަށް އަދި ކުޑަދުވަސްކޮޅެއް ދޭންވީނުން. އަހަރެން ތަނެއް ކުއްޔަށް ހިފައިގެން ނަމަވެސް ކައިވެނި ކުރާނަން" ބަރަކް ވާހަކަދެއްކިއެވެ.

ކަޅިޖަހާނުލައި ބަރަކްއަށް ބަލަހައްޓައިގެން އިން ޖިލްވާ މޭޒުމަތީގައި އޮތް ބަރަކްގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. ބަރަކް ދެއްކި ވާހަކަތަކުން ހަގީގަތުގައިވެސް ޖިލްވާ ދެރަވެއްޖެއެވެ.

"އަހަރެން އެހެން ބުނި އެއްޗެއްނޫން. ކާފަ އެހެން ބުނީމަ ބުނެލީ. އަހަރެމެން މެރީކުރާނެ ދުވަހަކާއި ދިރިއުޅޭނެ ތަނެއް ހަމައެކަނި އަހަރެން ކަނޑައެޅިޔަސް ނުވާނެއްނު. ކައިވެންޏަށްފަހު ފިރިމީހާ ދެއްކި ކޮންމެ ތަނަކު އަނބިމީހާ ޖެހޭނީ އުޅޭކަށްނު. އަހަރެން ބަރަކްއަށް ވަރަށް އިތުބާރުކުރަން. އަހަރެން ކާފަ ކައިރީގައި ބުނާނަން އިނގޭ" ޖިލްވާ ވާހަކަދެއްކިއެވެ. ޖިލްވާގެ އަތްތިލައިގައި ބަރަކް ހިފަހައްޓާލާފައި ޖިލްވާއަށް ނަޒަރެއް ބަދަލުކޮށްލިއެވެ.

"ޖިލް ވާހަކަދައްކާނެ ކަމެއްނެތް. މި ހަފުތާ ބަންދުގައި އަހަރެން ކާފަ އާ ބައްދަލުކުރަން ތިގެއަށް ދާނަން" ބަރަކް ބުންޏެވެ.

"ހުކުރުދުވަހު އާދެވޭނެތަ؟ މެންދުރުގެ ކެއުމަށް" ޖިލްވާ އެހިއެވެ.

"ބަލާނަން. އަދި އެނގޭނީ ބުރާސްފަތި ދުވަސް އައީމަ. މިހާރު މި ހިންގާ އޮޕަރޭޝަނުގެ ކަންތައް އަދި ނުއެއްނިމޭ" ބަރަކް ބުންޏެވެ.

**********

ފާހާނާ ދޮރުމަތީގައި ހުދު ކުލައިގެ ތުވާއްޔަކުން އިސްތަށިތައް ހިއްކަން ހުރި ނަހީކް ކޮޓަރިއަށް މީހަކު ވަންހެން ހީވުމުން އަޅާނުލިއެވެ. ބެގަރީކަމަށް ހީކޮށް ޖަވާބެއްނުދީ ހުރީ އާންމުކޮށް ބެގަރީ ކަންތައްކުރާ އުސޫލުން ސައިތަށި ކަބަޑުމަތީގައި ބަހައްޓާފައި ދާނެ ކަމަށެވެ. އެހެންނަމަވެސް އެއްވެސް އަޑެއް ބަޑެއް ނީވުމުން ނަހީކް ބަލައިލިއެވެ. ސައިތަށި ހިފައިގެން ކޮޓަރި މެދެއްހާ ހިސާބުގައި ހުރި ވިލިނީ ފެނިފައި އަތުގައި ތުވާލި ބޮނޑިކޮށްލާފައި އެނދަށް ޖެހިއެވެ.

"ކަލޭ... ކަލޭގެ ތި ހިތްވަރު" ވިލިނީ އާ ދިމާލަށް ނަހީކް އައީ ބުޅަލެއް ރޯ މަސްގަނޑެއް ފެނި އަންނަހެންނެވެ. ގުޑާވެސްނުލައި ވިލިނީ ހުއްޓެވެ. އާވި އަރަމުންދިޔަ ހޫނު ސައިތަށީގައި އަތުން ޖެހީ މީހަކު ސިއްސައިގެންދާހާ ބާރަށެވެ. އެއްބައި ވިލިނީގެ އަތަށް ފޭބިއިރު އަނގައިން އަޑެއްވެސް ލައްވާނުލައެވެ. ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނޭ ބުނާ ފަދައިން ވިލިނީ ހުއްޓެވެ.

"ބެގަރީ..." އަޑުހަރުކޮށް ނަހީކް ބެގަރީއަށް ގޮވާލިއެވެ. ވިލިނީ އެނބުރި ބަލައިލިއިރު ބެގަރީ ދޮރާ ހަމަވެއްޖެއެވެ.

"ބެގަރީ މިތަނުން ދޭ" ބެގަރީ ވަންނަން ވިލިނީ ތަން ނުދިނެވެ. ފަހަތުގައި ހުރި ނަހީކް ފެނުމާއެކު ބެގަރީ ޖެހުނީ ކުރިއަށެވެ.

"ދެމަފިރިން އެކަހެރިވެގެން ތިބޭ ވަގުތުތަކުގައި އެހެން މީހުން ތިބުމަކީ ރަނގަޅުކަމެއް ނޫން" ވިލިނީ ބުންޏެވެ. ބެގަރީ ބަހެއްނުކިޔައި ބަލަހައްޓައިގެން ހުއްޓައި ވިލިނީ ކޮޓަރި ދޮރުލައްޕާލައިފިއެވެ. ކުރިމައްޗަށް ބަލާނުލެވި އުޅެނިކޮށް ނަހީކް އައިސް ވިލިނީގެ އިސްތަށިކޮޅު އަތަށް އޮޅާލައިފިއެވެ. ސިހުމެއް ލިބުނަސް ވިލިނީ އަނގައިން އަޑެއް ލައްވާނުލައެވެ.

"ހިތްހަމަޖެހުނީމަ ދޫކޮށްލާނެ" ވިލިނީ ބުންޏެވެ. އަނގައިން ރުޅިވެރި އަޑެއް އިއްވާލާފައި ކޮޓަރި މެދަށް ވިލިނީ ހޫރާލިއެވެ. ތިރީގައި ހަމަޖެހުމާއެކު ވިލިނީ ފުންމައިގެން ތެދުވެއްޖެއެވެ. ލައިގެން ހުރި ހެދުން ރީތިކޮށްލާފައި ނަހީކާ ގާތަށް ވިލިނީ އެއް ފިޔަވަޅު އެޅިއެވެ.

"އެހާ ނަފްރަތު. ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާ؟ ބޮޑޫ އާއި ނަހީކާ ދެމެދުގައި އޮތް ރުޅިވެރިކަމެއް އަހަރެންނަށް ތިބާލަނީ ކީއްވެ؟" ނަހީކާ ކުރިމަތިލައިގެން ހުރެ ވިލިނީ އެހިއެވެ.

"ކަލޭ ހަމަ މިހާރު މިކޮޓަރިން ނުކުމެގެންދޭ" ނަހީކް ބުންޏެވެ.

"ނުދާނަން. ނަހީކް ތިހާވަރަށް އަހަރެންދެކެ ނަފްރަތުކުރާއިރު ކީއްކުރަން ކައިވެނި ކުރީ؟ އަހަރެން ވަރިކުރޭ. އެއިރުން ހުރިހާ ކަމެއް ނިމުނީނު. ނަހީކްގެ ބޮލަށް އުނދަގުކުރަން އަހަރެން މިތާކު ނުހުންނާނެއްނު" ވިލިނީ ބުންޏެވެ.

ވައިގެތެރޭގައި އެނބުރޭ ބުމަރެއްހެން ނަހީކް އުޅެމުން ދިޔައެވެ. ވަރުގަދަ ކިންގް ސައިޒުގެ އެނދުގައި އަޅާފައި އޮތް ބެޑްޝީޓް ދަމައިގަތް ގޮތަށް ހޫރާލިއެވެ. ބާލިސްތައް އެނދުން ނަގާ ހޫރަމުން ދިޔައެވެ. ޑްރެސިން ޓޭބަލް މަތީގައި ހުރި ރީތިވާ ސާމާނު އެއްފަހަރާ ބުރުވާލިއެވެ. ނަހީކް ބޭނުންވީ އެފަދައިން ވިލިނީއަށް ވެސް ހަދާލާށެވެ. ދުވަހަކުވެސް ކުރިމައްޗަށް އަންނަން ނުކެރޭވަރު ކޮށްލާށެވެ.

"އަހަރެންވެސް ހޭބަލިވެގެނެއް ނޫޅެން. އަހަރެން ކައިވެނިކުރީ އެންމެ ސަބަބަކަށްޓަކައި. ޒުވާން އުމުރުގައި ފިރިއަކާއެކު އަބުރުވެރި ދިރިއުޅުމެއް އުޅުމަށްޓަކައި. އަހަރެން ހީކުރި ކަހަލަ ފިރިހެނެއް ނޫން ތިއީ. ތިއީ ފިރިހެނެއްގެ ސިފައިގައި ހުއްޓަސް ހަމަ ޖަނަވާރެއް. އަހަރެން ކަލެ އާއެކު ދިރިއުޅޭކަށް ނެތިން. އަހަރެން ވަރިކުރޭ. މިބުނީނު ވަރިކުރާށޭ. މިކޮޓަރި ތެރޭގައި ކަލޭ ކޮންމެ ވައްތަރެއް ޖެއްސިޔަސް އަހަރެން ބިރެއް ނުގަންނާނެ" ވިލިނީ ވާހަކަދައްކަމުން ދިޔައެވެ. ވިލިނީގެ ދެލޮލުން ކަރުނަ ނީރާލާފައި ހުއްޓަސް އެއީ ނަހީކްދެކެ ޖެހިލުންވުމުގެ ސަބަބުން ނީރާލާފައިވާ ކަރުނައެއް ނޫނެވެ. އެހެނަސް އައިސްފައިވާ ރުޅީގެ ސަބަބުން ނީރާލާފައިވާ ކަރުނައެވެ.

"ޝަ ޓް އަ ޕް...." މިފަހަރުވެސް ނަހީކްގެ އަތުގެ ހޫނު ހަމަލާއެއް އަމާޒުވީ ވިލިނީގެ އަނގަ މައްޗަށެވެ. ތުންފަތުން ކޮންމެވެސް ވަރަކަށް ލޭ ފޭދުނެވެ.

"އިނގޭތަ ކަލެއަށް ތިކުރެވެނީ ކީއްކަން. ތިއަށް ކިޔަނީ ގެވެށި އަނިޔާ. އަހަރެން މައްސަލަ ޖައްސައިފިއްޔާ ކަލޭ ޖަލަށްލާނެ. މިހާރު މިވަގުތުވެސް އަހަރެންނަށް ކަލޭ ޖަލަށް ފޮނުވާލެވެން އެބައޮތް" ވިލިނީ ބުންޏެވެ. ރުޅީގެ ދިލަ ހޫނުން ކެކިއަރަމުން ދިޔަ ނަހީކްގެ އެތެރެހަށީގެ ލޭތައް ވިލިނީގެ ކޮންމެ ޖުމްލައަކާއެކު ބޮކިޖަހަމުން ދިޔައެވެ. ދުރުގައި ހުރެފައި އެދިޔަ ބާރިމިނުގައި ގޮސް ވިލިނީގެ ދެކޯތާފަތް ނަހީކްގެ އަތްތިލައިގެ ތެރޭގައި ފިއްތާލިއެވެ. އެހުރިގޮތަށް ފަހަތަށް ވިލިނީ ކޮށްޕަމުން ގޮސް ދޮރުފަތުގައި ޖެއްސުވިއެވެ.

"އެ އަންހެންމީހާ ހެން ކަލޭ އަހަރެންނަށް ބިރުދައްކަނީތަ؟ ކިހާ ބޮޑު މުސީބާތެއް ކަލޭމެންނާ ހެދި. އެ އަންހެންމީހާ އަހަރެންގެ މުޅި ދިރިއުޅުން ހަރާބުކޮށްފި. ކަލޭ އަހަރެންގެ ބޮލުގައި އެޅުވީ އެމީހާ. އަހަރެންނަށް ކަލޭ ވަރިކުރެވޭކަށްވެސް ނެތް. އެހެން ހުރިހާ އެއްޗަކަށް ވުރެވެސް ބޮޑަށް އަހަރެންނަށް އަހަރެންގެ އަބުރާއި އިއްޒަތް މުހިންމު. ސަލާމަތުން ހުންނަން ބޭނުންވިއްޔާ ކަލޭ މިތަނުން ރައްކާވޭ. އެހެންނޫނީ ކަލޭވެސް.... އަހަރެން އަތުން މަރުވެދާނެ...." ދޮރު ހުޅުވާލިގޮތަށް ކުނިކޮޅެއް ބޭރަށް އެއްލާލާހެން ވިލިނީ ކޮޓަރިން ބޭރަށް ހޫރާލިއެވެ.

ބެގަރީ އައިސް ކައިރީގައި ހުއްޓުމާއެކު ވިލިނީ އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެއްޖެއެވެ.

"ހިނގާ. ހިނގާ އައިސް އަޅަން" ވިލިނީގެ ތުންފަތް ކައިރިން ދުޅަވެ ލޭ އައިސްފައިވިތަން ފެނުމުން ބެގަރީ ބުންޏެވެ. ވިލިނީއަށްޓަކައި ބެގަރީގެ ދެލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ރަހުމާއި އޯގާތެރިކަމެވެ.

"އަހަރެން ފަހުން ބެގަރީ އާ ބައްދަލުކުރާނަން. މިހާރު މިދަނީ ފެންވަރަން" ވިލިނީ ހިނގައިގަތެވެ. ބެގަރީ ދެފަރާތަށް ބޯ ހޫރާލިއެވެ. ބެގަރީގެ މުޅި ހަޔާތުގައިވެސް ވިލިނީ ފަދަ އަންހެނަކާ އަދި ދިމައެއް ނުވެއެވެ. ބެގަރީގެ ހިތަށް އެރިއެވެ. އެ އަންހެންކުއްޖާ ހަމަ އެހާ ހިތްވަރު ގަދައީ ހެއްޔެވެ؟ ނުވަތަ ހިތްވަރުގަދަކަމަށް ހެދެނީ ހެއްޔެވެ؟

**************

ދެ ދުވަސް ފަހެވެ. ބުރާސްފަތި ދުވަހު އޮފީހުގެ މަސައްކަތްތައް ނިންމާލާފައި ރިންދާ އަވަހަށް ގެއަށް އައެވެ. ހައިބްއަށް ވައުދެއްވެވިފައި އޮތުމުން ވައުދު ފުއްދުމަށެވެ.

ތައްޔާރުވެގެން ރިންދާ ކޮޓަރިން ނުކުތްއިރު ހައިބް ސޯފާގައި އިނެވެ. ފުރަތަމަ ފަހަރަށް ދޮންތައާއެކު ބޭރަށް ނުކުމެވޭތީ ހައިބް އިނީ ނުލާހިކު އުފަލުންނެވެ. ކޮޓަރީ ދޮރުމަތީގައި ތިބި ޝާހްބާޒް އާއި ނަހާއަށް 'ބާއި' ކިޔާލާފައި ހައިބް ދުވެފައި ގޮސް ހިފީ ރިންދާގެ އަތުގައެވެ. މަންމައާއި ބޭބެ ކައިރީގައި ދަނީ އޭ ބުނެފައި ހައިބް ގޮވައިގެން ރިންދާ ނުކުތެވެ.

"ކޮންތާކަށް ދާނީ ބޭބީ" ތަންކޮޅަކަށް ހިނގާލާފައި ހައިބްއަށް ރިންދާ އެހިއެވެ.

"އައިސްކްރީމް ބޯން" ހައިބް ބުންޏެވެ.

ރިންދާ މަގުމަތިން ކާރެއް ހުއްޓުވިއެވެ. ދާން ބޭނުންވާ ތަން ހުރީ ތަންކޮޅެއް ދުރުގައެވެ. ޓެކްސީއަށް އެރީ ހައިބް ގޮވައިގެން އަވަހަށް ދާންބޭނުންވެގެނެވެ.

ބްރިޖުގެ ހިތްގައިމުކަން ފެންނަ ސަރަހައްދެއްގައި ހުރި ރެސްޓޯރަންޓަންޓަކަށް ހައިބް ގޮވައިގެން ރިންދާ ވަނެވެ. ވަގުތުގެ ގޮތުން މީހުން ގިނައެވެ. ކުޑަކުދިންގެ ސަކަރާތުގެ އަޑު ހުރީ ހިފާލާފައެވެ. ހުސްކޮށް ހުރި މޭޒެއް ކައިރިން ގޮނޑިއެއް ދަމާލާފައި ހައިބް އުރާލާފައި ގޮނޑީގައި ބޭންދިއެވެ. ދެން ހައިބްގެ ކަނާތްފަރާތުން ގޮނޑި ދަމާލާފައި ރިންދާ އިށީނެވެ.

"ސްޓޯވްބެރީ ބޭނުމީ" ރިންދާ ސުވާލުކުރުމުގެ ކުރިން ހައިބް ތުއްތު އަޑުން ބުނެލިއެވެ. ރިންދާއަށް ހެވުނެވެ. ބޭނުންވާ އެއްޗިއްސަށް އޯޑަރުދީފައި ރިންދާއަށް ހަމަޖެހިނުލެވެނީސް ޖެހިގެން ހުރި ގޮނޑީގައި މީހަކު އިށީނދެއްޖެއެވެ. ބަލައިލުމާއެކު ރިންދާއަށް ލިބުނީ ހައިރާންކަމެކެވެ. ދެފަރާތް ހޯދާލެވުނީ ނަހީކާއެކު ވިލިނީވެސް ހުންނާނެ ކަމަށެވެ.

(ނުނިމޭ)