ފުޓްސަލް

މިޔަޓް ފުޓްސަލް: އެއިޓް ޓު ނައިން އާއި އެމްޕަޔާ އެސްސީ ކުއާޓާ ޔަގީންކޮށްފި

ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އަރާމު ހޮލިޑޭސް މިޔަޓް ފުޓްސަލް ފިއެސްޓާގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަތައް އެއިޓް ޓު ނައިން އަދި އެމްޕަޔާ އެސްސީން ޔަގީންކޮށްފިއެވެ.

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކުރާ މިއަހަރުގެ މުބާރާތުގައި 14 ޓީމަކުން ވާދަކުރެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ އަދި ބީގައި ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، އަނެއް ދެ ގްރޫޕުގައި ހިމެނެނީ ކޮންމެ ގްރޫޕެއްގައި ތިން ޓީމެވެ.

ގްރޫޕް އޭގެ ހަތަރު ޓީމުވެސް، ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާ އިރު، އެއިޓް ޓު ނައިން އާއި އެމްޕަޔާ އެސްސީ ވަނީ ދެ މޮޅު ހޯދައިފައެވެ. ކޮންމެ ޓީމަކަށް ބާކީ ދެން އޮތީ މެޗެކެވެ. އެހެންކަމުން ދެމެޗުން މޮޅެއް ނުހޯދި އޮތް ޓީމް ކޭވީ އާއި ބްލެކް އީގަލްސް ޖޫނިއާއަށް ކުއާޓާގެ ފުރުސަތެއް ދެން ނޯންނާނެއެވެ.

ރޭ ގްރޫޕް އޭގައި އެއިޓް ޓު ނައިން އިން ޓީމް ކޭވީ ބަލިކުރީ 7-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ފަސް ގޯލު ޖަހައިފައެވެ. އަނެއް ދެ ގޯލު ޖެހީ ސިފާހާއި ރިޝާދެވެ. އެމްޕަޔާ އެސްސީން ރޭ ކުޅުނު މެޗުގައި 9-0 އިން ބްލެކް އީގަލްސް ޖޫނިއާ ބަލިކޮށްފައިވާ އިރު، އެ މެޗުގައި ޝިފާޒް އާދިލް (މަޓާ) ވަނީ ހަ ގޯލު ޖަހައިފައެވެ.

އެމްޕަޔާ އެސްސީގެ އަނެއް ގޯލުތައް ޖެހީ ފައުޒާނާއި އަކްޝަމް އަދި އަޝްފާގެވެ.

ތުލުސްދޫގައި ފޯރިގަދަކޮށް ކުރިއަށްދާ މުބާރާތުގައި ރޭ އިތުރު ދެމެޗާއެކު ޖުމުލަ ހަތަރު މެޗު ކުޅެފައިވެއެވެ. އެއީ ގްރޫޕް ޑީގެ މެޗަކާއި ގްރޫޕް ބީގެ މެޗެކެވެ. ގްރޫޕް ޑީގެ މެޗުގައި އެޕޮކްލިޕްސް ވަނީ 6-1 އިން ހުދުރަންފުށި ބަލިކޮށްފައެވެ. މެޗުގައި އެޕޮކްލިޕްސްގެ ގޯލުތައް އިސްމާއީލް ވިފާގާއި އަހުމަދު ޝިޒާން (ޝިއްޕެ) އަދި އިސްމާއީލް ވަޖީހު (ވައްޖެ) ޖަހައިދިން އިރު، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލު ޖަހައިފައެވެ.

ހުދުރަންފުށީގެ ހަމައެކަނި ގޯލު ޖަހައިދިނީ ފުރުގާނެވެ.

ގްރޫޕް ބީގައި ރޭ ބޮޅު ކޮމިއުނިޓީން ވަނީ 4-0 އިން ކަންމަތި އެންޖީ ބަލިކޮށްފައެވެ. އެ މެޗުގެ ގޯލުތައް ޖެހީ އަރުޝަމް އާއި ފަރުހާދު އަދި ނިޝާހެވެ. ނިޝާހު މެޗުގައި ދެ ގޯލު ޖެހިއެވެ. ބޮޅު ކޮމިއުނިޓީން ރޭ ހޯދި މޮޅާއެކު އެޓީމަށްވެސް ވަނީ ކުއާޓާގެ އުންމީދު ލިބިފައެވެ. ގްރޫޕް ބީގައި ބްލެކް އީގަލްސް އާއި ބޮޅު ކޮމިއުނިޓީ އަދި ހިންމަފުއްޓަށްވެސް ކޮންމެ ޓީމަކަށް މޮޅެއް ލިބިފައިވާ އިރު، އެ ގްރޫޕުގައި ދެމެޗު ކުޅެފައި ވަނީ ބޮޅު ކޮމިއުނިޓީ އާއި ކަންމަތީ އެންޖީ އެކަންޏެވެ.

މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގައި މިރޭ އޮންނާނެ މެޗުތައް

20:30 ބްލެކް އީގަލްސް - ހިންމަފުށި އެފްޓީ
21:30 ކަންމަތި އެފްސީ - ދިއްފުށި އެފްސީ
22:30 ބްލެކް އީގަލްސް އެންޖީ - އެޕޮކްލިޕްސް