ޚަބަރު

ގައުމުތަކުގެ ދާހިލީ މައްސަލަތަކާ ސަރުކާރުން ބެހުމަކީ އެކަމުގެ ގެއްލުން ޖީލުތަކަށް ކުރާނެ: އެމްޑީއޭ

ގައުމުތަކުގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ދިވެހި ދައުލަތުގެ ފަރާތުން ވަނުމަކީ ހިތާމަވެރި އަދި އެކަމުގެ ގެއްލުން އެތައް ޖީލަކަށް ދެމިގެން ހިނގައިދާނެ ކަމެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ބުނެފިއެވެ.

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުގެ ފުރުސަތު ދިވެހި ސަރުކާރުން ދީފައިވާތީ އެކަން ކުށްވެރިކޮށް އެމްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ, ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި, ދިވެހި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރެއްވުމަކީ ލަންކާގެ ރައްޔިތުންގެ އިހުސާސްތަކުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

އަދި އެފަދަ އަމަލުތައް މުސްތަގުބަލުގައި ތަކުރާރު ނުވާނޭ ގޮތަކަށް ދިވެހި ދައުލަތުގެ އެންމެހައި ފަރާތްތަކުން އަމަލުތައް ބެހެއްޓުމަކީ މިހިނދުން މިހިނދަށް ކުރަންޖެހިފައިވާ ކަމެއް ކަމަށް ބުންޏެވެ.

"ހަމަ އެއާއެކު, ލަންކާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން މިކަމުގައި މައާފަށް އެދުމަށްވެސް ދިވެހި ސަރުކާރަށް ގޮވާލަމެވެ," އެމްޑީއޭގެ ބަޔާނުގައިވެއެވެ.

އެ ޕާޓީން ބުނީ, ރާއްޖެއަކީ ޒަމާނުއްސުރެ ވަކި ފަރާތަކަށް ނުޖެހޭ ހަމަހަމަ ހާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި ގައުމަކަށްވާ އިރު, ގައުމުތަކުގެ ދާހިލީ މައްސަލަތަކުގައި ބަސް ބުނެ އެފަދަ ސިޔާސަތު މުގުރާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިން ގޮތް ތަހުގީގުކޮށް, އެކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީއޭ އިން ވަނީ ގޮވާލައިފައެވެ.