އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ފަށާ، 54 ވަނަ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ އަންހެން ކެޓަގަރީގެ އިވެންޓް ކްރޮސް ރޯޑްސްގައި އަދި ފިރިހެން ޑިވިޝަންގެ އިވެންޓް ކ. މާފުށީ ގެސްޓް އޭރިއާގައި ބާއްވަން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)އާއި ޔޫތު މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
ގެސްޓުންނަށް ހާއްސަ ތަންތަނުގައި އެ އިވެންޓުތައް ބާއްވާނެ ކަމަށް ބުނެފައި މިވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ބޮޑީބިލްޑިންގެ އިވެންޓުތައް ބޭއްވުމާމެދު ބައެއް ދީނީ އިލްމުވެރިންނާއި އާންމުން ފާޑުކިޔާފައި ވަނިކޮށެވެ.
ޔޫތު މިނިސްޓްރީ އާއި ބީބީއޭއެމް އެކުގައި މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ މިއީ ރާއްޖޭގައި ބާއްވާ ބޮޑީބިލްޑިންގެ ބައިނަލްއަގުވާމީ ދެވަނަ މުބާރާތް ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ބޭއްވި މުބާރާތަކީ 2001 ވަނަ އަހަރު ބަނޑުހޮގައި ބޭއްވި ސައުތު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ކަމަށެވެ.
ރާއްޖޭގެ 20 ވަރަކަށް އެތުލީޓުން ބައިވެރިވާ، އޭޝިއާގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހަ ދުވަހުގެ މުއްދަތަށެވެ. އެ މުބާރާތުގައި ބައިވެެރިވާ ޑެލިގޭޓުން މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފައެވެ.
އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް އެންމެ ފަހުން ހޯސްޓްކުރީ 2019 ވަނަ އަހަރު އިންޑޮނީޝިއާގެ ބަތާމްގައެވެ. ރާއްޖޭގައި އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ 2019 ވަނަ އަހަރު މުބާރާތް ބާއްވަންކުރި ބިޑް ކާމިޔާބުކޮށްގެންނެވެ.
ބޮޑީބިލްޑިންއަކީ ރާއްޖެއަށް ގިނަ ރަން މެޑަލްތަކެއް ގެނެސްދީފައިވާ ކުޅިވަރެކެވެ. އޭޝިއާގެ މުބާރާތުންވެސް ރާއްޖެ ވަނީ ރަން މެޑަލް ހޯދައިފައެވެ. އަމިއްލަ ގައުމުގައި އޭޝިއާގެ ބޮޑު މުބާރާތް ބޭއްވުމުން ދިވެހި ބޮޑީބިލްޑަރުންނަށް ކާމިޔާބު ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ