ސްރީ ލަންކާގެ ވަގުތީ ރައީސްގެ މަގާމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހަމަޖައްސަވައިފިއެވެ.
ލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ދެއްވި ބަޔާނެއްގައި ވިދާޅުވީ، ގައުމުން ބޭރުގައި ހުންނެވުމުން ގައުމުގެ ވަގުތީ ރައީސްގެ މަގާމަށް ރަނިލް ހަމަޖެއްސެވުމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަ ނިންމަވާފައިވާ ކަމަށެވެ.
ލަންކާގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ވަރުގަދަ މުޒާހަރާގެ ތެރެއިން ރަނިލްގެ ގެކޮޅާއި އޮފީހަށް މުޒާހަރާގެ ބައިވެރިން ވަދެގަތުމާ ގުޅިގެން، އެ މަނިކުފާނު ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިސްތިއުފާ ސިޓީ އަދިވެސް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.
އެކަމަށް އިޝާރާތް ކުރައްވާ މަހިންދަ ޔަޕާ ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އިސްތިއުފާ ސިޓީ ފޮނުއްވާނެ ކަމަށް ގޮތަބަޔާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިންވެސް އިއުލާންކުރި ގޮތަށް މި މަހުގެ 20 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުން އާ ރައީސަކު އިންތިހާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ލަންކާ ދޫކުރައްވައި ގޮތަބަޔާ މިވަގުތު ހުންނެވީ ރާއްޖޭގައެވެ. އެކަން އިމިގްރޭޝަންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ކަށަވަރުކޮށްދޭ އިރު، ރޭ މެންދަމުގެ ވަގުތެއްގައި އަސްކަރީ މަތިންދާބޯޓެއްގައި އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިންނާއެކު ގޮތަބަޔާ ރާއްޖެއަށް ވަޑައިގަންނެވިކަން ލަންކާގެ އެއާފޯސް އިންވެސް ކަށަވަރުކޮށްދީ ބަޔާނެއް ވަނީ ނެރެފައެވެ.
ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއެން އިން ބުނިގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ނުދިނެވެ. ނަމަވެސް އެ ހުއްދަ ހޯއްދެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ކަމުގެ ތެރެއަށް ވަންނަވައިގެން ކަމަށް ބުނެފައިވެއެވެ.