ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
ލަންކާގެ ބޮޑުވަޒީރުގެ އޮފީހާ ހަވާލާދީ އޭއެފްޕީން ބުނީ، ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމުން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން އެ ގައުމުގެ ވަގުތީ ރައީސަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކަމަށެވެ. އަދި ލަންކާގައި މިހާރު އޮތް ހާލަތު ކޮންޓްރޯލް ކުރުމަށް މުޅި ގައުމުގައި މިވަގުތުން ފެށިގެން ކުއްލި ހާލަތު އިއުލާނު ކޮށްފައިވާ ކަމަށް ބުންޏެވެ.
ކުއްލި ހާލަތު އިއުލާނު ކުރުމާއެކު ރަނިލް ވަނީ ލަންކާގައި ހަމަނުޖެހުން އުފައްދާ މީހުން ހައްޔަރުކޮށް، އެމީހުން އުފުލާ ވެހިކަލްތައް އަތުލުމަށް ސަލާމަތީ ބާރުތަކަށް އަންގަވައިފައެވެ.
ރޭ މެންދަމުގެ ވަގުތެއްގައި އަސްކަރީ މަތިންދާބޯޓެއްގައި އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިންނާއެކު ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވި އިރު، ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއެން އިން ބުނިގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ނުދިނެވެ. ނަމަވެސް އެ ހުއްދަ ހޯއްދެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ކަމުގެ ތެރެއަށް ވަންނަވައިގެން ކަމަށް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ލަންކާގެ ރައްޔިތުންނާއި ދިވެހިންވެސް ނުރުހުން ފާޅުކުރަމުންދާ އިރު، ގޮތަބަޔާގެ ދަތުރާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.