މީގެ ދެ ދުވަސް ކުރިން ވީތަނެއް ނޭނގިގެން ހޯދަމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ކުއްޖާގެ އާއިލާގެ ފަރާތުން ދައްތައަކު "ވަން" އަށް ބުނި ގޮތުގައި، އައިމިނަތު ޒާރާ ރިޔާޒު ނަމަކަށް ކިޔާ އެ ކުއްޖާ ގެއްލިގެން ހޯދަން ފެށީ މި މަހުގެ 10 ވަނަ ދުވަހު މެންދުރުފަހު 2:30 ގައި ގެއިން ނުކުތް ގޮތަށް ހަބަރެއް ނުވުމުންނެވެ.

އެގޮތުން އެ ދުވަހު ރޭގަނޑު 9:00 ހާއިރުވެސް ޒާރާ އޭނާގެ މަންމައާ ވައިބާއިން ވާހަކަ ދެއްކި ކަމަށާއި 80 ނަންބަރު ފިހާރަ ކައިރީގައި ހުންނަ ރައްޓެއްސެއްގެ ގެއަށް ވަދެ ނަމާދު ކޮށްލައިގެން ރަސްފަންނަ ދާނެ ކަމަށް ބުނި ކަމަށް ދައްތަ ބުންޏެވެ. ނަމަވެސް އެފަހުން ފޯނު ނިއްވާލާފައި އޮތުމުން ކުއްޖާ ހޯދަން ފެށީއެވެ.

ފުލުހުން މިއަދު ބުނީ، އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ބުންޏެވެ.