މާލެއިން އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ މާލެއަށް އުފަން އާމިނަތު ޒާރާ ރިޔާޒެވެ. އާއިލާގެ ފަރާތުން ޒާރާގެ ދައްތަ ލައްޔާ ރިޔާޒު "ވަން" އަށް މިއަދު ބުނީ ޒާރާގެ ހަބަރެއް ނުވެގެން ހޯދަން ފެށީ ރައްޓެހިންތަކަކާ ބައްދަލުކޮށްލުމަށް މިދިޔަ އާދީއްތަ ދުވަހުގެ މެންދުރު 2:30ގައި ގެއިން ނުކުތް ގޮތަށް އެނބުރި ގެޔަށް ނައިސްގެން ކަމަށެވެ. އަދި ބޭރުގައި އުޅުމަށް އާއިލާއިން ކަނޑައަޅާފައިވާ ގަޑިއަށް ޒާރާ އަބަދުވެސް ގެއަށް އަންނަ ކަމަށް ބުންޏެވެ.

"ގޭ މީހުން އީދަށް މިތާ ކައިރި ރަށަކަށް ގޮސްފަ އައީ ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ. ދެން ޒާރާ ފްރެންޑުންނާއި މީޓް ކުރަންވެގެން ދިޔައީ 10 ވަނަ ދުވަހުގެ މެންދުރު 2:30 ހާއިރު. ފެމިލީގެ އޮންނަ ކަނެކްޝަންވެސް ވަރަށް ސަޅި. އެއްވެސް މައްސަލައެއްވެސް ނުޖެހޭ. ދެން އަބަދުވެސް އިންނާނެ ކާފިއު ގަޑިއެއް ޒާރާ ގެއަށް ވަންނަންޖެހޭ. އެއީ ރޭގަނޑު 10:30. އެ ގަޑިއަށް އަބަދުވެސް ގެއަށް އަންނާނެ." އޭނާ ބުންޏެވެ.

ލައްޔާ ބުނީ އާދީއްތަ ދުވަހުގެ ރޭގަނޑު 9:00 ހާއިރުވެސް ޒާރާ އޭނާގެ މަންމައާ ވައިބާއިން ވާހަކަ ދެއްކި ކަމަށެވެ. އަދި ނަމާދު ކޮށްފިންތޯ މަންމަ އެހުމުން 80 ނަންބަރު ފިހާރަ ކައިރީގައި ހުންނަ އޭނާގެ ރައްޓެއްސެއްގެ ގެއަށް ވަދެ ނަމާދު ކޮށްލާނެ ކަމަށް ބުނި ކަމަށާއި އޭގެ ފަހުން ފޯނު އޮތީ ނިއްވާލާފައިވާ ކަމަށް ބުންޏެވެ.

ލައްޔާ ބުނި ގޮތުގައި، ޒާރާ ހޯދަން އޭނާ އެ ބުނި ގޭގަ އުޅޭ ރައްޓެއްސަށް ގުޅުމުން، އެގޭ މީހުން އޭރު ތިބީ ޗުއްޓީއަށް ރަށަކަށް ގޮހެވެ.

"އެގޭގަ އުޅޭނެ ޒާރާގެ ރައްޓެއްސެއް. އޭނައަށް ގުޅީމަ ބުނީ އެމީހުން މާލެއިން ބޭރުގައި ކަމަށް. އެހެންވީމަ ޒާރާ އެމީހުންނާއެކު ދިޔަ ކަމަށް ނުބެލެވޭ. ހިޔެއް ނުވޭ ނުބުނެ ދާނެހެންވެސް. ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރޭ. ފިލައިގެން ދާނެ ގޮތަކަށް ނޫން ގެއިން ނިކުތީވެސް. ފޯނު ޗާޖަރުވެސް އެބަ އޮތް ގޭގަ. މަންމަ އާއި އެރޭ ނުވައެއް ޖަހަންދެންވެސް ވާހަކަ ދެއްކި. އޭގެ ފަހުން ފޯނު ނިވުނީ ކަމެއް ނިއްވާލީ ކަމެއް ނޭނގެ. އޭނަ ފޯނު ނިއްވާލިކަން އެނގުނު ހިސާބުން އޭނާ ހޯދުމުގެ މަސައްކަތް ބައްޕަ އާއި މަންމަ އެ ކުރަނީ. ހުޅުމާލެ އާއި ވިލިމާލެ އަދި މާލޭގެ އެކި ސަރަހައްދުތައް ބަލަމުން މިދަނީ. ނަމާދުކޮށްގެން ރަސްފަންނަށްދާ ވާހަކަ ބުނި،" އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މާލެއިން 17 އަހަރުގެ ކުއްޖަކު ގެއްލިގެން އާއިލާގެ ފަރާތުން މިމަހުގެ 10 ވަނަ ދުވަހު އހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އާއިލާއިން ބުނި ގޮތުގައި، ޒާރާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ގަމީހަކާއި ނޫ ކުލައިގެ ޖިންސެކެވެ. އަދި އަޅައިގެން ހުރީ ކަޅު ބުރުގާއެކެވެ. އަދި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ފޯނު ނަންބަރު 9463201 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އާއިލާއިން އެދެއެވެ.