ފުޓްސަލް

ކުލަގަދަ ހަރަކާތްތަކަކާއެކު އަރާމު ހޮލިޑޭސް އެންޑް ސްޕާ މިޔަޓް ފުޓްސަލް ފިއެސްޓާ ފަށައިފި

ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އަރާމު ހޮލިޑޭސް މިޔަޓް ފުޓްސަލް ފިއެސްޓާ، ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ފަށައިފިއެވެ.

ތުލުސްދޫގައި ރޭ މުބާރާތް ފެށި އިރު، ފުރަތަމަ މެޗުގެ ކުރިން މުބާރާތުގެ ހާއްސަ ޓްރޮފީވެސް ވަނީ ދައްކާލައިފައެވެ. އެ ޓްރޮފީ ރަސްމީކޮށް ދައްކާލާފައި ވަނީ ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދިން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކުރާ މި މުބާރާތުގައި މިއަހަރު 14 ޓީމަކުން ވާދަކުރެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ އަދި ބީގައި ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، އަނެއް ދެ ގްރޫޕުގައި ހިމެނޭނީ ކޮންމެ ގްރޫޕެއްގައި ތިން ޓީމެވެ.

ރޭ ވަނީ މުބާރާތުގެ ދެމެޗު ކުޅެފައެވެ. އެއީ ގްރޫޕް އޭގެ ދެ މެޗެވެ. ގްރޫޕް އޭގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އެއިޓް ޓު ނައިން އެފްސީން ބްލެކް އީގަލްސް ޖޫނިއާ ބަލިކުރީ 11-0ގެ ނަތީޖާއަކުންނެވެ. މެޗުގައި އެއިޓް ޓު ނައިން އެފްސީގެ އަހުމަދު ރިޒުވާން (ރިޒޭ) ހެޓްރިކް ހެދި އިރު، އެ ޓީމުގެ ޒަހީރާއި ނޫހުވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިދީފައެވެ.

އަނެއް ގޯލުތައް ޖަހައި ދިނީ ސިފާހާއި ސަޖުލީންގެ އިތުރުން ސިނާނާއި ރިޝާދެވެ. ރޭ ކުޅުނު އަނެއް މެޗުގައި އެމްޕަޔާ އެފްސީން ވަނީ 5-1 އިން ޓީމް ކޭވީ ބަލިކޮށްފައެވެ. އެ މެޗުގައި އެމްޕަޔާގެ ޝިފާޒް އާދިލް ހެޓްރިކް ހެދި އިރު، އަނެއް ދެ ގޯލު ޖެހީ ފައުޒާންއާއި ޝިފާއުއެވެ. ކޭވީގެ ހަމައެކަނި ގޯލު ޖެހީ ޝަޒީމެވެ.

މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި ރަށުން، އަތޮޅުން ބޭރުން ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން ގެންދެވޭނެ އުސޫލެއްވެސް އެކުލަވާލާފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގައި މިރޭ އޮންނާނެ މެޗުތައް

20:30 ހިންމަފުށި އެފްޓީ - ބޮޅު ކޮމިިއުނިޓީ
21:30 ކަންމަތި އެންޖީ - ބްލެކް އީގަލްސް
22:30 ކަންމަތި އެފްސީ - ގާފަރު އެފްޓީ