ދުވަހަކީ 1975 ވަނަ އަހަރުގެ އެޕްރީލް 30 ވަނަ ދުވަހެވެ. އެއީ އުތުރު ވިއެޓްނާމުގެ ކޮމިއުނިސްޓް ސިފައިން ދެކުނު ވިއެޓްނާމުގެ ވެރިރަށް ސެއިގޯން ހިފައި ވިއެޓްނާމް ހަނގުރާމަޔަށް ނިމުން ގެނައި ދުވަހެވެ. ދެ ވިއެޓްނާމް އެއްކޮށްލި ދުވަހެވެ. ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވުނު އެއް ހަރަކާތަކީ ސެއިގޯނުގައި ހުރި އެމެރިކާ އެމްބަސީއަށް ކޮމިއުނިސްޓް ސިފައިން ވަދެ އެތާގެ ސުވިމިންޕޫލަށް އެރި ފަތާންތިބި މަންޒަރެވެ. އެޒަމާނުގައި ސުވިމިންޕޫލް އެހާ ގިނައެއް ނޫނެވެ. އެމްބަސީގެ ސުވިމިންޕޫލް ބެލެވުނީ އެމެރިކާގެ އިސްތިއުމާރުގެ ރަމްޒެއް ކަމުގައެވެ. އެހެންވީމާ އެ ޕޫލަށް އެރި ފަތާލައި އެމެރިކާގެ އާރާއިބާރު ނެތިދިޔުން އިހުސާސްކޮށްލަން ބޭނުންވީއެވެ. މި ފޮޓޯތައް އެދުވަސްވަރުގެ ނޫސްތަކުގައި ވަރަށް ގިނައިން ޝާއިއުކުރިއެވެ.

ސެއިގޯންގެ ހާދިސާ ހިނގުމުގެ ދެ ހަފުތާކުރިން ހަމަ އެހިސާބުގައި ހަމަ މިޒާތުގެ ކަންތައްތަކެއް 17 އެޕްރީލް 1975 ގައި ވަނީ ހިނގައިފައެވެ. އެދުވަހަކީ ކެމްބޯޑިއާގެ ދާޚިލީ ހަނގުރާމަޔަށް ނިމުން އައިސް ކެމަރޫޖުގެ ހަނގުރާމަވެރިން ވެރިރަށް ނޯމްޕެން ހިފި ދުވަހެވެ. އެދުވަހަކީ ކެމެރޫޖުގެ ހަނގުރާމަވެރިންގެ ހިތަކަށް ނޯމްޕެން ލިބުނު ދުވަހެވެ. އެތައް ދުވަހަކަށް ޖަންގަލިތަކުގައި ހަނގުރާމަކޮށް ވަރުބަލިވެފައިތިބި ހަނގުރާމަވެރިން ވެރިރަށަށް އަރައި ރިޔާސީ ގަނޑުވަރަށް ވަދެ އެތަނުގެ ޕޫލަށް އެރި ފެންވަރައި ކޮޓަރިތަކަށްވަދެ އޮށޯވެ މިޒާތަކުން އެތައް ސަކަރާތެއް ޖަހާފައިވެއެވެ. ސަރުކާރުގެ ވެރީންގެ އަރާމު ދިރިއުޅުމާއި ސިޓީ ސްޓައިލް ފެނި އެކަމަށް ހަސަދަވެރިވެ ވެރިރަށް ދޫކޮށް އެންމެން ފައިބައި މުޅި ސިޓީ ފަޅުކުރަންވެސް ކެމެރޫޖުގެ ވެރިން އަމުރުކޮށް އެކަން އެމަގުން ތަންފީޒުވެސް ކުރިއެވެ.

ދާޚިލީ ހަނގުރާމައިގެތެރެއިން ވެރިކަން ބަދަލުވެފައިވާ ވަރަށް ގިނަ ގައުމުތަކުގައި މިކަހަލަ މަންޒަރުތައް ތަމްސީލުވެގެން ގޮސްފައިވެއެވެ. މީގެ މިސާލުތައް 1997 ވަނަ އަހަރު ކޮންގޯއިންނާއި 1974 ވަނަ އަހަރު އިތިއޮޕިޔާއިންވެސް ފެނިފައިވެއެވެ. އަދި އޭގެފަހުން 2011 ވަނަ އަހަރު ލީބިޔާއިންނާއި 2003 ވަނަ އަހަރު އިރާގުންވެސް ހަމަ މިމަންޒަރު ފެނިގެންގޮސްފައިވެއެވެ. ރައްޔިތުން ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކު ވެރިކަމުގެ ކިއްލާޔަށް ވަދެ ސުވިމިންޕޫލުތަކަށް އެރި ވެރީންގެ އަރާމު ދިރިއުޅުމުން މިންވަރެއް ތަޖުރިބާކޮށް، އުޅޭނޭ ނޫޅޭނޭ ގޮތެއްވެސް ނޭނގިގެން ތިބި މަންޒަރު ފެނިފައިވެއެވެ. ވާނީވެސް އެހެންތާއެވެ. ވެރީންގެ މުއްސަނދި ދިރިއުޅުމާއި ޒާތްޒާތުގެ ޕޫލްތައް ހަމަލޮލުން ފެނުނީމާ އެއަށް އެރި ހިތާއި ހަށިގަނޑު ފިނިކޮށްލަންވެސް ބޭނުންވަނީއެވެ.

މިހުންނަނީ ވަކި ގައުމެއް އިސްތިސްނާވުމެއް ނެތް ކަންކަމެވެ. ދާދިފަހުން 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހު އެމެެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހިނގީވެސް ހަމަ މިޒާތުގެ ކަމެކެވެ. ގާނޫނުހަދާ މަޖިލިސް އެއްތަންވާ ގެޔަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ވަދެގަތީއެވެ. މަޖިލީހުގެ ލީޑަރު ނެންސީ ޕެލޯސީގެ އޮފީހަށް ވަދެ އެތާގައި ހުރި ލެޕްޓޮޕާއި އެޒާތުގެ އެހެނިހެން ތަކެތިވެސް ގެންދިޔައީއެވެ. ގޮނޑިގޮނޑީގައި އިށީނދެތިބެ ސެލްފީވެސް ނެގީއެވެ. އަދިވެސް ކިތަންމެ ކަމެކެވެ. ވައިޓްހައުސް ކަމަށްނުވާތީ ސުވިމިންޕޫލެއް، ނިދާކޮޓަރިއެއް ނެތެވެ. އެހެންވީމާ ސުވިމިންޕޫލަށް އެރުމެއް ނެތީއެވެ. މިކަމުންވެސް އެނގިގެންދިޔައީ އާއްމުންނަށް މިތަންތަނުގެ ކޮންޓްރޯލް ލިބިއްޖެނަމަ ކަންކަން ހިނގާނެ ގޮތެވެ. ކަންކަން ކުރާނެ ގޮތެވެ.

މިޒާތުގެ ކަމެއް އެންމެފަހުން ތަމްސީލުވެގެން އެދިޔައީ ދާދި ފަހުން ސްރީލަންކާގައެވެ. އާއްމުން ރިޔާސީ ކިއްލާޔަށް ވަދެގަތީއެވެ. ސުވިމިންޕޫލަށް އެރި ފެންވެސްވެރީއެވެ. ރައީސް ގޮޓާބަޔާ ރާޖަޕަކްސާގެ ކޮޓަރިކޮޅަށްވަދެ ދާންމަތިކޮޅަށްވެސް އެރީއެވެ. އަދިވެސް ކިތަންމެ ކަމެކެވެ. މިގޮތަށް ރިޔާސީ ކިއްލާޔަށް ވަނުމުގެ ހާދިސާތައް ހިނގާފައިވާ އެހެނިހެން ގައުމުތަކާއި ސްރީލަންކާ ވަރަށް ތަފާތެވެ. އެގައުމުގައި ދާޚިލީ ހަނގުރާމައެއް ނެތެވެ. ރައީސަކު އެބަހުންނެވިއެވެ. ބޮޑުވަޒީރަކުވެސް އެބަހުންނެވިއެވެ. އެބޭފުޅުން ހިމާޔަތްކުރަން ސިފައިންވެސް އެބަތިއްބެވެ. އެކަމަކު މިހުރިހާ ބާރަކަށްވުރެ ގަދަވީ ރައްޔިތުންގެ ބާރެވެ. ރައްޔިތުން ހުއްޓުވައި ރިޔާސީ ކިއްލާ ހިމާޔަތްކުރެވޭނެ މަގު ސިފައިންނާއި ފުލުހުންނަށްވެސް ތަނަވަސްކުރެވޭ ގޮތެއް ނުވީއެވެ.

ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާގެ ރަސްމީ ގަނޑުވަރަށް އާއްމުން ވަދެ ސްވިމިންޕޫލަށް އެރި ފެންވަރައި، ރާޖަޕަކްސާގެ ކޮޓަރިކޮޅަށްވެސް ވަދެ އެނދުދާންމަތިކޮޅުގައި ނިދައި މިހުރިހާ ސަކަރާތެއް ޖެހީމާ ދެން ރާޖަޕަކްސާގެ ވެރިކަން ދެމިއޮވެދާނެބާވައެވެ. ޖަވާބަކީ ނޫނެކޭއެވެ. ރާޖަޕަކްސާވެސް އެވަނީ މިހަފުތާގެ ބުދަދުވަހު އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފައެވެ. ވެެރިކަން މިހާރު އެއޮތީ ގާތްގަނޑަކަށް ނިމިފައެވެ. ދެން އަލުން ތާޒާވުމެއް ނެތެވެ. އެކަން ކަށަވަރެވެ. ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ އަމިއްލަފުޅު ގެވެސް ވަނީ އަންދައިލެވިފައެވެ. އޭނާވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވައިފައެވެ. އެކަމަކު އައު ސަރުކާރެެއް އެކުލަވައިލެވުމުންނެވެ. މި ހާދިސާތަކުން ސްރީލަންކާއަށް ވަރަށް ބޮޑު ބަދަލެއް ގެނުވައިފިއެވެ. އެކަން ޔަގީނެވެ.