ހިޔާލުތަކާ ހިތުގެ ނާރުތައް ބުރިވެގެންދާފަދަ އިހުސާސެއް ކުރުވި އެ ވިސްނުމާ ފިކުރުގެ ކަނޑުން ވިލިނީއަށް ނިކުމެވުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ދެއަތުން ފޮހެލާފައި އެނދާ ދިމާލަށް ވިލިނީ ހިނގައިގަތެވެ.
*************
"އަޑުއަހަންތަ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުﷲ މުޝްތާގު ގެ ވާހަކަ. ޓީވީތަކުންނާ ނޫސް މަޖައްލާތަކުން ވަރަށް ގިނައިން ފެންނާނެ. ސިންގަޕޯގެ ކުންފުންޏަކާ ގުޅިގެން އެމީހުން ހިންގާ އޮފީހެއްގަ އަހަރެން ވަޒީފާއަދާކުރީ. އަހަރެން ވަޒީފާ ލިބިގެން އައީ. އޭރު އެތަނުގައި އަހަރެން އުޅޭތާ ދުވަސްތަކެއްވެއްޖެ. ކުންފުނީގެ ފަރާތުން އަތޮޅުތެރެއަށް ކުރި ދަތުރެއްގެ ތެރެއިން އަހަރެންނާ ރަނީން އަދި ލައިދު ދިމާވީ. ރަނީން އެކަނި އަންހެންކުއްޖަކަށް އެ ދަތުރުގައި ދިޔައީ" އަޔާލް ވާހަކަދެއްކިއެވެ. އެސްފިޔަޖަހާނުލާ ރިންދާ މައުސޫމު ބެލުމަކުން އަޔާލްގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
"ލައިދު.... އެއީ ކާކު؟" ރިންދާ ސުވާލުކުރިއެވެ.
"އަޑުއަހާ އިހަށް. ފަހުން ސުވާލުކުރޭ ދޫންޏާ" އަޔާލް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ.
"އިދޫ ދޯ.... ލައިދު އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. މަސައްކަތްކުރީ ހަމައެކަނި ވަގުތީގޮތުން. އިދޫ އައީ ޤާނޫނީ ވަކީލުކަން ކިޔަވަމުން" ވާހަކަތައް ކުރިއަށް ގެންދިޔުމުގެ ކުރިން ރިންދާ ކުރި ސުވާލަށް އަޔާލް ޖަވާބުދިނެވެ.
"އެ ދަތުރުގެ ތެރެއިން އަހަރެމެން ތިން މީހުންގެ މެދުގައި އުފެދުނީ އޮފީސް ރަހްމަތްތެރިކަމެއް. ރަނީންއަކީ ވަރަށް އަހްލާގު ރަނގަޅު ވަރަށް ބަސްމަދު ކުއްޖެއް. އަލަށް ދިމާވާ މީހަކަށްވެސް ހަމަ ފެންނައިރަށް ހިނިތުންވެލާނެ. ވާހަކަދައްކާނީވެސް ވަރަށް މަޑުން. ބައެއްފަހަރު އަހަރެމެން ދިމާވެސްކުރަން މަޑުން ވާހަކަދައްކާތީ. އިދޫ އާ މަށާ ދެމީހުން އޮފީސް ގަޑީގައި ކޮފީތަކަށް ދާއިރު ގޮވާލަން ރަނީނަށް އެކުގަ ދާން. ދުވަހަކުވެސް ނުދޭ. ބުނީ އަންހެން ކުއްޖަކަށް ވީމަ ފިރިހެނުންނާއެކު ދާކަށް ނުކެރެޔޯ. އެހެންވެ އަހަރެމެން އޮފީހަށް އަންނައިރު އަންނަނީ އޭނައަށް އެއްޗެއް ހިފައިގެން" އަޔާލް ވާހަކަދެއްކިއެވެ.
"އެރޭ ރަންނިގެ އެއްވެސް ހަބަރެއްވިތަ؟ ޔާލްއަށް އެއްވެސް ކަމަކަށް ޝައްކުވިތަ؟" މީހެއްގެ އުނދަގުލެއްޖެހޭ ވާހަކަ ބުނިތަ؟" އެއްފަހަރާ އެތައް ސުވާލެއް ރިންދާ ކުރިއެވެ.
"އެކަމެއްވި ރެއަކީ އޮފީސް މުބާރާތުގަ ފުޓްބޯޅަ ކުޅެގެން އަހަރެންގެ ފައިގެ ހުޅު ނައްޓައިގެން ދިޔަ ރޭ. ހޮސްޕިޓަލުން ގެއަށް އާދެވުނީ ތަންކޮޅެއް ލަހުން. އެހެންވެ އެރޭ ގެއަށް އައިގޮތަށް ނިދިއްޖެ. ފަތިސް ނަމާދުކޮށްގެންވެސް ފޯނުގަ އަތްނުލަން. ކޮޓަރިންވެސް ނުނިކުމެ އޮށްވަ އަނެއްކާ ނިދުނީ. ހިތަށް އެރީ ބަރަކް ޑިއުޓީ ނިންމާފައި ގެއަށް އައިމަ ހޮޓަލުން އޯޑަރަށް ކާއެއްޗެހި ގެނެސްގެންނޭ ހެނދުނުގެ ސައި ބޯނީ. އެހެންހިތާ އަސްލު ކޮޓަރިން ނުނިކުތީ. އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށް. އެއީ ބަރަކްގެ ކޯލެއް. އަހަރެން ފޯނު ނެގިތަނާ ރަނީންގެ މަރުގެ ހަބަރު ބަރަކް ދިނީ. އަހަރެން ދިޔައީ ހަމަ ޝޮކަކަށް. ފަހުން ރަނީން ކޮށްފަ އިން ތިން މެސެޖްވެސް ފެނުނީ. އެއް މެސެޖްގަ އޮތީ ހަމައެކަނި އެހީތެރިކަމެއް ބޭނުންވާ ވާހަކަ. ކޮން ކަމަކަށް ކަމެއް ނުބުނޭ. ދެވަނަ އިން މެސެޖްގަ އިނީ ބިރުގަންނަ ވާހަކަ. ދޮރުގެ ތަޅުގަ މީހަކު ހިފާހެން ހީވަނީ އޯ. ތިންވަނައަށް އިން މެސެޖްގަ އިންނަނީ ރަންނިއަށް ކުރެވުނީ ކޮން ކުށެއްހޯ؟ ކީއްވެހޯ އެންމެން ރަންނިދެކެ ރުޅިއަންނަނީ. އަހަރެން އެއްވެސް މެސެޖަކަށް ރިޕްލައި ނުދިނީމަ ހީވީ ކަންނޭނގެ އަހަރެން ކޮންމެސްކަމަކާ ރުޅިއައިސްފަ ހުރި ކަމަށް. އަހަރެންނަށް ފާހަގަވި. މެޗު އޮތް ކޮންމެ ރެއަކު އެތަނުން ރަނީން ފެންނާނެ. އެކަމަކު އެރޭ ނުފެނޭ. އަހަރެން ހީކުރީ ގޭގަ ކަމެއް އޮތީމަ ނާދެވުނީ ކަމަށް" އަޔާލް ވާހަކަދެއްކިއެވެ. ދެން ފުން ނޭވައެއް ދޫކޮށްލާފައި ރިންދާއަށް ނަޒަރު ސީދާކޮށްލިއެވެ. ދެން ޖީބުގައި އޮތް ފޯނު ނަގާފައި ރަނީން ފޮނުވާފައި ހުރި މެސެޖްތައް ރިންދާއަށް ދެއްކިއެވެ.
"އަހަރެންގެ ފޯނު ފުލުހުން ޗެކްކުރި. އަހަރެން ކައިރީގައި ބުނި އަދިވެސް ސުވާލުކުރަންޖެހިދާނޭ. ފުރައިގެން ނުދައްޗޭ" އަޔާލް ބުންޏެވެ.
"ޔާލް ތިދެއްކީ ހަމަ ޙަޤީޤަތަށްތަ ވާހަކަ. އަހަރެން ޔާލްއަށް ވަރަށް އިތުބާރުކުރަން" ރިންދާ ބުންޏެވެ. އަޔާލް ތެދުވެ ރިންދާގެ އަތުގައި ހިފައިގެން ގޮސް ރެއިލިންގ ކައިރީގައި ހުއްޓުނެވެ.
"ރިދާ އަހަރެންނަށް ޝައްކުކުރަނީތަ؟" ރިންދާގެ މޫނުގައި ދެއަތުން ހިފަހައްޓަލަމުން އަޔާލް އެހިއެވެ.
"މި ކާއިނާތުގެ ވެރި ﷲ ގަންދީ ހުވާކޮށް އަހަރެން މިބުނަނީ. އަހަރެން ދޮގެއް ނަހަދަން. އެރޭ ހިނގައިދިޔަ އެއްވެސް ކަމެއް އަހަރެންނަށް ނޭނގޭ. އިނގެނީ އަހަރެންގެ ފަރާތުން ރަނީން އެހީތެރިކަމަކަށް އެދުނީ ކޮންމެސްކަމަކާ ބިރުންކަން. ޙަޤީޤަތުގަ އަހަރެން ވަރަށް ހާސްވި. ވަރަށް ބިރުގަތް. ފުލުހަށް ދާން ޗިޓު އައި ދުވަހުވެސް ހިތަށް އެރީ އަހަރެންގެ ދުވަސް މި ދިޔައީއޭ. އޮފީސް ތެރެއިން އަހަރެންނާ އިދޫ ރަނީން އާ މާގިނައިން ވާހަކަދައްކާ ހަދާތީ އަހަރެމެން ދެމީހުންނަށް ވަރަށް ޝައްކުކުރި. އެހެންވެ އިދޫ އޮފީހުން ކެނޑިގެން ފުރައިގެން ދިޔައީ. އަހަރެންވެސް ކެނޑުނީ" އަޔާލް ވާހަކަދެއްކިއެވެ. ރިންދާ އަޔާލްގެ މޭގައި ބޯ އަޅާލިއެވެ. އެހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނީތީ ރިންދާ އުފާކުރިއެވެ. އަޔާލް ދެއްކި ވާހަކަތަކުން ޙަޤީޤަތާ ޚިލާފު އޮޅުވާލުމެއް ނުވާކަން ރިންދާ ޔަޤީންކުރިއެވެ.
"ރަންނިގެ ބޮސް އަކީ ކާކުތަ؟" ރިންދާ އެހިއެވެ.
"މުޝްތާގު ކިޔަނީ" އަޔާލް ބުންޏެވެ.
*********************
ދުވަސްތަކަށްފަހު ބަރަކް އާ އަޔާލް އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން އަޔާލް އަށް ވަގުތެއް ލިބުނީ ޖެހިގެން އައި ރޭގައެވެ. ރޭގަނޑުގެ ކެއުމަކަށް ދެކުދިން އެރީ ކެފޭއަކަށެވެ. ބޭނުންވާ އެއްޗިއްސަށް އޯޑަރުދީފައި ދެކުދިން ހަމަޖެހިލިއެވެ.
"އިދޫބެ ނަންބަރު މިހާރު ލިބިއްޖެތަ؟" ބަރަކް އެހިއެވެ. އަޔާލް ދެފަރާތަށް ބޯހޫރާލިއެވެ.
"ދޮންބެ ބުނީ ޕޮލިސްއަށް ދެން ދޮންބެ ނުގެންދާނެތަ؟ އެކަން ނިމުނީތަ؟" އަޔާލް ބުންޏެވެ.
"އެވާހަކަ މިހާރު ނުދެކެވޭ ދޮންބޭ. މަޑުމަޑުން އެކަން ހުލިވަމުން އެދަނީ. ދޮންބެ ދެން ނުގެންދާނެ" ބަރަކް ބުންޏެވެ.
"ދޮންބެ ފޯނަށް ރަނީން ކޮށްފަ އިން މެސެޖް އެންމެފަހުން ގެންދިޔަ ދުވަހު ދެއްކިން އެމީހުންނަށް" އަޔާލް ބުންޏެވެ.
"ކޮންކަހަލަ މެސެޖެއްކޮށްފަ އިނީ. ދޮންބެ ކައިރީގަ އެހީމެއްނު އެއްވެސް ގޮތަކަށް ރަނީން އާ ދިމާވިހޭ" ބަރަކް ބުންޏެވެ.
"ނުވޭ. އެރޭ ދޮންބެ ހުޅު އަޅުވައިގެން އައިސް ނިދީނު. ކަމެއްވިކަންވެސް އިނގުނީ އަނެއްދުވަހު ބަރަކް ގުޅީމައެއްނު. އެރޭ އެކަމެއް ހިނގުމުގެ ކުރިން ރަނީން އިން މެސެޖެއް ފޮނުވާފަ އެހީއަކަށް އެދިފަ" އަޔާލް ބުންޏެވެ.
"ދައްކަބަ މެސެޖް" ބަރަކް ބުންޏެވެ.
އަޔާލް ފޯނު ނަގައިގެން ރަނީން އެންމެފަހުން ފޮނުވާފަ އިން ތިން މެސެޖް ބަރަކްއަށް ދެއްކިއެވެ.
"ރަނީންއަކީ ރިދާގެ އެއްބަނޑު އެއްބަފާ ކޮއްކޮ. ރިދާ ބޭނުންވޭ މި މައްސަލައިގެ އެންމެ އަޑިއަށް ފީނަން. ދޮންބެ މިހުރީ ރިދާއަށް އެހީވާން. ކުރިން ބިރުގަތް އަހަރެންގެ ބޮލަށް އެކަން ކެނޑިދާނެތީ. މިހާރު އެއްވެސް ޖެހިލުމެއްނެތް. ރިދާ އަހަރެންނަށް އިތުބާރުކުރަންޏާ އަހަރެން ކިތަންމެ ބޮޑު ބިރުވެރިކަމަކާވެސް ކުރިމަތިލާފާނަން" އަޔާލް ވާހަކަދެއްކިއެވެ.
ބަރަކް ހީލިއެވެ. ރިންދާ އާ ގުޅުނުފަހުން އަޔާލްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާތަން ފެންނާތީ ބަރަކް ހިތްހަމަޖެހުނެވެ.
*************
ރިންދާގެ ފޯނުކޯލެއް ލިބުނީ ވިލިނީ ފެންވަރައިގެން ނިކުތްތަނާއެވެ. ފޯނަށް ޖަވާބުދޭން ބޭނުންނުވެ ހުރެފައިވެސް ޗާޖަރަށް ޖަހާފައި އޮތް ފޯނު ނަގާފައި ބަލައިލިއެވެ. ފާއިތުވެދިޔަ ދެތިން ދުވަހު އެއްވެސް މީހަކު ކުރި ކޯލަކަށް ވިލިނީ ޖަވާބެއް ނުދެއެވެ. މީހަކާ ވާހަކަދައްކާހިތެއް އެއްވެސް ކަމެއް ކުރާހިތެއްވެސް ނެތީމައެވެ. އެންމެ ގިނައިން ގުޅި އެކަކަށް ރިންދާ ވާނެއެވެ.
"ސާބަސް ކަމަނާއަށް. ކޮންތާކު ފިލައިން ތިއުޅެނީ؟ އަހަރެން މިވަރަށް ގުޅާއިރުވެސް ވިލީއަށް ހަމަ ނޭނގޭތަ؟" ވިލިނީ ފޯނު ނެގިކަން އިނގުމާއެކު ރިންދާ ވާހަކަދެއްކިއެވެ. ފޯނުން އެއްވެސް އަޑެއް އިއްވާނުލާ ހިމޭންކަމާއެކު ވިލިނީ ހުއްޓެވެ.
"ވިލީ؟ އެބަހުރިންތަ؟" ރިންދާ އެހިއެވެ.
މަޑުމަޑުން ވިލިނީ ލައްވާލި 'ހޫނ' ގެ އަޑު އިވުމާއެކު ރިންދާ ހިމޭންވިއެވެ. ވިލިނީއަށް ބަދަލުތަކެއް އައިސްފައި ހުރިކަން ރިންދާއަށް އިހުސާސްވިއެވެ.
"ހުރިހާ ކަމެއް ރަނގަޅުތަ؟" ރިންދާ އެހިއެވެ.
"ރަނގަޅު. ރިދާ ކިހިނެއްތަ؟" ވިލިނީ އެހިއެވެ.
"އަހަރެން ގޯހެއްނޫން. އާދެބަލަ މިގެއަށް" ރިންދާ ބުންޏެވެ.
"ނުދެވޭނެ....." ވިލިނީ ބުންޏެވެ. ރިންދާއަށް ލިބުނީ ހައިރާންކަމެކެވެ. ފާޅުގައި ވިލިނީ އިންކާރުކުރީތީއެވެ.
"ހުން...ހުންގަނޑެއް އައިސްގެން މިއުޅެނީ. މިހާރު އެބަ ރަނގަޅުވޭ. އެއްކޮށް ރަނގަޅުވީމަ ދާނަން އިރާދަކުރެއްވިއްޔާ" ރިންދާ އެއްޗެއް ހީކޮށްފާނެތީ ވިލިނީ ބުންޏެވެ.
"ރިދާ... އިހަށް މިގަޑީގަ ބާއްވަނީ އިނގޭ. ބިޒީވެއްޖެ. ވަގުތުކޮޅެއް ހުސްކޮށްލައިގެން އަހަރެން ފަހުން ގުޅާނަން" ވިލިނީ ބުންޏެވެ.
"އިހަށް މަޑުކޮށްބަ"
ވިލިނީ ފޯނު ކަނޑާލުމާއެކު ރިންދާއަށް ލިބުނު ހައިރާންކަން އިތުރުވިއެވެ. އެއީ ދުވަހަކުވެސް ވިލިނީ ކަންތައްކުރި ގޮތެއް ނޫނެވެ. ކަމެއް ނުވާނަމަ ވިލިނީ އެހާ ދުރުދުރުން ވާހަކައެއް ނުދައްކާނެއެވެ. ކޮންމެގޮތެއް ވިޔަސް ވީގޮތެއް ބަލަން އެބަޖެހެއެވެ. ރިންދާއަށް ނޭނގުނީ ވިލިނީ އާ ބައްދަލުކުރަން ކަންތައްކުރަންވީ ގޮތެކެވެ.
******************
ރޫބިޔާ ބަދިގެއިން ނިކުތްއިރު އަތްމަތީގައި ހުރި ބޮޑު ތަށީގައި ބަތް މޮޑެފައި ހުއްޓެވެ. އެއް އަތުން ކަމުން ކޮޓަރި އާ ދިމާލަށް ދިޔައިރު ވާއަތުގެ ކޮނޑާ ކަންފަތާ ދެމެދުގައި އޮތް ފޯނުން މީހަކާ ވާހަކދައްކަމުން ދިޔައެވެ. ރޫބިޔާ ހުރީ ހަމަޖެހިފައެވެ. އެދިޔަ ގޮތަށް އޭނާ ވަނީ ކޮޓަރިއަށެވެ. އެނދުގައި އިށިންގޮތަށް ދެފައި ވަށްކޮގެން އިށީނީ އެނދުގައެވެ. ފޯނު ކަންފަތާ ދުރުކޮށްލާފައި ސްޕީކަރަށް ލުމަށްފަހު ބޭއްވީ އެނދުގައެވެ.
"އެ ދަރި ގައިގައި އެ ހުންނަނީ ހަމަ ކަލޭގެ ގޮތް. އޭނަ ހަމަޖެހިގެން އުޅުނު ދީބަލަ" ރޫބިޔާ ބުންޏެވެ.
"އަހަރެން ނޫޅެމޭ އޭނަ ދިރިއުޅުނަ ނުދެކަށް. އަހަރެން ގުޅީމަ ފޯނަށް ޖަވާބެއްނުދޭ. ދައްތަ ނިކަން އެގެއަށް ގޮސް ބަލާލަބަލަ ވެގެން އުޅޭގޮތެއް. ކިހާ ވަރަކަށް އަހަރެން ގުޅައިފިން. ފޯނު ނިވާލާފަ އޮންނަނީ. ރިންގުވާތާ ފޯނެއް ނުއެއްނަގާ. މަގޭ ދަރިއަށް ކޮންމެސް ގޮތެއް ވެއްޖެ"
"ހޫން ދެން ކިޔައިފި އެއްޗެއް ހުއްޓައެއްނުލާނެ. އަހަރެން މިއަދު ހަބަރެއް ބަލާނަން. ކަލެއާ ގުޅައިދޭނަން. ދެން ބާއްވާ ފޯނު. އަހަރެން މިއުޅެނީ ކާއެއްޗެއް ކާންވެގެން"
ފޯނު ކަންފަތާ ދުރުކޮށްލާފައި ރޫބިޔާ ކާން ފެށިއެވެ. ވިލިނީ އާ މެދުގައި ރޫބިޔާ ފުންކޮށް ވިސްނާލިއެވެ. ރޫބިޔާވެސް އެތައް ފަހަރަކު ވިލިނީއަށް ގުޅައިފިއެވެ. ފޯނު ނުގަނަންވީ ސަބަބެއް ހުދު ރޫބިޔާއަށް ވެސް ނޭނގެއެވެ. އެގެއާ ހަމައަށް ދިޔުން ނަހީކް މަނާކޮށްފައި އޮތްއިރު ވިލިނީގެ ހަބަރު ހޯދަން ކަންތައްކުރަންވީ ގޮތެއް ރޫބިޔާގެ ވިސްނުމަކަށް ނައެވެ.
ހުސް ތަށި ހިފައިގެން ކޮޓަރިން ނިކުންނަން އުޅުނު ރޫބިޔާގެ ހަރަކާތްތަކަށް ހުއްޓުމެއެއް އައީ ކޮޓަރީ ދޮރަށް އެރި ބަރަކް ފެނިފައެވެ. ރޫބިޔާ އެއްޗެއް ބުނުމުގެ ކުރިން ބަރަކް އެތެރެއަށް ވަދެގެން އައިސް އެނދުގައި އިށީނެވެ.
"ކިހިނެއްވީ؟" ރޫބިޔާ އެހިއެވެ.
"މަންމަ ކެއީތަ؟ މަންމަގެ ކާގެއަކީ މިހާރު ކޮޓަރިތަ؟" ބަރަކް އެހިއެވެ.
"އަހަރެންގެ ގެއަކު ކޮންމެ ތަނެއްގަ ކެޔަސް ހެވެއްނު. އެކަމާ މީހަކު ބެހެންޖެހޭތަ؟" ރޫބިޔާ ބުންޏެވެ.
"މަންމައަށް ޔަގީންތަ މަންމަގެ ގެއެއްކަން" ބަރަކް ބުންޏެވެ. ރޫބިޔާ ދެލޯބޮޑުކޮށްފައި ބަރަކް ބަލައިލުމާއެކު ބަރަކްއަށް ހެވުނެވެ. ރޫބިޔާގެ އެނދުގައި އެއް އަރިއަކަށް އޮށޯތްއިރު ބަރަކްގެ ނަޒަރު ލަސްލަހުން ރޫބިޔާގެ ބޮޑު ފޮށްޓަށް ދަތުރުކޮށްލިއެވެ.
"ތިއައީ ކަލޭގެ ބޭބެގަނޑު ފޮނުވައިގެންދޯ" ރޫބިޔާ ބުންޏެވެ. ބަރަކް ކޮޓަރީގައި އުޅެނިކޮށް ތައްޓާއި އަތް ދޮންނަން ބަދިގެއަށް ނުދާންވެގެން ރޫބިޔާ ވަނީ ފާހާނާއަށެވެ.
"މިއުޅެނީ އަހަރެންގެ ސެޓްފިކެޓްތައް ލެވުނު ތަނެއް ނޭނގިގެން. މަންމަ އަތަށް ރައްކާކުރަން ދެވުނު ހަނދާނެއްވަނީ" ބަރަކް ބުންޏެވެ.
ދޮވެގެން ނިކުތް ތަށި މޭޒުމަތީގައި ބަހައްޓާފައި ލައިގެން ހުރި ހެދުމުން ދެއަތް ފޮހެމުން ގޮސް ރޫބިޔާ ހުއްޓުނީ އަލަމާރި ކައިރީގައެވެ. އަލަމާރި ހުޅުވާލުމަށްފަހު ހެދުންތައް ފަތްޖަހާފައި ހުރި ބައިގެ ދަށުގައި އޮތް ނޫ ކުލައިގެ ފައިލެއް ހިފައިގެން އައިސް ބަރަކްއަށް ދިއްކޮށްލިއެވެ. ކުރަންއުޅުނު ކަންތައް ނުވުމުން ބަރަކް އަނގަ ސަކަރާތްވެފައި އިނެވެ. ބަރަކް ހީކުރިގޮތާ ހިލާފަށް ފައިލު ރޫބިޔާ ނެގީ އަލަމާރިންނެވެ. ބަރަކް ހީކުރީ އެ ފައިލު އޮންނާނީ ރޫބިޔާގެ ބޮޑު ފޮށީގައި ކަމަށެވެ.
"އުފަންދުވަހުގެ ސެޓްފިކެޓް މީގަ އޮންނާނެތަ؟" ބަރަކް އެހިއެވެ.
އެވަގުތު ރޫބިޔާ ބަލައިލީ ތިރީގައި ހުރި ބޮޑު ފޮއްޓަށެވެ.
"އެ ކީއްކުރަން ހޯދަނީ؟" ރޫބިޔާ ބުންޏެވެ.
"ޖިލްވާ އާ އިންނާކަށްނު" ބަރަކް ބުންޏެވެ.
"އަހަރެން އެހެން ފަހަރަކުން އެ ދޭނަން" ރޫބިޔާ ބުންޏެވެ.
"މިހާރު ބޭނުމީ" ބަރަކް ބުންޏެވެ.
"ބަރަކް ހަމަ ބުނާއިރަށް ކަންތައްތައް މަށަށް ކުރެވޭތަ؟ ދެން ދާންއުޅޭ މިތަނުން. އަހަރެން ނިދާ ގަޑި މީ" ރޫބިޔާ ބުންޏެވެ.
އެވަގުތަށް ރޫބިޔާ އެދުނުގޮތަށް ކޮޓަރިން ނިކުންނަން ބަރަކް ހިނގައިގަތެވެ. ރޫބިޔާއަށް އިނގިގެން ފޮށި ހޭވުމަށްވުރެ ސިއްރުން އެކަން ކުރަން ބަރަކްގެ ސިކުނޑި ވިސްނައިދިނެވެ. އަޔާލްއަށްޓަކައި ބަރަކް ހުރީ ހުރިހާކަމެއް ކޮށްދޭން ތައްޔާރަށެވެ. ރޫބިޔާއަކީ މަންމައަށް ވީތީ ރޫބިޔާގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިވެސް މެއެވެ.
"ދަމުން ތިހިރަ ތަށި ގެންގޮސް އެފަރާތަށް ލާބަލަ. އަދި ލައިޓު ނިއްވާފައި ނިކުންނާތި" ރޫބިޔާ ބުންޏެވެ.
***************
ފެންވަރައިގެން ނިކުތްގޮތަށް ރިންދާ ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތުވާލި ނައްޓާލާފައި ބެލްކަންޏަށް ނިކުމެ އަވި އަރާފައި އޮތް ދިމާލުގައި ހުރި ހަރުގައި އަޅުވާލިއެވެ. ދެން ލައިގެން ހުރި ހެދުމަށް ބަލައިލިއެވެ. އެއީ ރަނީންގެ ހެދުމެކެވެ. ރޭގައި ނަހާއާއި ރިންދާ ރަނީންގެ ކޮޓަރި ސާފުކުރިއެވެ. ރަނީންގެ ހެދުންތައް ނޫނީ ބާކީ ހުރި ހުރިހާ އެއްޗެހި އުކާލިއެވެ. ކޮޓަރީގައި ހުރި ފަރުނީޗަރުތަކުން ބޭނުން ޖެހިފައި ތިބި މީހުންނަށް ޞަދަޤާތްކުރިއެވެ. ހިނިތުންވެލައިގެން ހުރެ ފޯނު ހިފައިގެން ކޮޓަރިން ނިކުތްގޮތަށް ރިންދާ ޓަކި ޖެހީ ނަހާގެ ކޮޓަރީގައެވެ. ދޮރުހުޅުވުއިރު ކުރިމަތީގައި ހުރީ ހައިބްއެވެ.
"މަންމަ ކޮބާ؟" ހައިބްގެ ފަންއިސްތަށިކޮޅު ހަވާލަމުން ރިންދާ އެހިއެވެ.
ނަމާދަށް ހުރި ނަހާއަށް އިނގިލި ދިއްކޮށްލާފައި ހައިބް ގޮސް އެރީ އެނދަށެވެ. މާގިނަ އިރެއް ނުވަނީސް އެކުއްޖާ ކުރަން އިން މަސައްކަތަށް ރުޖޫއަވެއްޖެއެވެ.
ނަހާ ނަމާދުން ފައިބައިގެން އައިސް ރިންދާގެ ކައިރީގައި ހުއްޓުނެވެ. ފަޅި ސިކުންތަކަށް ނަމަވެސް ނަހާއަށް ހީވީ މަރުވެފައިވާ ދަރިފުޅު ފެނިލި ހެންނެވެ. ރިންދާ ލައިގެން އިން ހެދުމުންނެވެ. ނަހާއަށް އައިސްފައިވާ ބަދަލު ފެނުމުން ރިންދާ ހީލިއެވެ.
"މަންމަ ބިޒީތަ؟ ރިންދާ އެހިއެވެ.
"ބިޒީއެއްނޫން. މިދަނީ ކާންހަދަން. އިރުކޮޅަކުން ބޭބެ އަންނާނެ" ނަހާ ބުންޏެވެ.
"އެހާއިރަށް އާދެބަލަ މަންމަގެ ތެޔޮ ފުޅި ހިފައިގެން. ބޯ މަސާޖްކޮށްލަދީބަލަ މަންމަ އަތުން" ރިންދާ ބުންޏެވެ.
ނަހާ ރިންދާ އެދުނު ފަދައިން ކަންތައްކޮށްދޭން ފެށިއެވެ. ނަހާ ގެންގުޅޭ ޒަމާންވީ ތެޔޮ ފުޅިއަކީ ޝާހްބާޒް ރާއްޖެއިން ބޭރުން ގެނެސްދޭ ތެލެކެވެ.
"މަންމައަށް އިނގޭތަ ރަންނި ވަޒީފާއަށް ދިޔަ އޮފީހުގައި އުޅޭ ކުދިން" ރިންދާ އެހިއެވެ.
"އެކަކު އިނގެނީ. ރަނީން ގޭތެރޭގައި އެއްވެސް ވަރަކަށް އޮފީހުގެ ވާހަކަތަކެއް ނުދައްކާނެ" ނަހާ ބުންޏެވެ.
"ކާކު އިނގެނީ؟" ރިންދާ އެހިއެވެ.
"ނަހީކް. އިނގެއެއްނު ބޭބެގެ ދަރިފުޅު" ނަހާ ބުންޏެވެ. ނަހާގެ އިނގިލިތަކުން މަސާޖްކުރަމުން ދިޔަ ގޮތުން އަރާމުވެގެން ރިންދާގެ ދެލޯ މެރެމުން ދިޔައެވެ. އެހެންނަމަވެސް ނަހީކްގެ ނަން ނަހާ ކިޔާލި އަޑު އިވުމާއެކު ރިންދާގެ ދެލޯ ތަންމިނަށް ހުޅުވާލައިފިއެވެ.
"ބޭބެ އެއްދުވަހު ރަނީން ބަލާ އެ އޮފީސް ދޮށަށް ދިޔުމުން އިނގުނީ މަންމައަށްވެސް. މަންމަ ރަނީން ކައިރީ އަހާލިމަ ބުނީ އެއީ ހަމަ އެ އޮފީހޭ" ނަހާ ބުންޏެވެ.
ރިންދާ ހަނދާންވިއެވެ. އެއްދުވަހު މަގުމަތިން ދިމާވެގެން ރަނީން އާ ގުޅުވައިގެން ނަހީކް ވާހަކަދެއްކި ހަނދާނެވެ. ރަނީންގެ ވާހަކަތައް ނަހީކަށް އިނގޭނެކަން ރިންދާ ޔަގީން ކުރިއެވެ.
"މަންމާ، ރަންނި މަރުވި ރޭގަ ކަންތައްތައް ވީގޮތް އަޅުގަނޑަށް ކިޔައިދީބަލަ. މިބުނީ ރަންނި މަންމައަށް އެންމެފަހުން ފެނުނު ވަގުތާ ދެކެވުނު ވާހަކަ އާ ރަންނި މަރުވެފައި އޮށްވަ ފެނުނު ގޮތާ. އެރޭ މަންމައަށް އާދަޔާހިލާފު އެއްވެސް ކަމެއް ފާހަގަވިތަ؟ ރިންދާ އެހިއެވެ. އެވަގުތު ނަހާގެ ހަރަކާތްތަކަށް ލަސްކަމެއް އައިކަން ރިންދާއަށް ފާހަގަވިއެވެ.
އެއީ އެ އޮފީހުގެ ކުދިން ކޮންމެވެސް ކުޅިވަރެއް ކުޅުނު ރެއެއް" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނަހާ ވާހަކަދެއްކިއެވެ.