ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖްޕަކްސާ އަންނަ ބުދަ ދުވަހު މަގާމުން އިސްތިއުފާދެއްވާނެ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބުނެފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ޔާޕާ އަބޭވަރްދެނޭ މީޑިއާތަކަށް މައުލޫމާތުދެމުން މިރޭ ވިދާޅުވީ، ގޮޓާބަޔަ އިސްތިއުފާދެއްވަން އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އަދި ބުދަ ދުވަހު އިސްތިއުފާދެއްވާނެ ކަމަށެވެ.

އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދަނީ ގޮޓާބަޔަ 24 ގަޑިއިރުގެ ތެރޭގައި އިސްތިއުފާދެއްވުމަށް ގޮވައިލަމުންނެވެ.

ގޮޓާބަޔާ އިސްތިއުފާދެއްވާ އިރު، އޭނާއަށް ރައީސްކަމުގެ މަގާމުގައި ހުންނެވުނީ ދެ އަހަރާއި ހަތް މަހެވެ. ގޮޓާބަޔާ ރައީސްކަމަށް ވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވެސް ވަނީ އިސްތިއުފާދެއްވުމަށް ނިންމަވާފައިވާކަން މިއަދު އިއުލާންކުރައްވައިފައެވެ.

ރަނިލްއަކީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ލީޑަރެވެ. ބޮޑުވަޒީރުގެ މަގާމަށް ރަނިލް ގެނައުމުގެ ބޭނުމުގައި ޔޫއެންޕީން ވަނީ ސްރީލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީއާއެކު ކޯލިޝަން ހަދައިފައެވެ. ރަނިލްއަށް ބޮޑުވަޒީރުގެ މަގާމު ހުށަހެޅީ ވެސް އެސްއެލްޕީޕީގެ ފަރާތުންނެވެ. ނަމަވެސް މިއަދު ޔޫއެންޕީގެ އިސް ބޭފުޅުން ވަނީ ރަނިލް އިސްތިއުފާދެއްވުމަށް ލަފާ އަރުވައިފައެވެ.

ރަނިލް ވަނީ ޕާޓީގެ އިސްބޭފުޅުންގެ އެ ލަފާ ގަބޫލުފުޅު ކުރައްވައިފައެވެ.

"ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭގޮތަށް ސަރުކާރު ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި އަޅުގަނޑު މިއަދު ޕާޓީގެ ލީޑަރުންގެ އެންމެ ރަނގަޅު ލަފާ ބަލައިގަންނަން،" ރަނިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ އޭނާ އިސްތިއުފާދެއްވަން ނިންމީ، ހުރިހާ ސިޔާސީ ޕާޓީތަކުގެ ބައިވެރިވުން އޮންނަ ވެރިކަމަކަށް މަގަފަހިކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ހުށަހަޅުއްވާ ކަންކަމާ އެއްގޮތަށް ވެސް ކަންކަންކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރު އޮފީހުން ބުނީ، ރަނިލް އިސްތިއުފާދެއްވާނީ ހުރިހާ ޕާޓީތަކެއް ހިމަނައިގެން ސަރުކާރެއް އެކުލަވާލައި މަޖިލީހުގެ މެޖޯރިޓީ ޔޫއެންޕީއަށް ލިބުމުން ކަމަށެވެ.

ލަންކާގައި މިއަދު ކުރިއަށްގެންދާ ބޮޑު މުޒާހަރާގެ ތެރެއިން ރަނިލްގެ ގެކޮޅާއި އޮފީހަށް މުޒާހަރާގެ ބައިވެރިން ވަނީ ވަދެގެންފައެވެ. ރަނިލްގެ ގެކޮޅަށް ވަދެ، މުޒާހަރާގެ ބައިވެރިން ވަނީ ގެކޮޅު ރޯކޮށްލައިފައެވެ.