މިދިޔަ މަހު ޓެކްސް އާމްދަނީއަށް 2.32 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95.1 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 74.1 ޕަސެންޓު އިތުރު އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހަށްވުރެ ބޮޑު އާމްދަނީއެއް މިދިޔަ މަހު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭންކުތަކާއި ވިޔަފާރިތަކުން އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށެވެ.

އަދި މެއި 2021 އާ އަޅައިބަލާ އިރު، މެއި 2022 ގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 94.3 އިންސައްތަ އިތުރުވެފައިވުމުން ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ. އެގޮތުން މިދިޔަ މަހު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ 80 މިލިއަނަށް އަރައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކުހެވެ. އެއީ މިދިޔަ މަހު ލިބުނު އާމްދަނީގެ 36.5 ޕަސަންޓެވެ. ފައިސާއިން ބަލައި ނަމަ 847 މިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 26.2 އިންސައްތަ ނުވަތަ 607 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 419 މިލިއަން ރުފިޔާ، ލޭންޑް އެކިއުޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 155 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 70 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 223 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.