ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 16

"ކިހާ އިރަކުތަ އަންނަނީ؟ އޭރުން އެނގޭނީ އެގަޑިއަށް މަންމަ އާ ބޭބެ އެތެރެއަށް ވަންނަން. އާނ އަދި ހަނދާންކޮށް ދަރިފުޅުމެން ނިންމި ގޮތް ބުނާތި. މިބުނީ ތިދެކުދިންގެ ކައިވެންޏާ މެދު ނިންމި ގޮތް" ދޮރުން ނިކުންނަމުން ނަހާ ބުންޏެވެ. ގަތް ލަދުން ރިންދާގެ ދެކޯތާފަތް ރަތްވެގެން ދިޔައެވެ. ކުރިމަތީގައި ނިވާވާނެ އެއްޗެއް ނެތުމުން ރިިންދާ ދުުވެފައި ގޮސް ނަހާގެ ގައިގައި ބައްދާލިއެވެ. ލޯބިވާ އަންހެން ދަރިފުޅުގެ އިސްތަށިގަނޑުގައި ނަހާ ފިރުމަމުން ދިޔައެވެ. ރިންދާއާ މެދު ނަހާ ފަހުރުވެރިވިއެވެ. ރައްޓެހިވި ކުއްޖާއާ ބޭރުން ބައްދަލުވާން ރިންދާ ނޭދޭކަން ނަހާއަށް އެނގިއްޖެއެވެ. ގޭތެރެއަށް ގެންނަ ވާހަކަ ރިންދާ ބުނާނީ އެހެންވެއެވެ. އެހެންނަމަވެސް އަންހެން ދަރިއަކަށް ވީތީ މައެއްގެ ފަރާތުން ދަރިފުޅަށް ހަނދާންކޮށްދޭންޖެހޭ ކަންކަން އެބަހުއްޓެވެ. އެހުރިހާ ވާހަކައެއް ރިންދާ ކައިރީގައި ނަހާ ދައްކާނެއެވެ.

***********

ހެނދުނު ސަޔަށް ވިލިނީ ނުނިކުންނަކަން އެނގުމުން ބެގަރީ ކަންބޮޑުވިއެވެ. ކޮޓަރީގައި ޓަކި ޖަހައިގެންވެސް ވިލިނީގެ ހަބަރެއް ނުވިއެެވެ. ބަދިގޭގައި ގެންގުޅޭ ފޯނުން ވިލިނީގެ ނަންބަރަށް ގުޅިއެވެ. ފޯނު ވަނީ ނިވާލައިފައެވެ. މެންދުރަށް ކައްކަން ބޭނުންވާ ސާމާނު ކޮށަން މޭޒު ކައިރީގައި އިންއިރު އިރުކޮޅަކާ ފާރުގައި ހުރި ބޮޑު ގަޑިއަށް ބެގަރީއަށް ބަލައިލެވެއެވެ. ހެނދުނު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ކުއްލިއަކަށް ބެގަރީގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. ވިލިނީ ކަމެއްވީހެން ބެގަރީއަށް ހީވިއެވެ. އަނެއްކާ ނަހީކްގެ ކަމެއްބާވައެވެ؟ ހިތަށް އެރި އެއްޗަކުން ބެގަރީ ދެފަރާތަށް ބޯހޫރާލިއެވެ. ވިލިނީ ސައިބޯން ތިރިއަށް ނުފައިބާ ވާހަކައާއި ހަބަރެއްނުވާ ވާހަކަ ނަހީކަށް ގުޅާފައި ބުނުމުން ނަހީކްގެ ފަރާތުން ލިބުނު ޖަވާބަކުން ބެގަރީގެ ހިތަށް ވަނީ މާބޮޑަށް އަސަރުކޮށްފައެވެ.

"މަރުވިއްޔާ އެނގޭނެއެއްނު. ބޭގަރީ ކޮން ހާހެއް ތިވަނީ؟" އަދިވެސް ނަހީކްގެ ޖުމުލަ ބެގަރީގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުއްޓެވެ. ކޮންމެގޮތެއް ވިޔަސް ވިލިނީއާ މެދު ބެގަރީގެ ހިތުގައި ދަރި ކުލުނު ޖެހިއްޖެއެވެ. އެ އަންހެންކުއްޖާއާ މެދު ހިތުގައި ރަހުމުވިއެވެ. ވިލިނީއަށް ވީގޮތެއް ނޭނގޭތީ ބެގަރީ އިނީ ހަދާނެގޮތެއް ނޭނގިފައެވެ. އަންހެންކުއްޖެއް އުޅޭ ކޮޓަރިއަކަށް ވީތީ ތަޅުދަނޑިން ހުޅުވައިގެން ވަންނަންވެސް ނުކެރުނެވެ.

"އެ މަންޖެ ކޮޓަރިތެރޭގައި އުޅޭކަން ޔަގީން. ފަތިހު ފޯނު އެލާމްވި އަޑު އަހަރެންނަށް އިވުނު" ބެގަރީ އަމިއްލަ ނަފްސަށް ބުނެލިއެވެ.

*************

ނަހީކް ބޭނުންވި ފަދައިން މައި އޮފީހަށް އައި ބަދަލުގެ ތެރެއިން ރޫބިޔާ ހުޅުމާލޭގައި ހިންގާ އޮފީހަށް ބަދަލުކުރިއެވެ. ބަދަލުކުރި މުވައްޒަފުންނަށް ވަކިން ބޭއްވި ބައްދަލުވުމުގައި މުޝްތާގު ވާހަކަދެއްކިއިރު ކައިރީގައި ނަހީކް އިނެވެ. ރޫބިޔާގެ ހިތްހަމަނުޖެހިފައިވާ ކަޅި ނަހީކަށް އަމާޒުވެފައި ވާއިރު ނަހީކް އިނީ ނޭނގޭކަމަށް ހަދައިގެންނެވެ. ރޫބިޔާގެ ބަހުގެ ހަމަލާތަކާއި، ނުރައްކާތެރި އެތައް ހަމަލާއެއް ފަހުން އަންނާނެކަން ނަހީކަށް އެނގެއެވެ.

"އެހެންވީމަ ދެން އެންމެ ރަނގަޅު ހުރިހާ މީހުން ދިޔަޔަސް" މުޝްތާގު ބުންޏެވެ. ނަހީކަށް ބަލަހައްޓައިގެން އިރުގަނޑެއް ވަންދެން ރޫބިޔާ އިނެވެ. ނިކުތީ މުޝްތާގު އިންދައި އެއްވެސް ވާހަކައެއް ނަހީކާ ނުދެއްކޭނެތީއެވެ.

ބައްދަލުވުން ނިންމާފައި ނަހީކް ވަނީ ކެބިންއަށެވެ. ލޮކަރުން ނެގި ކަޅު ކުލައިގެ ދަބަސް ހުޅުވާލާފައި މޭޒުމަތީގައި ބެހެއްޓިއެވެ. ދެން އަބަދުވެސް ތަޅުލާފައި ހުންނަ ވަތްގަނޑު ހުޅުވާލާފައި އޭގައި ނަހީކް ރައްކާކޮށްފައި ހުރި ލިޔުންތަކާ ފޯނު ދަބަހަށް އަޅާފައި ކުރިން ހުރިހެން ވަތްގަނޑު ތަޅުލިއެވެ. ދަބަސް ކޮނޑުގައި އަޅުވައިގެން ކެބިން އިން ނިކުމެފައި ލޮލަށް އަވި އައިނު ހެޔޮވަރުކޮށްލިއެވެ. ދެން އިސްޖަހައިގެން ހުރެ ހިނގާފައި ނިކުންނަ ދޮރާ ދިމާލަށް ދިޔައެވެ.

***************

ދޮރުން އެތެރެއަށް ވަންގޮތަށް އަޔާލް ހުރީ ހިމޭންވެފައެވެ. ކުރިމަތީގައި ހިނިތުންވެގެން ރިންދާ ހުރިއިރު ރިންދާ މާބޮޑު ސަމާލުކަމެއް އަޔާލްއަށް ނުވަދެވެއެވެ. ކުރިން އަޔާލްއަށް ވީ ޝައްކެވެ. މިހާރު ޔަގީންވެއްޖެއެވެ. ރިންދާއާ ރަނީން ގުޅުމެއް އެބައޮތެވެ. އެހެން ނޫނީ ރަނީންއާއި ރިންދާ އެއް ގެއަކު އުޅޭކަށް ނުޖެހޭނެއެވެ. އަރިމަތީ ފާރުގައި ހަރުކޮށްފައި ހުރި ރިންދާއާއި ރަނީންގެ ބޮޮޑު ފޮޓޯ ލޯގަނޑު ފެނުމާއެކު އަޔާލްގެ މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. ރަނީންގެ މަރާ ގުޅިގެން އަޔާލްއަށް އެނގޭ އެއްޗެއް ވެއްޖިއްޔާ ރިންދާއަށް ކިޔައިދޭންޖެހޭ ވަގުތު ޖެހިއްޖެއެވެ.

"އޭތް... މީ ހަމަ ޔާލްތަ؟ ތި ވަދެވުނީ ބިރުވެރި ހޮހޮޅައަކަށް ނޫނޭ" އަޔާލްގެ އަތުގައި ހިފައިލަމުން ރިންދާ ބުންޏެވެ. އަޔާލްގެ ނަޒަރު ރިންދާއަށް ހުއްޓުނީ ދެނެވެ. އަވަސް އަވަހަށް ހިނިތުންވުމެއް އަޔާލް ރިންދާއާ ބަދަލުކޮށްލިއެވެ. ރިންދާގެ އަތުގައި ހިފާލާފައި ގާތަށް ދަމާލިނވަގުތު އަނެއްކާވެސް އަޔާލްގެ ނަޒަރު ހުއްޓުނީ ފާރުގައި ހުރި ފޮޓޯ ލޯގަނޑަށެވެ.

"ހިނގާ ކޮފީ ބޯން" ރިންދާ ބުންޏެވެ.

ނޫން. ފެން ފޮދެއް ލިބޭނެތަ؟" އަޔާލް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ.

ފެން ބަލައި ރިންދާ ދިޔައީ ޓެރަސްއަށް އަޔާލް އަރުވައިފައެވެ. އެއްފަރާތުގައި ހުރި ދަގަނޑު އުނދޯލީގައި އިށީނުމުގެ ބަދަލުގައި އަޔާލް ގޮސް ހުއްޓުނީ ރެއިލިންގ ކައިރީގައެވެ. މާލޭގެ އުސް އިމާރާތްތަކުގައިވާ އެކި ކުލަކުލައިގެ އަލިކަމާ ތިރިން ދުއްވާފައިދާ އުޅަނދުތަކުގެ އަލި ފެންނައިރު ބަލައިލަން ހިތްގައިމު ގޮތެއް ހުއްޓެވެ. ދުއްވާ އެއްޗެހީގެ އަޑު އެ ހިސާބަށް އިވެނީ ވަރަށް މަޑުންނެވެ. އިމާރާތްތަކަށް ބަލަހައްޓައިގެން އަޔާލް ހުރީ ވިސްނުމަކަށް ގެއްލިފައެވެ. އެގޮތުގައި އިރުގަނޑެއްވީ ފަހުން އަޔާލްގެ ސިކުނޑި ހޭލައްވާލީ ނޭފަތުގެ ވަސް ދަނޑީގައި ކުއްލިއަކަށް އައިސް ޖެހުނު ވަހެއްގެ ސަބަބުންނެވެ. އެތެރެއަށް ނޭފަތް ދަމާލެވުނުއިރު މޫނުމަތި ތާޒާވެލައިފިއެވެ. ފަހަތަށް އެނބުރުނުއިރު ދެ ކޮފީތަށި ހިފައިގެން ރިންދާ ހަމަކޮށްފިއެވެ.

"ވަރަށް މީރުކޮށް ކޮފީ ހެދީ" ރިންދާ ބުންޏެވެ. ރިންދާ ދިއްކޮށްލި ކޮފީތަށީގައި އެއް އަތުން ހިފައިގެން އަނެއް އަތުން ރިންދާގެ ކޮނޑުމަތިން ވަށާލާފައި ގެނެސް ގަޔާ ރިންދާ ގާތްކޮށްލިއެވެ. ދެން ދެކުދިން ހިނގާފައި ގޮސް އިށީނީ ދެ މީހުންނަށް އިށީނދެވޭގޮތަށް ހުރި އުނދޯލީގައެވެ.

"މިއަދު މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނޭ. ކިހިނެއްވެފަ؟" ރިންދާ އެހިއެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ކޮފީތަށި ބަހައްޓާފައި އަޔާލް ރިންދާއަށް ބަލައިލިއެވެ. އަޔާލްއަށް އައިސްފައިވާ ބަދަލު އެހާ އަވަހަށް ރިންދާއަށް ފާހަގަވެއްޖެއެވެ.

"ބަލީތަ؟" އަނެއްކާވެސް ރިންދާގެ ސުވާލެއް އަމާޒުވިއެވެ.

"ބައްޔެއް ނޫން" އަޔާލް ބުންޏެވެ. ދެން ލަސްލަހުން ކޮފީތަށި ނަގައިގެން ބޮމުން ދިޔައެވެ.

"އަހަރެން ބޭނުން އަހަރެންގެ ހަޔާުތުގެ ހުރިހާ ވާހަކައެއް ޔާލްއަށް ކިޔައިދޭން. މަންމައާއި ޔާލް ނަގާފައި އަހަރެންނާ ގާތް މީހަކަށް ހުރީ ވިލީ. އެކަމަކު ގާތް ރަހްމަތްތެރިޔަކަށް ވުރެވެސް އަހަރެންނަށް މިހާރު ޔާލް ހާއްސަވެއްޖެ. ޔާލް ދުވަހަކުވެސް އަހަރެން ދޫކޮށްނުލައްޗޭ" ރިންދާ ބުންޏެވެ. އަޔާލް ހީލިއެވެ. ރިންދާ ފަށަން އުޅެނީ ހަޔާތުގެ ކޮން ވާހަކައެއްބާއޭ ހިތަށް އެރިއެވެ. ރަނީންގެ ވާހަކަތައް ރިންދާ ފެށުމުގެ ކުރިން އެވާހަކަ ފަށަން އަޔާލް ބޭނުންވިއެވެ. ރިންދާގެ ހިތުގައި އަޔާލްއާ މެދު ޝައްކުގެ އޮށެއް އިންދޭކަށް އަޔާލް ބޭނުމެއް ނުވެއެވެ.

"އޭގެކުރިން އަހަރެން ވާހަކައެއް އަހަންތަ؟" ރިންދާގެ އަތްތިލައަށް ފިތާލަމުން އަޔާލް އެހިއެވެ. ރިންދާ ބޯޖަހާލިއެވެ.

"ރަނީ.... ރަނީން...." އަޔާލް ބުންޏެވެ. ރިންދާއަށް ލިބުނީ ހައިރާންކަމެކެވެ. އަޔާލްއަށް ރަނީން އެނގުނީ ކިހިނެއް ހެއްޔެވެ؟ ސުވާލު އުފެދިފައި އިން ނަޒަރަކުން ރިންދާ އަޔާލްއަށް ބަލައިލިއެވެ.

"ރަނީން އެނގޭ. އެކުވެރިއެއް އެއީ" އަޔާލް ބުންޏެވެ. ރިންދާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަޔާލްއާ ރަނީންގެ އެކުވެރިކަން އުފެދުނުގޮތާއި ރަނީންގެ ވާހަކަތައް އެހުމަށް ރިންދާ ޝައުގުވެރިވިއެވެ.

"ރިދާ ފުރަތަމަ ފެނުނު ދުވަހުވެސް ހައިރާންވި ރަނީންއާ ވައްތަރުކަމުން. ތިދެމީހުންގެ ތަފާތު ކަމަކަށް އަހަރެންނަށް ފެނުނީ ބައެއްފަހަރު ރަނީން ނަންބަރު އައިނު އަޅައިގެން ހުއްޓަ ފެނޭ. ރިދާ އާއި ރަނީންއާ ގުޅުމެއް އޮންނަކަމަށް ޝައްކުވެފައި ހުއްޓައި އެކަން ޔަގީންވީ ދެންމެ މިގެއަށް ވަން ގަޑީގަ ފާރުގައި ހުރި ފޮޓޯ ފެނުމުން" އަޔާލް ވާހަކަދެއްކިއެވެ. ރިންދާގެ މޫނުމަތިން މޮޅިވެރިކަމެއް ފެނިލިއެވެ.

"އެއްމާބަނޑު ދެބެންތަ؟" އަޔާލް އެހިއެވެ. ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ.

"ރަނީންގެ ވާހަކަ ފެށީމަ މާބޮޑަށް ހަނދާންވެއްޖެ ދޯ. ސޮރީ. އެކަމަކު އަހަރެން މިވާހަކަ ދައްކަން ބޭނުން. އެއީ،... އެއީ.... އެ ރަނީންގެ މަރުގެ މައްސަލައިގައި އަހަރެންނާ ދެފަހަރު ފުލުހުން ސުވާލުކުރި" އަޔާލް ބުންޏެވެ.

****************

ކޮޓަރި ދޮރު ލައްޕާލާފައި މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަމުން ވިލިނީ ދިޔައެވެ. ގަޑިން އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. މުޅި ދުވަހު ކޮޓަރިން ވިލިނީ ނުނިކުމެއެވެ. ކޮޓަރިން ބޭރަށް އެ ނިކުތީ ބަނޑުހައިވެގެން ކެތްނުވާވަރު ވުމުންނެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވާ ބޮޑުކޮޓަރިއަށް ވެރިވެފައިވަނީ ފުން ހިމޭންކަމެވެ. އެ ހިމޭންކަމުގެ ތެރެއިން ކޮޓަރިތަކުގައި ތިބި ދެ އިންސާނުންނަށް އަޑެއް އިވިދާނެތީ ސިޑިން ފައިބައިގެން ވިލިނީ ދިޔައީ ވަރަށް މަޑުންނެވެ.

ބަދިގެއަށް ވަންގޮތަށް ލައިޓުތައް ޖައްސަންވެސް ވިލިނީިއަށް ނުކެރުނެވެ. ރޯ ފިލުވާފައި ކާއެއްޗެއް ނުހުންނާނެކަން އެނގޭތީ ފުރަތަމަވެސް ވިލިނީ ގޮސް ހުއްޓުނީ އައިސް އަލަމާރި ކއިރީގައެވެ.

"ބަނޑުހައިވީތަ؟ އަހަރެން އެއްޗެއް ތައްޔާރުކޮށްދޭންވީތަ؟" ފަހަތުން ބެގަރީގެ އަޑު އިވުމާއެކު ސިހިގެން ދިޔަވަރުން ވިލިނީ ޝޮކެއް ނުޖެހުނީ ކިރިޔާއެވެ. އޭނާ ފަދައިން ބެގަރީވެސް އައީ އަޑެއް ނީއްވައެވެ. އަނދިރީގެ ތެރެއިން މީހެއްގެ މޫނު މާ ރަނގަޅަށް ސިފަ ނުވިޔަސް މީހާ ލައިގެން ހުރި ހެދުމުގެ ކުލައާއި ދެއަތް ފާހަގަވެއެވެ.

"ބެގަރީތަ؟ އަހަރެން ސިހިއްޖެ" ވިލިނީ ބުންޏެވެ.

"އާނ. އަހަރެން އަދި ނިދަން ނުވަންނަން. އެފަރާތުގަ މަޑުކޮށްލައިގެން އިނީ. ހިތަށް އެރި ބަނޑުހައިވެގެން ކަނބުލޮ ނިކުންނާނޭ. ކޯޗެއް ތައްޔާރުކޮށްދޭންވީ" ހިތްހެޔޮކަމާއެކު ބެގަރީ ވާހަކަދެއްކިއެވެ. ވިލިނީގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ބެގަރީ ފަދައިން ނަހީކް ގެ ހިތް މަޑުމޮޅިނުވަނީ ކީއްވެގެން ހެއްޔެވެ؟

"ރަނގަޅުވާނެ އެއްޗެއް ނެހެދިޔަސް. މިގަޑީގަ ހަމައެކަނި މީގެއިން ފުއްދާލެވޭނެ" އައިސް އަލަމާރީގެ މަތީބައިން ކުޑަ އައިސްކްރީމް ތައްޓެއް ނަގަމުން ވިލިނީ ބުންޏެވެ.

މަޑުނުކޮށް ވިލިނީ ދާ މަންޒަރު ބަލަހައްޓައިގެން ދެރަވެފައި ބެގަރީ ހުއްޓެވެ. ވިލިނީގެ ހިނގުމުގައި ގޮތެއް ހުރިކަން ބެގަރީއަށް ފާހަގަވެ ވިލިނީއަށް ގޮވާލަން އުޅުނެވެ. އެހެންނަމަވެސް އެވަގުތަކީ ސުވާލުކުރަން އެންމެ ރަނގަޅު ވަގުތަށް ނުވާތީ އެ ހިޔާލު ދޫކޮށްލިއެވެ.

*************

"ކީއްވެ އަހަރެން ކައިރީގަ ނުބުނީ؟ ރަންނިއާ ގުޅޭ ކިތަންމެ ކުޑަ ހަބަރަކީވެސް އަހަރެންނަށް މުހިންމު ހަބަރެއް. ޔާލްއަށް އެނގޭތަ! އެ މަރުގެ ހަބަރު ހޯދަން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ. އެތައް ގަލެއް ފުރޮޅިން. އެއްކޮޅަކުންވެސް އަހަރެންނަށް ކާމިޔާބެއް ނުވި. ފުލުހުންވެސް އެހީ ނުވި. އެމީހުންގެ ތެރެއިން ބަޔަކު މި ކޭސްއަށް ވަރަށް ފަރުވާ ކުޑަކޮށްފި. މީހަކު ހައްޔަރުކުރިގޮތަށް އެމީހާ ދޫކޮށްލައިފި. އެއްވެސް ހެއްކެއް ނެތޯ. އަހަރެން ހިތަށް އެރީ ކޮން ހެއްކެއްގެ މައްޗަށް ބަލާފައިބާއޭ އެމީހާ ހައްޔަރުކުރީ. ދުވަހަކަށްފަހު ދުވަހެއް ފާއިތުވެގެން މިހިރަ ދަނީ. މަޑުމަޑުން އެ ފައިލުވެސް އެދަނީ ލެއްޕެމުން. އަހަރެން ވަރުބަލިވެއްޖެ. ސީރިޔަސްކޮށް. އެއީ ރަންނި އަމިއްލައަށް ކުރި ކަމެއް ނޫން. އިންޑިއާއަށް ގެންގޮސްފަ އެ ހެދި ޓެސްޓުގައި އޮތް އެއްޗެއް ރަނގަޅަކަށް ކިޔައެއް ނުދޭ. ބުނިހާވެސް އެއްޗަކީ އަމިއްލައަށް މަރުވީ ކަމަށް ބެލެވެއޭ. އެއީ ކިހާ ބޮޑު އޮޅުވާލުމެއް. އަހަރެންނަށް ސަތޭކަ އިންސައްތަ ޔަގީން. މިކަމުގައި ބަޔަކު ޝާމިލުވޭ. އެބަޔަކު ފިލާ ތިބެގެން ވަރަށް ކުޅިވަރު އެބަ ކުޅޭ. އެހުރިހާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އަހަރެން ބޭނުން. މުޅި ދުނިޔޭގެ ކުރިމަތީގައި ފަލީހަތްކުރަން އަހަރެން ބޭނުން. އެބައެއްގެ ސަބަބުން ކަފުންކޮށްފަ ވަޅުލީ އަހަރެންގެ ހަށިގަނޑުގެ އެއްބައި. އަހަރެން އެމީހުން ދުލެއް ނުކުރާނަން..... ނުކުރާނަން" ރިންދާ ވާހަކަދެއްކިއެވެ. ދެފަރާތަށް ބޯހޫރަމުން ދިޔަ ރިންދާގެ ދެލޮލުން ފައިބައިގަތް ކަރުނަތައް ފެނި އަޔާލްއަށް ހީވީ މޭ ފިތުނުހެންނެވެ. ރަނީންއަކީ ރިންދާއަށް ހަމައެކަނި ކޮއްކޮއެއް ނޫންކަން އަޔާލްއަށް އެނގުނެވެ. ރިންދާގެ މޫނުގެ ދެފަރާތުގައި އަޔާލް ހިފަހައްޓާލިއެވެ. ދެން ލަސްލަހުން އަޔާލް، ރިންދާގެ މޫނު މައްޗަށް އުފުލާލިއެވެ. ލޯތްބާއެކު ރިންދާގެ ދެލޯ ކައިރި ފޮހެލިއެވެ.

"ރިދާ ތިގޮތަށް ރޯ މަންޒަރު އަހަރެން ބަލާ ހިތެއް ނުވޭ. ދެން އޯކޭ. އިތުރަށް ކަރުނަ ނުބާލާ. އެހެންނޫނަސް އަހަރެން އަދި ފަތަން ދަސްނުކުރަން" ފަހުން އަޔާލް ބުނެލި ޖުމުލައާއެކު ރިންދާގެ ތެމިފައިވާ އެސްފިޔަތައް އުފުލާލުމަށްފަހު އަޔާލްއާ އަމާޒުކޮށްލިއެވެ.

"އެހެން މިބުނީ މިތާ ފެންބޮޑުވެދާނެތީ" އަޔާލް ބުންޏެވެ. ރިންދާއަށް ހެވުނެވެ. އަޔާލް ހިތަށް ހަމަޖެހުމެއް ލިބުނެވެ. ރިންދާގެ ތުންފަތަށް ހިނިތުންވުމެއް ގެންނަން ކުރި މަސައްކަތް ކާމިޔާބު ވުމުންނެވެ.

"އެކަމާ ދެން ނުވިސްނާ. އަހަރެން މިބުނާ އެއްޗެއް އަޑުއަހާ ފުރަތަމަ. އެކަކު އެހީނުވިޔަސް އަހަރެން ރިދާއަށް އެހީވާނަން. އެ މަރުގެ ސިއްރު ހޯދުމަށް ރިދާ ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި އަހަރެން ހުންނާނަން. އަހަރެން ވައުދުވަން" އަޔާލް ވާހަކަދެއްކިއެވެ. ދެން ރިންދާގެ ދެއަތް އުފުލާލާފައި އެ ދެއަތުގައި އަޔާލް ބޮސްދިނެވެ.

"އޯކޭތަ...." އިރުގަނޑަކަށްފަހު އަޔާލް އެހިއެވެ. ރިންދާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

"އަހަރެންނަށް ރަނީންއާ އެކުވެރިވެވުނު ގޮތާ މި މައްސަލައިގައި ފުލުހުން އަހަރެންނާ ސުވާލުކުރަން ޖެހުނު ސަބަބެއް އެނގެން ބޭނުންތަ؟" އަޔާލް އެހިއެވެ. ރިންދާ ބޯޖަހާލިއެވެ.

*****************

ލޯގަނޑު ކުރިމަތީގައި ވިލިނީ އިށީނދެގެން އިނެވެ. ހުދު އައްޔަކުން ކޮޓަރިތެރެ އަލިވެފައިވާއިރު ވިލިނީގެ ނަޒަރު ހުއްޓިފައިވަނީ ލޯގަނޑުން ފެންނަން އިން އަމިއްލަ ސޫރައަށެވެ. މޫނުގެ އެކި ދިމާލަށް ވިލިނީގެ ނަޒަރު ދަތުރުކުރަމުން ދިޔައެވެ. ތުންފަތުގެ ކަނާތްފަރާތު ކަނުން ބޮޑު ބައެއް ނޫފައިގަނެފައި ހުރި ނިޝާނެއް ހުއްޓެވެ. ތިރީ ތުންފަތުގައިވާ ދުޅަކަން ހުރީ ކޮންމެވެސް މިންވަރަކަށް ތިރިވެފައެވެ. ކަނާއަތް އުފުލާލާފައި އެތަނުގައި ވިލިނީ އަތް ޖައްސާލިއެވެ. އެއާއެކު ވިލިނީގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. އެ އަނިޔާ ލިބުނު ވަގުތުކޮޅުގެ މަންޒަރުތައް ވިލިނީގެ ސިކުނޑީގައި ރޯލްވާން ފެށުމުން ހީވީ ހަށިގަނޑުގައި އެޅި ވޭން އިތުރަށް ތަކުރާރުވެލި ހެންނެވެ. އެ މަންޒަރު ސިކުނޑިން ނެރެ އެއްލާލަން މަސައްކަތް ކުރި ނަމަވެސް ވިލިނީއަށް އެކަން ކާމިޔާބެއް ނުވިއެވެ. ކަޅާއި ހުދުގެ އެ މަންޒަރުތައް ވިލިނީގެ ސިކުނޑީގައި ކުލަވާން ފެށިއެވެ.

ގަޑިއިރުތަކެއް ކުރިން

ބޮލުގައި ދޮރުފަތްޖެހުނު ވަގުތު ބޮލަށް ވީ ތަދު ކުއްލިއަކަށް ފިލައިގެން ދިޔައީ ކުރިމަތީގައި ހުރި މީހަކު ފެނިފައެވެ. ކަޅިޖަހާނުލައި ނަހީކަށް ބަލަހައްޓައިގެން ވިލިނީ ހުއްޓެވެ. ކޮޓަރި ތެރެއިން ނަހީކް ފެނުމުން ގަބޫލުނުކުރެވިފައެވެ. އަނގައިން ބުނަން ހަނދާންނެތިފައި ވިލިނީ ހުއްޓައި ސިހުމެއް ލިބުނީ ވިލިނީގެ މޫނަށް އަމާޒުކޮށްލި ނަހީކްގެ ރުޅިވެރި ދެލޯ ފެނިފައެވެ. އެ ބެލުމުގައިވި ނަފްރަތާއި ރުޅިވެރިކަމުގެ އަލިފާނުން ވިލިނީ އަނދައިގެން ދިޔަހެން ހީވިއެވެ.

ދެވަނަ ސިކުންތުގައި ވިލިނީއަށް ހޭވެރިކަމެއްވިއިރު އިނދެވުނީ ކާޕެޓްމަތީގައި ކުރުގެޅިފައެވެ. ފާއިތުވި މަދު ސިކުންތުކޮޅުގެ ތެރޭގައި ހިނގައިދިޔަ ކަންތައް ވިލިނީގެ ހަނދާނަށް އައެވެ. އާއެނކެވެ. ނަހީކްގެ ނުރައްކާތެރި އަތުގެ ހަމަލާއެއް އަމާޒުވީ ވިލިނީގެ ކޯތާފަތް މައްޗަށެވެ. ބޮލަށާއި މޫނު މައްޗަށް އަމާޒުވި ހަމަލާގެ ގިނީގެ އަސަރު މުޅި ހަށިގަނޑަށް ފޯރައިފިއެވެ. ބިރުގަނެފައި ހުރި ވަރުންނާއި ތަދުވީވަރުން އިސާހިތަކު ވިލިނީއަށް ރޮވެން ފެށުނެވެ.

"ކޮން ރުއިމެއް ރޯކަށް...." ވިލިނީއާ އެއް ހަމައަކަށް ތިރިވީ ގޮތަށް ވިލިނީގެ އިސްތަށިގަނޑު އޮޅާލީ ނަހީކްގެ އަތަށެވެ.

"މަންމާ.... އައްދޯއި... " ވިލިނީގެ އަނގައިން ނިކުތެވެ.

"ކަލޭ ކީކޭ ހިތަށް އަރައިގެން އަހަރެންނާ ކައިވެނިކޮށްގެން އުޅޭ ވާހަކަ އެންމެން ކައިރީގަ ދައްކަމުން ތިދުވަނީ. އޭނަ ކައިރީގަ ބުނީ ކީއްކުރަން؟ އޭނައަށް އަހަރެން ނަފްރަތުކުރަން. އަހަރެންގެ އެކަކުވެސް މިދުނިޔޭގަ ނުހުންނާނެ އެންމެ މީހަކު ފިޔަވާ. މި ކައިވެނީގެ ވާހަކަ އެއްވެސް މީހަކަށް އަންގާކަށް އަހަރެން ބޭނުމެއް ނޫން. މިއީ ކަލޭގެ މުސްކުޅި އަމާގަނޑު އަހަރެންގެ ކަރަށް މަހާލި މަޅިއެއް... ހަނދާންކުރާތި! އަހަރެންނާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ކައިރީގައި ދެން ނުދައްކާތި. އެކަހަލަ ވާހަކައެއް އަހަރެންގެ ކަންފަތަށް އިވުނިއްޔާ މިއަަށް ވުރެ ބޮޑުވަރު އަހަރެން ކަލެއަށް ކުރާނަން" ނަހީކް ދިޔަ ދިމާލަށް ބަލަހައްޓައިގެން ވިލިނީ އިނީ ބިރުން ފިއްކެނޑިފައިވީ ހާލުގައެވެ. ކުރެވުނީ ކޮން ކުށެއްހޭ އަމިއްލަ ހިތާ ސުވާލުކޮށްލަކޮށްލައެވެ.

ހިޔާލުތަކާ ހިތުގެ ނާރުތައް ބުރިވެގެންދާ ފަދަ އިހުސާސެއް ކުރުވި އެ ވިސްނުމާ ފިކުރުގެ ކަނޑުން ވިލިނީއަށް ނިކުމެވުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ދެއަތުން ފޮހެލާފައި އެނދާ ދިމާލަށް ވިލިނީ ހިނގައިގަތެވެ.

(ނުނިމޭ)