މަގުމަތީގެ ގިނަ އެކްސިޑެންޓްތައް ހިނގަނީ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް މާލެ އޭރިއާ ސްޕްރިޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، މާލޭ ސަރަހައްދުގައި މަގުމަތީގެ ގިނަ އެކްސިޑެންޓްތައް ހިނގަނީ ޑްރައިވަރުގެ ފަރުވާކުޑަކަމުން ކަމަށާއި އޭގެ ތެރޭގައި ބާރު ސްޕީޑުގައި، ބަލަންވާ ވަރަށް ނުބަލައި ދުއްވުމުން ހިނގާ އެކްސިޑެންޓްތަކާއި ޔޫޓާން ނަގާއިރު ހިނގާ އެކްސިޑެންޓްތަކާއި އޯވަޓޭކް ކުރުމުގައި ހިނގާ އެކްސިޑެންތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ، އެކްސިޑެންޓްތައް މަދުކުރުމަށް، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާއި ހުއްދަ ނެތި ދުއްވާ ފަރާތްތައް ހުއްޓުވައި، އެމީހުންގެ ސައިކަލު ޓޯ ކުރާ ކަމަށެވެ.
އެގޮތުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވި 40 އުޅަނދެއް 30 ދުވަހަށް ޓޯކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ލައިސަންސް ނެތި ދުއްވި މައްސަލައިގައި 1023 އުޅަނދެއް ހިފަހައްޓައިފައިވާ ކަމަށް ވިދާޅުވިއެވެ.
މި ފަހުން މާލޭގެ، އެކުވެރި ޓްރެކް ކައިރީގައި ދެ ކާރާއި ބަހެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ސަމީރު ވިދާޅުވީ، އިންޑަސްޓްރިއަލް ޒޯނުން ފެށިގެން އެކްސިޑެންޓުވި ހިސާބާ ހަމައަށް އެ ކާރު އައީ ބާރު ސްޕީޑުގައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓާ ގުޅޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަމީރު ވިދާޅުވީ، ޓޯކުރާ އުޅަނދުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަނބުރާ ނުނަގައިފިނަމަ ނައްތައިލާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު