ވާހަކަ

ފިނި މެންދަމަކުން - 06

2

އުޑުމަތި ސާފު، ރީތި ރޭގަނޑެކެވެ. މާފުށީ ޖަލުގެ، ގޭޓު ހައުސް ނުވަތަ އޮފީސްބައިން ނުކުމެގެން އެކި ޑިއުޓީން އެކި ދިމަދިމާއަށް، އެބައެއްގެ ޑިއުޓީ ޕޮއިންޓާ ހަވާލު ވުމަށް ދަނީއެވެ. އަޝްހަދުމެނާއެކު ނުކުތް މިޝިފްޓުގެ އަންހެނުންގެ ޖަލު އޮފިސަރުންގެ ތެރޭގައި މިވަގުތުގެ އަންހެންޖަލުގެ އެސްއޯ ޒާހިރާ ސުފުޔާނުވެސް ހުއްޓެވެ. އޭނާއަކީ އެސްއޯކަމަށްވުމުން މިގަޑި މިއީ އޭނާ ޑިއުޓީ ކުރަން ޖެހޭ ގަޑިއެއް ނޫނެވެ. އެހެންނަމަވެސް ޖަލުގެ ޒޯން އޮފިސަރަށް މިރޭ އަންހެންޖަލުގެ ކަންތަކާ ބެހޭ ގޮތުން އެލިބުނު މައުލޫމާތުތަކެއްގެ ސަބަަބުން މިރޭގެ ޑިއުޓީއަށް ނުކުންނަން ޖެހުނީ އެވެ.

ޒާހިރާއާއި އެކުގައި އިތުރަށް ދެން ތިބި ތިން އަންހެން އޮފިސަރުންނަކީވެސް ޖަލުގެ މިވަޒީފާ އަދާ ކުރާތާ އެތައް އަހަރު ވެފައި ތިބި މީހުންނެވެ. ހާއްސަކޮށް މައިމޫނާއާއި ސަލީމާ ގުނާލެވޭނެވެއެވެ. މައިމޫނާއަކީ މިޖަލު ވުޖޫދަށް އައި ދުވަހުން ފެށިގެން މިތަނުގައި ޑިއުޓީ ކުރަމުން އަންނަ ޑިއުޓީއެކެވެ. އަންހެނުން ތިބޭ އެލްބިލްޑިންގ އުފެދުމުގެ ކުރިން އެފްވަން، އެފްޓޫ ގެ ޒަމާނުގައިވެސް މާފުށީ އަންހެން ޖަލުގެ ޑިއުޓީ އާ ހަވާލުވެގެން ތިބި ޑިއުޓީންނާއި ގައިދީންނާ އޮންނަނީވެސް ތަފާތު ގާތް ގުޅުމެކެވެ. އެހެންވާނެނޫން ހެއްޔެވެ. ބަނޑު އަޅާ ވިހާ ދަރިންނާއެކު ހޭދަކުރާ ވަގުތަށްވުރެ މިގައިދީންނާއެކު ހޭދަކުރަން ޖެހޭ ވަގުތު ބައެއް ދުވަސްދުވަހު ގިނައެވެ. އެކުގައި ގިނަ ވަގުތު ހޭދަކުރުމަކީ ކުލުނާއި ލޯބި އަށަގަނެ އިތުރުވާ ކަމެކެވެ.

އަންހެން ޖަލުގެ އެސްއޯކަމުގައި ޒާހިރާ ސުފުޔާން ހޭދަ ކުރި ގިނައަހަރުތަކުގެ ތަޖުރިބާއާއެކު އޭނާގެ ވިސްނުންތެރިކަމާއި ހަވަނަ ހިއްސުގެ ބޭނުންކުރުމުގައި އޭނާއަށް ލިބިފައިވާ ހާއްސަ ހުނަރުގެ ސަބަބުން ޖަލުގެ ގައިދީން ކޮށްފާނެ ކަންތައްތަކާއި ގައިދީންގެ އުޅުމަށް އަންނަ ބަދަލުތަކުން އެމީހުންގެ އަމަލުތައް ބިނާވާ ކަންތައް ވަރަށް ފަސޭހައިން ދެނެގަނެއެވެ. ގައިދީންގެ ހަރަކާތްތައް ކިޔުމުގައި އޭނާ ބޭނުން ކުރާ ހާއްސަ ހުނަރަކީ އެއްވެސް އެހެން ޑިއުޓީއަކަށް އެނގޭ ކަމެއް ނޫނެވެ. ކިރިޔާވެސް ޒާހިރާއާ އެއްފެންވަރަށް ގައިދީން ދެނެގަނެވޭ ޑިއުޓީއަށްވެސް ޒާހިރާހާ ކުޅަދާނަ ކަމެއް ހުރިހާ ދާއިރާއަކުން ނުގެންގުޅެވެއެވެ.

ދެންހުރީ ޒޯންއޮފިސަރު ރިޔުނާ އަދީލެވެ. ރިޔުނާއަށް އެންމެންވެސް ގޮވާ އުޅެނީ ރިއްޔާގެ ނަމުންނެވެ. އޭނާގެ އުމުރުގެ ހަނގުކަމާއެކުވެސް ލިބިފައިވާ ތައުލީމާއި ގާބިލިއްޔަތުކަމުގެ ސަބަބުން މަގާމު މަތިއެވެ. އެހެންވިޔަސް އޭނާގެ އުމުރުގެ ގޮތުން ގައިދީންނާ އެއް އުމުރެއްގެ ނުވަނަ އޭނާއަށްވުރެ ދޮށީ މީހުންނަށްވުރެ ހަގުމީހުން ތިބޭތީވެ ބާއްވާ ގާތްކަމާއި ވާހަކަ ދެއްކުމުގައި ބަހައްޓާ ހެޔޮ ކަމުގެ ސަބަބުން އޭނާއަށް މުހާތަބުކޮށް އުޅެނީ އޭނާގެ އާއިލާ މީހުންނާއި ގާތް މީހުންނެކޭ އެއްފަދައިން ރިއްޔާގެ ނަަމުންނެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުުތުކަމުން ކާންދޭ މީހުން ކާއެއްޗެހި އުފުލާ ބަރޯ ވައްދާ، ޔާޑުގައި ބެހެއްޓުމަށްފަހު ބާލިދީތައް ކޮރިޑޯމައްޗަށް އަރުވަނީއެވެ. އިރުއޮއްސި ހައެއް ޖެހުމަށްފަހު ކޮރިޑޯތަކަށް ގައިދީން ވައްދާ ތަޅުލާފައި ހުންނާތީވެ، އެހެން ގަޑިތަކާ ހިލާފަށް މިގަޑީގެ ކާއެއްޗެހި ބަހާނީ ކޮރިޑޯމަތީގައި ދަގަޑު ފެންސުން ބޭރުގައެވެ. ކާން ބޭނުން ބަޔަކު ތަށިތައް ހިފައިގެން އައިސް ކާއެއްޗެތި ދިނުމަށް ހަދާފައި ހުންނަ އާގައިން ތަށި ދިއްކުރާނެއެވެ. ކާންދޭ އެމީހުން ބުނާ އެއްޗެއް އެބުނާ ވަރަކަށް ތަށިތަށްޓަށް އަޅައިދީ ސައި ނުވަތަ ޖޫސް، އެރެއަކު އެހުންނަ އެއްޗަކުން ބުއިންވެސް އަޅައިދޭނެއެވެ.

ބައެއް ގައިދީން އަންނާނީ ބައިބަޔަށެވެ. ފަސްހަ މީހުން އެއްވެގެން ކާއެއްޗެހި ނަގާއިރު ޖޫސް ނުވަތަ ސައި އަޅަނީ ފުޅިއަކަށެވެ. މިއީ އެމީހުންނަށް ޖަލުފިހާާރައިން ގަނެފައި ހުންނަ ފެން ނޫނީ ކޯކް ކަހަލަ އެއްޗެއް ހުސްވީ ފުޅިއެވެ. އެއްފަހަރާ އެތައް ބައެއްގެ ކާއެއްޗެހި ނަގަން އަންނަ ގައިދީން، ޖަލުން ދީފަ ހުންނަ ރަަބަރު ކާތަށީގެ އިތުރަށް ބަތާއި ރިހަ ކަހަލަ އެއްޗެހި އެޅުމަށް ގެންނަނީ ފަސްލީޓަރުގެ ފެންހުސްކުރި ފުޅިތައް މެދުން ބުރިކޮށްލައިގެން އޭގެ ދެބައި ބޭނުންކޮށްގެން ހަދާފައި ހުންނަ މަކެރިތިޖަހާ ކަހަލަ އެއްޗެކެވެ. ގައިދީންގެ ސިކުނޑިއަށް ހިޔާލުތައް އަންނަ ގޮތާމެދު ހައިރާންވާހާ ފުރިހަމަ ތަފާތު ތަކެތި،އުކާލަން ޖެހޭ ފަދަ ތަކެތި ބޭނުން ކޮށްގެން ނުހަނު ފުރިހަމައަށް ތައްޔާރުކޮށްލާނެއެވެ.

އަންހެންޖަލުގެ އޮފީސް ނުވަތަ ބަންކަރުތެރެއަށް ބޭރުން ވަދެވެން ހުންނަނީ ދެގޮތަކަށެވެ. އެއްގޮތަކީ ޖަލުގެ އެތެރެއަށް ގައިދީންވެސް ވައްދަން އަދި ކާއެއްޗެހިފަދަ ތަކެތިވެސް ވައްދަން ހުންނަ ދަގަޑު ތޭރި ގޭޓެވެ. ތަންކޮޅެއް ހަނިކޮށް ހުންނަ މިގޭޓު ވައްތަރީ ތޭރިން ހަދާފައި ހުރި ދޮރަކާއެވެ. ވަށައިގެން ގަތާފައިވާ ގޮޅި ފެންސާއި އޭގެހަމަ އެއްވަރެއްގައި ހުންނަ ތިލަ ފެންސުގެ އެތެރެއިން އެލްބިލްޑިންގެ ފާރުތަކުގެ ފުޅާމިނަށް އަދި ދިިގުމިނަށް ވާއިމަށް ޔާޑެއް އޮވެއެވެ. މިޔާޑުގެ ފަހަތުގައި ގައިދީން ދޮންނަ ތަކެތި ހިއްކުމަށް އެއްޗެހި އަޅާނެ ރޯނުތަކެއް ހުރެއެވެ. އަންހެން ޖަލުގައި، ގާތްގަނޑަކަށް ޖަލުގައި އަބަދުވެސް އާއްމުގޮތެއްގައި ފަސްދޮޅަހުން މަތީގެ އަދަދަކަށް ގައިދީން އުޅެއެވެ.

ކާންދޭ މީހުންގެ މަސައްކަތުގައި ސިޑިން އަރާ ފޭބުމުގައި އަދި އެކޮރިޑޯއިން މިކޮރިޑޯއަށް އެކި އެއްޗެހި ގެންގޮސްދިނުމުގައި އަވަދިނެތި އެމީހުން އުޅެމުންދިޔައެވެ. ޖަލު ފަރުމާކޮށްފައި ހުންނަ ގޮތުން ގޮޅިތަކުގެ އެތެރެ ނޫނީ ހުރިހާ ތަނެއް ހެން ސާފުކޮށް ފެންނާނެއެވެ. ގޮޅިތަކުގެ އެތެރެވެސް ތިރީގައި ހުންނަ ތޭރިކުޑަދޮރުތަކުން ފެންނާނެއެވެ. ކޮންމެ ގޮޅިއެއްގެ ދެފަރާތުގައި ދެކުޑަދޮރު ހުންނައިރު މެދަށް ހުންނަނީ ބޮޑު ދަގަޑު ދޮރެކެވެ. ކުޑަދޮރު ހުންނަނީ ދަގަޑު ތޭރިތަކާއި ކުދިހަތަރެސްކަނަށް ހުންނަ ގޮޅިތަކުން ބަންދުކޮށްފައި ނަމަވެސް ފޮތިގަޑެއް އަޅާފައި ނުހުންނަނަމަ ރީއްޗަށް އެތެރެ ފެންނާނެއެވެ. ގަވާއިދާ އެއްގޮތްވާ ގޮތަށް ކޮންމެވެސް އެއްކޮޅެއްގެ ދޮރު ނިވާ ނުކުރެވޭނެއެވެ.

"މިރޭ ހުންނާނީ ތެލުލި ބަނޑައިދޫއާއި ބަތް ދޯ...ހާދަ ކާއެއްޗެއް ނުނަގައޭ...އެންމެން ނޫޑުލްސް ކާން ރެޑީ ވަނީދޯ!"

ޑިއުޓީ އޮފިސަރު ފަޒުލާ ކާންދޭން އުޅުނު އަންހެން ގައިދީއަށް ގޮވާލާފައި އަހާލިލއެވެ. އޭނާ ހުއްޓިގެން ހުރީ ޑިއުޓީޕޯސްޓު، ބަންކަރުގެ ދޮރުމަތީގައެވެ. ގައިދީންގެ ހަރަކާތްތައް ބަލަން ހުންނަތާ އިރުކޮޅެއްވީއިރުވެސް އޭނާއަށް ފާހަގަ ވީ ކަމަކީ ކެއުމަށް ވަރަށް ފޯރިނަގާ ބައެއް ގައިދީންވެސް މިރޭ ކާން ނަގަން ނާންނަކަމެވެ. ކޮރިޑޯތަކުގެ ތެރެއަށް ނުކުމެ އުޅެނީ މަދު ބައެއްކަމެވެ.

"ނޫން...މިރޭ ބަނޑައިދޫ ނެތިގެން ކަންނޭނގޭ.....ވަރަށް ނަސީބު ރަގަޅު ރެއެއް....ވަންނަމުން ދެފަހަރަކަށް ގޮވާވެސް ލިން.....ސޮސެޖް ހުރީ..."

އޭ ކޮރިޑޯގެ ބޭރުގައި ކާންދޭ ތަނުން ތަށްޓަކަށް މުގުރިހައާއި ރޮށި އަޅައިދެމުން ފަންސަވީހަކަށް އަހަރުގެ ތައުމާ ޑިއުޓީއަށް ޖަވާބު ދިނެވެ.

އޭ ކޮރިޑޯ ހުންނަނީ ބަންކަރާ އިންވެގެންނެވެ. އެލް އަކުރެއްގެ ބައްޓަމަށް ހުންނަ އިމާރާތުގެ މިފަޅި އެލް އަކުރުގެ ތިރީ ކުރު ރޮގު ބުރި ސިފަކޮށްދޭ ގޮތަށް މިއޭ ކޮރިޑޯގައި ހުންނަނީ ހަތަރު ގޮޅިއެވެ. ދެން އޮންނަނީ ޓީވީ ހޯލެވެ. ޓީވީ ހޯލުގައި ޖޯލިފައްޗަކާއި ހައެއްކަ ގޮޑީގެ ޖާގައޮވެއެވެ. އަދި ކުޑަވަރެއްގެ މޭޒަކާއި ފާރަށް ލައްގާފައި ހުންނަ ކެރަމްބޯޑެއް ހުއްޓެވެ. މިތަނުގައި ފަންކާއެއް ހަރުކުރެވިފައި ހުންނައިރު، ގައިދީން މިތަން އޮންނަނީ ވަރަށް ރީއްޗަށް ފޮޅާ ސާފުކޮށްފައެވެ. ޓީވީގައި ކޭބަލްޓީވީ ލިބެން ހުރިއިރު އަބަދުވެސް މިތަނުގައި ގިނަ ގައިދީން ތިބެއެވެ. އެކަމަކު ފަހަކަށް އައިސް މިތަނަށް ނުކުންނަނީ އަމިއްލަ ގޮޅީގައި ޓީވީ ނުހުންނަ މީހުންނާއި ގަސްތުގައި މެންދުރުފަސްކަހަލަ ޕްރޮގްރާމްތައް ބަލާ އެއަށް ހަޖޫޖަހާ މީހުންނެވެ.

ޓީވީ ހޯލާ ދިމާލުން މައްޗަށް އެރުމަށް ސިޑިއެއް ހުރެއެވެ. ސިޑިއާ އިިންވެގެން ހުންނަނީ ލޯންޑްރީއެވެ. އެއީ ދޮންނަ މެޝިނު ހުންނަ ތަނެވެ. މެޝިނުގައި މައްސަލައެއް ޖެހިގެން ގެންދިޔަފަހުން ލޯންޑްރީ ހުންނަނީ ދޮރު ތަޅުލާ ބަންދުކޮށްފައެވެ. ނަމަވެސް ސިޑި މައްޗަށް އެރުމުން ލޯންޑްރީގެ އެތެރެ ވަރަށް ރީއްޗަށް ފެންނާނެއެވެ. އެތެރެއަށް ފޭބެން ވެސް ހުރެއެވެ. އެހެންނަމަވެސް އެއީ ވަނުމަކަށް ހަދާފައި ހުރި ތަނެއް ނޫނެވެ. ހަގީގަަތަކީ މެޝިނާއި ލޯންޑްރީ ތެރެއިން ޖަލުގައި ގެންގުޅުން މަނާ ތަކެތި ފެނުނު ފަހަރު އެތަނުން މެޝިނު ނެރެފައި އެތަން ބަންދުކުރިކަމެވެ. އޭގެ ފަހުުން އެތަން ބަންދުކޮށްފައި އަދި ޓީވީ ހޯލުގައި ހުރި ކޫލަރުވެސް ގެންގޮސް އަނބުރާ ކޫލަރެއްވެސް މެޝިނެއްވެސް އަންހެންގައިދީންނަށް ލިބިފައެއް ނުވެއެވެ. އޭގެ ފަހުން ގައިދީން ދޮވެ ހަދަނީ އަތުންނެވެ.

ޖަލަށް ސޮސެޖު އަންނަ ރޭތަކަކީ ވަރަށް އަޑުގަދަވެފައި ކެއުމުގެ ފޯރި ގަދަ ރޭތަކެކެވެ. ދުވާލުވެސް ސޮސެޖު ގެންނަ ދުވަހެއްްނަމަ އެނގޭނެއެވެ. ސަބަބަކީ މިފަދަ ކެއުންތައް ކިރިޔާވެސް ޖަލަށް ގެންނާނީ ރޯދަމަސްތެރޭގައި ކަމަށްވެފައި އާއްމު ދުވަހެއްގައި ސޮސެޖު ގެނެވޭނީ ހަމައެކަނި މުށިމަސް ނުވަތަ ކަށިހުންނަ ބަނޑައިދޫ ނޫނީ ފަރުމަހުގެ ކޮންމެވެސް ވައްތަރެއް ގެންނަ ރެއެއްގައި އެފަދަ އެއްޗެހި ގަންނަން ނުލިބުމުން ބަދިގޭ މީހުން އޭގެ ބަދަލުގައި ސޮސެޖު ހަދާފައި ހުންނަ ރޭތަކުގައެވެ. އެހެންނަމަވެސް ސޮސެޖު ލިބުނު މިފަދަ ރެއެއްގައި ޖަލުތެރެ ހިމޭނުން އޮވެފައި ކާއެއްޗެހި ނަގަން މީހުން ނުކުމެ ނޫޅުމަކީ ހަމަ ހައިރާންވާ ވަރުގެ ކަމެކެވެ.

"ސޮސެޖޭ.." ފަޒުލާ ހައިރާންވީ ސޮސެޖު އައި ރެއެއްގައި ޖަލުތެރެ ހިމޭންވެފައި ކާންނަގަން އަންނަ ކުދިން މަދުވުމެވެ.

"ސޮސެޖު އައި ރެއެއްގަ ޖަލު ކުދިން ހާދަ އަޑު މަޑުވެފަ ކާ އެއްޗެހި ނުނެގުން ތީ ހާދަ ގަބޫލު ކުރަން ފަސޭހަ ނޫން ކަމެކޭ..."

ފަޒުލާ ޑިއުޓީ އެދައްކަން އުޅޭ ވާހަކަ ތައުމާއަށް ވަރަށް ފަސޭހައި ދެނެގަނެވުނެވެ. އެހެންކަމުން އަވަސްއަވަހަށް ބީކޮރިޑޯއާ ދިމާއަށް ހިނގައިގަތެވެ.

"ޒާހިއްތާ..." ތައުމާ ދިޔަ ދިމާއަށް ބަލަން ހުރެފައި ފަޒުލާ ގޮވާލީ ބަންކަރު ތެރެއިން ނަމާދުކޮށްލައިގެން ނުކުމެ ނުކުމެ ހުރި ޒާހިރާއަށެވެ.

"ކީކޭ...؟ ކާންދީ ނިމުނީތަ؟" ޒާހިރާ ބޮލުގައި އޮތް ޔުނީފޯމާއެކުގައި އަޅާ ބުރުގާ ރަނގަޅުކޮށްލަމުން އަހާލިއެވެ.

"އުނހު ނުއެއް ނިމޭ...އެކަމަކު މިރޭ ވަރަށް ފަޅުކޮށް ދާ ރެއެއް....އެވެސް ސޮސެޖާއި މުގުރިހައާއި ރޮށި ހުރި ރެއެއްގައި ކާއެއްޗެހި ނަގާ މީހުން ވަރަށް މަދު....ކޮރިޑޯތަކުގެ ތެރެއިން އެއްވެސް މީހަކު ފެންނާކަށްވެސް ނެތް....މިބުނީ އާއްމުކޮށް ފެންނަ އިފާމެން ނަންނަމެން އެއްވެސް އެކަހަލަ ބަޔަކު ނުފެނެއޭ." ފަޒުލާ ބުނެދިނެވެ.

ޒާހިރާއަށް ވެގެން އުޅޭ ގޮތާއި ޖަލު ތެރެއިން ގައިދީން މިރޭ މަދުން ފެންނަ ސަބަބުވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ މިރޭ ޑިއުޓީއަށް ނުކުތީވެސް ރިއްޔާ އަންގައިގެންނެވެ. އަންހެން ޖަލުތެރޭގެ ކަންތައް ރަނގަޅު ނޫންކަމުގެ މައުލޫމާތު ކޮންމެވެސް ގޮތަކަށް ރިއްޔާއަށް ލިބުމުން އެކަންތައް ބަލާލުމަށް ޒާހިރާއަށް އެންގީއެވެ.

"އެހެންތަ...؟ ތިކަހަލަ ކަމެއްހެން ހީވެއްޖެއޭ...މިއަދު އާއިލީ ބައްދަލުވުމަށް ނުކުތީ ކާކު...؟"

ޒާހިރާ އޮފީސް ބަޔަށް ވަދެ އެތެރޭގެ ކަޅުބިއްލޫރިޖެހި ކުޑަދޮރުން ޖަލު ތެރެއަށް ނަޒަރު ހިންގާލިއެވެ. ވަރަށް ރީތިކޮށް ބީ އަދި ޑީ ކޮރިޑޯ ތެރެ މިބިއްލޫރިގަޑުން ފެނެއެވެ. ކޮރިޑޯ ތެރޭގައި މަދު ގައިދީންތަކެއް ހަރަކާތްތެރިވަމުން ދިޔައެވެ. ޒާހިރާގެ ތޫނު ނަޒަރު ހުއްޓުނީ ފަސްވަނަ ގޮޅިން ފެށިގެން ދިހަވަނަ ގޮޅިއާ ހަމައަށެވެ. ގޮޅިތަކުގެ ތިރީގައި ހުރި ކުޑަދޮރުތަކުގެ ތެރެއިން ގޮޅިތަކުގެ އެތެރެ ފެންނަން ހުރި ގޮޅިތަކުގެ އެތެރޭގެ ހާލަތު ވަޒަންކޮށްލަނީ ކަހަލައެވެ.

"އަށެއްގަ އުޅެނީ ރިފްޒާ އެކަންޏެއްނު؟!" ޒާހިރާ އަހާލިއެވެ.

"އާ....އެގޮޅިއަކު އިތުރު ބަޔަކު ނޫޅޭނެ!" މާކަރެއް ނަގައިގެން ވައިޓްބޯޑުގައި ބަދަލުވާ ޑިއުޓީއަށް އެނގެންޖެހޭ ވާހަކަތައް ނޯޓު ކުރަމުން ފަޒުލާ ވާހަކަދެއްކިއެވެ.

"ކޮބާ ތަޅުދަޑިތައް ނަގާ...އަންގިއާ އެއްޗެހި ތައްޔާރުކޮށްބަލަ..."

ޒާހިރާއަށް އޭނާ ބޭނުންވެގެން އުޅުނު މަންޒަރު ފެނުނީ ކަންނޭނގެއެވެ. އެހުރި ގޮތަށް ހުރެ މޭޒުމަތީގަ ހުރި ލޭންޑްލައިން ފޯނުގެ އަތްގަނޑު ނަގައިގެން ކޮންމެވެސް ނަންބަރުތަކަކަށް އޭނާ ގުޅިއެވެ.

"ވަފިއްޔާ...ހަތަރު ޑިއުޓީން ގޮވައިގެން ޔުނިޓު އެކަކަށް އާދެބަލަ، ދެބިޑިއާއި ހައެއްކަ ކްލިޕާއި ދިހަ ޔޫރިން ކަޕްވެސް ގެންނާތި......"

ޒާހިރާގެ ވާހަކަ ނިންމާލަން އުޅެނިކޮށް ފަޒުލާ ކޮށްލި އިޝާރާތް ވިސްނިގެން އަނެއްކާވެސް އެކޮޅަށް ގޮވާލިއެވެ.

"ވަފިއްޔާ....އަންގިތައްވެސް ހުސްވެފައި އިނގޭ...ހައެއްކަ މާސްކުވެސް....ވަރަށް އަވަސް އިނގޭ....ފަހަތު ދޮރުން އޮފީހަށް ވަންނާނީ....މައިދޮރު ހުރަސްނުކޮށް ފާހާނާ ކައިރި އެކޮޅުގަ މަޑުކުރާނީ...އެއްވެސް ވަރަކަށް ހިއެއް ވެއްޖެއްޔާވެސް އެކައްޗެއްވެސް ނުފެންނާނެ...އެނގެއެއްނު...އަށަކާއި ނުވައަކަށް ވަންނާނީ...."

ޒާހިރާ ފޯނު ބޭއްވުމަށްފަހު ފަޒުލާ ގާތުގައި ކޮންމެވެސް ވާހަކައެއް މަޑުމަޑުން ބުނެލިއެވެ.

"އޭތް...ޑިއުޓީ....ދާންވެއްޖެ އިނގޭ..."

ބޭރުން ދޮރުގައި ތަޅަން ފެށި އަޑާއެކު ގައިދީއަކު ގޮވާލި އަޑު އިވިއްޖެއެވެ.

ބީ ކޮރިޑޯގެ ހަތްވަނަ ގޮޅިއާއި ދިމާއިން ބޭރުގައި ހުރި މޭޒުގެ ދެފަރާތުގައި ދެގޮނޑި އަޅައިގެން ތިބި ދެގައިދީންގެ ނަޒަރު ހުއްޓާލެވިފައި ހުރީ ސީދާ ބަންކަރުގެ ކަޅު ބިއްލޫރިގަޑަށެވެ. އެތެރެއިން ކިތަންމެހާވެސް ރީއްޗަށް ފެނެއެވެ. ދަނގަޑު ތޭރިތަކާއި ގެތުމަކުން ހަދާފައިވާ ގޮޅިޖެހި ފެންސަށް ދެފައި ލައިގެން އިން ރުވާ އޭނާގެ އަތުގައި އޮތް ބިޑި ބުރި ތުބުގައި ޖަހާ ލައިޓަރު އަޅާލިއެވެ. މޭޒުގެ އަނެއްފަރާތުގައި އިނީ އަޅިކުލައިގެ ޓީޝާޓަކާއި ކުރުސޯޓު މަތިން ދެފައި ފޮރުވުމަކީ ގަވާއިދަކަށް ވާތީ، ގެސްޓު މުންޑުފަޅިއެއް، ލައިގެން އިން ބުޅި އިސްތަށިގަނޑެއްގެ ވެރި، ގާތްގަނޑަކަށް ބާވީހަކަށް އަހަރުގެ އަންހެނެކެވެ. މީނާގެ އަތުގައި ކުޑަރަބަރު ޖޯޑެއްގައި ހުރި ކަޅުކޮފީ ތަށްޓެއް ހުއްޓެވެ.

ކޮފީ ކޯވަރެއް ބުއިމަށްފަހު މޭޒުމަތީގައި ބަހައްޓާފައި އަތުގައި އޮތް މަލްބަރޯ ސިނގިރޭޓެއް ރޯކޮށްލިއެވެ. ޖަލުގައި ބިޑިސިނގިރޭޓް ބުއިމަކީ ހަމަ އެންމެ އާއްމުކަމެވެ. ޖަލަށް އަންނައިރު ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހާވެސް މާގިނަ ދުވަހެއްނުވެ މިކަމަށް ދެވި ހިފާގޮތްވެއެވެ. އެހެންވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ސައުވީސްގަޑިއިރުގެ ދިގު ވަގުތުތައް ކުރުކޮށްލުމަށް، ހާސްވެ ބަންދުވަމުންދާ ސިކުނޑީގެ ބޭނުން ހިފުމަށް ކަންތަކުގައި ވިސްނާއިރު މިއީ ގައިދީންގެ ނަޒަރުގައި ވަރަށް ބޮޑު ދައުރެއް އޮންނަ އެއްޗެކެވެ.

ރުވާއަކީ ޖަލަށް އައިއިރުވެސް ގަދައަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކަށްވިޔަސް ބާނީއަކީ ދުވަހެއްގައިވެސް އެއްވެސް ވަރަކަށް ދުންފަތުގެ ބޭނުން ކުރި މީހެއް ނޫނެވެ. އެހެން ނަމަވެސް މިވީ ހަތަރު، ފަސް މަސް ދުވަހުގެ ތެރޭގައި އޭނާއެކޭ މިތަނުގައި އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކޭ އެއްވަރު ވެއްޖެއެވެ،

"ބަންނޫ...ހީވަނީ މުޅިން ގޯސްވެއްޖެހެން....ބަންކަރު ތެރޭގެ މަންޒަރު ބުނަނީ ކާންދޭ ވައްދަން އައިސް ދުއްވައިގަންނާނެއޭ."

ރުވާ އިނީ ކަޅި ޖަހާ ނުލާ ބަންކަރަށް ބަލާށެވެ.

"އާނ...ޒާހިރާ ސުފުޔާން އެބައުޅެއެއްނު....ނުދާނެ ސަހަލު ގޮތަކަށް..."

ބަންނޫ އެއިން ގޮތަށް އިނދެ ފަހަތަށް ގޮނޑި ޖައްސާލިއެވެ. އަދި ގޮނޑީގެ ފަހަތުން ފެންނަން ހުރި އަށް ނަންބަރުގެ ގޮޅީގެ ކުޑަދޮރާ ދިމާއަށް ބޯ އަރިކޮށްލިއެވެ.

"އޭތް ކުދިންނޭ، ޒާހިރާ ސުފުޔާނު އެބައުޅޭ...ރައްކާވެ ތިބިއްޔާ ދަތުރު އިނގޭ...."

"ކޯލުތައް ނިންމާލާ....އިނގޭ....އެކަމަކު އެކަކުވެސް ނުނިކުމެ މަޑުކޮށްލާ....އެބަ އަންނަން...."

ބަންނޫ ރުވާއަށް ބަލާލާފައި ބޮލާއި ލޮލުން ކޮންމެވެސް އިޝާރާތެއް ކޮށްލިއެވެ. އަދި ގޮނޑިން ތެދުވެ މުންޑު ރަނގަޅުކޮށްލަމުން ގޮޅިއާ ދިމާއަށް ފިޔަވަޅު ނެގިއެވެ.

ރުވާ އިނީ ބަލާށެވެ. ބަންކަރުގެ ތެރޭގެ މަންޒަރުތަކަށް އެމީހުންގެ ލޯ ހުންނަނީ ފަރިތަވެފައެވެ. ކިތަންމެ އަނދިރިކޮށްލާފައި އޮތަސް ކިރިޔާވެސް ފަނޑު ފަނޑު އަލިކަމެއް ހުއްޓަސް ބަންކަރު ތެރޭގައި ހަރަކާތްތެރިވާ މީހުންނާއި އެމީހުން ކުރާ ކަންތަކަށްދާނދެން ދެނެގަނެއެވެ.

ކުއްލިއަކަށް ބަންކަރުގެ ފުރާޅުމަތިން ކޮންމެވެސް އެއްޗެއް އުދުހިގެން އަނެއް ފަރާތަށް ދިޔަކަހަލަ މަންޒަރެއް ރުވާގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ހީވިހީވުމެއް ކަމަށް ހަދާފައި ކުރިންވެސް ބަލަން އިން ދިމާއަށް ކަޅި ހުއްޓާލިއެވެ. އެހެންނަމަވެސް އަނެއްފަހަރުވެސް ފުރާޅުމަތިން ހަމަ އެމަންޒަރު ތަކުރާރުވެއްޖެއެވެ. މިފަހަރު ވަރަށް ސާފުކޮށް ރުވާއަށް ފެނުނެވެ. އެއީ ހަމަ އެއްކަލަ އެއްޗެވެ.

މީގެ އެތައް އަހަރެއް ކުރިން އެންމެ ފުރަތަމަ މާފުށްޓަށް ގެނައިރޭ، އެފްވަންގެ ފާރުމަތިން އޭނައަށް ފެނުނު އެ މަހުލޫގު އޭނާގެ ހަނދާނުން ފިލާނީ ކިހިނަކުން ހެއްޔެވެ. އެގޮތްމިގޮތަށް ފައިބާފައި އޮންނަ ބޮޑު ކެހެރިގަޑާއި އިދިފުށަށް ދެމިފައި އޮންނަ، މޭކަށި ބޭރަށް ނުކުމެ،ބޯ އަރިވެފައި އޮންނަ އެއުނި ސިފަބޮޑު މަހުލޫގަކީ ދިހަ އަހަރު ކުރިން އޭނާއަށް ގޯނާ ކުރި އެއްޗެވެ. އޭނާގެ އެތައް ރެއެއްގެ ނިދި ނަގާލިއެވެ. ދުވާލުގަޑީގައި ފާހާނާއަށް ވަންނަންވެސް ޖެހިލުންވާ ވަރު ވިއެވެ. އެންމެ ފަހުން އޭނާގެ އެ ތަހުގީގު ނިމި މިނިވަންވީ އެތައް ކަމަކަ ކުރިމަތި ލައި އެތައް ތަޖުރިބާ އެއް ކުރަން ޖެހުނެވެ. އޭގެ އެތައް އަހަރެއް ފަހުން މިފަހަރު ރުވާ، މާފުށްޓަށް ގެނެސްފައި މިވަނީ ފުލުހުންގެ މަސައްކަތަށް ހުރަސް އެޅިކަމަށާއި ހެކި ފޮރުވިކަމަށާއި އަދިވެސް އެހެން ދައުވާއެއްކޮށް، ވަކިވަކިންނަމަ، 6 މަސް ދުވަހަކާއި 2 އަހަރަކާއި 3 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވެއެވެ. އަދި ތަރުތީބުން އެންމެ ފުރަތަމަ ބަރު ހުކުމް 5 އަހަރުން 2 އަހަރު އޭނާ ވަނީ ތަންފީޒުކޮށްފައެވެ.

ރުވާއަށް އެއްލި އަތުން ހިފުނީ ބަންނޫގެ މުންޑުގެ ކަނެއްގައެވެ. ހަތްނަންބަރު ގޮޅިއާ ދިމާއަށް ގޮސްގޮސް ހުރި ބަންނޫ އެނބުރި ބަލާލިއެވެ. ރުވާގެ މޫނު ފެނުމުން އޭނާއަށް ލިބުނު ހައިރާންކަން ފިލާގޮސް ދަތި ފުންނޭވާއެއް ލެވުނީ ރުވާގެ ނަޒަރު ހުރި ދިމާއަށް ބަލާލެވުމުންނެވެ. ރުވާއަށް އެފެންނަ އެތި ބަންނޫއަށްވެސް ފެނިއްޖެއެވެ. ހަގީގަތުުގައި އެއެތީގެ އަސްލު އެންމެ ބޮޑަށް އެނގޭ މީހަކީވެސް ހަމައެކަނި ބަަންނޫއެވެ.

ވިލާތައް އެއްވެ، ގަސްތައް ލުހިގެންދާވަރަށް ވިއްސާރަ ހަަދައިފިއެވެ. ބަންނޫއަށް މިވާން އުޅޭ ގޮތް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. މިހެން ވާނެކަން ކުރިންވެސް އޭނާއަށްއޮތީ އެނގިފައެވެ. އަންހެންޖަލު ތެރޭގައި އަމަލުތައް ގޯސްވެ، ހައްދުން ނެއްޓޭ ކޮންމެ ފަހަރަކު މުޅި ޖަލުތެރެ ނާމާންވެ، އެކި ކަންތައް އެކި މީހުންނަށްވެއެވެ. ޑިއުޓީންގެ ފަރާތުން އަންނަ އުނދަގޫތަކަށްވުރެ މިއެއްޗެހީގެ ސަބަބުން ރޭތަކުގެ ބިރުވެރިކަން މާބޮޑަށް ބޮޑުވެއެވެ.

ރުވާގެ ކޮނޑުގައި އަތްބާއްވާާލުމަށްފަހު ބަންނޫ ބަންކަރުގެ ފުރާާޅަށް ބަލާލިއެވެ. ބަންކަރުގެ ފުރާޅުމަތީގައި ލެބިގެން ގޮސް ވެއްޓިފައި އޮންނަ ގޮފިގަނޑެއް އޮވެއެވެ. އެއެތި މިހާރު އެއޮތީ ގޮފިގަނޑުގެ މަތީގައި ކަނދުރާ ދަމާލައިގެން އޮޅިގެން ކަހަލަ ގޮތަކަށެވެ. އެއެތީގެ މޫނު އޮތީ ދިގަށް ދެމިފައެވެ. އަނގައިން ކޮންމެވެސް ކަހަލަ ދަވަތަކެއް ފައިބަމުން ދިޔައެވެ. އެއެއްޗަކު އެެއުޅެނީ ބަންކަރުގެ މަތީގައި ކޮންމެވެސް ގޮތަކުން ތާށިވެގެން ކަހަލައެވެ. ގަހުގެ ގޮފިގަނޑު މަތީގައި ބަނޑު އަޅާއިގެން އޮތް އިރު އޭތިގެ އަތުން ދިގު ވަކިތަކުން ބަންކަރުގެ ބޭރު ފާރުގައި ހިފޭތޯ ވަކިދަަމަމުން ދިޔައެވެ.

ބަންނޫއާއި ރުވާއަށް މިމަންޒަރު މިފެނުނީ ގިނަ އަހަރުތަަކަކަށް ފަހު ނަމަވެސް މީތިގެ އުނދަގޫ ދޭތެރެ ދޭތެރެއިން ޖަަލު ތެރޭގެ އެކި ކުދިންނަށް ދިމާވާތީ އެކުދިން އެވާހަަކަ ދައްކާ އުޅެއެވެ. ކޮންމެ ފަހަރަކުވެސް ޖަލު ތެރެއަށް ކޮންމެވެސް ބަޔަކު މަސްތުވާތަކެތި ވައްދާ، އޭގެ ނަހަމަ ބޭނުންކޮށް، އެކި ކަހަލަ ވިޔާާނުދާ ކަންތައްތައް ކުރަން ފެށުމުން މިއެތީގެ ގޯނާ ކުރުން ފެށިގަނެއެވެ. ރޭގައިވެސް އަށް ނަމްބަރު ގޮޅީގައި ނިދާފައި އޮތް އަންހެންމީހާގެ މޫނުމަތީގައި ލައިޓަރުން އެއްލާ ޖެހިވާހަކައާއި ތެދުވެ ދެން އޮތް މީހާއާ ދިމާއަށް އަޑުލައިގަތް އިރު އެމީހާ ގަދައަށް ނިދާފަ އޮތް ވާހަކައެވެ. ފައިގެ ފަލަމަސްގަޑުގައި ގޮތްނޭނގޭ ވަކިތަކެއްގެ ނިޝާން ހުރިއިރު އެތަންތަން ކަޅުވެފައި ހުންނަ ވާހަަކައެވެ. އަންހެންޖަލުގެ މަތީބައިގައި ހުންނައިރު ޔޫޓޫގެ މަތިން މި ގޮތްނޭނގޭ ކެހެރިބޯ ހުތުރު މަހުލޫގުގެ ހިޔަނި ފެނިގެން އެވާހަކަ ދެއްކި ޑިއުޓީއެއްެވެސް އެބަހުއްޓެވެ.

"ބަންނޫ...ފޯނުތައް ގެންދަންވީ ދޯ....އަސްތާ...މިއޮއް ދުއްވައިގަންނަން ރެޑީވަނީ...."

ބަންނޫއާއި ރުވާގެ ސަމާލުކަން ދެވިފައި ހުރި ދިމާލުން ކަޅި ދުރުކޮށްލީ ގޮޅި ތެރެއިން ގޮވާލި އަޑަށެވެ. ކުޑަދޮރުގެ ތޭރިތަކުން ބަންކަރުގެ ބޮޑުދޮރުގައި ހުންނަ ދަގަޑުކޮޅު ތިރިކޮށްލީއެވެ. އެއީ އަންނަން އުޅޭ ތޫފާނުގެ ހިލަންކޮށްދޭ ކުޑަކުޑަ އިޝާރާތެކެވެ.

"ބަންނޫ....އަހަރެން....އަހަރެން ބިރުގަނޭ...."

ބަންނޫގެ އަތުގައި ހިފާ ބާރުކޮށްލަމުން ރުވާ ބުނީ ރޫރޫއަޅާާ އަޑަކުންނެވެ. އުމުރުގެެ ގޮތުން ބަންނޫއަށްވުރެ ހަތްއަހަރު ދޮށިވިޔަސް ރުވާއަކީ ވަރަށް ފިނޑި މީހެކެވެ. އަދިވެސް ފުރާޅުމަތީގައި އެމަހުލޫގު އެބައޮތެވެ. ބަންނޫގެ ސިކުނޑިއަށް ހިޔާލު އައި ގޮތެއްވެސް ނޭނގެއެވެ. ކާންދީފައި ނިމުނު ބާލިދީތައް ހުރި ބަރޯ ބަދިގެ ފަރާތަށް ލާން ދިޔަ ތައުމާއާއި އައިސްތާ ގޮވައިގެން ޖަލު ތެރެއަށް ވަންނަން އައި ޑިއުޓީ ސަލީމާއްތައަށް ކަރު ކެހިލާފައި އަޑުގެ ކޮޅަށް ގޮވާލިއެވެ.

"ސަލީމައްތާ.....ފުރާޅުމަތީގައި އެއްކަލަ އެތި އެއޮތީ މިދިމާއަށް ބަލަން....ހެޔޮނުވާނެ....އައިސްތާ ނުބަލައްޗޭ...ފިޓު ޖެހިދާނެތީ މިބުނީ..."

ރުވާ އިނީ ބިރުން ހަތަރެސްފައި ފިނިވެފައެވެ. އަނގައިން ބުނެލާނެ ވަރެއް އެގޮނޑިން ތެދުވާނެ ވަރެއްވެސް ނެތެވެ. ފުރާޅުމަތިން އެމަހުލޫގު ދެމިގެންފިއެވެ. ބޯކެހެރިތަކާއި އިދިފުށަށްް އޮތް ހަށިގަނޑު ސީދާ ކޮށްލާފައި ގުދަށް އޮވެފައިމެ ފިޔަ ހުޅުވާލިއެވެ. މިފަހަރު އަތުގެ ތެރޭގައި އޮތް ރުވާގެ އަތަށް ބަންނޫއަށްވެސް ފިތާލެވުނެވެ. ދެފިޔަދަމާލާ ފޮނުފައިބާ އަނގަހަފަމުން އެސިފަ ހުތުރު އެތި ގަހުގެ ގޮފިގަޑު މަތިން ދެމިލާާގައި މައްޗަށް އުދުއްސައިގަތް އަޑު ހީވީ ގަހުގެ ގޮފިގަޑު އިރާލައިގެން މައްޗަށް ދިޔަހެނެވެ. އެއެއްޗެއްގެ މިސްރާބު ހުރީ ޔޫޓޫ ހުންނަ ފަޅިއާ ދިމާއަށެވެ. ބަންނޫއަށް ލޯ މަރާލެވުނީ އިހުތިޔާރަކާނުލައެވެ. އޭރު ރުވާވެސް އިނީ ދެލޯމަރާ ތަގުޅިކޮށްގެނެވެ. ވައިކަފަމުން ގަސްތަކުގެ ފަަތްތައް ލުއްސަމުން އެއެތި ދުރަށް އުދުހިގަތް އަޑު މުޅި ހިސާބުގައި ގުގުމާލައިފިއެވެ.

(ނުނިމޭ)