އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން އެޗްޑީސީއާ ގުޅިގެން ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަނަށް ކިޔާނެ ނަމެއް ދިނުމުގެ ފުރުސަތު އެޗްޑީސީން އާންމުންނަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ދޭނެ ރީތި ނަމެއް ހޯދަމުންދާ ކަމަށާއި އެ މިޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު އާންމުނަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މިޝަނަށް ދޭންބޭނުންވާ ނަން ފޯމެއް މެދުވެރިކޮށް މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ތައްޔާރުވުމުގެ ގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވަނީ އެކުލަވާލައިފައެވެ.

އައިޖީއެސް އިން ބުނިގޮތުގައި އެ ޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ ދެ ޖިންސުގެ ދިވެހި ޒުވާނުން ކަމަށެވެ. އަދި އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ޒުވާނުން ހިމެނޭ މި ޓީމުގައި، އެއިރޮސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުންނެވެ.

  • ހުސައިން އައްސަދު، ރ. އަލިފުށި
  • ހުސައިން ރިޒާމް، މާލެ
  • އަހްމަދު އިޖާޒް އަބްދުالله، އއ. ބޮޑުފުޅަދޫ
  • މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ
  • މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ
  • މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ
  • މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ

މި ޓީމުން މިހާރު ވަނީ، ނެނޯސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަ ކޮށްފައެވެ. ސެޓެލައިޓް ޑިޒައިންކޮށް، ބިލްޑްކޮށް، ލޯންޗްކޮށް، ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ މިކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުންނެވެ.

ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނަކީ ސްޕޭސް އިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗްކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. ފުރަތަމަ މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޯޓައިޕް ސެޓެލައިޓް ހަދައި ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން، އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ.