އެރަށެއްގައި ސަރުކާރުގެ އޮފީހަކުން ހިންގާ މަޝްރޫއެއްނަމަ، އެ މަޝްރޫއު ހަވާލުކުރުމުގައި އެރަށެއްގެ ބަޔަކަށް އިސްކަންދޭން ޖެހޭ އުސޫލެއް އެކުލަވައިލައި، އަމަލުކުރަން ފަށައިފިއެވެ.
ދައުލަތުގެ ގެޒެޓްގައި އިއްޔެ ވަނީ، ދައުލަތުގެ އޮފީސްތަކުން އާއްމުކޮށް އިއުލާނުކޮށްގެން ކުރިއަށްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަން ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އާއްމުކޮށްފައެވެ.
މި އުސޫލުގެ މައިގަނޑު މަގުސަދަކީ، ރާއްޖެއިން ރަޖިސްޓަރީކޮށްގެން ހިންގާ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ރާއްޖޭގެ އިގްތިސޯދުގައި ފުޅާކުރުމާއި އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ފަހިކޮށްދިނުމުގެ ގޮތުން ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގައްޔާއި، މަސައްކަތް ކުރުވާއިރު، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަން ދިނުމެވެ. އަދި ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގައްޔާއި މަސައްކަތް ކުރުވާއިރު ހާމަކަންބޮޑު ހަމަހަމަ އުސޫލެއްގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ބީލަންވެރިން ބައިވެރިވުން އިތުރުކުރުމާއި ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގައްޔާއި މަސައްކަތް ކުރުވާއިރު، ދިވެހީންނަށް އިސްކަން ދިނުމެވެ.
އެ އުސޫލުގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން ކުރިއަށްގެންދާ 2،500،000 ރުފިޔާ އާއި 5،000،000 ރުފިޔާއާ ދެމެދުގެ ޕްރޮކިއުމަންޓްތައް ހަވާލުކުރުމުގައި ފާސްވި ބީލަންވެރިންގެ ތެރޭގައި އެރަށަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭނަމަ، އެ ރަށަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކްވި ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރި ފަރާތުން ހުށަހެޅި އަގުގެ ފަރަގު 10 ޕަސަންޓަށްވުރެ ބޮޑުނުވާ ނަމަ އެރަށަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ޖެހޭނެއެވެ. ބީލަމުގައި އެރަށަކަށް ނިސްބަތްވާ ފަރާތެއް ނެތް ނަމަ، އަތޮޅަށް ނިސްބަތްވާ ފަރާތައް އިސްކަންދޭންވާނެ ކަމަށް އުސޫލުގައި ބުނެއެވެ. އަތޮޅަށް ނިސްބަތްވާ ފަރާތެއްވެސް ނެތް ނަމަ ދެން އެ ޕޮރޮކިއުމެންޓެއް ހަވާލުކުރަންވާނީ، ބީލަމުން އެންމެ މަތިން ރޭންކް ކުރި ފަރާތަށެވެ.
ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ 2،500،000 ރުފިޔާއަށް ވުރެ ކުދި ޕްރޮކިއުމަންޓްތައް ހަވާލުކުރުމުގައި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ފާސްވި ބީލަންވެރިންގެ ތެރޭގައި ހިމެނޭނަމަ، އެފަރާތުން ހުށަހެޅި އަގާއި އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތާއި ދެމެދު އޮތް ފަރަގު 15 ޕަސަންޓަށް ވުރެ ބޮޑު ނުވާ ނަމަ، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ބީލަން ހަވާލު ކުރަން ވާނެ ކަމަށް އުސޫލުގައިވެއެވެ. އަދި އެފަދަ ފަރާތެއް ބީލަމުގައި ބައިވެރިނުވާނަމަ ދެން އިސްކަންދޭންވާނީ، އެރަށެއްގެ ފަރާތެއް ހިމެނޭނަމަ އެފަރާތަށް ކަމަށް އުސޫލުގައިވެއެވެ.
ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި އިސްކަންދޭންވީ ގޮތުގެ އުސޫލެއް އެކުލަވައިލިނަމަވެސް، ނޭޝަނަލް ޓެންޑާ ބޯޑުން އެވޯޑް ކުރާ ޕްރޮކިއުމަންޓްތަކާއި ލޯނާއި ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާއިން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮކިއުމަންޓްތަކުގެ އެ ލޯނު ނުވަތަ ގްރާންޓް ދޭ ފަރާތުގެ ޕްރޮކިއުމަންޓަށް އަމަލުކުރުމަށް ލާޒިމުކުރާ ޕްރޮކިއުމަންޓްތަކަށް މި އުސޫލުގެ ދަށުން އަމަލު ކުރާކަށް ނުޖެހެއެވެ.
މި އުސޫލަށް އަމަލު ކުރަން ފެށުމާއެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ދިހަ ވަނަ ދުވަހު، އަމަލުކުރަން ފެށި "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު" ވަނީ އުވިފައެވެ. ނަމަވެސް، މިހާރު ހުށަހަޅާފައިވާ ޕްރޮކިއުމަންޓްތަކަށް އަމަލުކުރާނީ މި އުސޫލުގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު