ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ލީގުތަކުގައި އޭޝިޔާ ކުޅުންތެރިންގެ ވިދުން މިހާރު ވަރަށްވެސް ގަދައެވެ. ޔޫރަޕާއި ދެކުނު އެމެރިކާޔާއި އެފްރިކާގެ ކުޅުންތެރިންނާ އަރައިހަމަނުކުރެވުނަސް އޭޝިއާގެ ކުޅުންތެރިންނަށް ފުރުސަތު ލިބުން މިހާރު ގިނައެވެ. އޭޝިއާގެ ބައެއް ކުޅުންތެރިން ވަނީ ދުނިޔޭގެ އެންމެ މަގްބޫލު ތަރީންގެ ތެރޭގައިވެސް ހިމެނިފައެވެ. އިޓަލީގެ ލީގާއި ޖާރމަނީގެ ލީގާއި އިނގިރޭސި ލީގާއި އަދި ސްޕޭނުގެ ލީގުންވެސް އޭޝިޔާގެ ތަރިން މިހާރު ވަރަށް ގިނައިން ފެނެއެވެ. މިވަގުތު ދުނިޔޭގެ ނަން މަޝްހޫރު އެކި ލީގުތަކުގައި ކުޅޭ އޭޝިއާގެ ތަރީންގެ ތެރެއިން އެންމެ ބޮޑު އާމްދްނީއެއް ލިބެނީ ކޮން ބަޔަކަށް ބާވައެވެ. އެކުޅުންތެރިންގެ އާމްދަނީގެ މިންވަރަކީ ކޮބައިބާވައެވެ. އެންމެ ފާހަގަކޮށްލެވޭ ފަސް ކުޅުންތެރިންނަށް ބަލައިލަމާ ބަހީއެވެ.
އޭޝިއާގެ ތަރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް މިވަގުތު ލިބޭ ކުޅުންތެރިޔަކީ ދެކުނު ކޮރެޔާގެ ހިއުންގް މިން ސޮންއެވެ. އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުންދާ މި ކުޅުންތެރިޔާއަށް މުސާރައިގެ ގޮތުގައި ހަފުތާއަކު 242 ހާސް އެމެރިކާ ޑޮލަރު އެ ކުލަބުން ދެއެވެ. އުމުރުން 29 އަހަރުވީ ސޮންއަކީ ދެކުނު ކޮރެޔާގެ ގައުމީ ޓީމުގެ ކެޕްޓަންވެސްމެއެވެ. އިނގިރޭސިވިލާތުގެ ޓޮޓެންހަމަށް 2015 ވަނަ އަހަރު ސޮއިކުރުމުގެ ކުރިން އޭނާވަނީ ޖާރމަނީގެ ހަމްބާގަށާއި ބަޔާ ލެވަކޫސަނަށްވެސް ކުޅެފައެވެ. ދެކުނު ކޮރެޔާގެ ގައުމީ ޓީމަށް 102 މެޗުން 33 ގޯލް ޖަހާދީފައިވާއިރު ޓޮޓެންހަމަށް 232 މެޗުން 93 ގޯލް ޖަހާދީފައިވެއެވެ. ހުސްވި 2021 ވަނަ އަހަރާއި އަދި އޭގެ ކުރީ އަހަރުވެސް އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޮންއެވެ.
އުމުރުން 33 އަހަރުވީ އުމަރު އައްސޫމާއަކީ ސީރިޔާގެ ގައުމީ ޓީމުގެ ކެޕްޓަނެވެ. ސައޫދީ އަރަބިޔާގެ ކުލަބެއްކަމުގައިވާ އަލްއަހުލީގެ ފޯވާޑެކެވެ. ގާތްގަޑަކަށް ހަ ފޫޓު ހަތަރު އިންޗީގެ އިސްކޮޅެއް ލިބިގެންވާ މި ފޯވާޑަށް އަލްއަހުލީ ކުލަބުން ހަފުތާއަކު މުސާރައިގެ ގޮތުގައި 145 ހާސް ޑޮލަރު ދެއެވެ. މި ކުޅުންތެރިޔާއަށް އެހާބޮޑު މުސާރައެއް ދެނީ ގައުމީ ޓީމަށް ބައިނަލްއަގުވާމީ މެޗުތަކުގައި މާމޮޅު ކުޅުމެއް ދެއްކިފައިވާތީއެއް ނޫނެވެ. އަލްއަހުލީ ކުލަބުގައި އޭނާ ހޭދަކުރި މުއްދަތާއި ކުޅުނު ކުޅުމާއި ހޯދައިދިން ކާމިޔާބީތަކަށް ބަލައިފައެވެ. އެ ކުލަބަށް އޭނާ ކުޅެމުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. މިހާތަނަށް ތިން އަހަރު ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވެއެވެ. އަދި އެކުލަބަށް 32 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު ލީގު ހޯދައިދީފައިވެއެވެ.
އުމުރުން 27 އަހަރުވީ މިޑްފީލްޑަރު ޓަކޫމީ މިނަމީނޯ ފާއިތުވި ސީޒަނުގައި ކުޅުނީ އިންގްލެންޑްގެ ލިވަރޕޫލަށެވެ. ލިވަރޕޫލުން މުސާރައިގެ ގޮތުގައި އޭނާއަށް ދިނީ ހަފުތާޔަކު 91 ހާސް ޑޮލަރެވެ. ކުރިއަށް އޮތް ސީޒަނުން ފެށިގެން މިނަމީނޯ ފެންނާނީ ފްރާންސްގެ ކުލަބެއް ކަމުގައިވާ މޮނާކޯއިންނެވެ. އޭނާ މޮނާކޯއަށް ގެންދިޔައީ 19 މިލިޔަން ޑޮލަރު ލިވަރޕޫލަށް ދީފައެވެ. މޮނާކޯއަށް ހަތަރު އަހަރުގެ އެއްބަސްވުމެއްގައި މިނަމީނޯ ސޮއިކުރިއިރު މުސާރައިގެ ގޮތުގައި އޭނާއަށް އެކުލަބުން ދޭނީ ކިހާވަރެއްކަން އަދި ސާފެއް ނޫނެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާގޮތުން މޮނާކޯއިން ހަފުތާއަކު 120 ހާސް ޑޮލަރުގެ މުސާރައެއް މިނަމީނޯއަށް ދޭނެއެވެ. ލިވަރޕޫލްގެ އިތުރަށް މިނަމީނޯވަނީ އިންގްލެންޑްގެ ސައުތެމްޓަނާއި އޮސްޓްރިޔާގެ ރެޑްބުލް ސޯލްޒްބާގަށްވެސް ކުޅެފައެވެ.
އުމުރުން 28 އަހަރުވީ އަލީ ރިޒާއަކީ އީރާނުގެ ގައުމީ ޓީމާއި ހޮލެންޑުގެ ކުލަބެއް ކަމުގައިވާ ފޭނޫޑްގެ ފޯވާޑެކެވެ. މުސާރައިގެ ގޮތުގައި ފޭނޫޑުން އޭނާއަށް ދެނީ ހަފުތާއަކު 66 ހާސް ޑޮލަރެވެ. އޭނާ ފޭނޫޑަށް ސޮއިކުރީ ހުސްވި 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން ތިން އަހަރު ކުޅުނީ އިންގްލެންޑްގެ ބްރައިޓަންއަށެވެ. އެކުލަބަށް ކުޅުނު ޖުމްލަ 50 މެޗުގައި ޖެހިފައިވަނީ އެންމެ ދެގޯލެވެ. ބްރައިޓަނަށް ބަދަލުވުމުގެ ކުރިން ހޮލެންޑުގެ ލީގުގައި އޭނާ ދެ ކުލަބަކަށް ކުޅެ ގިނަ އަދަދެއްގެ ގޯލްތަކެއް ޖަހާފައިވެއެވެ. 2017 ވަނަ އަހަރުގެ ސީޒަނުގައި އަލީ ރިޒާވަނީ ހޮލެންޑުގެ ލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިފައެވެ. މިއީ ޔޫރަޕުގެ ވަރުގަދަ ލީގެއްގެ ޓޮޕް ސްކޯރަރކަން އީރާނުގެ ކުޅުންތެރިޔަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
އުމުރުން 27 އަހަރުވީ ސަރުދާރު އަޒްމޫނަކީ އީރާނުގެ ގައުމީ ޓީމާއި ޖާމަނީގެ ކުލަބެއް ކަމުގައިވާ ބަޔާ ލެވަކޫސަންގެ ފޯވާޑެކެވެ. ބަޔާ ލެވަކޫސަނުން މުސާރައިގެ ގޮތުގައި އޭނާއަށް ދެނީ ހަފުތާއަކު 65 ހާސް ޑޮލަރެވެ. އީރާނުގެ ގައުމީ ޓީމަށް މިހާތަނަށް 63 މެޗުގައި 40 ގޯލް ޖަހާދީފައިވެއެވެ. ސަރުދާރު އަޒްމޫނު އެންމެ ބޮޑަށް ވިދާލީ ރަޝިޔާގެ ލީގުގައެވެ. ރުބިން ކަޒާންއާއި ރޮސްޓޯފާއި ޒެނިތު ސެންޓް ޕީޓާރސްބާގަށް ކުޅެފައިވެއެވެ. އޭގެ ތެރެއިން ޒެނިތުގައި ތިން ސީޒަން ހޭދަކޮށް 79 މެޗުން 52 ގޯލް ޖަހާފައިވެއެވެ. ބަޔާ ލެވަކޫސަނަށް ސޮއިކުރީ މިއަހަރުއެވެ. މިހާތަނަށް 9 މެޗުން ޖެހިފައިވަނީ އެއްގޯލެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލްޖެހި އީރާނުގެ ކުޅުންތެރިޔާގެ ޝަރަފު ލިބިފައިވަނީވެސް އަޒްމޫނަށެވެ. އެއީ ހަ ގޯލެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު