ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 15

އޮފީހުން ރޫބިޔާއަށް ލިބުނު ހަބަރާއެކު ތެޅިގަތެވެ. އަހަރީ ދުވަހާ ދިމާކޮށް ކުންފުންޏަށް ގެނައި ބަދަލުތަކުގެ ތެރޭގައި މަސައްކަތުބައިގެ މީހުން އެހެން އޮފީހަކަށް ބަދަލުކުރަންޖެހޭ ކަމަށް އޮތް ނޯޓިސް ފެނުމާއެކު ރޫބިޔާގެ މުޅި ތަބީއަތު ހަރާބުވިއެވެ. އެވާހަކަ ދައްކަން އެކުވެރި އުސްމާނާއެކު ރޫބިޔާ އިނީ ސައި ކޮޓަރީގައެވެ.

"މިއީ ކިހިނެއް އަންނަ ބަދަލެއްހެން ހީވަނީ؟" ރޫބިޔާ އެހިއެވެ.

"ވެރިންނަށް އެނގޭނީ. ފައިސާ ބޭނުމިއްޔާ އަހަރެމެން ޖެހޭނީ ރުހޭކަށްނު" އުސްމާނު ބުންޏެވެ.

"އެހެން އެމީހުން ބޭނުންހާ ގޮތެއް ނުހެދޭނެ. ތަންތަނަށް ބަދަލުކުރާއިރު އަހަރެމެންގެ ހާލަތަށްވެސް ބަލަންވާނެއްނު" ރޫބިޔާ ބުންޏެވެ. އެކަމުގައި ނަހީކްގެ އަތެއްވާހެން ރޫބިޔާއަށް ހީވިޔަސް އަދި އެކަން ޔަގީން ނުވާތީ ނަހީކާ ބައްދަލުކުރެވޭކަށްވެސް ނެތެވެ.

"މާ ދުރަކަށް ނޫނޭ ބަދަލުކުރަނީ. ހުޅުމާލޭގަ ހުންނަ އޮފީހަށް. މިއީ މައި ތަން ވީމަ މިތަނަށް ގެންނަނީ މުޅިންވެސް ބޭރު ކުދިންނޯ" އުސްމާނު ބުންޏެވެ.

***********

ހަވީރު ސަޔަށްފަހު ވިލިނީ ނުކުތީ ގޭގެ ބިއްދަށުން ބަގީޗާ ހައްދާފައި އޮތް ދިމާލަށެވެ. އެތަން ވިލިނީއަށް ފެނުނީ ފުރަތަމަ ފަހަރަށެވެ. އެއިރުވެސް ގަސްތަކުގެ ތެރޭގައި ގަސްތަކަށް ފެންދޭން ބެގަރީ ހުއްޓައި ފެނުނެވެ. މުޅި ސަރަހައްދު އެއްވަސް ވެފައިވަނީ ތާޒާ މީރު ވަހުންނެވެ. ހަވީރަށް ބައެއް މާތަށް މިލައި މޮޅިވަމުން ދާއިރު އަނެއް މާތަށް ހަމަ އެންމެ ތާޒާއެވެ. އެއްވަރަކަށް ކޮށާފައި ހުރި ކުދި ބަީޗާ ގަސްތަކުގައި އަތްހާކަމުން ވިލިނީ ކުރިއަށް ދިޔައެވެ. ބަޔަކު ވާހަކަދައްކާ އަޑު އިވުމުން ވިލިނީގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ގޭޓާ ދިމާ ރީއްޗަށް ވިލިނީއަށް ފެނެއެވެ. ހައިރާންކަމެއް ލިބުނީ ފުރަގަސްދީގެން ހުރި ގާޑާ ވާހަކަދައްކަން ހުރި ޝާހްބާޒް ފެނުމުންނެވެ. އިރުކޮޅަކުން އެދިމާލަށް ބެގަރީ ދާތަން ފެނުނެވެ. ބެގަރީގެ މޫނުމަތިން ހާސްކަން ފެންނަން ހުރުމުން ވިލިނީގެ ހިތުގައި ސުވާލު އުފެދުނެވެ.

ބެގަރީ އާއި ޝާހްބާޒް ވާހަކަދައްކާތަން ފެނުމުން ގަސްތަކާ ނިވާވަމުން މަޑުމަޑުން ވިލިނީ ކުރިއަށް ޖެހުނެވެ. އޭނާ އެތަނުގައި ހުރިކަން އެއިން އެއްވެސް މީހަކަށް އެނގެން ވިލިނީ ބޭނުމެއްނުވެއެވެ.

"ބެގަރީ! މިއީ ހާދަ ގޮތެއްނެތް ގާޑެކޭ. މިތަން ހުޅުވާ. އަހަރެން ވަންނަން ވެއްޖެ" ޝާހްބާޒް ބުންޏެވެ.

"މާފްކުރޭ ބޮސް. މިތަނުން ދުރުވޭ" ބެގަރީ ބުންޏެވެ.

"ނުދާނަން. އަހަރެން މިއައީ މިތަނުން ދާކަށް ނޫން. މިތަން ހުޅުވާ. އެހެން ނޫނީ ފާރުމަތިން އަރައިގެން ވިޔަސް އަހަރެން ކުރަން އައި ކަންތައްކޮށްފަ ދާނީ" ޝާހްބާޒް ބުންޏެވެ. ބެގަރީ ކަރު އެލުވާލިއެވެ. ޝާހްބާޒް އެދޭ ފަދައިން ކަންތައް ކޮށްދެވެންވެސް ނެތެވެ.

"މަޑުކޮށްލާ. އެބަގުޅަން ނަހީކަށް" ތަންކޮޅެއް ދުރަށް ޖެހިފައި ބެގަރީ ލައިގެން ހުރި ގަމީހުގެ ކުރިމަތީ ޖީބުން ފޯނު ނެގިއެވެ. ދެން ނަންބަރަކަށް ގުޅާލާފައި ވާހަކަދައްކާލިއެވެ. މާގިނަ އިރެއް ނުވަނީސް ގާޑަށް ގޭޓު ހުޅުވަން އެންގިއެވެ.

"ނަހީކް އެބައުޅޭތަ އެތެރޭގަ" އެތެރެއަށް ވަންނަމުން ޝާހްބާޒް ބުންޏެވެ.

***********

ބަދިގެފަރާތުން ނުކުމެގެން ސިޑި އާ ދިމާލަށް ދިޔަ ވިލިނީއަށް އެރުނީ ފައިބައިގެން އައި ނަހީކްގެ ކުރިމައްޗަށެވެ. ހިނދުކޮޅަކަށް ނަހީކްގެ ނަޒަރު ވިލިނީއަށް ހުއްޓުނެވެ. ވިލިނީ ހަތަރެސްފައި ފިނިވިއެވެ. ނަހީކް ފެނުނުކަމަށް ނުހަދައި ވިލިނީ މައްޗަށް އަރައިގެން ދިޔައެވެ. ތިރީގައި ހުރި ބައްދަލުކުރާ ކޮޓަރިއަށް ނަހީކް ވަންތަން ފެނުމުން ސިޑިން އަރައިގެންދިޔަ ވިލިނީ ފައިބައިގެން އައިސް ހުއްޓުނީ ބެގަރީ ކައިރީގައެވެ. ހުރިހާ ކަމެއް ވިލިނީއަށް ފެނި ސާފުވެއްޖެހެން ބެގަރީއަށް ހީވިއެވެ.

"އެއީ ކާކުތަ؟ ވަރަށް ރުޅިގަދަވެފަދޯ" ވިލިނީ އެހިއެވެ. ބެގަރީ ޖަވާބުދޭން ބޭނުންނުވާފަދަ ނަޒަރެއް ވިލިނީ އާ ބަދަލުކޮށްލިއެވެ.

"ކާކުތަ އެއީ؟ އެއީ ކާކުކަން ބުނާކަށްވެސް ބެގަރީއަށް ހުއްދައެއް ނެތްތަ؟ އެއީ ކާކުކަން އެނގުނަސް އަހަރެންނަށް ކޮންކަމެއް ކުރެވޭނީ؟" ވިލިނީ ބުންޏެވެ.

"ހިނގާ ބަދިގެ ފަރާތަށް" ބެގަރީ ބުންޏެވެ.

******************

މޭޒު ކައިރީގައި އިށީނދެފައި ވިލިނީގެ ސަމާލުކަން ކުރިމަތީގައި ހުއްޓުނު ބެގަރީއަށް ހުއްޓާލިއެވެ. ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލަކަށް ޖަވާބުދެވޭނީ ހަމައެކަނި ބެގަރީއަށެވެ. އެ ސުވާލުތަކުގެ ޖަވާބު ނުލިބެނީސް ވިލިނީ ހުރީ ހުއްޓާލާކަށް ނޫނެވެ. އެހެންނަމަވެސް ފަށަންވީ ކިހާ ހިސާބަކުން ކަމެއް ވިލިނީއަށް ނޭނގުނެވެ. ކަންތައްތަކެއް ހޯދަން އުޅެޔޭ ބެގަރީއަށް ހީވާކަށް ވިލިނީ ބޭނުމެއްނުވެއެވެ.

"ކަނބުލޮއަށް މިހުރިހާ ވާހަކައެއް ކިޔައިދީގެން މިކުރެވެނީ އެއްގޮތަކަށްވެސް ނަހީކް ހިތްހަމަޖެހޭ ކަމެއް ނޫން" ބެގަރީ ބުންޏެވެ. އަމިއްލަ ނަފްސަށް ބެގަރީ ހުރީ ބިރުހީވެފައެވެ. އެހެނީ ނަހީކްގެ ރުޅިގަނޑު ލޮލުން ދެކިފައި ހުރީ ހަމައެކަނި ބެގަރީއެވެ.

"ބެގަރީ އަހަރެންނަށް އިތުބާރުކުރޭ. މިއިން އެއްވެސް ކަމެއް ނޭނގި އަހަރެންނަށް ދެން ނޫޅެވޭނެ. ބެގަރީގެ ފަރާތުން އެއްވެސް ޖަވާބެއް އަހަރެންނަށް ނުލިބުނިއްޔާ އަހަރެން ދާނީ އެފިރިހެން މީހާގެ އާއިލާ ކައިރިއަށް. އެ ފިރިހެންމީހާގެ ދަރިއަކީ އަހަރެންގެ ބެސްޓްފްރެންޑް. އެމީހާގެ ފުށުން އަހަރެންނަށް މިވަނީ ކިހިނެއްކަން ހޯދިދާނެ" ވިލިނީ ބުންޏެވެ. ބެގަރީ ދެލޯ ބޮޑުކޮށް ދެފަރާތަށް ބޯހޫރާލިއެވެ. ނަހީކްގެ ހުއްދަނެތި އިތުރު މީހަކަށް އެއްވެސް އެނގެން ބެގަރީ ބޭނުމެއް ނުވިއެވެ.

"އަހަރެން ކިޔައިދޭނަން.... ކިޔައިދޭނަން. އެމީހާއަކީ ކާކު ކަން ބުނެދޭނަން" ބެގަރީ ބުންޏެވެ. ދެން މަޑުމަޑުން ހިމޭންވެއްޖެއެވެ.

*****************

"ނަހީކް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ގުދުރަތީ ގޮތުން ﷲ ތަޢާލާ ގާތްކުރައްވާފައިވާ ގުޅުމަކީ ދުވަހަކުވެސް ކެނޑޭނެ ގުޅުމެއް ނޫން. ތިއީ އަހަރެންގެ ދަރިއެއް" ފުރަގަސްދީގެން ހުރި ނަހީކްގެ ކުރިމައްޗަށް އަރަމުން ޝާހްބާޒް ބުންޏެވެ.

"ދަރިއެއް. ހުނ... އަހަރެން ގަބޫލެއް ނުކުރަން ތިއީ އަހަރެންގެ ބަފާ ކަމަކަށް" ނަހީކް ބުންޏެވެ. އެވަގުތުކޮޅު ޝާހްބާޒްގެ ހިތަށް ތަދުވެލިއެވެ.

"ނަހީކް! ދަރިފުޅާ ، މިކޮޅު ބަލާބަލަ. ބައްޕަގެ ދެލޮލަށް ބަލާލަބަލަ. ކޮބާތަ ބައްޕަ ކުރި ކުށަކީ. ދަރިފުޅަށް އެއްވެސް ހަގީގަތެއް އެނގޭތަ؟ ހަގީގަތް ހޯދަން މަސައްކަތް ކުރިންތަ؟" ވާހަކައިގެ ތެރެއިން ޝާހްބާޒަށް ޖަޒުބާތީ ވެވުނެވެ.

ނަހީކްގެ އަތުގައި ހިފާލަން ޝާހްބާޒް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ޝާހްބާޒާ ދުރަށް ނަހީކް ޖެހުނެވެ. އެތަނުން ޝާހްބާޒް ނުގޮސްގެން އުނދަގުވެފައި ހުރި ކަހަލައެވެ.

"މިތަނުން ދޭ. އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ނުވަދޭ. އަހަރެން ކަލޭމެންނާ ވަކިން މިއުޅެނީ އުފަލުން. ކަލެ އާ އެ އަންހެންމީހާއަށް ދުވަހަކުވެސް އަހަރެން މާފެއް ނުކުރާނަން" ނަހީކް ބުންޏެވެ.

"ދަރިފުޅުގެ މަންމަ އާ އެކު އުޅެން ބައްޕަ މަސައްކަތް ނުކުރާ ކަމަށްތަ ހީކުރަނީ؟ ދަރިފުޅުދެކެ ބައްޕަ ލޯބިނުވާކަމަށްތަ ހީކުރަނީ؟ ނިކަން ހުރިހާ ވާހަކައެއް ކިޔައިދޭށޭ ނިކަން މަންމަ ކައިރީގައި އަހާބަލަ" ޝާހްބާޒް ބުންޏެވެ. ކިތަންމެ ހިތްވަރު ކޮށްގެން ހުރިނަމަވެސް ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

"ހަބަރުދާރު. އަހަރެންގެ މަންމަ އާ ގުޅޭގޮތުން އެންމެ ލަފްޒެއްވެސް ނުބުނާތި. މިގެއިން ހަމަ މިހާރު ނުކުމޭ" ނަހީކް ބުންޏެވެ.

ފަހަތަށް އެނބުރުނުއިރު ޝާހްބާޒް ރޮވިފައި ބަލަހައްޓައިގެން ހުއްޓެވެ. އިތުރަށް ނަހީކަށް ވިސްނައިދޭނެ ގޮތެއް ނޭނގިފައެވެ. ދުވަހަކުވެސް އެދަރިފުޅުގެ ހިތް ހަލާލު ނުލިބޭނެ ކަމަށް ނިންމާފައި ފަސްއެނބުރި ދާންވީ ހެއްޔެވެ؟ ދޮށީ ދަރިފުޅު ދުނިޔޭގައި ނެތް ކަމަށް ހަދަންވީ ހެއްޔެވެ؟ ޝާހްބާޒްގެ ދެލޮލުން އެއްވަރު އެއްވަރަށް ދެ ކަރުނަތިކި ވެއްޓިގެން ދިޔައީ ނަހީކް ބަލައިލި ވަގުތުގައެވެ.

ޝާހްބާޒް ކުރިއަށް ހިނގައިގަތީ ބައްދަލުކުރާ ކޮޓަރީގެ ދޮރުހުޅުވާލާފައި ނުކުންނަންވީކަން ދޮރުކައިރީގައި ހުރި ނަހީކް އިޝާރާތުން އެންގުމުންނެވެ. ނުކުންނަންވީ ރާސްތާ ޝާހްބާޒަށް ދައްކާލި ކަހަލައެވެ.

***************

އަލަމާރީގައި ހުރި ފައިލްތައް ނަގައިގެން އަޔާލް ބުރަ މަސައްކަތެއް ކުރަމުން ދިޔައެވެ. ކޮޓަރިއަށް ވަން ބަރަކްއަށް އެ މަންޒަރު ފެނުމުން ހައިރާންވިއެވެ. ގަރާޖުގައި ހުރެފައި ވަޒީފާގެ މެދުތެރެއިން ގެއަށް އައިސް އަޔާލް އެހާ ބުރަކޮށް އުޅޭތަން ފެނުމުން ސުވާލުނުކޮށްވެސް ނުހުރެވުނެވެ.

"ދޮންބޭ، ކޮން ވަޑާމެއް ތިކުރަނީ؟" ބަރަކް އެހިއެވެ.

"ދޮންބެގެ ފްރެންޑެއްގެ ފޯނު ނަންބަރު މިއިން ކޮންމެސް އެއް ފައިލެއްގަ އޮތް ގަނޑެއްގަ ނޯޓް ކުރެވުނު ހަނދާނެއްވޭ. އެ ނަންބަރު ފެނޭތޯ މި ހޯދަނީ" އަޔާލް ބުންޏެވެ. އަޔާލްގެ ހަރަކާތްތަކަށް ބަލަމުން އައިސް ބަރަކް އެނދުގައި އިށީނެވެ. ވިއްސަކަށް މިނެޓް ވަންދެން އެ މަސައްކަތުގައި އަޔާލް އުޅުނެވެ. އެންމެފަހުން ކާމިޔާބުނުވުމުން އެނދުގައި އިށީނދެފައި ފުން ނޭވައެއް ދޫކޮށްލިއެވެ.

"ހަމަ އެހާ މުހިންމުތަ؟ އެހެން މީހުން ނަންބަރު ސޭވްކުރަނީ ފޯނުގަ. ދޮންބެ ނޯޓްކުރަނީ ފޮތުގަ. މިއޮއްފަދަ ޒަމާނުގަވެސް ކާފަމެންގެ ވިސްނުން ދޮންބެ ތިގެންގުޅެނީ" ބަރަކް ބުންޏެވެ.

"ފޯނުގަ އިންނާނެ އޭނަގެ ދިރާގު ނަންބަރު. އެ ނަންބަރު ނިވާފަ އޮންނާތީ އުރީދޫ ނަންބަރު މި ހޯދަނީ. އެ ނަންބަރު ލިބުނު ދިޔަ ދުވަހު ދޮންބެ ފޯނު ހަލާކުވެފައެއްނު އޮތީ. އެހެންވެ ފައިލް ތެރެއިން ނެގި ގަނޑެއްގަ ނަންބަރު ލިޔެލި ހަނދާން ވަނީ" އަޔާލް ބުންޏެވެ.

"ދޮންބެ ކީއްކުރަން އެހާވަރުން އެ ނަންބަރު ތިހޯދަނީ" ބަރަކް އެހިއެވެ.

"ބަރަކްއަށް އެނގެއެއްނު ދޮންބެ ރައްޓެހި އިދޫ. ވަރަށް ފަހުން ވަކާލާތުކުރަން ހުއްދަ ލިބުނީ. ރަނީންގެ މަރަށްފަހު އޭނަ ފުރައިގެން ދިޔައީ. ވަރަށް ބޮޑު ކަމަކު އޭނައަށް ގުޅަން މިއުޅެނީ" އަޔާލް ބުންޏެވެ.

"ދޮންބޭ. އަހަރެންނަށް މިހީވަނީ ރަނގަޅަށްތަ؟ ރަނީންގެ މަރާ ގުޅުންހުރި ކަމެއްގަތަ؟ އިދޫބެއަށް ކަމެއް އެނގެނީތަ؟" ބަރަކް އެހިއެވެ.

"އެކަހަލަ ކަމަކު ނޫން. ބަރަކް ދޮންބެ އާ މެދު ހިތް ގޯސް ނުކުރައްޗެ. ދޮންބެ ވަރަށް ބޮޑު ކަމެއް ކުރަން ނިންމައިފިން. ފަހުން އެވާހަކަދައްކާނީ ދޯ" އެނދުން ތެދުވެ ލޯގަނޑު ކައިރިއަށް ދަމުން އަޔާލް ބުންޏެވެ.

ލޯގަނޑަށް ހަމައަށް އަޔާލްގެ އިސްކޮޅު ނާރާތީ އިސްތަށިކޮޅު ރީތިކުރަމުން ދިޔައީ ކުޑަކޮށް ގުދަށް ކަހަލަ ގޮތަކަށް އޮވެއެވެ. ދެން ކޮޓަރިން ނުކުންނަން ދަމުން ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ބަލަހައްޓައިގެން އިން ބަރަކްއަށް ބަލައިލާފައި ހީލިއެވެ.

"މިއަދު އޮފް ދުވަސް ދޯ. މިރެއަށް ރެޑީވޭ ބޭރުން ކާން. އެގަޑީގަ އެވާހަކަ ދައްކާނީ" އަޔާލް ބުންޏެވެ.

***************

އެނދުގައި އިތް ވިލިނީގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގަށެވެ. އެހެން ވިލިނީ އޮންނަތާ އިރުގަނޑެއް ވެއްޖެއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ނަހީކާ ގުޅުވައިގެން ބެގަރީ ދެއްކި ވާހަކަތަކެވެ. ޝާހްބާޒަކީ ނަހީކްގެ އުފަން ބައްޕައަށްވި އިރު އެ ދެބަފައިން ވަކިވާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ނަހީކް ޝާހްބާޒަށް އެހާ ނަފްރަތުކުރަން ޖެހުނު ސަބަބެއް ނޭނގެއެވެ. ބެގަރީއަށް ހަމައެކަނި ޖަވާބު ނުދެވުނީވެސް އެ ދެ ސުވާލަށެވެ. ބެގަރީ ބުނި ގޮތުން ވިއްޔާ ނަހީކް ބެލެހެއްޓުމަށް ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގެ ތެރެއިން ބެގަރީ ރާއްޖެ ގެނައީ ނަހީކްގެ އުމުރުން ފަސް އަހަރުގައެވެ. މުޅިން އާ މަހައުލެއް ކަމުގައި ވިޔަސް ރާއްޖޭގެ ފެނަށް ބެގަރީ ހޭނުނެވެ. އުނދަގޫތަކާ ދަތިތައް ކުރިމަތި ކަމުގައި ވިޔަސް ކުޑަކުޑަ ނަހީކްގެ ހުރިހާ ކަމެއް ބެގަރީ ބެލެހެއްޓިއެވެ.

ވިލިނީ އޮތް ތަނުން ތެދުވިއެވެ. ނިދި ވީ އޭނާގެ ލޮލާ އެތައް މޭލެއް ދުރުގައެވެ. ނިދި އަންނާނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ކޮޓަރީގައި ހުރި ޓީވީ ހުޅުވީ ވިސްނުންތަކާއި ފިކުރުތަކުން ދުރުވެލުމަށެވެ. ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރި ތެރެއިން އަޅުވާފައި ހުރި ފިލްމުގެ އަޑު އިވުނަސް ވިލިނީގެ ވިސްނުންތައް ދުރުނުވިއެވެ. ނަހީކާ ގުޅުވައިގެން ބެގަރީ ދެއްކި ވާހަކަތައް ސިކުނޑިތެރޭގައި އެނބުރެމުން ދަނިކޮށް ވަކި ހިސާބަކުން ރިންދާގެ ނަން ކުއްލިއަކަށް އައިސް ހިތަށް ވަނެވެ. ނަހީކްއަކީ ޝާހުބެގެ ދަރިއެއްކަން ޝާހުބެއަށް އަނެއްކާ އެނގޭ ހެއްޔެވެ؟ ނޫނީ ޝާހުބެ އޮތީ އެކަން ސިއްރުކޮށްފައި ހެއްޔެވެ؟ ނަހާއްތައަށް މިއިން އެއްވެސް ކަމެއް އެނގޭ ހެއްޔެވެ؟ އަހަރެން މިހުރިހާ ވާހަކައެއް ރިދާއަށް ކިޔައިދޭންވީ ހެއްޔެވެ؟

"މަޑުމަޑުން އަހަރެންނަށް ނަހީކް ބޮޑު ބޮސް އާ ދުރުވާހެން ހީވި. އެހާ ކުޑައިރުވެސް ވަރަށް ނުލަފާ ރުޅިގަނޑެއް ނަހީކް ގެންގުޅޭ. ފަހަކަށް އައިސް ބޮޑު ބޮސް ބޭނުންނުވާ ވާހަކަ ބުނަން ފެށީ. ހުރިހާކަމެއް ކުރަނީ އަހަރެން ލައްވާ. އެއިރުވެސް އަބަދު ކިޔާނެ މަންމަ ގެނެސްދޭށޭ. މަންމަ ބޭނުމޭ" ބެގަރީ ދެއްކި ވާހަކަތައް ވިލިނީގެ ސިކުނޑި ތެރޭގައި އެނބުރެން ފެށިއެވެ.

"ކޮބާ ނަހީކްގެ މަންމަ؟ ނަހީކްގެ މަންމަ އާއި ބައްޕަގެ މެދުގައި ކޮން މައްސަލައެއް ޖެހުނީ؟" ވިލިނީ އެހިއެވެ.

"ނޭނގެ. އަހަރެން ނާހަން. އެއީ އެމީހުންގެ އަމިއްލަ ދިރިއުޅުން. އަހަރެން މަސައްކަތްކުރީ އަހަރެންނާ ހަވާލުކުރި ޒިންމާ އަދާކުރެވޭތޯ. އެކަން އަހަރެންކުރިން. އަދި މިހާރުވެސް ކުރަމުން މިދަނީ" ބެގަރީ ވާހަކަދެއްކިއެވެ.

"ފަހުން ނަހީކްގެ ބައްޕަ މީހަކާ އިނީ ދޯ. އެހެންވެ ދޯ އެހާ ރުޅިއަންނަނީ" ވިލިނީ އެހިއެވެ.

ބެގަރީ ބަހެއް ނުބުނެ އިރުކޮޅަކު ހިމޭނުން އިނދެފައި މަޑުމަޑުން ބޯޖަހާލިއެވެ. އެމީހަކީ ނަހާ ކަން ބެގަރީ ނުބުންޏަސް ވިލިނީއަށް ސާފުވެއްޖެއެވެ.

ބެގަރީ އާ ދެކެވުނު ވާހަކައިގެ ތެރެއިން ތަންކޮޅެއް ހަނދާނަށް އައުމާއެކު ވިލިނީ ހިޔާލު ބަދަލުވިއެވެ. ޝާހްބާޒްގެ ވާހަކަ ރިންދާ ކައިރީގައި ނުދައްކަން ވިލިނީ ނިންމިއެވެ. އެއީ ވިލިނީ އާ ބެހޭކަމެއް ނޫންވީމައެވެ. އެހެން މީހުންގެ ދިރިއުޅުމުގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. ކޮންމެގޮތެއް ވިޔަސް ނަހީކްގެ އަޖައިބުކުރުވަނިވި މާޒީ އިން ކުޑަތަންފުކެއް އެނގުނީތީ ވިލިނީއަށް ހަމަޖެހިލެވުނެވެ. އެނގެންޖެހޭ ވަރަށް ބައިވަރު ކަންކަން އަދިވެސް އެބަހުއްޓެވެ.

*************

އެތައް އިރަކު ހޭލާ އުޅުމަށްފަހު ވިލިނީ އެނދަށް އަރާ ހަމަޖެހިލިއެވެ. ނިދި އަންނާނީ ނިދަން މަސައްކަތްކޮށްގެންނޭ ބާލީސް މަތީގައި ބޯ އެޅުމަށްފަހު ދެލޯ މަރާލިއެވެ. ދޮރުފަތުގައި މީހަކު ތަޅައިގަތް އަޑު އިވުމާއެކު ވިލިނީ ދިޔައީ ސިހިގެންނެވެ. ޔަގީނުންވެސް އެހާ ބާރަށް ބެގަރީއެއް ދޮރުގައި ނުޖަހާނެކަން ވިލިނީއަށް އެނގެއެވެ. އެކޮޓަރީގެ ވަސްޖެހޭ ހިސާބަށްވެސް ނަހީކް ނާންނާނެކަން ވިލިނީއަށް ޔަގީންވެއެވެ. ވީއިރު އެއީ ކާކު ހެއްޔެވެ؟ އެވެސް ދަންވަރުގެ ހަމަހިމޭން ވަގުތުގައެވެ. ބިރުން ހުރެވެސް ހިތްވަރުކޮށްފައި ދޮރާ ދިމާލަށް މަޑުމަޑުން ވިލިނީ ފިޔަވަޅު އަޅަމުން ދިޔައެވެ. ދޮރާ ގާތަށް ދެވުމުން ވިލިނީ ހަމަޖެހުމުގެ ނޭވައެއް ލިއެވެ.

"ކާކު" ދޮރުފަތާ ކަންފަތް ގާތްކޮށްލާފައި ވިލިނީ ބުންޏެވެ. އެއާއެކު ދޮރުފަތަށް އަރައިގެން ދިޔައީ ތަން މުގުރިގެންދާވަރުގެ އަޑުފަށްގަނޑެކެވެ. އެއާއެކު ވިލިނީ ސިހިފައި ދޮރުގެ ތަންޑު ނައްޓާލިއެވެ. ނުވިސްނާ ހުރި ވިލިނީގެ މޫނުމައްޗަށް އަރައިގެން ދިޔަ ހަމަލާގެ ސަބަބުން ހެއަށް ގޮތްނުވީ ކިރިޔާއެވެ. ތަދުވީވަރުން ވިލިނީގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ބޭރުގައި ހުރި މީހާ ދޮރުފަތް އެތެރެއަށް ކޮށްޕާލި ވަގުތު ދޮރުފަތް ފަހަތަށް އައި ބާރުމިނުގައި ޖެހުނީ ވިލިނީގެ ނޭފަތްމަތީގައެވެ. ބޮލާއެކު ނޯށަށް އަރައިގެންދިޔަ ތަދު ކުއްލިއަކަށް ފިލައިގެން ދިޔައީ ކުރިމަތީގައި ހުރި އިންސާނާ ފެނިފައެވެ.

***************

އުނދުން ކައިރީގައި ހުއްޓުނު ރިންދާ ބަލައިލީ މޭޒު ކައިރީގައި މިރުސްތަކެއް ކޮށަން ހުރި ނަހާއަށެވެ. ތެލުލި މަސްއެތި މަތީގައި މަތިޖަހާފައި އުނދުން ނިއްވާލާފައި ރިންދާ އައިސް ހުއްޓުނީ ނަހާ ކައިރީގައެވެ.

"މި މިރުހުން ހާދަ ކުޅިވަސް ދުވައޭ ދޯ" ގޮނޑިއެއް ދަމާލާފައި އިށީންނަމުން ރިންދާ ބުންޏެވެ. ނަހާ ރިންދާއަށް ބަލައިލާފައި ހީލިއެވެ.

"ކޮބާތަ ބޭބެ؟ ހައިބް އަދިވެސް ނިދާފަތަ؟" ރިންދާ އެހިއެވެ.

އެހެން ދުވަސްދުވަހަށް ވުރެ ރިންދާގެ ސުވާލު ގިނަކަން ނަހާއަށް ފާހަގަވިއެވެ. އަހާލަން އުޅުނު ވަގުތު އަނެއްކާވެސް ރިންދާގެ ފަރާތުން އައީ އިތުރު ސުވާލެކެވެ.

"ދަރިފުޅު މިއަދު ހާދަ ސުވާލު ގިނައޭ. އެއް ސުވާލަށް މަންމައަށް ޖަވާބެއް ނުދެވި އުޅެނިކޮށް އަނެއް ސުވާލު އެބަކުރެޔޭ" ނަހާ ބުންޏެވެ.

ރިންދާ ހީލަމުން އިސްޖަހާލިއެވެ. ނަހާ ނުބަލާ ހުރި ވަގުތު ރިންދާ ނަހާގެ މޫނަށް ބަލައިލާފައި ހީލިއެެވެ. ހަގީގަތުގައިވެސް ނަހާ އެބުނީ ތެދެކެވެ. އެހުރިހާ ސުވާލުތައް ރިންދާ އެކުރަނީ ބުނަން ބޭނުންވާ ބަސް އަނގައިން ބޭރުކުރުމަށް މަގު ކޮށުމުގެ ގޮތުންނެވެ. ނަހާގެ ކިބައިން ދުުވަހަކުވެސް އެކަހަލަ ކަމަކު ކިއިފައި ނުވާތީ ބުނަން ނުކެރިގެންނެވެ.

"މިހާރު ހިމޭންވެއްޖެ. ކިހިނެއްވީ އަނެއްކާ؟" ރިންދާ ބަހެއް ނުކިޔައި އިނުމުން ނަހާ އެހިއެވެ.

"މަންމާ! އަޅުގަނޑު ކަމަކު ކިޔަންތަ؟ އުނހު ކަމަކުއެއް ނޫން. އަސްލު ކަމަކަށް ހުއްދައެއް ބޭނުންވަނީ" ރިންދާ ބުންޏެވެ.

"ކޮންކަމަކަށް. އަވަހަށް ބުނޭ" ނަހާ ބުންޏެވެ.

"ރައްޓެހި ކުއްޖަކު ގެއަށް ގެންނަންވެގެން" ރިންދާ ބުންޏެވެ. ނަހާ ރިންދާގެ މޫނަށް ބަލައިލިއެވެ. ދެން ހީލިއެވެ.

"އެއީ ރިދާ ހުއްދަ ހޯދަންޖެހޭވަރުގެ ކަމެއްތަ؟ ރިދާގެ ރައްޓެހިންނަށް މިގޭ ދޮރު ހުންނާނީ އަބަދުވެސް ހުޅުވިފަ. ކޮންކުއްޖެއްތަ އަންނަނީ؟" ނަހާ ބުންޏެވެ.

ދެން ކޮށާ ނިމުނު މިރުސްތަށި ދުރުގައި ބަހައްޓާފައި ވަޅި އާއި ކަޓިންބޯޑު ހިފައިގެން ޒިންކު ކައިރިއަށް ދިޔައެވެ. ފަހަތުން ރިންދާ ދިޔައެވެ.

"މަންމާ، އެއީ ފިރިހެން ކުއްޖެއް" ރިންދާ ބުންޏެވެ. އެވަގުތު ނަހާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެކަން ރިންދާއަށް ފާހަގަވިއެވެ.

"މަންމަައަށް އެންމެ ރަނގަޅު" ނަހާ ބުންޏެވެ. ދެން ފޮތިކޮޅަކުން ދެއަތް ފޮހެމުން ބަދިގެއިން ނުކުންނަން ނަހާ ދިޔައެވެ.

"ކިހާ އިރަކުތަ އަންނަނީ؟ އެއިރުން އެނގޭނީ އެގަޑިއަށް މަންމަ އާއި ބޭބެ އެތެރެއަށް ވަންނަން. އާނ އަދި ހަނދާންކޮށް ދަރިފުޅުމެން ނިންމި ގޮތް ބުނާތި. މިބުނީ ތިދެކުދިންގެ ކައިވެންޏާމެދު ނިންމި ގޮތް" ދޮރުން ނުކުންނަމުން ނަހާ ބުންޏެވެ.

ލަދުގަތްވަރުން ރިންދާގެ ދެކޯތާފަތް ރަތްވެގެން ދިޔައެވެ. ކުރިމަތީގައި ނިވާވާނެ އެއްޗެއް ނެތުމުން ރިިންދާ ދުުވެފައި ގޮސް ނަހާގެ ގައިގައި ބައްދާލިއެވެ. ލޯބިވާ އަންހެން ދަރިފުޅުގެ އިސްތަށިގަނޑުގައި ނަހާ ފިރުމަމުން ދިޔައެވެ. ރިންދާ އާ މެދު ނަހާ ފަހުރުވެރިވިއެވެ. ރައްޓެހިވި ކުއްޖާއާ ބޭރުން ބައްދަލުވާން ރިންދާ ނޭދޭކަން ނަހާއަށް އެނގިއްޖެއެވެ. ގޭތެރެއަށް ގެންނަ ވާހަކަ ރިންދާ ބުނާނީ އެހެންވެއެވެ. އެހެންނަމަވެސް އަންހެން ދަރިއަކަށް ވީތީ މައެއްގެ ފަރާތުން ދަރިފުޅަށް ހަނދާންކޮށްދޭންޖެހޭ ކަންކަން އެބަހުއްޓެވެ. އެހުރިހާ ވާހަކައެއް ރިންދާ ކައިރީގައި ނަހާ ދައްކާނެއެވެ.

(ނުނިމޭ)