މި އަހަރުގެ ކުރިއަށް އޮތް ތަނުގައިވެސް ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ކޮވިޑް-19ގެ ހާލަތު ކޮންޓްރޯލް ވަމުންދިޔަ ނަމަވެސް ކުރިމަތިވަމުންދާ އާ ހާލަތްތަކާއި ގޮންޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ދުނިޔޭގެ އިގުތިސާދުގެ ދުވެލި 2021 ވަނަ އަހަރު 5.1 ޕަސެންޓުން މިއަހަރު 2.9 އަށް މަޑު ޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި 2024-2023 އަށް ދުނިޔޭގެ އިގުތިސާދީ ދުވެލި ހުންނާނީ އެވްރެޖުކޮށް 3.0 ޕަސެންޓުގައި ކަމަށްވެސް ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އިގުތިސާދަށް ހުރި ގޮންޖެހުންތަކަކީ:

  • ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
  • ތެލާއި ތަކެތީގެ އަގު ބޮޑުވުން
  • ދުނިޔޭގެ ގައުމުތަކުގެ މަނިޓަރީ ޕޮލިސީ ހަރުކަށިކޮށް ގައުމުތަކުގެ އިންޓަރެސްޓް ރޭޓްވެސް މަތިކުރުން
  • ކޮވިޑާއެކު އައި ގްލޯބަލް ސަޕްލައި ޗެއިންގެ ތާށިކަން އަދިވެސް ދެމިއޮތުން
  • ބައެއް ގައުމުތަކުން ކޮވިޑުގެ ފިޔަވަޅުތައް އަދިވެސް އުވާނުލުން

އަމީރު ވިދާޅުވީ، 2000 ވަނަ އަހަރުތައް ފެށުނު ފަހުން ދުނިޔޭގެ ތެލުގެ އަގު އެންމެ މައްޗަށް ދިޔައީ މިފަހަރު ކަމަށެވެ. އެގޮތުން 2009 ވަނަ އަހަރު ތެލުގެ އަގު މައްޗަށް ދިޔަ ނަމަވެސް އެ އަގު އުފުލިފައި ހުރީ ކުޑަ ދުވަސްކޮޅަކަށް ކަމަށާއި އެއާ ހިލާފަށް މިފަހަރު ތެލުގެ އަގު މައްޗަށް ގޮސް އެ އަގުގައި ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ތެލުގެ އަގު ދަށަށްދާނީ ލަސްލަހުން ކަމަށް އައިއެމްއެފްއާއި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލަފާކުރާ ކަމަށްވެސް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، މި ކަންކަމާ ގުޅިގެން މިއަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖޭގައި ތަކެތީގެ އަގުތައް މަތިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަގުތައް އެންމެ ބޮޑަށް މަތިވެފައި ވަނީ ކާބޯތަކެތީގެ ބައިން ކަމަށްވެސް ވިދާޅުވިއެވެ.

"2022 ވަނަ އަހަރުގެ ކުރިއަށް އޮތް ތަނުގައި އަގުތަކަށް ބަދަލު އަންނާނެ ކަމަށް އަދިވެސް ލަފާކުރެވޭ. ކޮމޯޑިޓީ ޕްރައިސްގެ އަގުތައް އިތުރުވަމުންދާތީ،" އަމީރު ވިދާޅުވިއެވެ.

އޭގެ ސަބަބެއް ކަމަށް އަމީރު ފާހަގަކުރެއްވީ ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު މަތިވުމާއި 2021 ވަނަ އަހަރުގައި މުވާސަލާތީ ހިދުމަތްތަކުގެ އަގު ދަށްކުރުމުގެ ބޭސްއިފެކްޓުގެ އަސަރު ނެތިގެން ދިއުމެވެ.