ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެފަދަ އަމަލުތައް ފަތުރަމުންދާ ފަރާތްތައް ދެނެގަނެ، އެމީހުންނާ މެދު ޝަރީއަތް ހިންގައި ދައުވާ ސާބިތުވާ ފަރާތްތަކާމެދު އިސްލާމީ ޝަރީއަތުގައިވާ ހައްގު އަދަބު ދިނުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކާއި ބައެއް މީހުންގެ ބަހަރަނާ ފޮޓޯއާއި ވީޑީއޯތައް ވަނީ އާއްމުކޮށްފައެވެ.
އެކަމާ ގުޅިގެން އާދަލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގެ ޒަރީއާއިން ދައުރުކުރަމުންގެންދާ ހައްދު ފަަހަނައަޅައިފައިވާ ފާހިޝް އަމަލުތައް ދައްކުވައިދޭ ވީޑިއޯ ކްލިޕްތަކާއި ފޮޓޯތަކަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހި ގައުމުގެ އިސްލާމްވަންތަކަން ކިލަނބު ކުރުވާނެ ތަކެތި ކަމަށެވެ. އަދި މިފަދަ ފޮޓޯއާއި ވީޑިއޯތައް މުޖުތަމައުގައި ފެތުރުމަކީ އިޖުތިމާއީ ފޭރާން ވީދި، މީސްތަކުންގެ މެދުގައި މުންކަރާތްތައް އާއްމުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބުންޏެވެ.
"މިފަދަ ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާއި މީސްތަކުންގެ މެދުގައި މިފަދަ އަމަލުތައް ފަތުރަމުންގެންދާ ފަރާތްތައް ދެނެގަނެ، އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި، ދައުވާ ސާބިތުވާ ފަރާތްތަކާމެދު އިސްލާމީ ޝަރީއަތުގައިވާ ހައްގު އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލަމެވެ. އަދި މިކަމުގެ ސަބަބުން އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާމެދުގައިވެސް އިސްލާމް ދީނުގައި އައިސްފައިވާ ހައްގު ފިޔަވަޅު އެޅުމަށް ގޮވައިލަމެވެ." އަދާލަތުގެ ބަޔާނުގައި ބުންޏެވެ.
މި ޒަމާނަކީ މަދަނީ އަދި އިންސާނީ ހައްގުގެ ނަމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސު ބަދަލުކުރުމާއި މި ނޫންވެސް އިންސާނާގެ ސަލާމަތް ބުއްދި ގަބޫލުނުކުރާ ގައިރު މަންތިގީ ހުތުރު ވިސްނުންތައް މުޅި ދުނިޔޭގައި ފަތުރަން އިންތިހާއަށް މަސައްކަތް ކުރާ ޒަމާނެއްކަން ފާހަގަކޮށް ބަޔާނުގައި ބުނީ، ޝައިތާނީ ވިސްނުމުގެ އައުވާނުން އެންމެ ދަހިވެތިވާ ޝިކާރައަކީ ތުއްތު ކުދިންނާއި ފުރާވަރުގެ ޒުވާނުން ކަމަށެވެ. އަދި މިއީ ވަރަށް ދުރަށް ރޭވިގެން ހިންގާ ނުރައްކާތެރި އަނދިރި ޕްރޮޕެގެންޑާއެއްގެ ކަމަށް ބުންޏެވެ.
އަދާލަތުން ބުނީ، އެމީހުންގެ ފިކުރު ފެތުރުމަށް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަނީ ޒުވާނުން އަބަދުމެ އެކަމެއްގައި މަޝްއޫލުވެ ތިބޭ ފިލްމް، ސީރީޒް އަދި އެނޫން ވީޑިއޯ ސްޓްރީމްކުރާ މަންސަތަކާއި އޮންލައިން ގޭމްތަކުގެ މަންސަތައް ކަމަށެވެ.
އަދާލަތު ޕާޓީން އިތުރަށް ބުނީ، ގައުމާއި އުންމަތުގެ މުސްތަގުބަލަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނާއި އިލްމުވެރިންނާއި މުއައްސަސާތައް އަތުގުޅާލައި، އަންނަން އޮތް ޖީލުތަކުގެ ދިފާއުގައި ބަދަހި ސަފުތަކެއް ރުކުރުވާލަން ޖެހިފައިވާ ކަމަށާއި ލާދީނީ، ލާއިންސާނީ ހުތުރު ފިކުރުތަކުން ސަލާމަތްވުމަށް ބޭނުންވާނެ ތައުލީމާއި ދީނުގެ އިލްމު ސްކޫލުތަކުގައި ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
"އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ދައުލަތުގެ ތައުލީމީ މުއައްސަސާތަކުން މިކަމަށް ހާއްސަ އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލަމެވެ. އަދި ހަމަ މިއާއެކު ދަރީން ސްކޫލުން ބޭރުގައި ހޭދަކުރާ ވަގުތު، އެކުދިންހެ ބެލެނިވެރިކަން ކުރާ އެއްޗަކީ ޓީވީ، ކޮންޕިއުޓަރު ނުވަތަ ފޯނު ސްކްރީންނަށް ވެއްޖެނަމަ އެކުދިން އެތިބެނީ ގޭގައި ތިއްބަސް ފިކުރީ ހަމަލާތަކާއި ފާހިޝް ދަންތުރަތަކުގެ ނުރައްކަލުގެ ތެރޭގައިކަން ބެލެނިވެރިން ދަންނަން ޖެހެއެވެ." އަދާލަތު ޕާޓީން ބުންޏެވެ.
ލީކުވެގެން އުޅޭ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއްގެ އިތުރުން ބައެއް އެހެން ފަރާތްތަކުގެ ފޮޓޯއާ ވީޑިއޯ ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު