ޚަބަރު

މިދިޔަ ހަފުތާގައި ވެސް ޕޮޒިޓިވްވި މީހުންގެ އަދަދު ހާހުން މަތީގައި

މުހައްމަދު އިޝާން

މިދިޔަ ހަފުތާގައި ވެސް 1،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިއްޖެއެވެ.

ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މިދިޔަ ހަފުތާތެރޭ 1،134 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް، 162 މީހުންނެވެ.

އެޗްޕީއޭއިން ބުނީ، މިދިޔަ ހަފުތާގައި މާލޭ ސަރަހައްދުން 391 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަތޮޅުތެރެއިން 291 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ސިނާއީ މަސައްކަތް ކުރާ ރަށްރަށުންނާއި ރިސޯޓުތަކުން 446 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 54 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން ކޮވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަކީ، 182،720 އެވެ. ކޮވިޑު ޖެހިގެން މަރުވެފައިވަނީ 306 މީހުންނެވެ.