ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔު މަރުވީ ތޫނު އެއްޗަކުން ދިން ހަމަލާއެއްގައި އޭނާގެ ހިތުން ލޭފޮނުވާ މައިނާރު ކަފައިގެން ގޮސް ފުއްޕާމޭގެ ތެރެއަށް ގިނަ އަދަދެއްގެ ލޭ އެޅުމުގެ ސަބަބުން ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ހެދިއިރު އެކަމުގައި ބައިވެރިވި ޑޮކްޓަރަކު ބުނެފިއެވެ.
އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.
އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓުގައި ކުރިއަށްދާ އިރު، އެ ކުއްޖާއަށް މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ އުދައްޔުގެ ޕޯސްޓްމޯޓަމް ހެދިއިރު، އެކަމުގައި އަމަލީ ގޮތުން ބައިވެރިވި، ފ. ނިލަންދޫ، ތުނޑީގޭ ޑރ. ހަސަން އުމަރެވެ. އޭނާއަކީ މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ.
ހެކިބަސް ދެމުން ޑރ. ހަސަން ވިދާޅުވީ، އުދައްޔު މަރުވެފައިވަނީ، ހަށިގަނޑުގެ ފުރަގަހުން މެޔާ ދިމާލުން (ފަސް ސެންޓިމީޓަރު މެދުން) އަދި ކަރުން 13.5 ސެންޓިމީޓަރު ތިރިން ލިބިފައިވާ ޒަހަމަކާ ގުޅިގެން ކަމަށެވެ. އެ ޒަހަމް އިތުރަށް ތަފްސީލްކޮށްދެމުން ޑރ. ހަސަން ވިދާޅުވީ، އުދައްޔުގެ އައޯޓާ (ހިތުން ހަށިގަނޑަށް ލޭ ދައުރުކުރާ މައި ނާރު) ކަފައިގެން ގޮސް ފުއްޕާމޭގެ ތެރެޔަށް 1345 އެމްއެލްގެ ލޭ އެޅިފައިވާ ކަމަށެވެ.
"މި އިންޖެރީ ލިބިފައި މިވަނީ ސެވަންތު އިންޓަކޯސްޓަލް ސްޕޭސްއޭ މިބުނަނީ ދެ ރިބް ދޭތެރޭގައި އިންނަ ހަތް ވަނަ ޖާގަ. ރިބްސްތަކުގެ ދޭތެރޭގައި ނުވަތަ މޭގެ ކަށިތަކުގެ ދޭތެރޭގައި ހުންނަ ޖާގަތައް ބުނެދީފައި ހުންނައިރު އޭގެ ހަތްވަނަ ޖާގައިގެ ތެރެއިން ހަށިގަނޑުގެ ތެރެޔަށް މި އިންޖެރީ ލިބިފައި އިންކަމަށް" ޑރ. ހަސަން ވިދާޅުވިއެވެ.
ޑރ. ހަސަން ވިދާޅުވީ، އުދައްޔުގެ ބުރަކައްޓަށް ލިބިފައިވާ ޒަހަމް ހަށިގަނޑުގެ ބޭރުން ފެށިގެން އެތެރެޔަށް ފަސް ވަރަކަށް ސެންޓި މީޓަރު ފުނަށް ވަދެފައިވާ ކަމަށާއި އައޯޓާގައި (ހިތުން ހަށިގަނޑަށް ލޭ ދައުރުކުރާ މައި ނާރު) އެއް އިންޗި ކަފައިގެންގޮސްފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ ތެރެޔަށް ވަން ހަތިޔާރު ހަށިގަނޑުގެ ތެރޭގައި މޫވްކުރުމުގެ ސަބަބުން ޒަހަމް އިތުރަށް ބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އުދައްޔުއަށް ލިބިފައިވާ ޒަހަމްގެ ސަބަބުން އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ ދިހަ މިނެޓާއި 15 މިނެޓާ ދެމެދު މަރުވުމުގެ ފުރުސަތު އޮތް ކަމަށާއި އުދައްޔުއަށް ލިބިފައިވާ އެންމެ ބޮޑު ޒަހަމަކީ މާލެއިންވެސް ފަސޭހައިން ފަރުވާކުރެވޭނެ ޒަހަމެއް ނޫން ކަމުގައި ޑރ. ހަސަން ވިދާޅުވިއެވެ.
ޑރ. ހަސަން އިތުރަށް ވިދާޅުވީ، އުދައްޔުގެ ބޮލަށްވެސް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން އޭނާގެ ބޮލުގައި ތޫނު ނޫން އެއްޗަކުން ޖެހުމުން ބޮލުގެ ވައަތް ފަރާތަކުގައި ޓެމްޕޯރަލްއޭރިއާއޭ ކިޔާ މަސްގަނޑުން ފެށިގެން ލޭ ޖަމާވެ ގަނޑުވެފައި ހުރި ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އޭގެ އުރުންވެސް އުދައްޔުއަށް 28 ޒަހަމެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ދައުލަތުން މީގެ ކުރިން ފާހަގަކުރި ގޮތުގައި އުދައްޔުއަށް ލަޓިބުރިންނާއި ވަޅި އާއި ކީސް ފަދަ ތަކެތިން މާރާމާރީ ހިންގައި ހަމަލާ ދީފައިވެ އެވެ.
މިއަދުގެ އަޑުއެހުމަށް ދައުލަތަށް ހާޒިރުކުރެވުނީ އެންމެ ހެކިވެރިއެކެވެ. ދައުލަތުން މިއަދު ގަސްދުކުރީ މައްސަލައިގެ މުހިއްމު ރިޕޯޓުތައް ތައްޔާރުކޮށްފައިވާ ޑޮކްޓަރުންގެ ހެކިބަސް ނެގުމަށެވެ. އެކަމަކު އޭގެ ތެރެއިން ދެ ޑޮކްޓަރުން މިވަގުތު ރާއްޖެއިން ބޭރުގައި އުޅޭތީ އެމީހުންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމަވާލެއްވީ ހެކިބަސް ނެގުމަށް ހެކީން ހާޒިރުކުރެވޭނެ އާ ތާވަލެއް ޝަރީއަތާ ހިއްސާކޮށްދިނުމަށް ދައުލަތަށް އަންގަވައިފައެވެ.
މި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު