ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 14

އެއް އަރިމަތީގައި ޖަހާފައިވާ ފެންސުން ތިރިއަށް ބަލައިލިރު ފެނުނީ ސިޑިއާ ކަނާތް ފަރާތުގައި ހުރި ކޮޓަރިއަކަށް ނަހީކް ވަދެ ދޮރުލެއްޕި ތަނެވެ. އެއީ މީގެކުރިން ވިލިނީގެ ލޮލުގައި އަޅައިގަނެފައިވާ ތަނެއް ނޫނެވެ. ހުރިހާ ކޮޓަރިތަކާ ވަކިން އެކޮޓަރި ހުންނަނީ ކީއްވެގެން ހެއްޔެވެ؟ ނަހީކްގެ ދިރިއުޅެނީ އެ ކޮޓަރީގައި ހެއްޔެވެ؟ ވެދާނެއެވެ. ވިލިނީގެ ކޮޓަރި އާ ކައިރި ކޮޓަރިއެއްގައިވެސް ދިރިއުޅެން ނަހީކް ބޭނުންނުވަނީއެވެ.

******************

ހިތްހަމަނުޖެހިފައި އިން ބަރަކް ރުއްސާނެ ގޮތެއް ރޫބިޔާގެ ވިސްނުމަކަށް ނައެވެ. މޭޒުކައިރީގައި އިން ބަރަކްއަށް އިރުކޮޅަކާ ރޫބިޔާ ބަލައިލައެވެ. ބަރަކް ބަހެއް ބުނޭތޯއެވެ. އެންމެފަހުން ރޫބިޔާގެ ވިސްނުމުގެ މިސްރާބު މުޅިން އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. އަމިއްލަ ޒަމީރު ވިސްނައިދިނީ ރޫބިޔާ ކުރީ ގޯސްކަމެއް ނޫން ކަމެވެ. ދަރިއަކަށްޓަކައި މަޔަކު ގޯސްކަމެއް ނުކުރާނެއެވެ. ނުވިސްނެނީ ބަރަކްއަށެވެ. ޖިލްވާއަކީވެސް މިއީ ހާދަ ނުބައި އަންހެނެކެވެ. ދެބައޮޑުވީ އެހާ އަވަހަށެވެ. ކައިވެނި ކުރެވުނީމާ އަދި ކިހާވަރެއްވާނެ ހެއްޔެވެ؟ ދަރިއެއްގެ ހިތުގައި މަޔަކާ މެދު ފިތުނަ ފަސާދަ އުފެއްދީއެވެ. ތަހުޒީބީ އަންހެނުންގެ ފާޑެވެ.

"ޖިލްވާވެސް ހާދަ ނުބައޭ ދޯ އެހެންވީމަ. އަހަރެން ހީކުރިގޮތެއް ނޫން" ރޫބިޔާ ބުންޏެވެ.

"ކޮބާ މިކަމުގަ ޖިލްވާގެ ކުށެއް. މަންމަ އަދިވެސް އަމިއްލަ ކުށް ފޮރުވަން އެހެން މީހުންގެ ކުށް ދައްކަން ތިއުޅެނީ. އަހަރެން ކައިރީގައި އަދިވެސް މަންމަ އާ ގުޅުވައިގެން އެއްވެސް ވާހަކައެއް ޖިލްވާ ނުދައްކާ. އަތޮޅުތެރޭގައި ހުރިއިރު ފޯނު ކުރިޔަސް އެކަހަލަ ވާހަކައެއް ނުބުނޭ. އެކަމަކު ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރިހެން ހީވި. އަދި މިއެނގުނީ ހިތްހަމަނުޖެހުނީވެސް ކީއްވެކަން" ބަރަކް ވާހަކަދެއްކިއެވެ.

ހިތްހަމަނުޖެހިފައި ހުއްޓަސް ބަރަކް ވާހަކަދެއްކީ މަޑުމައިތިރިކަމާ އެކުގައެވެ.

"ދެން ބަރަކްއަށް އައީ ވަހީތަ؟ ތިބުނާހާ ރަނގަޅު ބައެއްނަމަ މަޔަކާއި ދަރިއަކު ޖައްސާނެތަ؟" ރޫބިޔާ ބުންޏެވެ.

"އަހަރެން ކައިރީގައި އެވާހަކަތައް ދެއްކީ ކާފަ. ކާފަ ހުރީ މަންމަދެކެ ވަރަށް ހިތްހަމަނުޖެހިފަ. އެކަމަކު ކާފަ ކުރިމަތީގަ މަންމަގެ އަގުހިފަހައްޓަންވެގެން އަހަރެން ނުބުނަން މަންމަ އެގެއަށް ދިޔައީ އަހަރެން ފޮނުވައިގެން ނޫން ކަމަކަށް. މަންމަ ކީއްކުރަން ކުރި ކަމެއް. މަންމަ އެގެއަށް ދިޔުމަކުން އަހަރެން މައްސަލައެއް ނުޖައްސަމޭ. މަންމަގެ ބަސްމަގު ހުރިގޮތް. އަހަރެން ހާދަ ލަދެއްގަތޭ ޖިލްވާގެ ކާފަ މަންމަ ދެއްކި ވާހަކަތައް ކިޔައިދިނީމަ. މަންމަ އަޅެ ލަދެއްވެސް ނުގަތްތަ އެހެން ކީއިރު" ބަރަކް ވާހަކަދެއްކިއެވެ.

"ތިވާހަކަ ހަމަ ފަށަފަށައިގެން ދައްކަންޖެހޭތަ؟ ބަރަކްއަށް ނުކެރުނެއްނު މިގޭ އިބިލީސް އަހަރެންގެ ފަހާފޮށި ހަލާކުކޮށްލާފަ ކޮޓަރީ ދޮރުގެ ތަންޑު ހަލާކުކުރީމަ އެކަމާ ގުޅުވައިގެން އެއްޗެއް ބުނާކަށް" ރޫބިޔާ ބުންޏެވެ.

"އަހަރެން ނޫޅެއް ބުނާކަށް. ޔަގީން ތިކަމުގަވެސް ހަގީގީ ކުށްވެރިޔަކީ މަންމަކަން" ބަރަކް ބުންޏެވެ.

ދެން ހިތްހަމަނުޖެހިފައި ތެދުވެގެން ހިނގައްޖެއެވެ. ރޫބިޔާ މޫނު ކުހިކޮށްލައިގެން ބަރަކް ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނެވެ.

*************

ނިދާފައި އޮތް ރިންދާއަށް ދެލޯ ހުޅުވާލެވުނީ ނިދާ ނިދާ ބަލިވެގެންނެވެ. ހުކުރު ދުވަހަށްވުމުން ފަތިސް ނަމާދަށް ފަހު ނިދާލަން ރިންދާ ބޭނުންވީ ރަސްމީ ދުވަސްތަކުގައި ރަނގަޅަށް ނިދި ލިބިފައި ނުވުމުން މާބޮޑަށް ވަރުބަލިކަން އިހުސާސްވެފައި ހުރުމުންނެވެ. ކައިރީގައި އޮތް ފޯނު ނަގާފައި ބަލައިލި އިރު، ފޯނަށް މެސެޖްތަކެއް އައިސް ހުރުމުން ރިންދާއަށް ހެވުނެވެ. އެއީ ކާކުގެ މެސެޖްތަކެއް ކަން ރިންދާއަށް އެނގުނެވެ. އަޔާލްގެ މެސެޖެއް ނުލިބޭ ވަގުތެއް ނުދެއެވެ. ކައިގެން ހުރިތޯ އަހާލާނެއެވެ. ރަނގަޅުތޯ އަހާލާނެއެވެ. މައިންބަފައިންގެ ހާލު އަހާލާނެއެވެ. ރިންދާ ފާހާނައަށް ވަނީ އެހުރިހާ މެސެޖްތަކަށް ވަކިވަކީން ޖަވާބުދީފައެވެ.

ބަދިގެއަށް ރިންދާ ދިޔައިރު މޭޒުކައިރީގައި ނަހާ އިނެވެ. ރިންދާ ފެނުމުން ސައިބޯން އަންނަން ބުންޏެވެ. ރިންދާ އައިސް އިށީނުމާއެކު ތަށި ކައިރިކޮށްދިނީ ނަހާއެވެ.

"މަންމަ ކީއްވެ ނުގޮވީ؟" ރިންދާ ބުންޏެވެ.

"އެއީ ރިދާއަށް ހޭލެވެންދެން ބާއްވާށޭ ބޭބެ ބުނެފަ އޮތީމަ" ނަހާ ބުންޏެވެ. "ކަޅު ސައިތަ ނޫނީ ކޮފީތަ؟"

"ކޮފީއެއް" ރިންދާ ބުންޏެވެ.

"ކުރީ ދުވަހެއްގަ ދަރިފުޅު އެހީމެއްނު ކޮންމެސް މީހަކު ދަންނަންހޭ. ފޮޓޮއެއް ހިފައިގެނެއްނު ހުރީ. ކޮބާ އެ ފޮޓޯ؟ ދައްކަބަލަ މަންމައަށް" ނަހާ ބުންޏެވެ.

ރިންދާ ހަނދާންވިއެވެ. އެދުވަހު ކޮންމެވެސް ސަބަކާ ހުރެ އެ ފޮޓޯ އާ ގުޅޭގޮތުން އެވާހަކައެއް ނުދެއްކުނެވެ. ރިންދާ ތެދުވިއެވެ. ކޮޓަރިއަށް ވަދެފައި ދެން އައިއިރު އަތުގައި އެ ފޮޓޯ އޮތެވެ. ނަހާ އަތަށް ފޮޓޯ ދީފައި ރިންދާ އައިސް ގޮނޑީގައި އިށީނެވެ.

"މިއީ ފޮޓޯ ބުރިއެއްނު" ފޮޓޮއަށް ބަލައިލާފައި ނަހާ ބުންޏެވެ.

ފޮޓޯއަށް ބަލަހައްޓައިގެން އިނދެފައި ވަރަށް ތަފާތު ނަޒަރެއް ނަހާ ރިންދާއަށް ދިނެވެ. އެމަންޒަރު ރިންދާއަށް ފެނުނުނަމަ ޔަގީނުންވެސް ރިންދާގެ ހިތުގައި ސުވާލު އުފެދުނީހެވެ.

"މި ފޮޓޯ ރިދާއަށް ލިބުނީ ކިހިނެއް؟" ނަހާ ބުންޏެވެ.

"ލިބުނު ގޮތެއް ނޭނގޭ. އެނގެނީ އަބަދުވެސް އޮންނަ ފޮޓޯއެއް ތީ. މަންމަ ބުނެބަލަ ކާކު ތީ؟" ރިންދާ އެހިއެވެ.

"މިއީ... މިއީ... ބޭބެގެ"

"ބޭބެގެ ދަރިއެއް ދޯ. ނަހީކް ދޯ ކިޔަނީ" ރިންދާ ބުންޏެވެ.

ނަހާއަށް ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ރިންދާއަށް ބަލައިލެވުނެވެ. އެހުރިހާކަމެއް އެހާ ސީދަލަށް ރިންދާއަށް ބުނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ނަހީކާއި ރިންދާ އަދި ރަނީންއަކީ ވަރަށް ކުޑައިރުގެ ތިން އެކުވެރިންނެވެ. އުމުރުން ފަސްއަހަރުގައި ރިންދާ އާއި ރަނީން، ނަހީކާ ވަކިވެއްޖެއެވެ. އޭގެފަހުން ރިންދާ ނަހީކާ އެއްތަން ނުވާކަން ނަހާއަށް ޔަގީނެވެ. ގެ ދޫކޮށް ދިޔުމާ ހަމައަށް ރިންދާގެ ކޮންމެ ހަރަކާތަކަށް ނަހާ ފާރަވެރިވިއެވެ. އެހާ ދުވަސްފަހުން ނަހީކް އާ ގުޅޭގޮތުން ރިންދާ ސުވާލުކުރަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟

"ނަހީކް ދުށިންތަ؟ ތިދެކުދީން ދިމާވީތަ؟" ނަހާ އެހިއެވެ. ރިންދާ ބޯޖަހާލިއެވެ.

"މަންމާ، ކީއްވެގެންތަ އަހަރެމެން ދެމީހުން ދުރަށް ދިޔައީ؟ ބޭބެ ކީއްވެތަ ނަހީކް އާ އެއްވެސް ގުޅުމެއް ނުބާއްވަނީ؟" ރިންދާ އެހިއެވެ.

"ބޭބެއެއް ނޫން. އެއްވެސް ގުޅުމެއް ބާއްވަން ނަހީކް ބޭނުންނުވަނީ؟" ނަހާ ބުންޏެވެ.

"އެއީ ކީއްވެ؟ ކޮން މައްސަލައެއްޖެހުނީ؟" ރިންދާ އެހިއެވެ.

ނަހާ ވިސްނާލިއެވެ. އެއިރުގައި ކަންތައްތައް ވީގޮތް ކޮންމެހެންވެސް ރިންދާއަށް އެނގެން ޖެހޭނެއެވެ. އެހެން ނޫނީ ރިންދާގެ ސުވާލުތައް ވާނީ އިތުރެވެ.

"ނަހީކް އާއި ދަރިފުޅުމެން ދުރުވީ ބޭބެ އާއި މަންމަ ކައިވެނިކުރި ހިސާބުން. އެއިރު ރިދާ އާއި ނަހީކްއާ ވަރަށް އެކުވެރި. ރަނީން އަށް ވުރެވެސް ބޮޑަށް ނަހީކް ގާތްވާނެ ރިދާ އާ. މަންމައަށް މިވަގުތު ބުނެވޭނީ އެވަރަށް. ދަރިފުޅު އިތުރަށް އެނގެން ބޭނުންވަންޏާ މަންމަ ކިޔައިދޭނަން އެހެން ވަގުތަކުން" ނަހާ ވާހަކަދެއްކިއެވެ. ރިންދާ ބޯޖަހާލިއެވެ. އެވަރުން ރިންދާއަށް ފުދުނެވެ.

"ދެމައިން ހާދަ އޮލަ ވާހަކައެއްގަ؟" ބޭރުން އައިސް ވަން ޝާހްބާޒް އެހިއެވެ. ރިންދާ ޝާހްބާޒަށް ހިނިތުންވުމެއްދިނެވެ.

"ރިދާ ނަހީކް އާ ގުޅުވައިގެން އަހާތީ. އެނގޭތަ ރިދާ އާއި ނަހީކް ދިމާވެއްޖެކަން" ނަހާ ވާހަކަދެއްކިއެވެ.

"އެހެންތަ؟ ކޮންތާކުން ދިމާވީ؟ ރިދާއަށް އެނގުނުތަ ނަހީކް ފެނުމުން" ޝާހްބާޒް އެހިއެވެ. ނަހާ އާ ޖެހިގެން ހުރި ގޮނޑީގައި ޝާހްބާޒް އިށީނުމުން ނަހާ އަވަސްވީ ފިރިމީހާއަށް ކޮފީތައްޓެއް ހަދައިދިނުމަށެވެ.

"އަޅުގަނޑަކަށް ނޫން. ނަހީކްއަށް އެނގުނީ. ފަހަތުން މުގޯލި އަޅާތާ ދެތިން ދުވަސްފަހުން އަޅުގަނޑު ވާހަކަދެއްކީ؟ ބޭބެމެންނަށް އެނގޭތަ ނަހީކް މީހަކާ އިނދެފިކަން" ރިންދާ ބުންޏެވެ. ލިބުނު ހައިރާންކަމުގައި ނަހާ އާއި ޝާހްބާޒަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

"ރިދާއަށް ކިހިނެއް އެނގުނީ؟" ނަހާ އެހިއެވެ.

"ދެން އަޅުގަނޑަށް ނޭނގި ކާކަށް އެނގޭނީ؟" ރިންދާ ބުންޏެވެ.

***********

ހެނދުނު ސައިގެ ވަގުތެވެ. އާދައިގެމަތިން މޭޒުކައިރީގައި ވިލިނީ ސައިބޯން އިނެވެ. ކައިރީގައި ބެގަރީ އުޅުނެވެ. ވިލިނީ އިނީ ބޭރަށް ނުކުމެވޭ ގޮތަށް ތައްޔާރުވެގެންނެވެ. އެހެން އިނދެފައި ފަހަތަށް އެނބުރި ނަހީކް ރޭގައި ވަން ކޮޓަރިއަށް ބަލައިލިއެވެ. ބެގަރީ އާ ސުވާލުކުރަން އުޅެފައިވެސް ބޭކާރުކަމެކޭ ހިތައި އަޅާނުލިއެވެ.

"މެންދުރަށް ކައްކާނެތޯ؟" ބެގަރީ އެހިއެވެ. ބެގަރީ އެމޭރުމުން ސުވާލުކުރީ ހެނދުނު އޮފީހަށް ދިޔުމުގެ ކުރިން މެންދުރު ކާން ގެއަށް ނާދެވޭނެ ވާހަކަ ނަހީކް ބުނެފައި އޮއްވައި ވިލިނީވެސް ގެއިން ބޭރަށް ދާން އުޅުމުންނެވެ.

"އަހަރެން ނުކާނަން" ވިލިނީ ބުންޏެވެ.

ބެގަރީ ތަށިތައް ނަގަން އުޅުމުން ވިލިނީ ދޮރާ ދިމާލަށް ހިނގައިގަތެވެ. ނަހީކް ރޭގައި ވަން ކޮޓަރި އާ އަރައި ހަމަވެފައި ދޮރާ ދިމާލަށް ވިލިނީ ބަލައިލީ ފާޑަކަށެވެ. ފަހަތަށް އެނބުރި ބަލައިލުމަށްފަހު މަޑުމަޑުން ތަޅުގައި ވިލިނީ ހިފާލިއެވެ. ފާޑަކަށް އިން ތަޅެކެވެ. ތަޅުދަނޑިއެއް ލައްވައިގެންވެސް ވިލިނީއަށް އެތަން ހުޅުވާކަށް ނޭނގޭނެއެވެ.

"ކީއްތިކުރަނީ؟" ފަހަތުން ބެގަރީގެ އަޑު އިވުމާއެކު ވިލިނީ ދިޔައީ ސިއްސައިގެންނެވެ.

"މިއީ ކޮންތަނެއް؟ އަހަރެން ހީކުރީ ނަހީކް އުޅެނީ މަތީގަ ކަމަށް. ރޭގަ މިތަނަށް ވަންތަން ފެނުނީމަ މިއަހާލީ" ވިލިނީ ބުންޏެވެ.

"ތިއީ ނަހީކް ނިދާ ކޮޓަރިއެއް ނޫން. ތިއީ ނަހީކްގެ މަންމައަށް ހާއްސަކޮށްފައި ހުންނަ ކޮޓަރިއެއް" ބެގަރީ ބުންޏެވެ.

ވިލިނީ ހީލިއެވެ. ދެން ދަނީއޭ ބުނެފައި ހިނގައިގަތެވެ. މުށުތެރޭގައި އޮތް ފޯނު ބެގަރީ ކަންފަތުގައި ޖެހީ ގެއިން ވިލިނީ ނުކުތް ފަހުންނެވެ.

"އަޅުގަނޑު އޭނަ މިތަނުން ދުރަށްލައިފިން" ބެގަރީ ބުންޏެވެ.

**********

ކުންފުނީގެ މައި އޮފީހުގައި އޮތް ބައްދަލުވުމަކަށް ދާން ނަހީކް އޮފީހުން ނުކުތް ވަގުތު ހުއްޓުން އެރީ ދިމާލަށް ހުރި ޕޭވްމަންޓް މަތީގައި ހުރި ވިލިނީ ފެނިފައެވެ. ނަސީބަކުން ވިލިނީ ހުރީ އިސްޖަހައިގެން ފޯނަށް ބަލަހައްޓައިގެންނެވެ. ނަހީކް ހާސްވިއެވެ. އެންމެފަހުން ބައްދަލުކުރަން އޮފީހަށް ވިލިނީ އައީ ކަމަށް ހީކުރިއެވެ. ވިލިނީ ބަލައިލުމުގެ ކުރިން އަވަސް އަވަހަށް އޮފީހުން ނުކުމެގެން ގޮސް އޮފީހާ އިންވެގެން ހުރި މުވައްޒަފުން ސައިކަލް ޕާކުކުރަން ހަދާފައި ހުރި ސަރަހައްދަށް ވަނެވެ. ދެން ބަލައިލިއިރު ވިލިނީ ކައިރީގައި ރޫބިޔާ ހުއްޓާ ފެނުނެވެ. ނަހީކަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ސައިކަލް ނެރެގެން ކުރިއަށް ދުއްވާލީ މަގުމަތިން ދިޔަ ޓެކްސީއަކަށް އެދެމީހުން އަރައިގެން ދިޔުމުންނެވެ.

ބައްދަލުވުމުގައި އިންއިރުވެސް ނަހީކަށް ވިސްނެނީ މުޅިން އެހެން ކަމަކާއެވެ. ރޫބިޔާ އާއި ވިލިނީ ބައްދަލުކުރުމަކީ ރަނގަޅު ފާލެއް ނޫންކަން ނަހީކަށް އެނގެއެވެ. ނަހީކާ ދެކޮޅަށް ކަންތައްގަނޑެއް ރާވަނީކަން ނަހީކަށް ހީވިއެވެ. އެހެންކަމުން ރޫބިޔާއަށް ވަރުގަދަ ލަނޑެއްދޭން ނަހީކްގެ ސިކުނޑީގައި ރާވަމުން ދިޔައެވެ.

ބައްދަލުވުން ނިންމި ގޮތަށް ނަހީކް ތިރިއަށް ފޭބިއެވެ. އިމާރާތުގެ އެންމެ ތިރީގައި ހުރި މައި އޮފީހުގެ ކެފޭއަށް ވަދެ މަތީ ފަންތީގެ މީހުންނަށް ހާއްސަ ބަޔަށް ވަދެ މަޑުކޮށްލިއެވެ. ނަސީބަކުން އެވަގުތަކީ ތަން ވަރަށް އަމާން ވަގުތެކެވެ. ވެއިޓަރަކު އައިސް ބެހެއްޓި ފެންފުޅިން ކަނޑާލާފައި ކުރިމަތީގައި ހުރި ބިއްލޫރި ތައްޓަށް އަޅާފައި އެތިފޮދެއް ބޯލިއެވެ. ދެން ދޮރާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. މުޝްތާގު ވަދެގެން އައީ އޭގެ އިރުގަނޑެއް ފަހުންނެވެ. ހިނިތުންވެލާފައި އައިސް މުޝްތާގު އިށީނީ ނަހީކްގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.

"ވަރަށް ލަސްވެއްޖެ ދޯ. ބައްދަލުވުން ނިންމާލާފައި ފަހާނާއަކަށް ވަނީމަ ލަސްވީ" ފެންފޮދެއް ބޯލަމުން މުޝްތާގު ބުންޏެވެ.

"ކޮންކަމަކުއޭ. ވަރަށް މުހިންމު ނޫންވިއްޔާ އެހާ އާޖަންޓްކޮށް ބައްދަލުކޮށްލާކަށް ނުބުނާނެ" މުޝްތާގު ބުންޏެވެ.

"އާނ. މުވައްޒަފުންގެ ކަންތައްތަކުގަ މަޝްވަރާ ނުކޮށްލެވޭތާ ދުވަސްތަކެއްވީމަ އެވާހަކަ ދައްކާލަން އުޅުނީ" ނަހީކް ބުންޏެވެ.

"ވަރަށް ގިނަ ދުވަހު މިކަމާ ގިނިކަންޏާ އިނދެގެން ވިސްނައިފިން. އެބަޖެހޭ ވާހަކަދައްކާލަން މަޝްވަރާކޮށްލަން" ނަހީކް ބުންޏެވެ.

"އަހަރެންވެސް ތިކަމާ އެބަ ވިސްނަން. ހިތަށް އެރީ ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް ބާއްވާ ބޮޑު ޖަލްސާގައޭ މަޝްވަރާކޮށްލާނީ" މުޝްތާގު ބުންޏެވެ.

"އެއީ މާލަހެއްނު. ކިހިނެއްވާނެ އޭގެކުރިން ހައްލުކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ ބަދަލުކުރަން ބޭނުންވާ ކަންކަން ބޮޑު ޖަލްސާގަ އިއްވައިދިނިއްޔާ" ނަހީކް ބުންޏެވެ.

"ތިއީ ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ" މުޝްތާގު ބުންޏެވެ.

"މިވާހަކަދައްކަން މިޖެހުނީ އޮފީހުގަ އުޅޭ ބައެއް މަސައްކަތު މީހުންގެ ފުށުން އަހަރެންނަށް ބަލައިގަންނަން އުނދަގުވާ ކަހަލަ މަންޒަރުތައް ފެންނާތީ. ރައްޔިތުންގެ އިތުބާރާއި ގަދަރު ހޯދުމަށް މިކުރެވޭ މަސައްކަތް ބޭކާރުވާން އަހަރެން ނޭދެން. ރަނީންގެ މަރުގެ މައްސަލައިގައި ކުންފުނި ވެއްޓިގެން ދިޔައީ ދުވަހަކުވެސް އަރައިނުގަނެވޭނެ ފަދަ އަނދަވަޅަކަށް. ނޫންތަ؟ އެހެންވީމަ މުޅި ކުންފުންޏަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނޫނީ ބޭނުންވާ ނަތީޖާ ނުނެރެވޭނެ. މަސައްކަތު މީހަކަށް ކަމަށް ގާބިލު ހަށިގަނޑުގައި ވަރުހުރި މީހުންނަށް އިހުތިރާމުކުރާ މީހުން ބޭނުންވަނީ" ނަހީކް ވަހަކަދެއްކިއެވެ.

**********

ނަމާދު ވަގުތަށް ލިބުނު ހުސް ވަގުތުކޮޅުގައި ވިލިނީ އާއި ރޫބިޔާ އައީ ގެއަށެވެ. ބޭރުން ކާއެއްޗެހި ގަނެގެންނެވެ. ވިލިނީއަށް ތައްޓެއް ކައިރިކޮށްދީފައި ކާއެއްޗެހި އަޅަން އުޅުމުން އެކަން ވިލިނީ މަނާކުރިއެވެ.

"ހޮޓަލުގަ ހަދާ ކާއެއްޗެހި އަހަރެން ބޭނުމެއް ނޫން" ވިލިނީ ބުންޏެވެ. ރޫބިޔާ ވިލިނީއަށް ބަލައިލީ ފާޑަކަށެވެ. ވިލިނީ އިނީ ހިތްހަމަނުޖެހިފައޭ ރޫބިޔާއަށް ހީވިއެވެ. އެހެންކަމުން ތައްޓަށް ކާއެއްޗެހި އަޅައިގެން މޮޑެމުން އައިސް ވިލިނީގެ ކުރިމައްޗަށްވާހެން އިށީނެވެ.

"ކިހިނެއްވެފަ ތި އިންނަނީ؟" ރޫބިޔާ އެހިއެވެ.

"ބޮޑޫއަށް ހަމަ ނޭނގިގެންތަ ތިއަހަނީ" ވިލިނީ ބުންޏެވެ.

"ނުބުނަންޏާ އަހަރެންނަށް އިނގޭތަ؟" ރޫބިޔާ ބުންޏެވެ.

"ބޮޑޫ އާއި ނަހީކާ ދެމެދުގައި އޮތީ ހައްލުނުވާ ކޮން މައްސަލައެއްތަ؟ ކީއްވެތަ ތި ދެމީހުންގެ މެދުގައި ޖެހުނު މައްސަލައެއްގެ އަދަބު އަހަރެންނަށް ލިބެންވީ. އަހަރެން ކުށްވެރި ކުރާނީ ބޮޑޫ. ރަށުގައި ހަމަ އެންމެ ރަނގަޅަށް އަހަރެން އުޅެނިކޮށް ގެނެސް ކޮންކަހަލަ ހަދިޔާއެއް ތިދިނީ؟ އަހަރެން ބޭނުމީ ވަރިވާން" ވިލިނީގެ ޖުމްލަތަކާއެކު ރޫބިޔާއަށް ހީވީ ކަރުގައި ކާއެއްޗެހި ތާށިވި ހެންނެވެ. ވިލިނީގެ ބޮލުން ވަރިވުމަށް ގެންގުޅޭ ހިޔާލު ނެރެލަން ބޭނުންވިއެވެ.

"ސީރިޔަސްކޮށް މިބުނީ. އަހަރެން ބޭނުންވަނީ ރަށަށް ދާން. މި ދިރިއުޅުން ފެށުނީތީ މިހާރު އަހަރެން ހުރިހާ ފިރިހެނުން މަތިން ފޫހިވެއްޖެ. ކައިވެނިކުރި ފަހުން އަހަރެންގެ ބޮލުން ރިހުން ނުފިލާ. ހަމަ ތެދެއް މިބުނީ. އަރަތެއް ކަހަލަ މީހެއް އެއީ. އަހަރެންނަކަށް ހިއެއްނުވޭ އޭނަ އަންހެނަކާ ގުޅުން ބާއްވަން ބޭނުންވާހެނެއް" ހިތުގައި އުފެދިފައިވި ހުރިހާ ޝަކުވާތަކެއް ވިލިނީ ބޭރުކޮށްލިއެވެ. ދެރަވެ ހިތުގައިޖެހުނު ވަރުން ވިލިނީގެ ދެލޮލުން ކަރުނަވެސް ނީރާލައިފިއެވެ.

"އަހަރެން ހަމަ ހައިރާންވެއްޖެ. ވިލިނީ ހަމަ އެހާ މޮޔައީތަ؟ ބަލަ ތިއީ ނަހީކުގެ އަނބިމީހާއޭ. އަހަރެން ނުބުނަންތަ އެއީ ބޮޑާ ފިރިހެނެކޭ. އޭނަ ހަމަ ބިމަށް ތިރިކުރާނީ ކަލޭ. ފިރިހެނަކު ހަމަ ހަދާނެގޮތެއް ހަދަންދެން ކޮޓަރީގެ ކަނެއްގައި ރޯން ތިބޭނީ ފިނޑި އަންހެނުން. އޭނަ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ތިއީ އަނބިމީހާ ނޫންކަމަކަށް ނުހެދޭނެ. އެހާ ފަސޭހައިން ކަލޭ ވަރިކޮށް ގެއިން ނެރޭކަށްވެސް އޭނައަށް ނުކެރޭނެ. ނިކަން އެގެއަށް ބާރު ހިންގަބަލަ. އެތަނުގެ ވެރިޔަކީ ކަލޭ. ކިހާ ބޮޑު ޝަރަފެއް އަހަރެން ކަލެއަށް ހޯދައިމިދިނީ. ނިކަން ތިއީ އަންހެނެއްކަން އަންގާލަބަލަ. ތިއީ ޒުވާން ފުރައިގެ އަންހެންކުދިން. ކަލޭމެންގެ ފުށުން ފިރިހެނުން ބޭނުންވާނެ ކިތަންމެ ކަމެއް ހުންނާނެ. ނިކަން އެ ނުލަފާ މީހާ ތިމާގެ މުށުތެރެއް ލާބަލަ" ރޫބިޔާ ދެއްކި ވާހަކަތައް އަހާފައި ވިލިނީގެ ވިސްނުން މަޑުމަޑުން ބަދަލުވިއެވެ. ރޫބިޔާ ބުނި ގޮތަށް ކަންތައްކޮށްގެން ވިޔަސް ދިރިއުޅުން ކުރިއަށް ގެންދަން ވިލިނީ ނިންމިއެވެ.

ވިލިނީއަށް ނޭނގުނީ އެ ހުރިހާ ކަމެއް ހާސިލުކުރަން އުޅުމުގެ ތެރޭގައި ވިލިނީ ކުރިމަތިލާން ޖެހޭނީ ކިހާ ބޮޑެތި ނުރައްކާތަކަކާ ކަމެވެ.

(ނުނިމޭ)