"މޯލްޑިވިއަން ފްލައިން އެކަޑަމީ" ހިންގުމުގެ ހުއްދަ ސިވިލް އެވިއޭޝަން އޮތޯރިޓީން ދީފިއެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ މޯލްޑިވިއަން ފްލައިން އެކަޑަމީ ގާއިމްކޮށް ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ސިވިލް އެވިއޭޝަން އޮތޯރިޓީން ހަދަންޖެހޭ އިންސްޕެކްޝަން ހަދައި ނިމި، ސްކޫލް ހިންގުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.
"10 ޖުލައި 2022 ގައި ދަރިވަރުންގެ ފްލައިން ފެށޭނެ. މިގޮތުން ޕައިލެޓް ޓްރެއިނިން ހަދަމުންދިޔަ ދަރިވަރުންގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ، ރިފްރެޝާ ޕްރޮގްރާމް ނިންމައިފައިވާ 35 ދަރިވަރުންގެ ފްލައިން ފަށާނެ،" އައިލެންޑް އެވިއޭޝަނުން ބުންޏެވެ.
ދެ ވަނަ ބެޗުގެ 39 ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް ފެށިގެން މިހާރު ކުރިއަށްދާ ކަމަށާއި ފުރަތަމަ ބެޗްގެ ދަރިވަރުން ފްލައިން ނިމެމުންދާ ވަރަކުން ދެވަނަ ބެޗްގެ ދަރިވަރުން ފްލައިން ފަށާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.
އައިލެންޑް އެވިއޭޝަނުން ބުނީ، މިއަހަރުގެ ނިމުމުގެ ކުރިން ފުރަތަމަ ބެޗާއި ދެ ވަނަ ބެޗުގެ ދަރިވަރުންގެ ފްލައިން ނިންމައިލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ތިން ވަނަ ބެޗްގެ ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށްވެސް ބުންޏެވެ.
މޯލްޑިވިއަން ފްލައިން އެކަޑަމީ ހިންގަމުންދާނީ ރާއްޖޭގެ ސިވިލް އެވިއޭޝަން އާއި ޔޫރަޕިއަން އެވިއޭޝަން ސޭފްޓީ އެޖެންސީ (އިއާސް)ގެ ސްޓޭންޑާޑުތަކާ އެއްގޮތަށް ކަމަށްވެސް ބުންޏެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ އައިލެންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިން އެކެޑަމީއާ ގުޅިގެން ހިންގާ ފްލައިން ސްކޫލެކެވެ.
މިއީ ރާއްޖޭގައި ދިވެހި ކުންފުނިތަކަކުން ގާއިމުކޮށްގެން ހިންގާ ފުރަތަމަ ފްލައިން ސުކޫލެވެ.