ޚަބަރު

ސްޓެލްކޯއަކީ ރައްޔިތުން ގަބޫލުކުރާ ހިދުމަތެއްދޭ ކުންފުންޏަކަށް ހަދާނަން: ޝަރީފް

ރިފާ ހަލީލު

ސްޓޭޓް އިލެކްޓްރީކް ކޮމްޕެނީ (ސްޓެލްކޯ)އިން ދޭ ހިދުމަތްތައް ރަނގަޅުކޮށް، ރައްޔިތުން ގަބޫލުކުރާ ހިދުމަތްތަކެއްދޭ ކުންފުންޏަކަށް ހަދައިދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސްޓެލްކޯ އާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުން އިތުބާރު ކުރާ ފަދަ ކުންފުންޏަކަށް ހެދުމަށްޓަކައި އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މިއަދު ފެށި "ކަސްޓަމާ ސާވިސް އެކްސެލެންސް ޓްރެއިނިން" ޕްރޮގްރާމު އިފުތިތާހުކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.

ޝަރީފް ވިދާޅުވީ އެ ކުންފުނީގެ އެންމެ ބޮޑު މަގުސަދަކަށް ވާންޖެހޭނީ ކަސްޓަމާ އޮރިއެންޓެޑް ހިދުމަތެއް ދިނުން ކަމަށާއި ނަމަވެސް އެކްސެލެންސް ހިދުމަތެއް ދެވޭކަން ނިންމާނީ ކަސްޓަމަރުން ކަމަށެވެ. އަދި އެ ކުންފުންޏަށް 25 އަހަރު ވެފައިވާއިރު، މިހާރު ދެމުންދާ ހިދުމަތުގެ ފެންވަރު މަތިކޮށް އަދި ހިދުމަތް ދިނުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

"ތިބޭފުޅުންނަށް އެނގޭނެ ކަރަންޓު އެންމެ މިނިޓަކަށް ކެނޑުނަސް ސްޓެލްކޯއަކީ ހިންގޭ ތަނެއް ނޫން. ކަރަންޓު ބިލް ކަސްޓަމަރު އަތަށް ލިބޭ ކޮންމެ ފަހަރަކު އެ ބިލް ބޮޑުވެފައިވާ ކަމުގައިވާނަމަ ސްޓެލްކޯ އަކީ ހިންގުންތެރި ތަނެއް ނޫން. އަދި އެތާ ތިބޭ މީހުންނަކީވެސް ތަންދޮރު ދަންނަ ބައެއް ނޫން. މިހެންގޮސް މި ހިދުމަތަށް ދިމާވާ ކޮންމެ ސުވާލަކީ އެ ސުވާލުގެ ޖަވާބަށް ސްޓެލްކޯއަށް ތަފާތު ނޭދެވޭ ވާހަކަތައް އަމާޒުވެގެންދާނެ ފަހަރު،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުންފުންޏަށް ކިޔާ ފާޑުކިޔުންތަކާ މެދު ވިސްނަންޖެހޭ ކަމަށާއި އެ ކުންފުނީގެ ހިންގުންތެރިންގެ ގޮތުގައި ތިބި ބޭފުޅުން މި ސަގާފަތް ބަދަލު ކުރާން ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގަ މިއީ އުދަނގޫ ކަމެއް ނޫން. އަދި ނުވާނޭވެސް ކަމެއް ނޫން. މި ސަގާފަތް އަދި މި ވިސްނުން ބަދަލުކޮށްލެވިދާނެ. ފުރަތަމަ ކަމަކީ މި ސަގާފަތް ބަދަލު ކުރާނެ ގޮތުގެ ހެޔޮ ނިޔަތެއް އޮތުން. އަޅުގަނޑު މިހުރީ މެނޭޖިން ޑިރެކްޓަރެއްގެ ހައިސިއްޔަތުން އެކަން ކުރަން ތައްޔާރަށް. އަޅުގަނޑަށް ދެއްވާ ތިޔަބޭފުޅުންގެ އެއްބާރުލުން. ހެޔޮ ނިޔަތާ އެކީގައި ހިނގާ މިކަން ކުރަމާ. އިރާދަ ކުރެއްވިއްޔާ މި ކުންފުންޏަކީ ރައްޔިތުންގެ ކުރިމަތީގައި މަގުބޫލު އަދި ރައްޔިތުން ގަބޫލުކުރާ ހިދުމަތެއް ދޭ ކުންފުންޏަކަށް ހަދައިދޭނަން،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޭނާ އެކުންފުންޏާ ހަވާލުވިއިރު، އެންމެ ފުރަތަމަ އަމާޒަކަށްވީ ކުރީގެ ސަގާފަތް ދޫކޮށްލައި ހިދުމަތް ލިބިގަންނަ ބަޔަކު ބޭނުންވާނެ ގޮތަކަށް ބަދަލުވާން ޖެހޭނެ އެއްޗަކަށް ހެދުން ކަމަށެވެ. އަދި ޒަމާނާ އެއްގޮތަށް ބަދަލުވާންޖެހޭނަމަ، ހިދުމަތް ހޯދާ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް އެއް ލެވެލް އަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.