ދ. ހުޅުދެލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެއެވެ.
ހުޅުދެލީ ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ މުޅި މަޝްރޫއުގެ 87 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
ހުޅުދެލި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން 337 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1،645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީން ހުޅުދެލި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 10 ޑިސެމްބަރު 2019 ގައެވެ. މިއީ 45.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.